އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނު އަންހެނަކު މަރާލައިފި

ޣުފްރާން ވަރާސިނާގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވި

ހުޅަނގު އައްސޭރީގެ އަރޫބް ރެފިއުޖީ ކޭންޕުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ ޒުވާން އަންހެނަކު މަރާލައިފިއެވެ. ސީދާ މެއަށް ބަޑިޖަހައި މަަރާލާފައި ވަނީ އުމުރުން 31 އަހަރުގެ ނޫސްވެރިއެއް ކަމުގައިވާ ޣުފްރާން ޙާމިދު ވަރާސިނާއެވެ.

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ "ވަޅިއެއް ހިފައިގެން ސަލަމާތީ މަސައްކަތްތަކެއް ކުރަމުންދިޔަ އިސްރާއީލީ ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ސިފައިންގެ ބައަކާ ދިމާއަށް ދާންފުށުމުން އޭނާގެ ގަޔަށް ބަޑިޖެހީ" ކަމުގައެވެ. ޣުފްރާންގެ މަންމަ ބުނި ގޮތުގައި ހެނދުނު 7:30 (ރާއްޖޭ ގަޑިން ހެނދުނު 9:30) ގައި ގެއިން ނުކުމުގެން އޭނާ ދިޔައީ އޭނާ ވަޒީފާ އަދާކުރާ ރޭޑިޔޯ ސްޓޭޝަނަށް ދިއުމަށެވެ.

މަންޒަރު ދުށް މީހަކު އަރަބި ބައެއް ޓީވީ ޗެނެލްތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ޣުފްރާން އަތުގައި އޮތީ ކުޑަ ވަޅިއެއް ކަމަށާ، އެއީ އިސްރާއީލު ސިފައިންނަށް ނުރައްކަލަށް ވާވަރުގެ އެއްޗެއް ނޫންކަމަށެވެ.  

ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގަައި، ޣުފްރާންގެ ގަޔަށް ބަޑިޖެހުމުން ވެއްޓުނު ގޮތަށް އަޅާލުނެވި އެތައް އިރަކު މަގުމަތީގައި އޭނާ އޮތެެވެ. އިސްރާއީލު ސިފައިން ވަނީ ރެޑް ކްރެސެންޓްގެ އެހީތެރިންނަށް އޭނާއާއި ހަމަައަށް ދިޔަނުދީ ވިއްސަކަށް މިނިޓަށް ހިފަހައްޓާފައެވެ. އޭނާ އިތުރަށް މައުލޫމާތު ދިން ގޮތުގައި ޣުފްރާންއަށް ރޭޑިޔޯ ސްޓޭޝަނުން ވަޒީފާ ލިބުނީ އޭނާ މަަރުވުމުގެ ތިން ދުވަސް ކުރިންނެވެ.

ރެޑް ކްރެސްންޓުގެ އެހީތެރިން ވަނީ އަލްޚަލީލު (ހެބްރޯން) ގެ އަލްއަހްލީ ހޮސްޕިޓަލަށް އޭނާ ގެންގޮސްފައެވެ. އެހެންނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފައެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ވަޒަން އަރާފައި ވަނީ ޣުފްރާންގެ ހިތަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްއާއި އިސް ސިޔާސި ލީޑަރުން ވަނީ ފަލަސްޠީނު މީހުންނާ ދެކޮޅަށް ފުރާނައަށް ނުރައްކާވާފަދަ ބާރުގެ ބޭނުން ކުރުމަށް އިސްރާއީލު ސިފައިންނަށް ހިތްވަރުދީފައެވެ. އަދި ފަލަސްޠީނުގެ އެއްވެސް މީހެއްގެ ފަރާތުން ސިފައިންނަށް ނުރައްކަލެއް ކުރިމަތިވާހެން ހީވާނަމަ އެމީހެއްގެ ގަޔަށް ބަޑިޖެހުމަށް ހިތްވަރުދީފައެވެ.

ފަލަސްޠީނުގެ ޚަބަރުފަތުރާ ތަފާތު ވަސީލަތްތަކުގައި މަަސައްކަތްކޮށްފައިވާ ޣުފްރާން ވަރާސިނާއަކީ ހެބްރޯން ޔުނިވަސިޓީ (ޖާމިޢަތުލް ޚަލީލް) އިން އިންފޯމޭޝަންގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ ނޫސްވެރިއެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.