ރާއްޖޭގެ 2040 ގެ ތަރައްޤީގެ އަމާޒަށް ވާސިލުވުމަށް މޫސުމީ އިންވެސްޓްމަންޓްތައް މުހިންމު: މިނިސްޓަރ

2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި، އިއާދަކުރަނިވި ހަކަތައާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން އިންވެސްޓްކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައާއި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތަކުގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ފައިނޭންސް ކުރުމުގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

"މޫސުމީ ނުރައްކަލަކީ އިޤްތިޞާދީ ނުރައްކަލެއް. އަދި އިޤްތިޞާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،" ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، ބައިނަލްއަޤްވާމީ އެހީއާއި، ލުއި ލޯނު އެހީ އަދިވެސް ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން، އަންނާން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެހެން، މިފަދަ ބޭނުންތައް ފުއްދުމަށް އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓުމެންޓުތަކާއި އަދި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް މުޙިއްމުކަން މިނިސްޓްރު ފާހަގަކުރެއްވިއެވެ.

2028ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފުއްދުމުގެ އަމާޒަށް ވާސިލުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކާއި ގުޅުންތައް ބޭނުންވާނެ ކަމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމުން އިމްޕޯޓްކުރާ ތެލަށް ރާއްޖެ ބަރާބަރުވާ މިންވަރު ކުޑަވެގެންދާނެ ކަމަށް މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު "ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް" އާއި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" ކުރިއަށްގެންދާކަންވެސް މިނިސްޓަރުގެ ވާހަލަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) އެކްރެޑިޓްވުމަކީ، ބައިނަލްއަޤްވާމީ މޫސުމީ ފަންޑުތައް ހޯދުމަށް ލިބުނު އިތުރު ބާރެއް ކަމަށް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި މަޝްރޫޢުތަކަށް ޚާއްޞަ މާލީ އުފެއްދުންތައް ތަޢާރަފުކުރުމަށް ބޭންކުތަކަށް އިލްތިމާސްކުރައްވައި، ވިޔަފާރިތަކުން ކާމިޔާބު ކުރެވޭނެ ފަދަ ޕްރޮޕޯޒަލްތައް ހުށަހެޅުމަށްވެސް މިނިސްޓަރުގެ ވަހާކަފުޅުގައި އެދިވަޑައިގެންނެވިއެވެ. ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ ހިންގޭ މަޝްރޫޢުތަކާއި އޭގެ ނަތީޖާއިން ކަމަށާއި، އޭގެ ތެރޭގައި ވަރުގަދަ އުމްރާނީ ވަސީލަތްތަކާއި، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމާއި، ދިވެހިންނަށް ލިބޭ މާލީ ރައްކާތެރިކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިންނާއި، މަދަނީ ޖަމްޢިއްޔާތައް އެއްތަންކުރާ ފޯރަމެކެވެ. މިއަހަރު މި ފޯރަމް ބާއްވަނީ 13 ވަނަ ފަހަރަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.