އިސްރާއީލުން މިއަހަރުގެ މިހާތަނަށް ފަލަސްޠީނުގެ 77 ކުޑަކުދިން މަރާލާފައިވޭ

އިސްރާއީލު ސިފައިން ފަލަސްޠީނުގެ ކުޑަކުއްޖަކު ހައްޔަރުކޮށްގެން ގެންދަނީ

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އިސްރާއީލުގެ އިސްތިއުމާރީ ސަލާމަތީ ބާރުތަކުން މިއަހަރުގެ މިހާތަނަށް ފަލަސްޠީނުގެ 77 ކުޑަކުދިން މަރާލާފައިވާ ކަމަށް ކުޑަކުދިންގެ ހައްގުތަަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތަކުން ބުނެފިއެވެ.

"މިއަހަރު ފެށުނީއްސުރެ މިހާތަނަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ފަލަސްޠީނުގެ 77 ކުޑަކުދިން ޝަހީދުވެފައިވާކަން މި ޖަމްއިއްޔާއަށް ވަނީ ކަަށަވަރުވެފައި. އޭގެ ތެރޭން 61 ކުދިން މަރާލާފައި ވަނީ ޣައްޒާގައި. އަދި 16 ކުދިން އިރުމަތީ ޤުދްސާއި ހުޅަނގު އައްސޭރީގައި." އިއްޔެ ފާހަގަކުރި ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަަތުގައި 'ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް- ޕެލެސްޓައިން' އިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިސްރާއީލުން ދަނީ 500 އާއި 700 އާ ދެމެދުގެ އަދަދަކަށް ފަލަސްޠީނުގެ ކުޑަކުދިން ހައްޔަރުކޮށް އެކުދިންގެ މައްޗަށް އަސްކަރީ ކޯޓުުތަކުގައި ޝަރީއަތް ހިންގަމުންނެވެ.

"2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްޠީނުގެ ގާތްގަނޑަށް 2200 ކުޑަކުދިން މަރާލާފައިވޭ." އެ ބަޔާނުގައި ވެއެވެ.

އެ ޖަމްއިއްޔާއިން އިތުރަށް ބުނެފައިވާ ގޮތުގަައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިފާފައިވާ ބިންތަކުގައި ކޮންމެ ދުވަހަކު ހިންގާ ގަތުލުކުރުމާއި، ހައްޔަރުކުރުމާއި، އަނިޔާކުރުމާއި، ގޭގެއަށް ވަދެގަތުމާއި، ތައުލީމީ މުއައްސަސާތަކަށް ހަމަލާދިނުން ފަދަ އަމަލުތަކުގައި އެންމެ ބޮޑު އަމާޒަކަށް ވަނީ ފަލަސްޠީނުގެ ކުޑަކުދިންނެވެ.

އަނެއްކަޮޅުން، ފަލަސްޠީނުގެ ގައިދީންނާ ގުޅޭ މައްސަލަަަތަކުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމާއަތެއް ކަމުގައިވާ ޕެލެސްޓީނީނިއަން ޕްރިޒަނާސް ސޮސައިޓީން އިއްޔެ ބުނި ގޮތުގައި އިސްރާއީލުގެ ސަލަމާތީ ބާރުތަކުން މިއަހަރު ފެށުނީއްސުރެ މިހާތަނަށް ފަލަސްޠީނުގެ 1149 ކުޑަކުދިން ހައްޔަރުކޮށްފައި ވެއެވެ. އެ ޖަމާއަތުން ބުނިގޮތުގައި އޭގެ ތެރޭން ގިނަ ކުދިން ދޫކޮށްލާފައި ވީނަމަވެސް، އަދިވެސް އިސްރާއީލުގެ ތިން ޖަލެއްގައި 160 ކުއްޖަކު ބަންދުކޮށްފައި އެބަތިއްބެވެ.

ހައްޔަރުކުރި ކުޑަކުދިންެގެ ތެރޭން ތިންބައިކުޅަ ދެބައި ކުދިންނަށް ޖިސްމާނީ އަނިޔާކޮށްފައިވާއިރު، ހައްޔަރުކުރި ހުރިހާ ކުދިންނަށްވެެސް ނަފްސާނީ އަނިޔާ ލިބިފައިވާކަން އެ ޖަމާއަތުން ފާހަގަކުރެއެވެ.

ގައިދީންގެ ހައްގުގައި މަސައްކަތްކުރާ އެ ޖަމާއަތުން އިތުރަށް ބުނެފައިވާ ގޮތުގައި 2000 ވަނަ އަަަހަރުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފަލަސްޠީނުގެ 10 އަހަރާ 18 އަހަަރާ ދެމެދުގެ 19000 ކުޑަކުދިން ހައްޔަރުކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.