އިސްރާއީލުގެ ނިޔަތަކީ މުޅި ފަލަސްޠީނު ކޮންޓުރޯލުކުރަން: އދ. ގެ ރިޕޯޓު

ފަލަސްޠީނުގެ ބިންތަކުގެ މައްޗަށް އަތްގަދަކޮށްގެން އުޅޭ ޔަހޫދީ ދައުލަތް، އިސްރާއީލުން ބޭނުންވަނީ މުޅި ފަލަސްޠީނު ކޮންޓުރޯލުކުރަން ކަމުގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ. މިހެން ބުނެފައި ވަނީ 2021 ވަނަ އަހަރު އިސްރާއީލުން ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކަށް ފަހު، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރްސީ) އިން އުފެއްދި ތަހުގީގީ ކޮމިޝަނަކުން ތައްޔާރުކޮށް ނެރުނު ރިޕޯޓުގައެވެ.

ރިޕޯޓުގައި ހެއްކާއެކު ހާމަކޮށްފައިވާ ގޮތުގައި ފަލަސްޠީނުގެ ބިންތައް "ހިފައިގެން އޮތުން ނިމުމަކަށް ގެންނަން" އިސްރާއީލުން ބޭނުން ނުވެއެވެ. އަދި އެ ގައުމުން ބޭނުންވަނީ 1967 އަހަރު ހިފި ފަލަސްޠީނުގެ ބިންތަގެ "ފުރިހަމަ ކޮންޓުރޯލު" ދެމެހެއްޓުމަށެވެ.

ރިިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ފަލަސްޠީނުގެ ބިންތަކުގައި ހަރުކަށި އަމަލުތަކާއި ހަމަނުޖެހުންތައް މެދުނުކެނޑި ކުރިއަށްދާ މައިގަނޑު ދެ ސަބަބަކީ އިސްރާއީލުން އެ ބިންތައް ހިފައިގެން އޮތުމާއި، ފަަލަސްޠީނު މީހުންނާ ދެކޮޅަށް ގެންގުޅޭ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތެވެ.

ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ މަގާމުގައި ކުރިން ހުންނެވި ދެކުނު އެފްރިކާގެ ރައްޔިތެއް ކަމުގައިވާ ނަވީ ޕިއްލޭގެ ރިޔާސަތުގައިި އެކުލަވާލާފައިވާ ޚާއްސަ ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި މީގެ ކުރިން އދ.ން އެކުލަވާލި ކޮމިޝަންތަކުން ތަންފީޒުކުރަން އެދިފައިވާ އެއްވެސް ކަމެއް އިސްރާއިލުން ތަންފީޒުކޮށްފައި ނުވެެއެވެ.

"ތަންފީޒު ނުކުރިއަސް ލިބޭނެ އަދަބެއް ނެތްކަން ގަބޫލުކުރާ އުސޫލުން އިސްރާއީލުން އަަމަލުކުރަމުންދޭހަވަނީ ފަލަސްޠީީނުގެ ބިންތައް ދޫކޮށްލުމުގެ ނިޔަތެއް އިސްރާއީލުގެ ނެތްކަން." ރިޕޯޓުގައި ބުނެފައި ވެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން ފަލަސްޠީނުގެ ބިންތައް އިސްތިއުމާރުކޮށްގެން އޮތުން ނިމުމަކަށް ގެނައުމުން އަދި ނުފުދެއެވެ. ފަލަސްޠީނު މީހުންނަށް ހަމަހަމަކަމާއެކު އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ވެސް އިންސާފުވެރި ހައްލަކަށް މުހިއްމު ކަމެކެވެ.

އިސްރާއީލުން ފަލަސްޠީނު މީހުންނަށް ހަމަހަމަ ހައްގުތައް ކަށަވަރުކޮށްދޭން ބޭނުންނުވާ ކަމުގެ އެއް މިސާލަކީ އިސްރާއީލުގެ ރައްޔިތުންނާ ކައިވެނިކުރާ ފަލަސްޠީނު މީހުން އިސްރާއީލުގެ ރައްޔިތުންނަށް ވުމުގެ ހައްގުން މަހުރޫމުކުރުންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ޣައްޒާގައި ވެރިކަންކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އިިން ވަނީ މި ރިޕޯޓަށް މަރުހަބާކިޔާފައެވެ. އަދި ހަމާސްއިން ވަނީ އިސްރާއީލުގެ ވެރިން ހިންގާފައިވާ ޖަރީމާތަކަށް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވައިލާފައެެވެ.

ފަލަސްޠީނު ސަރުކާރުންވެސް ރިޕޯޓަށް މަރުހަބާކިޔާފައި ވާއިރު، އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރިޕޯޓުން "ފައިސާއާއި މަސައްކަތް ބޭކާރުވުން" ނޫން އެހެން ކަމެއް ހާސިލުނުވާ ކަމުގައެވެ.

އަންނަ ހަފުތާގައި ސުވިޒަލޭންޑުގެ ޖެނީވާގައި ފެށުމަށް ހަމަޖެހިފައިވާ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށް މި ރިޕޯޓު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.