އަންދަލުސްގެ ބާޒު – 73

(22 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެންޖެލާ ދުވެފައި ގޮސް ރަބީޢާގެ ގައިގައި އޮޅުލައިގެންފިއެވެ. އަދި ގިސްލަގިސްލައިފައި ރޯން ފަށައިފިއެވެ. [ދައްތާއެވެ. އަހަރެން ހީކުރީ ދައްތަ އަހަރެން ދޫކޮށްލައިފައި ދިޔައީ ކަމަށެވެ.]

ރަބީޢާ ބުންޏެވެ. [ލަސްވީ ލޮންސި ހޯދަން އުޅެން ހަދައިގެންނެވެ. ބޭރު ސިޑިން ފައިބައިގެން އަޙްމަދުގެ ކޮޓަރިއަށް ގޮސްފައި އަންނާން ވަގުތުކޮޅެއް ހޭދަވީއެވެ.]

[ދައްތަ އޭނާ ތިޔަ މަރައިލީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. އޭނާ މަރައިލީ ދައްތައެއް ނޫނެވެ. އަހަންނެވެ. ކިތަންމެ ބޮޑު ކޯޓަކަށް ގެންދިޔަޔަސް އޭނާ މަރައިލީ ސަބަބު އަހަންނަށް ކިޔައިދެވިދާނެއެވެ. މާ ގިނަ އިރުތަކެއް ނުވެ މީނާގެ އައުވާނުން މިތަނަށް އަންނާނެއެވެ. އަވަހަށް މިތަނުން ދާށެވެ. ދައްތާއެވެ. އަވަހަށް މިތަނުން ނުކުމެގެން ދައްތަގެ ކޮޓަރިއަށް ދާށެވެ. އަވަސްކުރާށެވެ. ﷲއަށްޓަކައެވެ. އަވަހަށް މިތަނުން ނުކުމެގެން ދާށެވެ.]

ރަބީޢާ ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ. [ކޮއްކޯއެވެ. މި ހެޔޮކަމުގެ ސަވާބުން އަހަރެން މަހުރޫމުނުކުރާށެވެ.]

[ނޫނެކެވެ. ދައްތަ މިކަމުގެ ތެރޭގައި ތާށިވެގެން ނުވާނެއެވެ. އަހަރެން އެހެން ވިޔަކަ ނުދޭނަމެވެ.] އެންޖެލާ އަދިވެސް ރޮނީއެވެ.

ރަބީޢާ ބުންޏެވެ. [ކޮއްކޮގެ ހެދުން ތިޔަ އޮތީ ވީދިފައި ނޫން ހެއްޔެވެ؟ އެންމެ ފުރަތަމަ އޮރިޔާން ނިވައިކުރެވޭތޯ ބަލަމާ ހިނގާށެވެ.]

އެންޖެލާ ބުންޏެވެ. [މި މައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކައި ހިމޭނުން ހުންނާން ދައްތަ ވައުދުވާށެވެ.]

އެ ވާހަކައަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ރަބީޢާ، އެންޖެލާ އަތުލަފިކޮށްގެން ގޮސް އެ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ބޭރުގައި މީހަކު ފެންނާކަށް ނެތެވެ. ތިރިން ޖޯން މައިކަލްގެ އައުވާނުންގެ ބަޔަކު ހަޅޭއްލަވާ އަޑު ކޮންމެވެސް ވަރަކަށް އިވެއެވެ.

އެންޖެލާގެ އަންނައުނާއި ގަހަނާއާއި ރީތިވާ ސާމާނު ލައިފައި ހުންނަ ކޮޓަރި ހުންނަނީ އޭނާގެ ނިދާ ކޮޓަރިއާ ޖެހިގެންނެވެ. އެންޖެލާ ދޮރު ހުޅުވައިލީމާ، ރަބީޢާ ބޭރުގައި ހުރި ދަންމަރު އެތެރެއަށް ވައްދައިފައި ބޭރުގައި ހުއްޓި ހުރެއްޖެއެވެ. [ދައްތަ މިތާނގައި ހުންނާނަމެވެ. އެތެރެއަށް ވަދެ ހެދުން ބަދަލުކޮށްލާށެވެ.]

އެންޖެލާ ހެދުން ބަދަލުކުރަން ފެށުމާއެކު ރަބީޢާ ކޮޓަރީގެ ދޮރު ލައްޕައި ބޭރުން މަކުޑި އަޅުވައިފިއެވެ. އެންޖެލާ ގޮވައިލިއެވެ. [ދައްތާއެވެ. ތިޔަހެން ނުހަދާށެވެ. ދޮރު ހުޅުވާށެވެ. ދިރިއުޅުމާއި މަރުވުމުގައިވެސް ދެމީހުންނަކީ ވަކިވާނޭ ބައެއް ނޫނެވެ. އަހަރެން ދޫކޮށްނުލާށެވެ. ދައްތާއެވެ. އަހަރެންގެ ލޯބިވާ ދައްތާއެވެ. ދޮރު ހުޅުވާށެވެ.]

ރަބީޢާ ކަރުނަ ފޮހެލަމުން ބުންޏެވެ. [ކޮއްކޯއެވެ. އަމިއްލައަށް މަރުގެ އަނދަވަޅަކަށް ވެއްޓިގަތުމުގެ އިޚުތިޔާރު ދައްތަ ދޭނެއޭ ހިތަށް އެރީ ކީއްވެގެން ހެއްޔެވެ؟ ހަނދާން އެބަހުރި ހެއްޔެވެ؟ އަލްޙަމްރާގައި ކޮއްކޮ ދައްތަގެ ފުރާނަ ސަލާމަތްކޮށް ދިނީމެއް ނޫންހެއްޔެވެ؟ ދައްތައަކީ އެއްވެސް މީހެއްގެ އިހުސާންތެރިކަން ބޮލުގައި އަޅާ ހިތްވާ މީހަކީމެއް ނޫނީމެވެ. އޭރު ދައްތަގެ ހިތުގައި ހަސަދަވެރިކަންވެސް އުފެދުނެވެ. ކޮއްކޮގެ އެ ހެޔޮކަމުގެ ބަދަލު ދިނުމަކީ ދައްތައަަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ކޮއްކޮ އަބަދުވެސް ހީކުރަނީ ދައްތައަކީ ވަރަށް ހިތް ބަލި މީހެއް ކަމަށް ނޫން ހެއްޔެވެ؟ ކޮއްކޮގެ ހިތުގައި މިހާރުވެސް ދައްތަގެ މައްޗަށް ހަމްދަރުދީ އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ދައްތައަށް، ދައްތަގެ ވާޖިބުތައް ވަރަށް ރަނގަޅަށް އެނގެއެވެ.]

[ދައްތާއެވެ. ދޮރު ހުޅުވާށެވެ. އަހަރެން އެއްވެސް ވާހަކައެއް ނުދައްކައި ހިމޭނުން ހުންނާން ވައުދުވަމެވެ.]

[ނޫނެކެވެ. ކޮއްކޯއެވެ. އެ މީހުން އައިސް އަހަރެންގެ ހަށިގަނޑު ވީދައި ކުދިކޮށްލާތަން ދެކެން ކޮއްކޮއަށް ނުހުރެވޭނެކަން ދައްތައަށް އެނގެއެވެ. އެފަދަ ދަނޑިވަޅެއްގައި ހިމޭނުން ހުރުމަކީ ކޮއްކޮއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.]

އެންޖެލާ ބުންޏެވެ. [އަހަރެން ދައްކާ ވާހަކަ ނިކަން ވިސްނުންތެރިކަމާއެކު އަޑު އަހައިބަލާށެވެ. ދެމީހުންނަށް މި ތަނުން ފިލައިގެން ދެވިދާނެއެއް ނޫން ހެއްޔެވެ؟]

[ތިޔައީ ވާނޭ ކަމެއް ނޫންކަން ކޮއްކޮއަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ކޮންމެވެސް ގޮތަކުން މިތަނުން ނުކުމެވުނަސް ރަށުތެރެއަކުން އަހަރެމެން ވަންނާނޭ ތަނެއް ނުފެންނާނެއެވެ. ސިފައިންގެ ފާރަވެރިއަކު ނެތް އެންމެ ގެއެއްވެސް ނުހުންނާނެއެވެ. ރަށުން ބޭރަށް ނުކުމެވުނަސް ދާނެ ތަނެއް ނުހުންނާނެއެވެ. ޝިކާރަމަތީ ކުއްތާތަކެއްހެން ރަށުގެ ހުރިހައި ސިފައިން އަހަރެމެންގެ ފަހަތުން އަންނާނެއެވެ. ކޮއްކޯއެވެ. ދައްތަ އެއްވެސް ކުށެއް ނުކުރަމެވެ. އެހެންވީމާ މަރަށް ބިރުން ދުވަންވީ ކީއްކުރަން ހެއްޔެވެ؟ ލޯޝާގެ ކޯޓަކަށް ދައްތަ ގެންދިޔަޔަސް ދައްތަގެ ވާޖިބު އަދާކުރީއޭ ބުނެވޭނެއެވެ. އެމީހުންގެ ފަރާތުން ރަޙުމަށް އެދި ދައްތަ އާދޭހެއް ނުކުރާނެމެވެ. އަހަރެމެންގެ ބައްޕައަކީ ގައުމަށް ޣައްދާރުވީ ޚާއިނެކެވެ. ޚިޔާނާތުގެ އަދަބު ބައްޕައަށް ލިބެން ވާނެއެވެ. ދައްތަގެ ގުރުބާނީގެ ސަބަބުން ބައްޕައަށްޓަކައި ތައުބާގެ ދޮރެއް ހުޅުވުމަކީ އެކަށީގެންވާ ކަމެކެވެ.]

މިހާރު ގަނޑުވަރުގެ ދޮރާށްޓާ ދިމާއިންވެސް ބަޔަކު ހަޅޭއްލަވާ އަޑު އެބަ އިވެއެވެ. ރަބީޢާ ދުވެފައި ގޮސް ފެންޑާގެ މަތީން ތިރިއަށް ބަލައިލައިފައި އެނބުރި އަތުވެއްޖެއެވެ. [ކޮއްކޯއެވެ. ދޮރާށި ދޮށަށް މީހުން އެބަ އެއްވެއެވެ. ފުލުހުންގެ ވެރިޔާގެ ގެއިން ޖޯން މައިކަލްގެ ޚަބަރެއް ނުވެގެން ބަޔަކު އައީހެން ހީވެއެވެ. އޭނާގެ އައުވާނަކު ޚަބަރު ބަލައިލާން އިސާހިތަކު މައްޗަށް އަރައިފާނެއެވެ. ދައްތަ ދަނީއެވެ. ކޮއްކޯއެވެ. ހިތް ހެޔޮކުރާށެވެ.]

[ނޫނެކެވެ. ނޫނެކެވެ. ދައްތާއެވެ. މަޑުކުރާށެވެ. މަރުވާނީވެސް ދެ މީހުން އެކީގައެވެ. އަހަރެން ދޫކޮށްލައިފައި ނުދާށެވެ.]

ރަބީޢާ ހިނގައްޖެއެވެ.

(4)

ރަބީޢާ އެނބުރި އައިސް ވަނީ ޖޯން މައިކަލް އޮތް ކޮޓަރިއަށެވެ. ދޫލަ އޮތީ ޖޯންގެ ލެއިން ތަތްތެޅިފައެވެ. އޭނާގެ މޫނުމަތީން ފެންނަނީ ބިރުވެރި ސިފައެކެވެ. ރަބީޢާ ޖެހިގެން ހުރި ކޮޓަރިން ފޮތިގަނޑެއް ގެނެސް އޭނާގެ މޫނުމަތީގައި އަޅައިލުމަށް ފަހު ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

މާ ގިނަ އިރުތަކެއް ނުވެ ސިޑިން މީހަކު އަރައިގެން އަންނަ އަޑު އިވިއްޖެއެވެ. އެ މީހަކު ދޮރުބުޑަށް ހުއްޓިފައި ގޮވައިލިއެވެ. [ސާހިބާއެވެ. ވަރަށް ލަސް ވެއްޖެއެއް ނޫންތޯއެވެ؟ ފުލުހުންގެ ވެރިޔާގެ ގެއިން މަނިކުފާނުގެ ޚަބަރެއް ބަލައިލާން ބަޔަކު އަތުވެއްޖެއެވެ.]

ރަބީޢާ ތެޅިތެޅި އޮތް ހިތަކާއެކު ތެދުވެއްޖެއެވެ. ކުޑަކޮށް ހަމަޖެހިލެވުނީމާ ގޮސް ދޮރު ހުޅުވައިލައިފައި ބުންޏެވެ. [ވަންނާށެވެ. ރާބޮއިގެން މަރުވެފައި އޮތް މީހަކު އަހަރެންގެ ކޮޓަރީގައި އެބައޮތެވެ. ނިކަން ބަލައިލަބަލާށެވެ. އެއީ ކަކުކަން ފަހަރެއްގައި ކަލެއަށް އެނގިދާނެއެވެ.]

ސިފައިންގެމީހާ ކަންބޮޑުވެފައި ހުރެގެން އެތެރެއަށް ވަދެއްޖެއެވެ. ހަރިރާންކަމާއެކު ރަބީޢާއާ ދިމާއަށް ބަލައިލާފައި އޭނާ ޖޯން މައިކަލްގެ މޫނުމަތީގައި އޮތް ފޮތިގަނޑު ނަގައިފިއެވެ. [ޖޯން މައިކަލް...] ބިރުވެރި އަޑަކުން އޭނާއަށް ކިޔައިލެވުނެވެ.

ރަބީޢާ އަހައިލިއެވެ. [ތިޔައީ ކަލޭ ދަންނަ މީހެއް ހެއްޔެވެ؟]

ސިފައިންގެމީހާ ބުންޏެވެ. [އާދޭހެވެ. މިއީ މި ސަހަރުގެ ގަވަރުނަރެވެ. ފެރްނާންދޯގެ ނައިޓެކެވެ. ރާނީގެ ތިމާގެފުޅު ބޭފުޅެކެވެ. މީނާ އަވަހާރަކޮށްލީ ކާކުތޯއެވެ؟]

ރަބީޢާ ބުންޏެވެ. [އަހަންނާ ތިޔަކަހަލަ ސުވާލު ކުރުމުގެ ހައްގެއް ކަލެއަކަށް ނޯންނާނެއެވެ. ކަމެއް ކުރާން ބޭނުމިއްޔާ އަވަހަށް ގޮސް ފުލުހުންގެ ވެރިޔާއަށް އަންގާށެވެ.]

[ތިޔަހެން ހަދައިފިއްޔާ އަޅުގަނޑުމެން އެންމެން ދަންޖައްސައި މަރައިލާނެއެވެ. އެހެންވީމާ މިތަނުން ދިއުމުގެ ކުރިން ގަވަރުނަރު އަވަހާރަކޮށްލީ މީހަކު ހައްޔަރުކުރުމަކީ އަޅުގަނޑު ކުރަން ޖެހޭނޭ ކަމެކެވެ.]

[އޭނާ މަރައިލީ އަހަންނެވެ.]

ސިފައިންގެމީހާ ގަނޑުވީ ކަހަލައެވެ. އާގަމަވެފައި ރަބީޢާއާ ދިމާއަށް ބަލަހައްޓައިގެން ހުރެއްޖެއެވެ.

ރަބީޢާ ހަޅޭއް ލަވައިގަތެވެ. [ނުގޮސް ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ ކީއްވެގެން ހެއްޔެވެ؟ މި ސަހަރުގެ ހަގީގީ ވެރިއަކީ އަހަރެންގެ ބައްޕަކަން ކަލޭ ނުދަންނަމު ހެއްޔެވެ؟ ވެރިއަކަށް ވުމުގެ އިތުރަށް ބައްޕައަކީ ފެރްނާންދޯގެ ނުލާހިކު ގާތް އެކުވެރިއެކެވެ. ކަލޭ ތިޔަ ހުންނަނީ ރާ ބޮއި އަމަލުވެގެން ހުރެ އަބުރުވެރިންގެ ގޭގެއަށް ވަން މީހަކަށް ރައްކާތެރިކަން ދީގެން ހެއްޔެވެ؟ މިގޭ ތެރޭގައި އެއްވެސް ކުށެއް ނެތް މައުސޫމު އަންހެން ކުއްޖަކު އެހީއަށް އެދި ގޮވަމުން، ރޮއީ ހޭރުނުއިރު ކަލޭ ހުރީ ކޮންތާނކު ހެއްޔެވެ؟ ކަލޭމެން ތިރީގައި ހީނ މަޖާކުރަމުން ދިޔައީއެވެ. މިއީ އަހަރެން ކަލެއަށް ކުރާ އަމުރެކެވެ. ހަމަ މިހާރު ދާށެވެ. އެހެންނޫނީ ކަލެޔާމެދު ކަންތައް ކުރެވޭނީ ކަލޭ ހިތް އެދޭކަހަލަ ގޮތަކަށް ނޫންކަން ދަންނާށެވެ. ފުލުހުންގެ ވެރިޔާ ނާންނަނީސް ކަލޭގެ އެއްވެސް މީހަކު މިތަނަށް އައިސްގެން ނުވާނެއެވެ.]

ހަދާންވީ ކިހިނެއްކަން ވިސްނައިގަންނާން ސިފައިންގެމީހާއަށް ދަތިވެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން އިރުކޮޅަކު ރަބީޢާއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށް ފަހު ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.