(2 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
[އަޅުގަނޑަށް އިތުބާރު ކުރައްވާށެވެ. ތިޔަކަން އަޅުގަނޑު ކުރާނަމެވެ. މާދަމާ މިތަނަށް އިތުރު ފަސް ހާސް ސިފައިން އަންނާނެއެވެ.]
[އަދި އެހެން ވާހަކައެއްވެސް އަޅުގަނޑު ދަންނަވައިލާނަމެވެ. ފަތަހައަށް ފަހު މިހާރު މި ރަށުގެ އިސްލާމުންގެ މެދުގައި އެވަނީ ކޮންމެވެސް ވަރެއްގެ ޖޯޝެއް އުފެދިފައެވެ. އެމީހުންގެ އެންމެ ނުރައްކާތެރި މީހާ އަޅުގަނޑުމެން ހައްޔަރުކޮށްފީމެވެ. މިހާރަކު ބަޣާވާތެއްގެ ބިރެއް ނެތެވެ. އިސްލާމުންގެ ޖޯޝް ފިނިކޮށްލުމަށްޓަކައި އެމީހުންގެ ތެރޭގައި ތިބި ބައެއް ބޮޑުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންވީމާ އެމީހުންނާ ގުޅުން ބާއްވަވާށެވެ. އެމީހުންނަށް ލިބޭ މާލީ އެހީތެރިކަން ހުއްޓުނަ ނުދެއްވާށެވެ. ފުރުމުގެ ކުރިން އަޅުގަނޑު އެމީހުންނާ މަނިކުފާނަށް ބައްދަލުކުރެއްވޭނޭ ގޮތް ހަދައިދޭނަމެވެ.]
ޖޯން މައިކަލް އަހައިލިއެވެ. [މަނިކުފާނު ރަށުން ބޭރުގައި އުޅުއްވާނީ ކިހައި ދުވަހެއް ވާންދެންތޯއެވެ؟]
[ތިޔަކަން ބިނާވާނީ ހާލަތުގެ މައްޗަށެވެ. އަޅުގަނޑު ދާންވާއިރަށް ހުރިހައި އިލްމުވެރިން ކަސްތިއްޔާއަށް ޖަމާވާން އަޅުގަނޑު އޮންނާނީ އަންގައިފައެވެ. އެމީހުން ޖަމާވެއްޖެނަމަ އަޅުގަނޑު ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ. އެހެން ނޫންނަމަ ތަންކޮޅެއް ލަސްވެދާނެއެވެ.]
[އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކޯރްދޮބާއާއި ސެބިއްޔާއާއި ބައެއް އެހެން ސަހަރުތަކުން ފަސް ސަތޭކައެއްހައި އިލްމުވެރިން މިހާރުވެސް ހިނގައްޖެއެވެ.]
[އެހެން ވެއްޖެއްޔާ އަޅުގަނޑުގެ މަސައްކަތް ވަރަށް އަވަހަށް ނިމިދާނެއެވެ. އެކަމަކު ފަހުން އެހެން ސަހަރުތަކަށްވެސް ދާން ޖެހޭނެއެވެ. ދެން ނިކަން ވިދާޅުވެ ބައްލަވާށެވެ. ހަނގުރާމައިގެ ހާލަތު އޮތީ ކިހިނެއްތޯއެވެ؟]
[ހަނގުރާމައިގެ ހޫނު ހައްތަހާ ދަނީ ގަދަވަމުންނެވެ. ގްރަނާދާގެ އަހުލުވެރިން ވަރަށް ގިނަ ތަންތަން އަޅުގަނޑުމެންގެ އަތުން އަތުލައިގެންފިއެވެ. ގްރަނާދާގައި ބަލިވުމަށް ފަހު އެހެން ތަނެއްގައި ފައި ހަރުކޮށްލެވޭވަރެއް އަޅުގަނޑުމެންނަކަށް ނުވިއެވެ.]
އަބޫ ދާވޫދް ބުންޏެވެ. [ތިޔައީ އޮއްސެމުންދާ އިރުގެ އެންމެ ފަހުގެ އަލިކަންފުޅެވެ.]
[އެކަމަކު ގްރަނާދާގެ އަހުލުވެރިން ދެކޭ ގޮތުގައި އެއީ އަރަމުން އަންނަ އިރެއްގެ އެންމެ ފުރަތަމަ ދޯއްޖެވެ. މިހާރު ފެތުރެމުންދާ ވާހަކައަކާހެދިވެސް އަޅުގަނޑުމެންގެ ލަޝްކަރު އޮތީ ވަރަށް ކަން ބޮޑުވެފައެވެ.]
[އެއީ ކޮން ވާހަކައެއްތޯއެވެ؟]
[އެ ވާހަކައިގައި ބުނާ ގޮތުގައި މި ހަނގުރާމައިގެ ތެރޭގައި ސަރަހައްދީ ބާޒެއްގެ ގޮތުގައި ފެނުނީ އާ މީހެއް ނޫނެވެ. އެއީ ބަދްރު ބިން މުޣީރާއެވެ. އެމީހުންގެ އަތްދަށުން ސަލާމަތްވެގެން، ފިލައިގެން އައި ބައެއް މީހުން މި ވާހަކައަކީ ތެދެއްކަމަށްވެސް އެބަ ބުނެއެވެ. އަބޫ ޢަބްދުﷲ އޭނާ ގަތުލު ނުކުރައްވަނީ ކަމުގައި ވެދާނެއެއް ނޫންތޯއެވެ؟]
އަބޫ ދާވޫދް ބުންޏެވެ. [އަބޫ ޢަބްދުﷲއަކީ މޮޔައެއް ނޫން ނަމަ ތިޔައީ ވެދާނޭ ކަމެކެވެ.]
[މީގެ ދުވަސްކޮޅެއް ކުރިއަށް ބަލާނަމަ އޭނާޔާމެދު އަޅުގަނޑުގެ ޚިޔާލު ހުރި ގޮތަކީވެސް ތިޔައީއެވެ. އެއީ ވަރަށް ނާރުތައް ދޫވެފައި ހުރި ސޭކު މީހަކު ކަމަށް އަޅުގަނޑުވެސް އިހަށް ހީކުޅައީމެވެ. އެކަމަކު މިހާރު މިވަނީ ޚިޔާލު ބަދަލުކުރަން މަޖުބޫރުވެފައެވެ.]
އަބޫ ދާވޫދް ބުންޏެވެ. [އަޅުގަނޑަށް ޔަގީންވާ ކަމަކީ ގްރަނާދާގެ ހަލާކު އޭނާގެ އަތްމަތީން ހިނގައިގަންނަ ގޮތަށް ލިޔުއްވައިފައި އޮތްކަމެވެ. މޮޔަކަމުގެވެސް އެތައް ފިޔަވައްސެއް ހުރެއެވެ. އޭނާގެ މޮޔަކަމުގެ އެއް ފިޔަވަހީގައި އޭނާ ކުޅަ ކަމަކީ އޭނާގެ ބައްޕައާއި ބޮޑުބޭބެޔާ ދެކޮޅަށް ބަޣާވާތް ކުރުމަށް ފަހު ގްރަނާދާގެ ދޮރާށި އަޅުގަނޑުމެންނަށްޓަކައި ހުޅުވައި ދިނުމެވެ. މިހާރު އޭނާގެ މޮޔަކަން އެހެން ފޔަވައްސަކަށް ފުރޮޅުނީއެވެ. މި ފިޔަވަހިވެސް ދުވަސްކޮޅަކަށް ދެމިގެން ދާނެއެވެ. ހައެއްކަ މަސދް ދުވަސް ވާންދެން މަނިކުފާނަށް ގްރަނާދާއާ ބެހޭ ގޮތުން އާދަޔާ ޚިލާފު އެތައް ވާހަކައެއް އިވިވަޑައިގަންނަވާނެއެވެ.]
ޖޯން މައިކަލް ބުންޏެވެ. [މާތްވެގެންވާ ރަސްގެފާނު ނިންމަވައިފައި އޮތީ ހައެއްކަ ހަފުތާ ވާންދެން ދޫނުކުރައްވައި އެއް ވާނެއްގައި ގްރަނާދާއަށް ވަރުގަދަ ހަމަލަތަކެއް ދެއްވަމުން ގެންދަވާށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މަނިކުފާނު ރޭއްވެވުން ކާމިޔާބު ވެއްޖެނަމަ ގްރަނާދާގެ ހިސާރު މާގިނަ ދުވަހަކަށް ދެމިގެންނެއް ނުދާނެއެވެ. މަނިކުފާނުގެ ރޭއްވެވުން އޮތީ ކޮން ގޮތަކަށްތޯއެވެ؟ އަންދަލުސްގެ އިލްމުވެރިންގެ ބަޔަކު ގްރަނާދާއަށް ފޮނުއްވާން ގަސްތުފުޅު ކުރައްވަންތޯއެވެ؟ މަސްލަހަތު ދެމެހެއްޓޭނޭ ގޮތް އޮތްތޯ ބެއްލެވުމަށްޓަކައި އަބޫ ޢަބްދުﷲއާ ވާހަކަފުޅު ދައްކަވާން ބޭނުންފުޅެއް ނުވޭތޯއެވެ؟]
[އަޅުގަނޑު ދަންނަވާން އޮތީ އެންމެ ވާހަކައެކެވެ. ފެރްނާންދޯގެ ފަތަހައިގެ ދިދަ އަލްހަމްރާގައި ވިހުރުވައިލުމަކީ އަޅުގަނޑުގެ ހަޔާތުގެ އެންމެ ބޮޑު ބޭނުމެވެ. މީގެ ކުރީން އަޅުގަނޑުމެން ވަރަށް ގިނަ ކަތި ފިޔަވަޅުތަކެއް އަޅައިފީމެވެ. މީގެ ފަހުން އެފަދަ ފިޔަވަޅެއް ނާޅާނަމެވެ. ޠޫފަނާކާ ޖެހުނީމައި ވެއްޓި ބިމާ ހަމަވާނީ ބިންގާ ގުޑައިފައި ހުންނަ ފާރުފާރެވެ. ގްރަނާދާގެ މަޝްރޫއު އަޅުގަނޑު ރާވައިފީމެވެ. އެ މަޝްރޫއު ކާމިޔާބުވީމާ އެރަށުގެ ރައްޔިތުންގެ ކިބަޔަކު ދިފާއީ މަސައްކަތެއް ކުރުމުގެ ހިތްވަރެއް ނުހުންނާނެއެވެ. ހުއްޓަސް ހުންނާނީ ވަރަށް ބޮޑަށް ބަލިކަށި ވެފައެވެ. އޭގެ ފަހުން މަނިކުފާނުގެ ލަޝްކަރަކަށް އެއްވެސް ކަހަލަ ހުރަހެއް ކުރިމައްޗެއް ނުވާނެއެވެ. އެކަމަކު މި ރޭވުމުގެ ތަފުސީލު އަޅުގަނޑު ކުރެން އޮޅުންފިލުއްވާން ނޫޅުއްވުމަކީ އަޅުގަނޑުގެ އެދުމެކެވެ. މިހާރު އަޅުގަނޑު ކުރާން އޮތް އެންމެ އިސްކަމަކީ މަނިކުފާނު މިތާނގައި ހުންނެވުމުގެ އިންތިޒާމު ހަމަޖެއްސުމާއި މިތާނގެ އިސް މީސްމީހުންނަށް މަނިކުފާނު ތައާރަފުކޮށް ދިނުމެވެ. އަޅުގަނޑު ނެތިދާ ދުވަސްކޮޅު މަނިކުފާނަށް މަޝްވަރާ އަރުވާން ތިބި ބަޔަކީ އެއީއެވެ. ގަނޑުވަރުގެ އެއްބައި މިހާރުވެސް އެ އޮތީ ހުހަށެވެ. އަޅުގަނޑުގެ އަނބިދަރިން ތިބޭނީ މިބައިގައެވެ. މަނިކުފާނަށް ބޭނުންފުޅު ވެއްޖެނަމަ އިތުރު ކޮޓަރިތަކެއް ހުސް ކުރެވިވެސް ދާނެއެވެ.]
ޖޯން މައިކަލް ބުންޏެވެ. [އަޅުގަނޑަކީ ސިފައިންގެ މީހަކީމެވެ. އަދި ހުހާ ހުރި މީހަކީމެވެ. އެހެންވީމާ އަޅުގަނޑަކަށް މާ ގިނަ ކަންތައްތަކެއް ބޭނުމެއް ނުވާނެއެވެ. ކުޑަކުޑަ ގެއަކުން އަޅުގަނޑަށް ފުދޭނެއެވެ. މަނިކުފާނުގެ ބޭފުޅުންނަށް އެއްވެސް ކަހަލަ ބުރައެއް ޖައްސާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ.]
އަބޫ ދާވޫދް ބުންޏެވެ. [ގަނޑުވަރުގެ ވައަތު ފަޅި މިހާރުވެސް އެހެރީ ތައްޔާރަށެވެ. އެތަނުން ފުއްދަވައިލެއްވޭނޭ ކަމަށް ފެނެއެވެ.]
(2)
ޖޯން މައިކަލް ރޭގަނޑު ކެއީ އަބޫ ދާވޫދް ދިރިއުޅޭ ބައިގައި އޭނާޔާ އެކުގައެވެ. މި ދައުވަތުގައި ރަށުގެ އިސް ވެރިންނާއި ގަދަރުވެރި ބައެއް އަންހެނުންވެސް ބައިވެރި ވިއެވެ. ބަލިވެ އުޅޭ ކަމަށް ބުނެފައި އެތަނަކަށް ރަބީޢާއެއް ނާދެއެވެ. އެންޖެލާވެސް ބޮލުގައި ރިއްސަނީއޭ ކިޔައިފައި ބަހަނާއެއް ދެއްކިއެވެ. އެކަމަކު މަންމަގެ ކުރިމަތީގައި ދެކޮޅެއް ނުހެދުނެވެ. ގްރަނާދާ ދޫކޮށްފައި އައި ފަހުން އެންޖެލާގެ މިޒާޖަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ރަބީޢާ ފަދައިން މީހުން ގިނަ ތަންތަނަށް ދިއުމާއި މަޖިލިސްތަކުގައި ބައިވެރިވުމަކީ އޭނާވެސް ކުރާހިތް ނުވާ ކަމަކަށް ވެއްޖެއެވެ. މި ދެބެއިންނަކީ އެކަކު އަނެއްކެއްގެ ހިތާމައިގެ ބައިވެރިންނެވެ. ސިއްރުވެރިންނެވެ. ދެބެއިންވެސް ތިބެނީ ވާހަކަދައްކައިލާން އެކަނި ވެލެވޭ ވަގުތުކޮޅެއްގެ އިންތިޒާރުގައެވެ. ރަބީޢާގެ އާދަތަކާއި ޚިޔާލުތަކުގެ އަސަރު އޭނާގެ ދަރިފުޅަށް ކުރަމުންދާ ކަމުގެ އިހުސާސް މާރިޔާއަށްވެސް ކުރެވެއެވެ. އޭނާގެ އެއް ޝަކުވާއަކީ އާދީއްތަ ދުވަހު އަޅުކަން ކުރަން ފައްޅިއަށް ދިއުމުގެ ބަދަލުގައި ގިނަ އެންޖެލާ ގިނަ ވަގުތު އޭނާގެ ދައްތަޔާއެކު ހޭދަކުރާކަމުގެ ޝަކުވާއެވެ. އަދި ރަބީޢާ ފަދައިން މީހަކާ ބައްދަލުކުރާންވެސް ބޭނުން ނުވާތީ އެ ޝަކުވާވެސް ކުރެއެވެ. މާރިޔާގެ ރުޅިގަނޑު ކޮޅުންލީމާ ރަބީޢާއާ ދިމާއަށް ހިތުހުރި އެއްޗެއް ކިޔައި ނިންމައިފައި، އޭނާޔާ ދުރުގައި ހުންނާށޭ އެންޖެލާއަށް އަންގައެވެ. އެކަމަކު މައިވަންތަ ބަލިކަށިކަމަކީ ކޮބައިކަން އެންޖެލާ ދަނެއެވެ. އޭނާ ހަދާ ގޮތަކީ ބަލިވީ ކަމަށް ހެދިގެން އެނދުގައި އޮށޯވެ ކެއިން ބުއިމުން ދުރުވެގަންނަނީއެވެ. އޭނާ ރުއްސަން އެތައް މަސައްކަތެއް ކުރުމަށް ފަހު ނަތީޖާއެއް ނުނުކުތީމާ މާރިޔާ ތެދުވެގެން ދަމުން ބުނެއެވެ. [ރަބީޢާއެވެ. ކަލޭ ނުބުނަނީސް މީނާ ކާ އެއްޗެއްގެ ރަހަވެސް ނުބަލާނެކަން އަހަންނަށް އެނގެއެވެ. ކަލޭ މީނަޔަށް ހެދީ ކޮން ބާވަތެއްގެ ފަންޑިތައެއްކަމެއްވެސް ނޭނގެއެވެ. ނުކައި އޮވެ އަނެއްކާވެސް ނިދައިފާނެއެވެ. މިހާރުވެސް ހީވަނީ ކަށިގަނޑެއްހެންނެވެ. މީނާ ހީކުރަނީ އަހަރެން މިއީ ދުޝްމިނެއް ކަމަށެވެ. ރަބީޢާއެވެ. އަހަރެން ކަލެޔާ ދިމާއަށް ކިޔައިގެން ނުވާ ކަހަލަ އެއްޗެކޭ އެބަ ކިޔަން ހެއްޔެވެ؟ ދޮން އަމައަކަށް މިވަރުގެ ހައްގެއްވެސް ނެތީ ހެއްޔެވެ؟]
މާރިޔާ ކުދި ކިޔަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ކުޑަ އިރުކޮޅެއް ފަހުން ނޯކަރަކު އައިސް ބުނެއެވެ. [ދެބެއިން ފޯރީގައި އެބަ ފަރީއްކުޅުއްވައެވެ.]
މިފަދަ ކަންތައްގަނޑަކަށް ފަހު ހައެއްކަ ދުވަސް އަމާންކަމާއެކީ ވޭތުވެގެން ހިނގައިދެއެވެ. ދެބެއިން ދައްކާ ވާހަކަ އަޑުއަހަން މާރިޔާ މަސައްކަތް ކުރެއެވެ. އެކަމަކު އެންޖެލާ އޭނާގެ ދައްތަ ގާތުން އަރަބި ބަސް ދަސްކޮށްފިއެވެ. އަންދަލުސްގެ ކްރިސްޓިއަން ސަރުކާރުން ވަނީ އަރަބި ބަސް ބޭނުންކުރުން އެބައިމީހުންގެ ވެރިކަން އޮތް ހުރިހައި ތަނެއްގައި މަނާކޮށްފައެވެ. ދެބެއިން އަރަބިބަހުން ވާހަކަދައްކާތީ މާރިޔާ އަބޫ ދާވޫދް ގާތު ޝަކުވާ ކުރެއެވެ. އަބޫ ދާވޫދް ބުނާ ގޮތުގައި އެއީ ފައިދާ ހުރި ކަމެކެވެ. އަރަބި ބަސް ދަސްކޮށްގެން ސަރުކާރަށް ޚިދުމަތްކުރުމަކީ އެންޖެލާއަށް ކުރެވިދާނޭ ކަމެކެވެ. ނާޒުކު ދަނޑިވަޅެއް އަތުވެއްޖެނަމަ ދުޝްމިނުންގެ ސަފުތަކުގައި ބައިބައިވުން އުފައްދަން އެކަހަލަ މީހަކުގެ ބޭނުން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަދުގެ ކެއުމުގައި ބައިވެރިވުމުގެ ވާހަކަ މާރިޔާ ދެއްކީމާ އެއްވެސް ޖަވާބެއް ނުދީ އެންޖެލާ ފުރަތަމަ ދިޔައީ އޭނާގެ ދައްތަ ގާތަށެވެ. [ދައްތާއެވެ. އަހަރެން އެތަނަށް ދާކަށް ބޭނުމެއް ނޫނެވެ. އެމީހުން ދައްކާ ވާހަކަ އަޑު އަހަން އިނުމަކީ އަހަންނަށް ކެތް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.]
ރަބީޢާ ބުންޏެވެ. [ކޮއްކޯއެވެ. ތިޔައީ މަޖުބޫރުވެފައި އޮތް ކަމެއް ނޫން ހެއްޔެވެ. ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ ފުރުސަތެއް އަދި އަހަރެމެންނަކަށް ނުލިބެއެވެ. އެތަނަށް ދާށެވެ. އައު ކަމެއް އެނގުމަކީވެސް ދުރުކަމެއް ނޫނެވެ.]
ރަބީޢާގެ ކޮޓަރިން އެންޖެލާ ނުކުތްއިރު ބޭރުގައި މާރިޔާ ހުއްޓެވެ. އޭނާ ނުރުހިފައި ބުންޏެވެ. [ކަލާނގެއަށްޓަކައި ބުނަމެވެ. އަހަންނަށް ދަތި ނުކުރާށެވެ. ޖޯން މައިކަލަކީ ނުލާހިކު މަތީ ދަރަޖައިގެ ބޮޑެކެވެ. އޭނާޔާ ވާހަކަ ދައްކައިލެވުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށް އިސްޕޭނުގެ އެންމެ މަތީ ދަރަޖައިގެ އަންހެނުންވެސް ދެކެއެވެ. ދަރިފުޅަކީ އަދި ޒުވާނެކެވެ. ދަރިފުޅުގެ ކުރިމަގާމެދު މަންމަ ވަރަށް ބޮޑަށް ފިކުރުކުރަމެވެ. މި ކަހަލަ ދަނޑިވަޅެއް ލިބޭނީ ވަރަށް މަދުންނެވެ. ޖޯން މައިކަލްގެ އަނބިމީހާ މަރުވެއްޖެއެވެ. ލޯޝާގެ އިއްޒަތްތެރި އަންހެނުން އޭނާގެ ސަމާލުކަން ހޯދަން ކުރާ މަސައްކަތް މިއަދު ދަރިފުޅަށް ފެންނާނެއެވެ.]
އެންޖެލާ މޫނު ކުނިކޮށްލިއެވެ. [މަންމާއެވެ. ތިޔަ ކަހަލަ ވާހަކަ ދައްކަންޏާ އޭނާގެ ކުރިމައްޗަކަށް އަހަންނެއް ނުދާނަމެވެ.]
މާރިޔާ އުއްމީދުން ފުރިފައިވާ ރާގަކަށް ބުންޏެވެ. [އެންޖެލާއެވެ. ތިޔައީ ނުލާހިކު ވިސްނުން ތޫނު ކުއްޖަކީމުއެވެ. އެއްވެސް ކަމެއް ކުރާކަށް މަންމަ މަޖުބޫރެއް ނުކުރާނަމެވެ. އެކަމަކު ގެއަށް އަންނަ އިއްޒަތްތެރި މެހުމާނަކަށް އިހުތިރާމުކުރުމަކީ ދަރިފުޅުގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. އޭނާއަކީ ރަސްގެފާނު ނައިޓެއްގެ ދަރަޖަ ދެއްވައިފައިވާ މީހެކެވެ. ޞަލީބުގެ މުހާފިޒުންގެ ތެރޭގައި ހިމެނޭ މީހެކެވެ.]
[މަންމަގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން އަހަރެން ހިނގައިދާނަމެވެ. އެކަމަކު ތިޔަ ބުނާ މީހެއްގެ މައްޗަކަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ކުށެއް ނެތް މައުސޫމް އަންހެން ކުދިންގެ އަބުރު ނަގާލައި އިއްފަތްތެރިކަން ލޫޓުވައި އެކުދިންގެ ލެއިން ފެންވަރައިގެން ތިބޭ މީހުން ދެކެ އަހަރެން ނިހާޔަތަށް ރުޅި އާދެއެވެ.]
[ރަބީޢާ ތިޔަހަރީ ކަލޭ ދީނުން ބޭރު ކުރުވައިފައެވެ.]
އެންޖެލާ ބުންޏެވެ. [މައުސޫމް ޅަދަރިން މަރައި، ކުށެއް ނެތް މީސްމީހުން ގަތުލުކޮށް ބާޒާރުމަތީގައި އަންހެނުންގެ ހުރުމަތް ކަނޑައިލުމުގެ ހުއްދަ އެއްވެސް ދީނަކުން ދޭނަމަ އެ ދީނަކަށްވެސް އަހަރެން ނަފުރަތު ކުރަމެވެ.]
މާރިޔާ ރުންކުރު ގޮތަކަށް ބުނެލިއެވެ. [އެންޖެލާއެވެ. ކަލޭގެ ބައްޕަ ރަށުގައި ނެތިދާ ދުވަސްވަރު މި ސަހަރުގެ ގަވަރުނަރުކަން ކުރާނީ ޖޯން މައިކަލެވެ. އޭނާގެ ފަރާތުން ހެޔޮ ކަމެއް އޮންނާނީ އަހަރެމެން އޭނަޔާ ގާތްވީ ވަރަކުންނެވެ. އަވަހަށް ތައްޔާރުވާށެވެ. މެހުމާނުން އަންނަ ގަޑި އެހެރަގެން ޖެހެނީއެވެ.]
(3)
ކައި ނިމިގެން މެހުމާނުން ނުކުންނާން ފެށުމާއެކު އެންޖެލާ ސިއްރުސިއްރުން ނުކުމެގެން ވަގު ފިޔަވަޅު އަޅަމުން އައިސް ރަބީޢާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ސިހުން އެކުލެވިފައިވާ އަޑަކުން ބުންޏެވެ. [ދައްތާއެވެ. އަހަރެން މިހިރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އޭނާ އަހަންނާ ދިމާއަށް ބަލަމުން ގެންދިޔައީ ވަގު ބުޅަލެއް ތެތް މަސްގަނޑަކަށް ބަލާހެންނެވެ. އަދި އަހަރެން ބޭންދީވެސް އޭނާގެ ގާތުގައެވެ. އޭނާ އިނީ ރާބޮއިގެން ފިސާރިއަކަށް އަމަލުވެގެންނެވެ. އޭނާ އުޅޭނީވެސް މި ގަނޑުވަރުގަޔޯލައެވެ. ދައްތާއެވެ. އަހަރެން ވަރަށް ބޮޑަށް އެބަ ބިރުގަނެއެވެ. އޭނާ ބުނި ގޮތުގައި ގްރަނާދާގެ ލަޝްކަރުން މިތަނާ ތިރީހަކަށް މޭލު ދުރުގައި އޮތް ތަނެއް ހިފައިފިއެވެ. އެތަނަށް އަހަރެމެންނަށް ދެވޭނެނަމަ ކިހައި ރަނގަޅު ހެއްޔެވެ؟]
ރަބީޢާ އޭނާގެ ހިތް ހަމަޖައްސައި ދިނުމުގެ ގޮތުން ބުންޏެވެ. [ކޮއްކޯއެވެ. ދެރަނުވާށެވެ. އަހަރެމެންގެ ހާލު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެން ވެއެވެ. އެކަލާނގެ އަހަރެމެންނަށް އެހީތެރިވެވޮޑިގަންނަވާނެއެވެ.]
(ނުނިމޭ)
