ހުޅަނގު އައްސޭރީގައި އިތުރު 4000 ހައުސިން ޔުނިޓް ބިނާކުރަން ބޭނުންވާކަން އިސްރާއީލުން އެމެރިކާއަށް އަންގައިފި

ހިފާފައިވާ އުރްދުން ވާދީގައި ބިނާކޮށްފައިވާ ޔަހޫދީ އާބާދީ، މައާލޭ އެފްރާއިމް

އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ޔަހޫދީ އާބާދީތަކުގައި އިތުރު ހަތަރު ހާސް ހައުސިން ޔުނިޓް ބިނާކުރަން ބޭނުންވާކަން ހަރުކަށި ޔަހޫދީ ސަރުކާރުން އެމެރިކާ ސަރުކާރަށް އަންގައިފިއެވެ. މި މަހު ފަހުކޮޅު މި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށާނެކަމުގައި އިސްރާއީލުން ބުނެފައިވާއިރު، ފަލަސްޠީނު ސަރުކާރުން ދަނީ މިއަމަލު ހުއްޓުމަށް ޔަހޫދީ ދައުލަތަށް ފިއްތުން ކުރިމަތިކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވައިލާފައެވެ.

ރައީސު ބައިޑަންގެ ސަރުކާރުން ވަނީ މިމަކާ ދެކޮޅުހަދާފައެވެ. އަދި މި މަޝްރޫއު މަޑުޖައްސާލުމަށް ނުވަތަ ބިނާކުރާ ހައުސިން ޔުނިޓްތަކުގެ އަދަދު މަދުކުރުމަށް އެދިފައެވެ.

އެމެރިކާގެ ނޭޝަނަލް ސެކުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވިގޮތުގައި، ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު ހައުސިން ޔުނިޓްތައް ބިނާކުރުމަކީ ސުލްހައި ގާއިމުކޮށް، ފަލަސްޠީނުގެ ބިމުގައި މިނިވަން ދެ ދައުލަތު އުފެއްދުމުގެ މަސައްކަތަށް ހުރަސްއެޅޭނެ ކަމެއްކަން އެމެރިކާއިން ވަނީ އިސްރާއީލަށް ސާފުކޮށް އަންގާފައެވެ. އަދި ފަލަސްޠީނު މީހުންނާ މަޝްވަރާކުރުމަކާ ނުލައި އިސްރާއީލުން އެކަނި ނިންމާ މިފަދަ ނިންމުންތަކާ އެމެރިކާ ސަރުކާރުން ދެކޮޅުކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

"ހުޅަނގު އައްސޭރީގައި (ޔަހޫދީ) އާބާދީތައް ބިނާކުރުމާމެދު އަހަރުމެންގެ ހުރި ކަންބޮޑުވުންތައް އަހަރުން ވަނީ މާކުރީއްސުރެ ހާމަކޮށްފައި. އަދި ދެ ދައުލަތުގެ ހައްލަކާ ހަމައަށް ދިއުން އިތުރަށް އުނދަގޫވާނެ އެއްވެސް ފިޔަވަޅެއް އެޅުން އަހަރުމެން ނޭދެން." ކާބީ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު މި ހަފުތާގައި ބޭއްވެވި ކެބިނެޓް ބައްދަލުވުން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ އިސްރާއީލުގެ މި އަމަލު ހުއްޓުވުމަށް ބައިނަލްއަގުވާމީ ފިއްތުންތައް ކުރިމަތިކުރުމަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ހުޅަނގު އައްސޭރި ދެބައިވެގެން ދާނެއެވެ.

ފާއިތުވި ތަނުގައި އިސްރާއީލުގެ ސަރުކާރުތަކުން ވަނީ މިފަދަ މަޝްރޫއުތައް އިއުލާންކޮށްފައި އެއަށް އަމަލުކުރުން މަޑުޖައްސާލާފައެވެ.  އެއީ އެމެރިކާއިން އެކަމާ ކަނޑައެޅިގެން ދެކޮޅުހަދާތީއެވެ. އެހެންނަމަވެސް، މިހާރު އިސްރާއީލުގައި ވެރިކަންކުރާ ހަރުކަށި ޔަހޫދީންގެ ނުފޫޒު ގަދަ ސަރުކާރުން ވަނީ ކުރީގެ ސަރުކާރުތަކަށް ކުރަން ނުކެރުނު މިފަދަ އެތައް ކަމެއް ކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.