ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް މިއަދު އެކުލަވާލައްވައިފިއެވެ.
މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ޤައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިޔުމުގައްޔާއި އަދި ޤައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، މަޝްވަރާ ހޯއްދަވަންޖެހޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމަށްޓަކައި، "ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި މިއަދު އުފެއްދެވި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
1. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީން، މއ.އާނުވެލި
2. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް، މ.ސިލްވަރކްލައުޑް
3. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ
4. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު، މ.ލޮނުވެލި
5. ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ހ.ރާޅާހާ
6. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ލަޠީފު، މއ.ކިނބި
7. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ހ.މީރުބަހުރުގޭއާގެ
8. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ، މ.މަޚްމާވިލާ
9. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، ހ.ހިކިފިނިފެންމާގެ
10. ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު، މއ.ވިލުވެލި
11. ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު، އަލިމަސްގެ، ހއ.އުތީމު
12. ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރު، މއ.ކަށިމާ
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްޞަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން އިޢުލާން ކުރައްވާފައެވެ.
