އަންދަލުސްގެ ބާޒު - 8

(30 އޯގަސްޓް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

(3)

ބޯކޮށް ވާރޭ ވެހެނީއެވެ. ހަތަރު އަހުގެ ބަގީ އަސްގާޑިޔަލެއް ކިސަޑުން ފުރިފައިވާ މަގުތަކުން ދުއްވައިފައި އައިސް ފެރްނާންޑޯގެ ރަސްކަމުގެ ސަރަޙައްދުގައި ހުރި ބުރުޒެއްގެ ދޮރުމައްޗަށް މަޑުކޮށްފިއެވެ. ބުރުޒުގެ ފާރަވެރިން ދުވެފައި އައިސް އަސްގާޑިޔާ ވަށައިލައިފިއެވެ.

ޒުވާން އޮފްސަރަކު ކުރިއަށް ޖެހިލައި ގާޑިޔަލުގެ ދޮރު ހުޅުވައިލައިފިއެވެ. އެއީ އެތާނގައި އެ ވަގުތު ތިބި ސިފައިންގެ އިސް ވެރިޔާއެވެ. އޭނާ ގާޑިޔަލުގެ އެތެރެއަށް ބޯދީ ބަލައިލުމަށް ފަހު ބުންޏެވެ. "މަނިކުފާނު ވަޑައިގަންނަވާ ވާހަކަ ގަވަރުނަރު އޮތީ އަޅުގަނޑަށް އަންގަވައިފައެވެ. އައު އަސް އެހެރީ ތައްޔާރަށެވެ. މިހައި ވިއްސާރަ ރެޔަކު އަސްގާޑިޔަލުގައި ދަތުރުފުޅު ކުރެއްވުމަކީ ފަސޭހަފުޅު ކަމެއް ނޫނެވެ. އެހެންވީމާ ވާރޭ ހުއްޓައިލައި ފަރުބަދަމަތީން ފައިބާ ފެންގަނޑު މަޑުޖެހިލާންދެން މިތާނގައި މަޑުކުރައްވާން ބޭނުންފުޅުވާނަމަ ހުރިހައި އިންތިޒާމެއް އޮތީ ހަމަޖެހިފައެވެ. ފަރީއްކޮޅުވެސް ހުރީ ތައްޔާރަށެވެ."

އަބޫ ދާވޫދު ބޭރަށް ބަލައިލުމަށް ފަހު ބުންޏެވެ. "މި މޫސުމަކީ އަހަރެން ދަތުރުކުރާން ވަރަށް އެކަށޭނަ، ފައްކާ މޫސުމެކެވެ. ކައި ނިމިގެން އަހަރެމެން ދަތުރު ކުރިއަށް ގެންދާނީއެވެ. އަދި ދަތުރާ ބެހޭ ބައެއް އިރުޝާދު ކަލޭމެންނަށް ދޭންވެސް އަހަރެން ބޭނުން ވެއެވެ."

"މަނިކުފާނުގެ ކޮންމެ އަމުރުފުޅަކަށް އަޅުގަނޑުމެން ހިތާއި ރޫޙުން ތަބާވާނަމެވެ. އަވަހަށް އެތެރެއަށް ވަޑައިގަންނަވާށެވެ."

އަބޫ ދާވޫދާއެކު އޭނާގެ އަނބިމީހާއާއި ޒުވާން ދެ އަންހެން ދަރިން ގާޑިޔަލުން ފައިބައިފިއެވެ. އެ ތަނުން އެއް ކުއްޖަކުގެ ނަމަކީ އެންޖެލާއެވެ. އެއީ ދެން އިން ކުއްޖާއަށްވުރެ ދެތިން އަހަރު ހަގު ކުއްޖެކެވެ. އޭނާގެ ނޫ ދެ ލޮލާއި ވަށް މޫނާއި މުށި ކުލައިގެ އިސްތަށިގަނޑު ވައްތަރީ މަންމަޔާއެވެ. މޫނުމަތީން ފެންނަނީވެސް މަންމަގެ ފާއިތުވެފައިވާ ޒުވާންކަމެވެ.

ދެވަނަ ކުއްޖާގެ ނަމަކީ ރާބިޢާއެވެ. މި ދެކުދީންނަކީ އެއްބަފާ ދެ ކުދީންނެވެ. އެންޖެލާގެ މަންމަ މާރިއާ އަކީ ރާބިޢާގެ ދޮން މަންމައެވެ.

ރަބީޢާގެ ކަޅުކުލައިގެ ވިދުން ގަދަ ދެ ލޯ، އެންޖެލާގެ ދެމައިންގެ ލޮލާ މުޅީން ތަފާތެވެ. އިސްކޮޅަށް ބަލާއިރުވެސް އެ ދެމައިންނަށްވުރެ ރާބިޢާ ދިގެވެ. މޫނުމަތީގައި ހުރި ދޮން ކުލައިގެ ތެރެއިން ފިޔާތޮށިކުލަ ފާޅުވާއިރު ހީވަނީ ކިރާއި މާމުއިގެ ތެރެއަށް ފިޔާތޮށިކުލަ އެއްކޮށްގެން ކުރެހުންތެރިއަކު ކުރަހައިފައިވާ ރީތި ތަސްވީރެއް ހެންނެވެ. މޫނުމަތީން ފައުޅުވާން ހުރި ސީރިއަސްކަމާއި ލާނެތް އަސަރުތަކާއެކު ގުދުރަތުން ވަނީ އަންހެންވަންތަކަމުގެ އަސަރު އެކުލެވޭ ފިސާރި ރީތި ނަމޫނާއެއްގެ ގޮތުގައި އޭނާ ލައްވައިފައެވެ.

އެންޖެލާއާއި ރާބިޢާގެ ވަރަށް ކުޑަކުޑަ ވައްތަރުކަމެއްވެސް އެބަހުއްޓެވެ. އެ ވައްތަރުކަން އިހުސާސްކުރެވުނު ކަމުގައި ވިޔަސް ބަޔާންކުރާން އެނގޭވަރެއް ނުވެއެވެ. ދެ ކުދީންވެސް ނުހަނު ރީއްޗެވެ. އެންޖެލާގެ ރީތިކަމަކީ ސަހަރާގައި ފޮޅިފައިވާ މަލެއްގެ ހިނިތުންވުން ކަމުގައި ވަނީނަމަ، ރާބިޢާގެ ރީތި ކަމަކީ ފޮޅޭން ގާތްވެފައިވާ ނާޒުކު މަލެއްގެ ހިނިތުންވުމެވެ.

ސިފައިންގެ އޮފްސަރުގެ އާރުކާޓީކަމުގައި ގޮސް އެންމެން ވަނީ ކިއްލާގެ ބޮޑު ކޮޓަރިއަކަށެވެ. ކޮޓަރީގެ މެދުގައި، ވަށައިގެން ގޮނޑި ޖަހައިފައި ހުރި މޭޒެއްގެ ދޮށުގައި އެންމެން އިށީނދެއްޖެއެވެ.

ޚައްދާމުން ރިހީގެ ތަށިތަކާއި ތަބަށްތަކުގައި ހުރި ކާނާ ގެނެސް މޭޒުމަތީގައި އަތުރައިފިއެވެ. އަބޫ ދާވޫދުގެ އިޝާރާތަކަށް  ސިފައިންގެ އޮފްސަރުވެސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ކާނާއަށް އިންސާފުކުރުމުގެ ތެރޭގައި އަބޫ ދާވޫދު އޮފްސަރާ ސުވާލު ކޮށްލިއެވެ. "ގްރަނާދާގެ ފުރަތަމަ ފާރަ ބުރުޒު ހުރީ މި ހިސާބާ ކިހައި ދުރުމިނެއްގައި ހެއްޔެވެ؟"

އޮފްސަރު ޖަވާބުދިނެވެ. "ގާތްގަނޑަކަށް އަށް މޭލުގެ ދުރުމިނުގައެވެ. އެކަމަކު ތިން މޭލަށް ދަތުރުކުރެއްވޭއިރު މަނިކުފާނު ހުންނަވާނީ ގްރަނާދާގެ އިމުގެ ތެރޭގައެވެ. އަޅުގަނޑު އެ ބުރުޒުތަކުގެ އޮފްސަރުންނަށް އަންގައިލީމާ މަނިކުފާނުގެ ސަލާމަތީ ކަންތައްތަކަށް އެ މީހުން ސަމާލުކަން ދޭނެއެވެ. އެހެންނަމަވެސް ގަވަރުނަރު އަންގަވައިފައި އޮތީ އެ މީހުންނަށް އެއްވެސް އިޝާރާތެއް ނުކުރާށެވެ."

އަބޫ ދާވޫދު ބުންޏެވެ. "ގަވަރުނަރު ޢަމަލުކުރެއްވީ އަހަރެން އެންގި ގޮތަށެވެ. އަހަރެން އެ ސަރަޙައްދަށް މި ވަންނަނީއަކީ ރަސްގެފާނުގެ މަންދޫބެއްގެ ގޮތުގައެއް ނޫނެވެ. އަހަރެން މި ދަނީ މުސްލިމް މުހާޖިރެއްގެ ގޮތުގައެވެ."

"މަނިކުފާނުގެ ބޭނުންފުޅަކީ އެ މީހުންނަށް އޮޅުވައިލެއްވުން ކަމުގައި ވަނީނަމަ ގާޑިޔާކޮޅުގައި ދަތުރުފުޅު ނުކުރައްވާށެވެ. އަދި މި މަގުންވެސް ވަޑައިނުގަންނަވާށެވެ. ފައިމަގުގައި ނުވަތަ އަހުގައި އެހެން މަގަކުން ވަޑައިގަތުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެހެން ނޫނީ އަޅުގަނޑުމެން ފާރަވެރިވާން ތިއްބައި މަނިކުފާނަށް  އެ ހިސާބަށް ވަޑައިގެންނެވުން ވާނީ އެމީހުންގެ ހިތުގައި ޝައްކު ހިނގާނޭ ކަމަކަށެވެ."

"އަހަންނަށް އެނގިފައި އޮތް ގޮތުގައި ކަސްތިއްޔާއާއި ގްރަނާދާގެ ރައްޔިތުން އެއްވެސް ހުރަހަކާ ނުލައި މި މަގުން ދަތުރުކޮށް އެބަ އުޅެއެވެ. އަހަރެންގެ ދަތުރު މި ގޮތަށް ރޭވީ އެކަމަށް ރިޢާޔަތްކޮށްފައެވެ. އެހެންވީމާ މި ގޮތް ކާމިޔާބު ވާނޭ ކަމަށް އަހަންނަށް ގަބޫލު ކުރެވެއެވެ. ކަލޭމެންގެ ވިހި އަސްވާރުން އަހަރެމެންގެ ފަހަތުން ފޮނުވާށެވެ. ގްރަނާދާއާ ކައިރިވީމާ އަހަރެމެންގެ ގާޑިޔާގެ ދުވެލި ބާރުކޮށްލާނަމެވެ. އަސްވާރުން ދައްކާން ވާނީ އަހަރެމެން އަތުލައިގަންނާން ފަހަތުން އަންނަ ކަހަލަ ގޮތެކެވެ. ގްރަނާދާގެ ސިފައިންނަށް ކްރިސްޓިއަނުން އަހަރެމެންގެ ފަހަތުން އަންނަތަން ފެނުނީމާ ދޭތެރެއަށް ވަންނާނެކަން ޔަގީނެވެ. އެމީހުން އަހަރެމެންނަށް އެހީތެރިވާނެއެވެ. ކަލޭގެ ސިފައިން އެމީހުންނާ ދެކޮޅަށް ކުޑަކޮށް ގޮތް ދައްކައިލާފައި އެނބުރި އަންނަ ގޮތަށް ހަމަޖައްސާށެވެ."

"ތިޔައީ ވަރަށް ރަނގަޅު ޚިޔާލުފުޅެކެވެ. އެކަމަކު މިއީ ވަރަށް ބޮޑަށް ހަލާކުވެފައި އޮތް އުނދަގޫ މަގެކެވެ. ބާރަށް ދުއްވުމުގެ ތެރޭގައި މަނިކުފާނުގެ ގާޑިޔާކޮޅަށް ނުރައްކަލަކާ ކުރިމަތިވެދާނެތީ އަޅުގަނޑު ބިރުގަނެއެވެ."

އަބޫ ދާވޫދު ބުންޏެވެ. "މި ކަހަލަ ޙާލަތްތަކުގައި ކުދިކުދި ގެއްލުމަކަށް ބެލުމެއް ނޯންނާނެއެވެ. އަހަރެމެންގެ މީހަކު ކުޑަކޮށް ޒަޚަމް ވިޔަސް ނުވަތަ އަހަކަށް ތީރެއްގެ ޙަމަލާ އެރިޔަސް އެއީ އެވަރުގެ ކަމެއް ނޫނެވެ."

"އެންމެ ރަނގަޅެވެ. ސިފައިންނާއެކު އަޅުގަނޑުވެސް މި ޙަރަކާތުގައި ބައިވެރިވާނަމެވެ."

އޮފްސަރުގެ އިޝާރާތަކަށް ނޯކަރަކު ސިފައިންގެ މީހަކަށް ގޮވައި ގެނެސްފިއެވެ. އޮފްސަރު އޭނާއަށް އަމުރުކުރިއެވެ. "ވިހި އަސްވާރުންނަށް ތައްޔާރުވާން އަންގާށެވެ. އަހަރެމެން މި އުޅެނީ ޚާއްސަ ޙަރަކާތެއްގައި ނުކުންނާށެވެ."

މި އަމުރު ކުރުމަށް ފަހު އަބޫ ދާވޫދާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ސަރަޙައްދީ ބާޒުގެ ޚަބަރު މަނިކުފާނަށް ލިބިވަޑައިގެންފައި އޮންނާނެކަން އަޅުގަނޑަށް ޔަގީނެވެ."

މި ވާހަކައިގެ އަޑު އިވުމާއެކު އަބޫ ދާވޫދުގެ އަނބިމީހާއާއި ދެ ދަރިން ސިހިފައި އޮފްސަރާ ދިމާއަށް ބަލާން ފަށައިފިއެވެ. އަބޫ ދާވޫދު ހަމަޖެހިލައިގެން އިނދެ ޖަވާބުދިނެވެ. "ތިޔަ މީހަކުގެ ވާހަކަ އަހަރެން އަޑުއެހީމެވެ. އެކަމަކު އޭނާގެ ސަރަޙައްދު އޮތީ މި ތަނާ ވަރަށް ދުރުގައެވެ."

"ތިޔައީ ތެދުފުޅެކެވެ. އޭނާގެ ސަރަޙައްދު އޮތީ ވަރަށް ދުރުގައެވެ. އެކަމަކު އޭނާގެ ބައިވެރިން ތިން ފަހަރެއްގެ މަތީން އަޅުގަނޑުމެންގެ އަސްތައް ފޭރިގަނެގެން ގެންގޮސްފިއެވެ."

"ކޮން އިރަކު ހެއްޔެވެ؟" އެންޖެލާ އަހައިލިއެވެ.

"މި ދިޔަ އަހަރުއެވެ. މި އަހަރަކު އަދި އަހަރެމެންނަކަށް މާ ބޮޑު ސަމާލުކަމެއް އެމީހުންނެއް ނުދެއެވެ. މި ދިޔަ އަހަރު ހަފްތާއެއް ވާންދެން މިތަން ހިފައިގެންވެސް ތިއްބެވެ."

އެންޖެލާ އަހައިފިއެވެ. "އޭނާ ދުށިން ހެއްޔެވެ؟ އެއީ ކިހިނެއް ހުންނަ މީހެއް ހެއްޔެވެ؟"

"އޭނާ އަޅުގަނޑުމެންގެ ކުރިމަތީގައި ނިގާބު ނުނަގައެވެ. އެހެންވީމާ މޫނެއް ނުދެކެމެވެ. އަޑުން ފާހަގަ ކުރެވޭ ގޮތުގައި އެއީ އުމުރުން އެހައި ދުވަސްވީ މީހެއް ނޫނެވެ."

މާރިއާ އަހަފިއެވެ. "ކަލޭމެން އޭނާ މި ތަނުން ނެރުނީ ކިހިނެއް ހެއްޔެވެ؟"

"އޭނާ އަމިއްލައަށް މި ތަން ދޫކޮށްލައިފައި ދިޔައީއެވެ. އޭނާ އައީ އަހަރެމެންގެ އަތުގައި ބާކީވެފައި ހުރި ގޮދަނާއި އަސްތައް ފޭރިގަންނާށެވެ. އެ އެއްޗެހި ހިފައިގެން ދިޔައީއެވެ."

އެންޖެލާ ބުންޏެވެ. "އެއީ ވަރަށް އަނިޔާވެރި މީހެކޭ ކިޔާތީ އަޑު އެހީމެވެ."

އޮފްސަރު ބުންޏެވެ. "އޭނާގެ ކިބައިން ފެނުނު އެންމެ ކަމުދާ ކަމަކީ އަނިޔާވެރިއަކަށް ނުވުމެވެ. އޭނާ ހަތިޔާރު ނެތް މީހަކާ ނުބެހެއެވެ. ބަލިކަށި މީހެއްގެ މައްޗަކަށް އަތެއް ނުއުފުލައެވެ. ވެއްޓިފައި އޮތް ދުޝްމަނަކަށް ޙަލަމައެއް ނުދެއެވެ. އެއީ އަޅުގަނޑުމެންގެ ވެރިކަމުގެ ދުޝްމިނެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އެކަމަކު އެއީ ވަރަށް މުރުއްވަތްތެރި ދުޝްމިނެކެވެ."

އަބޫ ދާވޫދު ބުންޏެވެ. "ކަލޭގެ ތެދުވެރިކަމަށް އަހަރެން ތާރީފުކުރަމެވެ. ކަލެއެކޭ އެއްފަދައިން ސެއިންޓް ސަންތިއާގޯއަކީވެސް ސަރަޙައްދީ ބާޒަށް ވަރަށް ބޮޑަށް ތާރީފުކުރައްވާ ބޭފުޅެކެވެ."

އެންޖެލާ އަހައިފިއެވެ. "ބައްޕާއެވެ. އަޅުގަނޑުމެން މިދާ މަގުމަތީގައި އޭނާޔާ ބައްދަލު ވެއްޖެއްޔާ ހަދާނީ ކިހިނެއްތޯއެވެ؟"

މާރިއާ ނުރުހިފައި ބުންޏެވެ. "ހެޔޮ ގޮތް ދައްކަވާތޯ ދުޢާކުރާށެވެ."

އަބޫ ދާވޫދު ބުންޏެވެ. "މަގުމަތީން އަހަރެމެންނާ ދިމާވެއްޖެއްޔާ އޭނާ އަހަރެމެންނަށް ބާރަށް ދުވާ ރަނގަޅު އަސް ހޯދައިދޭނެކަން ކަށަވަރެވެ."

ރާބިޢާ އަހައިފިއެވެ. "އޭނާއަށް ބާޒޭ ކިޔަނީ ކީއްވެގެންތޯއެވެ؟"

އޮފްސަރު ބުންޏެވެ. "އޭނާއަށް އެ ނަން ދެއްވީ ކައުންޓް ސަންތިއާގޯއެވެ. އެއީ އޭނާގެ ހަލުވިކަމާއި ކުޅަދާނަކަމާއި ވިސްނުންތޫނުކަން ބާޒަކަށްވުރެ ވަކީން ދެރަ ނޫންވީމައެވެ."

އަބޫ ދާވޫދު އަހައިފިއެވެ. "އެއީ މުޣީރާގެ ދަރިއެއް ހެއްޔެވެ؟"

"ތިޔަ ކަމުގައި ދެ ޚިޔާލެއް ދައުރުކުރެއެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއީ މުޣީރާގެ ދަރިއެކެވެ. އަނެއް ބަޔަކު ބުނަނީ އެއީ މަޣްރިބްގެ (މޮރޮކޯ) މީހަކު ކަމުގައެވެ."

އަބޫ ދާވޫދު ބުންޏެވެ. "އެއީ ކާކުކަން ލަހެއް ނުވެ އެނގިދާނެއެވެ."

އޮފްސަރު އަހައިލިއެވެ. "އޭނާއަށް ޙަމަލަދެއްވާން މާތްވެގެންވާ ރަސްގެފާނު ކަނޑައެޅުއްވީތޯއެވެ؟"

އަބޫ ދާވޫދު ޖަވާބުދިނެވެ. "އެއީ ސީދާ ރަސްގެފާނު ޙަމަލައެއް ދެއްވާ ވަރުގެ އަސްކަރީ ބާރެއް ލިބިފައިވާ މީހެއް ނޫނެވެ. އޭނާގެ ހަނގުރާމައިގެ އުކުޅުތައް ދަންނަ ހުސިޔާރު މީހަކު ޢައްޔަން ކުރެއްވީމާ އޮންނާނީ މައްސަލަ ހައްލު ކުރެވިފައެވެ."

(4)

އަދިވެސް ބޯކޮށް ވާރޭ ވެހެނީއެވެ. ދޮޅު މޭލެއްހައި ތަނަށް ދަތުރު ކުރެވުމާއެކު ގާޑިޔަލުގެ ދުވެލި ބާރުކޮށްލާން އަބޫ ދާވޫދު އަންގައިފިއެވެ. ފަހަތުން އައި އަސްވާރުން، އޮފްސަރު އިޝާރާތް ކޮށްލީމާ ހުއްޓިއްޖެއެވެ. ގާޑިޔާ މޭލެއްހައި ތަން ދުރަށް ދިއުމާއެކު އަސްވާރުން ގާޑިޔަލުގެ ފަހަތުން ދުއްވާން ފަށައިފިއެވެ.

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.