އަންދަލުސްގެ ބާޒު - 2

(19 ޖުލައި 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަންދަލުސްގެ ތުރުކަހުގެ އެންމެ ފަހުގެ ދުންޏޭ ތިޔަ ވިދާޅުވާ ބަސްފުޅުގެ މުރާދަކީ އަބޫ ޢަބްދުﷲ އައްޒަޣަލް ކަމުގައި ވަނީނަމަ އެމަނިކުފާނުގެ ފައިންޕުޅު ފެނުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް ކަމުގައި ދެކޭނަމެވެ. ގްރަނާދާއިން އައިސް އަޅުގަނޑާ ގުޅުނު މުޖާހިދުން އަޅުގަނޑުގެ ކުރިމަތީގައި ތައުރީފު ކޮށްފައި ވަނީ ދެތިންހަތަރު ބޭފުޅަކަށެވެ. އެބޭފުޅުންގެ ތެރެއިންވެސް އަޅުގަނޑު ފައިންޕުޅު ދެކޭން ބޭނުންވާ ކޮމާންޑަރުންނަކީ މޫސާއާއި އައްޒައިޣްރީއެވެ. ޝާހީ ޚާންދާނުން އެންމެ ބޭފުޅެކެވެ. އެއީ އައްޒަޣަލެވެ."

މޫސާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އައްޒައިޣްރީ ގެނެވޭ ވަރެއް ނުވިއެވެ. އެކަމަކު ހުދު ފޮށައެއްގެ ތެރެއިން މޫނެއް ފާހަގަ ކުރައްވާން އެނގިވަޑައިގަންނަވާނަމަ މަނިކުފާނުގެ ކުރިފުޅުމަތީގައި މިހިރީ އައްޒަޣަލެވެ."

މޫސާގެ އަރިހުގައި އިންނެވި އަސްވާރަށް ބަދްރު ބިން މުޣީރާ ފުން ނަޒަރުފުޅަކުން ބައްލަވައިލެއްވިއެވެ. އަދި ސަލާން ކުރެއްވުމަށްޓަކައި ކަނާތްޕުޅު ދިއްކުރައްވަމުން ވައަތްޕުޅުން މޫނުފުޅުގެ ނިގާބު ނަންގަވައިފިއެވެ.

އައްޒަޣަލަކީ އުމުރުފުޅުން ފަންސާހަކަށް އަހަރު ވެފައިވާ ބޭފުޅެއް ކަމުގައި ފެނެއެވެ. އޭނާވެސް ވަރަށް ޝައުގުވެރިކަމާއެކު ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. "އަންދަލުސްގެ ތުރުކަހުގެ އެންމެ ފަހުގެ ތީރެއް ކަމުގައި ބެލެވޭނީ މަނިކުފާނު ފަދަ ޒުވާން ބޭފުޅެކެވެ."

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. "މަނިކުފާނު ތިޔަ ދެއްވި ހިތްވަރުފުޅަށްޓަކައި ޝުކުރު ދަންނަވަމެވެ. އެކަމަކު ނަސީބު ދެރަކަމުން އަންދަލުސްގެ އަތްތަކުން ތީރު އުކުމުގެ ބަދަލުގައި މިހާރު ކުޅެމުން ގެންދަނީ ވެރިންގެ ރުބާބުގެ ނަރުތަކާއެވެ."

(ރުބާބަކީ ގިޓައެއްހެން ނަރުފުރާފައި ހުންނަ މިއުޒިކު ކުޅޭ އާލަތެކެވެ.)

އައްޒަޣަލް ވިދާޅުވިއެވެ. "އަޅުގަނޑު އެމީހުންގެ އަތުން ރުބާބުތައް ޖަހައިގަންނާނަމެވެ. ޖަހައިނުގަނެވިއްޖެ ނަމަ އެ އަތްތައް ބުރިކޮށްލާނަމެވެ. އެ ބޭކާރު އަތްތަކުން ރުބާބު ކުޅެނީ އެމީހުންގެ އަތުގައި ދުނި ނެތީމައެވެ. އަޅުގަނޑުމެން މި ގެންދަނީ އެމީހުންނާ ހަވާލު ކުރާނޭ ދުނި އެއްކުރަމުންނެވެ. މިތަނަށް އައުމުގެ ބޭނުމަކީ ގްރަނާދާގެ ލަޝްކަރާ ގުޅިވަޑައިގަތުމުގެ ދައުވަތު މަނިކުފާނަށް އެރުވުމެވެ."

ބަދްރު ބިން މުޣީރާ ޖަވާބު ދެއްވިއެވެ. "ތިޔަ ދައުވަތު އަޅުގަނޑަށް މީގެ ކުރީންވެސް ލިބިއްޖެއެވެ. އެކަމަކު އަޅުގަނޑާއި އަޅުގަނޑުގެ ބައިވެރިން ބޭނުން ވަނީ ގްރްނާދާގެ ޝާހީ ދަރުބާރުގެ ޒީނަތަކަށް ވުމުގެ ބަދަލުގައި މި ޖަންގަލީގައި ދިރިއުޅޭށެވެ. މިތާނގައި އަޅުގަނޑުމެންނަށް ސަންގުމަރުމަރު ހިލައިގެ ގަނޑުވަރުތަކާއި ފަށުއި ފޭރާން ލިބިފައި ނެތް ކަމުގައި ވިޔަސް ގްރަނާދާގެ ރައްޔިތުން ފަދައިން ކްރިސްޓިއަން ރަސްކަލެއްގެ ބާރުގެ ދަށުގައި ތިބޭން ނުޖެހޭ ކަމުގެ ހިތްހަމަޖެހުން އެބައޮތެވެ. މި މުޖާހިދުންނަކީ ދިރިއުޅުމުގެ ހުރިހައި އުފަލެއް ދޫކޮށްލާފައި އައިސް ޖަންގަލީގައި ދިރިއުޅެފައި އަނެއްކާވެސް އެހެން މީހެއްގެ އަޅުވެތިކަމުގެ ދަށަށް ދާން ބޭނުންވާނޭ ބައެއް ނޫނެވެ. ކްރިސްޓިއަނުންގެ ފޭރާދަތްތައް އެތައް ފަހަރަކު ބުރިކޮށްފައިވާ ތޫނު ކަނޑިތައް ގްރަނާދާގެ މާހައުލުގެ ވިހަ ވައިގައި ޖެހި ދަބަރަށް ވެދާނެތީ އަޅުގަނޑު ބިރުގަނެއެވެ. ގްރަނާދާގެ ގިރުނބާތަކުގެ ހޫނުން މި ކަނޑިތައް ވިރި ރުބާބުގެ ނަރަށް ބަދަލުވެދާނެތީވެސް ޖެހިލުންވެއެވެ. ބާޒު، ބާޒަކަށް ވާނީ ފަރުބަދަތަކުގެ ތެރޭގައި ދިރިއުޅެ، މިނިވަން ފަޒާގައި އުދުހި އުޅޭހައި ހިނދަކުއެވެ. މާފު ކުރައްވާށެވެ. ޝާހީ ދަރުބާރުގެ އަދަބުސަދަބަކީ އަޅުގަނޑުމެން ދަންނަ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެންނަކީ ހަމައެކަނި ސިފައިންނީމުއެވެ. އަޅުގަނޑުމެންގެ ޖިހާދުގައި އޮތީ އެންމެ މަގުސަދެކެވެ. ކޯރްދޮބާ އާއި ސެބިއްޔާ ގައި އިސްލާމީ ދިދަ އަނެއްކާވެސް ވިހުރުވައިލައްވާނޭ ކަމުގައި ގްރަނާދާގެ ރަސްގެފާނު އިއުލާނު ކުރެއްވީމާ އަޅުގަނޑުމެންނަށް ދައުވަތު ދެއްވާން ތިޔަ ބޭފުޅުންނަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަމެވެ. ދައުވަތު ނުދެއްވިޔަސް އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަރިހަށް އަންނާނަމެވެ. އަދި ގްރަނާދާގެ އަހުލުވެރިން އެމީހުންގެ ދައު އޮހޮރައިގެން ތެންމައިލާން ތައްޔާރަށް ތިބޭ ފަސްގަނޑު، އަޅުގަނޑުމެންގެ ލެއިން ކަޅިކޮށްލާކަށް ފަހެއް ނުޖެހޭނަމެވެ. ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑުގެ ބޭނުމަކީ އިންސާނުންގެ ޖަމާއަތެއްގެ ވެރިއަކަށްވުން ކަމުގައި ދެކޭ ކޮންމެ މީހަކު އެ ހުންނަނީ ކުށް ހިއެއްގެ މަތީގައެވެ. އަޅުގަނޑު މި ހުންނަނީ ގްރަނާދާއިން ނުކުމެވަޑައިގަންނަވާނޭ ވަރުގަދަ ކޮމާންޑަރެއްގެ އިންތިޒާރުގައެވެ. އެ ކޮމާންޑަރަކީ ޠާރިޤްގެ ދުރުވިސްނުންފުޅާއި ޢަބްދުއްރަޙްމާނުގެ ހިތްޕުޅު ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާން ޖެހޭނެއެވެ. މި ވާދީއަކީ އެފަދަ ބޭފުޅަކަށްޓަކައި ތައްޔާރުކޮށްފައިވާ ޖަގަހައެކެވެ. އެ ބޭފުޅަކު ވަޑައިގަންނަވާންދެން އަޅުގަނޑު މި ވާދީ ރައްކައުތެރިކޮށް ބަލަހައްޓާނަމެވެ. ތިޔައިގެތެރޭގައި އެ ބޭފުޅަކު ހުންނެވި ނަމަ މި ޖަގަހަ އެ ބޭފުޅަކަށް މަރުހަބާ ދަންނަވާނެއެވެ. އެ ބޭފުޅަކު ނެތްނަމަ އެނބުރި ވަޑައިގަންނަވާށެވެ. އަޅުގަނޑު އިންތިޒާރުގައި ހުންނާނަމެވެ. މި ދެންނެވިފަދަ ކޮމާންޑަރަކު ވަޑައިގަނޭތޯ އަޅުގަނޑުގެ ކުރިން އިންތިޒާރު ކުރެއްވީ އަޅުގަނޑުގެ ބައްޕައެވެ. އޭގެ ކުރިން އިންތިޒާރު ކުރެއްވީ އަޅުގަނޑުގެ ކާފައެވެ. އެހެންވީމާ އަޅުގަނޑުވެސް އެ ވާޖިބު އަދާކުރުންމަތީ ދެމިހުންނާނަމެވެ."

މިހެން ވިދާޅުވެފައި ބަދްރު ބިން މުޣީރާ ހިމޭންވެވަޑައިގެންފިއެވެ. އައްޒަޣަލް ލޯތްބާއި ކުލުނާއި އަގީދަތުގެ ޖަޒުބާތުން ފުރިފައިވާ ނަޒަރަކުން ބަދްރާ ދިމާއަށް ބައްލަވައިލެއްވިއެވެ. "މުޣީރާގެ ދަރިކަލުންގެ ފަރާތްޕުޅުން އަޅުގަނޑު އުއްމީދުކުޅަ ވާހަކަފުޅަކީ ތިޔައީއެވެ. އޭ ޒުވާނާއެވެ. މަނިކުފާނުގެ އަސް ވިނަކައިއުޅޭ ދަނޑަކީ ބަރަކާތްތެރި ދަނޑެއް ކަމުގައި ލައްވާށިއެވެ. މަނިކުފާނު އެ ގަހެއްގެ ހިޔަލުގައި އަވަހާރަފުޅުލައްޕަވާ ގަހަކީ ބަރަކާތްތެރި ގަހެއް ކަމުގައި ލައްވާށިއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ގްރަނާދާގެ ގަނޑުވަރަކީ ބާޒެއްގެ ހިޔާވައްސަކަށް ވުމުގެ ލާއިގުކަން ލިބިފައިވާ ތަނެއް ނޫނެވެ. އަޅުގަނޑު މި އައީ ގަނޑުވަރަށް ވަޑައިގަތުމުގެ ދައުވަތު އަރުވާކަށް ނޫނެވެ. މި އައީ އުފައުވެރި ޚަބަރަކާއިގެންނެވެ. ކަސްތިއްޔާގެ މުޖާހިދުންނާއެކު އެންމެ ފަހުގެ ނޭވަޔަށް ދާންދެން ހަނގުރާމަ ކުރާން އަޅުގަނޑުމެން ނިންމައިފީމެވެ. އަބުލްޙަސަން ހުންނެވީ މިއަދުވެސް ޖިހާދު އިއުލާނު ކުރައްވާން ތައްޔާރަށެވެ. އެކަމަކު އަޅުގަނޑުމެން ވަނީ އޭނާގެ ފަރާތްޕުޅުން ހަތަރު މަސްދުވަހުގެ މުހުލަތެއް ހޯދައިފައެވެ. މި މުހުލަތުގެ ތެރޭގައި އަޅުގަނޑުމެން ކުރާން ޖެހޭ ލައްކަ ގިނަ ކަންތައް އެބަހުއްޓެވެ. މަނިކުފާނު ކުރައްވާން ޖެހިވަޑައިގަންނަވާ ކަމެއްގެ ވާހަކަ އަޅުގަނޑު ދެންނެވުމުގެ ބޭނުމެއްް އޮންނާނޭ ކަމަކަށް ނުދެކެމެވެ."

ބަދްރުގެ ރީތި ލޯފުޅުން އުފާވެރިކަމުގެ ވިދުވަރެއް ފައުޅުވިއެވެ. އައްޒަޣަލްގެ އަތްތިލަފުޅުގައި ހިއްޕެވުމަށްފަހު އެ އަތްތިލަފުޅުގައި ބޮސްދެއްވައިފައި ވިދާޅުވިއެވެ. "ކްރިސްޓިއަނުންނާ ދެކޮޅަށް ކުރާ ބަޣާވާތުގެ ދިދަ އުފުއްލަވާން ގުދުރަތުން އިޚްތިޔާރު ކުރައްވައިފައި ވަނީ މަނިކުފާނުގެ އަތްޕުޅު ކަމުގައި ވަނީނަމަ އަޅުގަނޑު މި އަތްޕުޅުގައި ބޮސްދެމެވެ."

އައްޒަޣަލް ބަދްރުގެ ގައިކޮޅުގައި ބައްދަވައިލެއްވިއެވެ. ބަދްރު ދެން ބައްލަވައިލެއްވީ މޫސާއާ ދިމާއަށެވެ. "މަނިކުފާނާއި މަނިކުފާނުގެ ބައިވެރިންނަށް އަޅުގަނޑު މަރުހަބާ ދަންނަވަމެވެ."

މޫސާވެސް ކުރިއަށް ޖެހިވަޑައިގެން ބަދްރުގެ ގައިކޮޅުގައި ބައްދަވައިލެއްވިއެވެ. އައްޒަޣަލް ހިނިތުންވެވަޑައިގެންފައި ވިދާޅުވިއެވެ. "މޫސާއެވެ. މޫސާގެ މުށްޕުޅުގެ ތެރެއަށް މި ބާޒު ގެންނެވިފައި މިވަނީ ވަރަށް ބޮޑު ބުރައެއް އުފުއްލަވައިގެންނެވެ. އެހެންވީމާ އުދުހިގެން ދިޔަ ނުދެއްވައްޗެވެ."

ބަދްރުގެ ނިތްކުރިފުޅުގައި ބޮސް ދެއްވައިފައި މޫސާ ވިދާޅުވިއެވެ. "ކަންބޮޑުވެވަޑައިނުގަންނަވާށެވެ. މުށުތެރޭގައި ގެންގުޅުމުގެ ބަދަލުގައި އަޅުގަނޑު މަސައްކަތް ކުރާނީ މަނިކުފާނުގެ އަރިހުގައި އެއް ސަފެއްގައި އުދުހޭށެވެ."

"ތިޔައީ ކޮން ބޭފުޅެއްކަން އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަމެވެ." ބަދްރު ހިނިތުންވެވަޑައިގަތެވެ. "ގްރަނާދާގެ ލޮލުގެ ކޮއި ނުދަންނާނީ ކާކުތޯއެވެ؟"

މޫސާ ވިދާޅުވިއެވެ. "އަޅުގަނޑު ވާހަކައެއް ދަންނަވަންތޯއެވެ؟"

ބަދްރު ވިދާޅުވިއެވެ. "ވިދާޅުވާށެވެ."

"އަޅުގަނޑު ހީކޮށްގެން ހުރީ ހާލަތު އޮތް ގޮތުން މަނިކުފާނު އުޅުއްވާނީ ވަރަށް ބޮޑަށް ފަރުވާތެރިވެވަޑައިގެން ކަމުގައެވެ. އެކަމަކު މިއަދު ތިޔަ ކުރެއްވި ކަމަކީ މަނިކުފާނުގެ އާދަފުޅާ ގުޅޭ ކަހަލަ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ކުރިމައްޗަށް ތިޔަ ނުކުމެވަޑައިގަތީ ގިނިކަންޏާއެވެ. އަޅުގަނޑުމެންގެ ނިޔަތް ރަނގަޅު ނުވެދާނޭ ކަމުގައި ވިސްނިވަޑަައިނުގަތީ ކީއްވެގެންތޯއެވެ؟"

ބަދްރު ހިނިފުޅުވަޑުވައިލެއްވިއެވެ. "ފަންސާހަކަށް މީހުންގެ ނިޔަތް ނުބައި ކަމުގައި ވިޔަސް މިތާނގައި އަޅުގަނޑަކަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ."

"އަޅުގަނޑުމެންގެ ފަހަތުގައި ބޮޑު ލަޝްކަރެއް ނެތްކަން އެނގިވަޑައިގަތީ ކިހިނެއްތޯއެވެ؟"

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. "ތިޔަ ބޭފުޅުން މިތަނާ ވިއްސަކަށް ކޯހުގެ ދުރުމިނުގައި ތިއްބަވަނިކޮށް މިދިމާއަށް ވަޑައިގަންނަވާ ކަމުގެ ޚަބަރު އަޅުގަނޑަށް ލިބިއްޖެއެވެ. ފަހަތްޕުޅުގައި އިތުރު ލަޝްކަރެއް ނެތްކަންވެސް އެނގިއްޖެއެވެ. ފަރުބަދަތަކުގެ މަތީން މި ވާދީއަށް ފައިބައިވަޑައިގެންނެވި ވަގުތު ގަހެއްގައި އޮވެގެން އަޅުގަނޑު ތިޔަބޭފުޅުން ދެއްކެވި ވާހަކަ އަޑުއެހީމެވެ. އެކަމަކުވެސް އަޅުގަނޑު ވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފައެވެ. އަޅުގަނޑަށް އޮތް ނުރައްކާތެރިކަމަށްވުރެ ތިޔަ ބޭފުޅުންނަށް އޮތް ނުރައްކާތެރިކަން ބޮޑެވެ. ހަގީގަތުގައި ތިޔަ ބޭފުޅުން ތިޔަ ތިއްބެވީ އަޅުގަނޑުގެ ފަހުލަވާނުންގެ ހަމަލާތައް އަރާހައި ކައިރީގައެވެ."

މޫސާ ހައިރާންފުޅު ވެފައި ވަށައިގެން ހުރި ބޮޑެތި ގަސްތަކާ ދިމާއަށް ބައްލަވައިލެއްވިއެވެ. ބަދްރު ހިނިތުންވެވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. "އަމާޒު ކުރެވޭ މީހާއަށް ފެންނަ އެއްޗިއްސަކަށް އަޅުގަނޑުމެން ދުންޏެކޭ ނުކިޔަމެވެ. މަނިކުފާނުގެ ޝައްކުފުޅު ދުރުކޮށްދީފާނަމެވެ." މިހެން ވިދާޅުވެފައި ތުރުކަހުން ދުންޏެއް ނެންގެވުމަށް ފަހު ދުނިދަނޑީގައި ރުވައިލެއްވިއެވެ. އަދި އެލިފައި އޮތް ގޮފިގަނޑަށް އަމާޒު ކުރެއްވުމަށް ފަހު ބާރަށް ގޮވައިލެއްވިއެވެ. "މި ވަގުތު މިތާނގައި ކިތައް ބާޒު އުޅޭތޯ ބައްލަވައިލައްވާން އަހެރެމެންގެ އިއްޒަތްތެރި މެހުމާނުން ބޭނުންފުޅުވެއްޖެއެވެ. ތިޔަބައިމީހުންގެ އަމާޒަކީ މި ގޮފިގަނޑެވެ. ހުސިޔާރުވާށެވެ!"

ބަދުރު ޖެއްސެވި ދުނި ގޮސް ގޮފިގަނޑަށް ހެރުމާއެކު އެކި ދިމަދިމައިން އައިސް ދުނިތައް ހެރި މުޅި ގޮފިގަނޑު ފުރައިލައިފިއެވެ. ގޮފިގަނޑުން ވަކިވީ ފަތްތައް ވައިގެ ތެރޭގައި އުދުހޭން ފަށައިފިއެވެ.

މޫސާ ހައިރާންފުޅުވެފައި ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ފުރަގަހުގައި އެހެރަ ގަސްތަކުގައިވެސް މަނިކުފާނުގެ މީހުން އެބަތިބިތާއެވެ؟"

"އާދޭހެވެ. މަނިކުފާނުގެ ކުރިމަތިފުޅުން އެފެންނަ ގަސްތަކުގައިވެސް އަދި އެ ގޮފިގަނޑުގެ ފުރަގަހުގައިވެސް މީހުން އެބަތިއްބެވެ."

އައްޒަޣަލް ވިދާޅުވިއެވެ. "މޫސާއެވެ. މި ޒުވާނާގެ ކިބައިން އަޅުގަނޑުމެން ދަސްކުރާން ޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އަޅުގަނޑުމެންގެ ހައެއްކަ ޖެނެރަލުން އަޅުގަނޑު ފޮނުވާނަމެވެ. ވަރަށް ގިނަ މަޝްވަރާ ބަދްރަށް އަރުވާންވެސް ބޭނުމެވެ. ގަސްތު މި ކުރަނީ ހަމަ މިއަދު އެނބުރި ދާށެވެ."

"މިހައި ގިނައިރު މިތާނގައި ތިއްބަވާން ޖެއްސުނީތީ މާފު ކުރައްވާށެވެ. އަޅުގަނޑާ އެކީގައި ހިންގަވާށެވެ. ރަނގަޅަށް ހަމަޖެހިލައިގެން އިށީނދެގެން ތިބެ ވާހަކަ ދައްކައިލާނީއެވެ."

އައްޒަޣަލް ވިދާޅުވިއެވެ. "މަނިކުފާނު ދިރިއުޅުއްވާ ތަން ހުންނަނީ މިތަނާ ވަރަށް ދުރުގައި ނޫންތޯއެވެ؟ އެ ހިސާބަށް ހިނގައްޖެނަމަ މިއަދު އެނބުރި ދިއުމަކީ ކުރެވޭނޭ ކަމެއް ހެންނެއް ހިޔެއް ނުވެއެވެ."

"އަޅުގަނޑު ތިޔަ ބޭފުޅުން މާ ދުރަކަށް ނުގެންދާނަމެވެ. ހިންގަވާށެވެ. މި ޖަންގަލީގެ މޭވާއާއި ޝިކާރަ ކުރެވޭ ޖަނަވާރު ހުރީ ތިޔަބޭފުޅުންނަށްޓަކައެވެ. ދަނޑުތަކުގެ ވިނަ އެހެރީ ތިޔަބޭފުޅުންގެ އަސްތަކަށްޓަކައެވެ."

"އަޅުގަނޑުމެން މަނިކުފާނުގެ ދައުވަތު ގަބޫލު ކުރަމެވެ." މިހެން ވިދާޅުވެފައި އައްޒަޣަލް އަހަށް ސަވާރުވެވަޑައިގެންފިއެވެ. އެޔަށް ފަހު ބަދްރުގެ އާރުކާޓީކަމުގެ ދަށުގައި ސަވާރީން ކޯރު ހުރަސްކޮށްފިއެވެ. ހުރަސް ކުރައްވަމުން، ބައިވެރިން ހާޒިރުވުމަށް ބަދްރު ގޮވައިލެއްވުމާއެކު  ވަށައިގެން ހުރި ގަސްތަކުން އެމަނިކުފާނުގެ ދުނިވެރީން ފައިބާން ފަށައިފިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދުއިސައްތައެއްހައި މީހުން ޖަމާވެއްޖެއެވެ.

ކުއްލިއަކަށް ފެނުނީ ޖަންގަލީގެ ތެރެއިން ނުކުމެވޭ ގޮތަށް، އެހެންނަމަވެސް ލޯތަކަށް ފޮރުވިފައިވާ މަގަކުން އަސްވާރަކު ނުކުތް ތަނެވެ. އޭނާ ބަދްރުގެ ދުނިވެރީންނާއި އައްޒަޣަލްގެ ސިފައިންގެ ކައިރިއަށް އައިސް މަޑުކޮށްފިއެވެ. އަދި މި ވެގެން އުޅޭ ގޮތެއް ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށް އެމީހުންނާ ދިމާއަށް ބަލާން ފަށައިފިއެވެ. އެ އަސްވާރުގެ އުމުރުން ވާނީ ގާތްގަނޑަކަށް ބާވީހަކަށް އަހަރެވެ. ބުރުސޫރައަށް ބަލާއިރު ޚާލިސް އަރަތްބަކާ ނުވަތަ ބަރުބަރީ މުސްލިމަކާ ވައްތަރެއް ނޫނެވެ. ފެންނަނީ ސްޕެއިންގެ މަސްހުނި ނަސްލެއްގެ މީހެއްގެ ގޮތުގައެވެ. މޫނުމަތީން ފައުޅުވަނީ ސިފައިންގެ ހައިބަތަށްވުރެ އިލްމީ ވިސްނުންތެރިއެއްގެ އަސަރެވެ. ބަދްރެކޭ އެއްފަދައިން އޭނާވެސް އިނީ ހުދުކުލައިގެ ފޮށައެއް އަޅައިގެންނެވެ. އެކަމަކު ހެދުމުގެ މަތީން ލައިގެން އިނީ ރަތް ކުލައިގެ އަބާއެކެވެ. އަސްދާނުގެމަތީން ދެފަރާތަށް ވާގޮތަށް ހަމުގެ ދެ ކޮތަޅު (ފެން ހަން) އެލުވައިފައި އޮތެވެ.

ބަދްރު އޭނާއާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ބަޝީރެވެ. މި ވަގުތު ވަޑައިގަތްކަން ވަރަށް ރަނގަޅެވެ. މި ހުންނެވީ އަންދަލުސްގެ ރަސްގެފާނުގެ ދަރިކަލުން އައްޒަޣަލެވެ. ދެން މި ހުންނެވީ މޫސާއެވެ. މި ބޭފުޅުން މި ވަޑައިގަތީ އުފާވެރި ޚަބަރަކާއިގެންނެވެ. ކަސްތިއްޔާއާ ދެކޮޅަށް ވަރަށް އަވަހަށް ހަނގުރާމަ އިއުލާނު ކުރެވޭނެއެވެ."

ބަޝީރު އަހުން ފައިބައިވަޑައިގެން އެ ދެ ބޭފުޅުންނާ ސަލާން ކޮށްލެއްވީބާ އަނެއްކާވެސް ބަދްރު ވިދާޅުވިއެވެ. "މިއީ ބަޝީރު ބިން ޙަސަނެވެ. އޭނާގެ ނަންފުޅު ތިޔަ ބޭފުޅުން ވާނީ އައްސަވައިފައެވެ. އޭނާއަށްވުރެ ވަކީން މޮޅުފުޅު ސަރުޖަނަކު އަންދަލުސްގައި ހުންނާނޭ ކަމަކަށް ނުފެނެއެވެ. އޭނާ ވަނީ ކޯރްދުބާގެ އާލީޝާން ގަނޑުވަރު ދޫކުރައްވައި އަޅުގަނޑުމެންނާ ގުޅިވަޑައިގެންފައެވެ."

ބަދްރުގެ ގޮވައިލެއްވުމަށް ޖަންގަލި ތެރެއިން ނުކުން ދުނިވެރީންނަށް އަތްޕުޅުން އިޝާރާތް ކޮށްލެއްވީމާ ފަހަރަކު މީހަކު ޖަންގަލި ތެރެއަށް ވަދެގެން ގޮސް ހުސްވެއްޖެއެވެ.

(3)

ބަދްރާއި ބަޝީރުގެ އާރުކާޓީކަމުގައި މެހުމާނުން ޖަންގަލި ތެރެއިން ދަތުރު ކުރައްވައި ފެންވާރެއްގެ ބުޑަށް ވަޑައިގެންފިއެވެ. އެތާނގެ ފެހި ކުލަ ގަދަ ވިނަގަނޑުމަތީގައި ބޮޑު ފޮތިގަނޑެއް ފަތުރައި ސުފުރާ ތައްޔާރުކޮށްފައި ހުއްޓެވެ. ބަދްރުގެ ލަޝްކަރުގެ ފަންސާހަކަށް ފަސްދޮޅަހަކަށް މީހުން އެތާނގައިވެސް ތިއްބެވެ. އޭގެ ތެރެއިން ބަޔަކު މެހުމާނުންގެ އަސްތަކާ ހަވާލު ވުމަށް ފަހު އެ ސޮރުމެން ހުއިހައްޕާން ފަށައިފިއެވެ.

އައްޒަޣަލްގެ ފަހުލަވާނުން ސުފުރާ ދޮށުގައި އިށީނދެއްޖެއެވެ. އެމީހުން ވިސްނަމުން ދިޔައީ އެންމެ ކަމަކާއެވެ. މި ޖަންގަލީގެ މޭޒުބާން އެމީހުންނަށްޓަކައި ސުފުރާ ތައްޔާރު ކުރައްވައިފައި ވަނީ ކޮން އެއްޗަކުން ބާވައެވެ؟ ބަދްރު އަތްތިލަބަޑިފުޅެއް ޖައްސަވައިލެއްވުމާއެކު ގަސްތަކުގެ ތެރެއިން ހައެއްކަ މީހުން ނުކުމެއްޖެއެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ދޮލަނގެއް ހުއްޓެވެ. ދޮލަނގުތަކުގައި ވަނީ ރޯސްކުރި އެއްގަމު މަހާއި އެކި ބާވަތުގެ މޭވާއެވެ. އެ ދޮލަނގުތައް މެހުމާނުންގެ ކުރިމަތީގައި ބަހައްޓައިފިއެވެ.

މެހުމާނުން ހައިރާންވެފައި އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. އެންމެ ފަހުން އައްޒަޣަލް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށްޓަކައި ވަރަށް ބުރަ އުފުއްލަވައިފީމުއެވެ. މިހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިފަދަ ރަނގަޅު އިންތިޒާމެއް ކުރެއްވީތީ އަޅުގަނޑު މި އިންނަނީ ހައިރާންވެފައެވެ."

ބަދްރު ވިދާޅުވިއެވެ. "ތިޔަ ބޭފުޅުން މިތަނާ ވިއްސަކަށް ކޯހުގެ ދުރުމިނަށް ވަޑައިގެންވުމާއެކު އަޅުގަނޑަށް އެކަން އެނގުނު ވާހަކަ ދެންނެވީމެއް ނޫންތޯއެވެ؟ ދަތުރުފުޅުމަތީގައި ނާސްތާ ކުރައްވާން މަޑު ނުކުރައްވާކަންވެސް އަޅުގަނޑަށް އޮތީ އެނގިފައެވެ. އަދި ނާސްތާގެ އެއްވެސް ބާވަތެއް ނުގެންނަވާކަމަށްވެސް އަޅުގަނޑުގެ ޖާސޫސުން މައުލޫމާތު ދިނެވެ. އެހެންވީމާ މިފަދަ ކެއުމެއް ތައްޔާރު ކުރުން ނޫން ގޮތެއް އަޅުގަނޑަކަށް ނޯންނާނެއެއް ނޫންތޯއެވެ؟

ނާސްތާއިން އަވަދިވެގެން އެންމެން މެންދުރު ނަމާދު ކުރީ އައްޒަޣަލްގެ އިމާމުކަމުގައެވެ. އެޔަށް ފަހު ބަދްރާއި، އައްޒަޣަލާއި، މޫސާއާއި ބަޝީރާ ހަތަރު ބޭފުޅުން އެހެން މީހުންނާ ދުރަށް ވަޑައިގެން ގަހެއްގެ ދޮށުގައި އިށީނދެވަޑައިގެންފިއެވެ.

މޫސާ އަންދަލުސްގެ ޗާޓެއް ނަންގަވައި ފަތުރުއްވައިލެއްވިއެވެ. އެޔަށް ފަހު ކުރައްވާން އޮތް ހަނގުރާމައާ ބެހޭ ގޮތުން ހަތަރު ބޭފުޅުން ވަރަށް ގިނައިރު ވާންދެން ވާހަކަފުޅު ދެއްކެވިއެވެ. ބަދްރުގެ ވާހަކަފުޅަށް ތާއީދު ކުރައްވަމުން އައްޒަޣަލް ވިދާޅުވިއެވެ. "ހަމަލާގެ ކުޑަދުވަސްކޮޅެއް ކުރީން ގްރަނާދާއަށް ވަޑައިގަންނަވާން ދަންނަވާނަމެވެ. ސަރަހައްދީ ރޮނގުގެ އިންމަތީގައި ހުރި ބައެއް އިލާކާތައް މި ވަގުތުން ފެށިގެން މަނިކުފާނުގެ ކޮމާންޑުގެ ދަށަށް ގެންނާން އަޅުގަނޑު ބޭނުންވެއެވެ. މި ޖަންގައްޔަކީ މަނިކުފާނުގެ މައި ޖަގަހަ ކަމަށް ވުމާއެކު އެ އިލާކާތައް ހިއްޕެވުން ބޮޑަށް ފަސޭހަފުޅު ވާނީ މަނިކުފާނަށެވެ. ސަރަހައްދީ ރޮނގުގެ މި ހިސާބުގަނޑު އަޅުގަނޑުމެންގެ ބާރުގެ ދަށަށް ގެނެވުނީމާ އަޅުގަނޑުމެންގެ ލަޝްކަރުގެ ބޮޑުބައެއް އެހެން ދިމާއަކަށް ގެންދިއުމުގެ ފުރުސަތު އޮންނާނެއެވެ. މި ސަހަރައްދުގެ ގަވަރުނަރުކަން މަނިކުފާނާ ހަވާލުކުރުމުގެ ހުއްދަ އަޅުގަނޑު އަބުލްޙަސަން އަރިހުން ހޯދައިފީމެވެ. އެކަމަކު އެފަދަ ކަމެއް މިހާރު ކޮށްފިއްޔާ ފެރްނާންދޯ ކުއްލިއަކަށް ސަމާލުވެ، އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރު ނުވެވެނީސް ހަމަލާ ދީފާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ. އެހެންވީމާ މި ވަގުތަށް އެންމެ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑަށް ފެންނަނީ ނަމުގައި ކޮންމެވެސް އެހެން ބޭފުޅަކު ގަވަރުނަރުކަމުގައި ބެހެއްޓެވުމަށް ފަހު ގަވަރުނަރުކަން މަނިކުފާނު ކުރައްވަމުން ގެންދެވުމެވެ. ކުރިއަށް އޮތް ހަތަރު މަސްދުވަހު ކްރިސްޓިއަނުންނާ ތޮޅުމަކީ އަޅުގަނޑުމެންނަށް ފައިދާއެއް ވާނޭ ކަމެއް ނޫނެވެ. އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހާލަތުގެ ޚަބަރު ބަލަބަލައި ތިބުމަކީ މުހިއްމު ކަމެކެވެ. ކޯރްދޮބާއާއި ކަސްތިއްޔާއާއި އެހެން ސަރަހައްދުތަކުގައި ތިބި މުޖާހިދުން މިތަނަށް ގެންނަވައި ލަޝްކަރުގައި ބައިވެރި ކުރައްވާށެވެ. ގްރަނާދާގެ މިނިވަން މުސްލިމުންނާއި އަންދަލުސްގެ އަޅު މުސްލިމުން އެއްބައިވަންތަ ކުރެއްވިއްޖެނަމަ މި ގައުމު ކްރިސްޓިއަނުންގެ އަޅުވެތިކަމުން އަބަދަށްޓަކައި ސަލާމަތް ކުރެވިދާނެއެވެ."

ބަދްރު ވަރަށް ދެރަފުޅުވެފައި ވިދާޅުވިއެވެ. "މީގެ ފަންސާސް އަހަރު ކުރީން ނުވަތަ ސަތޭކަ އަހަރު ކުރީން އުޅުނު ބަޔަކު ތިޔަފަދަ ގޮތަކަށް ވިސްނިނަމަ ހާދަހާ ރަނގަޅުވީހެވެ. ދުއިސައްތަ އަހަރު ކުރީން ތޮލޭދޯއާއި ކޯރްދޮބާއާއި ސެބިއްޔާއިން ޖިހާދުގައި ބައިވެރިވާން ގްރަނާދާއަށް އައީ ތިން ލައްކައެއްހައި މުހާޖިރުންނެވެ. އެކަމަކު ހަސަދައާއި ފިތުނައިގެ އަލިފާނުގައި އެމީހުންގެ ކަނޑިތައް ވިރިގެން ހިނގައްޖެއެވެ. މީގެ ފަންސާސް އަހަރު ކުރިން މި ވާދީގައި އެކަނިވެސް ފަސްދޮޅަސް ހާސް މުޖާހިދުން އުޅުނެވެ. މިހާރު އަޅުގަނޑާއެކު މި އުޅެނީ އެންމެ ފަސް ހާސް މުޖާހިދުންނެވެ. އެކަމަކު ގްރަނާދާ ބޭނުން ވަނީ ހަނގުރާމަ ކަމުގައި ވަނީނަމަ މި އަދަދު ތިން ގުނަ ކުރެވިދާނެއެވެ. މި ޖަންގަލީގެ ތެރޭގައި މިހާރުވެސް ވާވަރަށް އަސް އެބަހުއްޓެވެ. އިތުރު ހަތިޔާރުގެ ބޭނުން ޖެހިއްޖެނަމަ އަޅުގަނޑު ޚަބަރުކޮށްލާނަމެވެ."

ސަރަހައްދީ ރޮނގުގެ އިންމަތީގައި އޮތް ސަރަހައްދު ބަދްރު ބިން މުޣީރާއާ ހަވާލު ކުރެވުމާ ބެހޭ ގޮތުން އަދިވެސް އެތައް ވާހަކައެއް ދެއްކެވުމަށް ފަހު އެނބުރި ދިއުމުގެ ތައްޔާރީތައް ކުރާން އައްޒަޣަލް ބައިވެރިންނަށް އަމުރު ކުރައްވައިފިއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.