"އިޙްތިރާމުކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފި

ޙަޤީޤީ ޤައުމީ ތަރައްޤީ ޙާސިލުކުރެވޭނީ އުމްރާނީ ތަރައްޤީއާއެކު ދިވެހީންގެ ވިސްނުން ބިނާކޮށްގެންކަން ފާހަގަކުރައްވައި، އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މައްޗަށް ބިނާވެފައިވާ، އަދި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ޠާހިރުވެފައިވާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ކުރިއަށް ގެންދަވާ "އިޙްތިރާމުކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުމަށް، މާފަންނު ޓްރެކް ސަރަޙައްދުގައި މިރޭ ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވަމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާޠަބުކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ޤައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު އެމަނިކުފާނު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްޤީގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ހަމައެކަނި އަތްލެވޭ ލޮލަށް ފެންނަ އުމްރާނީ ބިނާތަކާ މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން ކަމުގައެވެ. އަދި މިކަމުގެ ސަބަބުން، ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހި ވަންތަކަމަށް ފަޚްރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަޚްލާޤީ ގޮތުން ރައްޔިތުން ޠާހިރުކުރުންކަން ފާހަގަކުރައްވާ، މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަކު އަނެކަކަށް ފުރައްސާރަކުރުމާ ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.