ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި، ކުނި އުފެދޭ ސަބަބުތަކުން ފެށިގެން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ކަނޑުގެ މާޙައުލު ޙިމާޔަތްކުރުމަށްޓަކައި އުފެއްދުންތެރިންގެ ޒިންމާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ އަންތާލިޔާގައި ބޭއްވި "ހައި-ލެވެލް މީޓިންގ އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގައި ދެއްކެވި ވާހަކަފުޅުގައެވެ.
ތިމާވެށި ޙިމާޔަތްކުރުމަށާއި، ކުނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ދުނިޔޭގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން، ތުރުކީގެ ރައީސްގެ އަނބިކަނބަލުން، އެމިނޭ އުރުދުޣާން އިންތިޒާމުކުރެއްވި މި ބައްދަލުވުމުގައި ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، ކުންޏަކީ އުކާލުމުން އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ޒީރޯ ވޭސްޓް ޙަރަކާތް ހިންގެވުމަށް، އެމިނޭ އުރުދުޣާން ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފު ކުރައްވައި، ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ އަމާޒުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން އެކަމަނާ ހާމަކުރެއްވިއެވެ.
މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން އަޅަމުންދާ ޤާނޫނީ ފިޔަވަޅުތަކުގެ ތެރެއިން، މިދިޔަ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ކުނި ނައްތާލުމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އެ އިޞްލާޙުތަކުގެ ދަށުން ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރި ހުއްދަނެތި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ކުނި ނައްތާލުމަކީ، އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖެފަދަ މުދާ އެތެރެކުރުމަށް ބަރޯސާވާ ޤައުމުތަކުން އުފުލަންޖެހެނީ އެހެން ޤައުމުތަކުގައި އުފައްދައި، ބަންދުކޮށްގެން އެކްސްޕޯޓްކުރާ ކުނީގެ ބުރަ ކަމަށެވެ. އަދި އުފެއްދުންތެރިންގެ ޒިންމާއަކީ މުދާ ވިއްކުމާ ހަމައިން ނިމޭ ކަމަކަށް ވެގެންނުވާނެ ކަމަށާއި، މުދާ ބަންދުކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ޚިޔާރުކުރުމާއި، އައު ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން ކުނިމަދުކުރެވޭނެ އިޤްތިޞާދަކަށް (ސަރކިއުލަރ އިކޮނޮމީއަކަށް) ވާސިލުވުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިވާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ތިމާވެށި ސާފުކޮށް ބެލެހެއްޓުމުގައި އިސްނަގާނެ ޖީލެއް ބިނާކުރުމަށްޓަކައި ކުޑަކުދިން ބާރުވެރިކުރުވުމަކީ މުހިންމު ކަމެއްކަން ހާމަކުރައްވަމުން، ދެމެހެއްޓެނިވި ބަދަލަކަށް ވާސިލުވެވޭނީ އާއިލާތަކާއި ސްކޫލްތައް އަދި މުޖުތަމަޢު އެކުގައި ގުޅިގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ޙަޤީޤީ ބަދަލަކީ ގޭތެރެއިން ފަށައިގެން، ސްކޫލްތަކުގެ ތެރެއިން މޫލައި، މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވާންޖެހޭ އެއްޗެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަސައްކަތްތައް ރަސްމީ ޙައިސިއްޔަތަކުން ފެށިގެން ދިޔައީ މި ބައްދަލުވުމުގެ ތެރެއިންނެވެ. މިއީ 2017 ވަނަ އަހަރު ތުރުކީގެ ރައީސްގެ އަނބިކަނބަލުން، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ އުސޫލުތައް މުޅި ދުނިޔެއަށް ފުޅާކުރުމަށްޓަކައި ސަރުކާރުތަކާއި، އދ.ގެ އިދާރާތަކާއި އަދި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
