ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހއ.ދިއްދޫގައި "މިލިޓަރީ ޑިސްޕްލޭ"އެއް ހުށަހަޅައިދީފިއެވެ.
ދިއްދޫގައި ކުރިއަށްގެންދިޔަ މި ޑިސްޕްލޭ ޝަރަފުވެރިކޮށްދެއްވީ، ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް ޢަބްދުލް މުޢިޒް މުސްޠަފާއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 (އެމްޑީޔޫ 6)ގެ މެރީންސުން ހުށަހަޅައިދިން ޑިސްޕްލޭ ކުރިއަށް ގެންގޮސްފައި ވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. މި ގޮތުން ފުރަތަމަ ފޭސްގައި ދައްކައިދިނީ ދުސްމަނުންގެ ޑިފެންސްއެއް ނައްތާލުމަށްޓަކައި ޑެލިބަރޭޓް އެޓޭކެއް މެރީންސުން ކުރިއަށް ގެންދާގޮތެވެ. ދެވަނަ ފޭސްގައި ފެނިގެން ގޮސްފައިވާނީ ގެއެއްގެ ތެރޭގައި ފިލާތިބި ދުސްމަނުންނަށް ހަމަލާދީ ނައްތާލާ ގޮތެވެ.
މި ޑިސްޕްލޭއަށްފަހު އާއިލީ ހަވީރެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. މި އާއިލީ ހަވީރުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފަރާތުން ވަނީ އޮބްސްޓެކަލް ކޯހެއް ތައްޔާރުކޮށް، ޓަނަލް ކްރޮސިންގގެ އިތުރުން ސިފައިންނާ އެކު ފޮޓޯނެގުމާއި އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި އާއިލީ ހަވީރުގައި ދިއްދޫގެ މުއައްސަސާތަކުން ވެސް ވަނީ ސްޓޯލް ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.
އެމްއެންޑީއެފްގެ މި ޑިސްޕްލޭއަށާއި އާއިލީ ހަވީރަށް، އާންމުންނާއި ކުޑަކުދީންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
