ހިފާފައިވާ ހުޅަނގު އައްސޭރީގެ މެދުތެރޭގައި ހުރި 2000 ޒައިތޫނި ގަސް އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު އުފުރާލައިފި ކަމުގައި ފަލަސްޠީނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ހުޅަނގު އައްސޭރީގެ ސަލްފީތު ޑިސްޓްރިކްޓްގެ އަވަށެއް ކަމުގައިވާ ދޭރް ބަލޫޠުގެ މުނިސިޕަލްޓީގެ ރައީސު ޔަޙްޔާ ޢައުދާ ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިންގެ ބަޔަކު ދަނި އެ އަވަށުގެ ހުޅަނގުގައި ހުރި ޒައިތޫނި ގަސްތައް އުފުރަމުންނެވެ.
އިސްރާއީލުން ދައުވާކުރަނީ އުފުރާލި ގަސްތައް ހުރީ ޕެލެސްޓައިން ލިބަރޭޝަން (ޕީއެލްއޯ) އާއި އިސްރާއިލާ ދެމެދު 1995 ވަނަ ސޮއިކުރި އޮސްލޯ އެއްބަސްވުމުންތަކުގެ ދަށުން ގިންތިކުރެވިފައިވާ 'ސީ' ގިންތީގެ ބިމެއްގައި ކަމަށް އިސްރާއީލުން ދައުވާކުރާ ކަމުގައި ޢައުދާ ވިދާޅުވިއެވެ.
އެހެންމަވެސް، އުފުރާލި ގަސްތައް ހުރީ ފަލަސްޠީނު މީހުންގެ އަމިއްލަ ބިމުގައި ކަމަށް އެމީހުން ބުނެއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޒައިތޫނި ގަސްތައް އުފުރާލާނެކަން އިސްރާއިލުން ވަނީ ފާއިތުވި އަހަރު ދަނޑުވެރިންނަށް އަންގާފައެވެ. އެހެންނަމަވެސް، އޭނާ ހަމާކުރެއްވި ގޮތުގައި، މިމައްސަލަ އަދިވެސް އޮތީ އިސްރާއީލުގެ ކޯޓުގައެވެ. އަދި މިކަމުގައި ކޯޓުން ގޮތެއް ނިންމާފައި ނުވެއެވެ.
ޢައުދާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބޭނުމަކީ ޔަހޫދީ އާބާދީތައް ބިނާކުރަން އެ ބިން ހުސްކުރުމެވެ.
1995 ގައި ސޮއިކުރި އޮސްލޯ އެއްބަސްވުމުގައި ވާގޮތުން ހުޅަނގު އައްސޭރީގެ ބިންތައް ވަނީ ތިން ގިންތިއަކަށް ބަހާފައެވެ. އެއީ ފަލަސްޠީނުގެ ބާރު ހިނގާ 'އޭ' ގިންތީގެ ބިމާއި، ސަލާމަތީ ކަންކަން އިސްރާއީލުން ބަލަހައްޓާ، އިދާރީ ކަންކަން ފަލަސްޠީނުން ބަލަހައްޓާ 'ބީ' ގިންތީގެ ބިމާއި، ހަމައެކަނި އިސްރާއީލުގެ ބާރު ހިނގާ 'ސީ' ގިންތީގެ ބިމެވެ. މި ގިންތީގައި ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް %61 ބިން ހިމެނެއެވެ. މި ގިންތީގައި އިސްރާއީލު ސަރުކާރުގެ ހުއްދަ ނެތި ފަލަސްޠީނު މީހުން އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ.