ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕު ޕާލަމެންޓްތަކުގެ ގިނަ މެންބަރުންތަކެއް ގޮވާލައްވައިފި

ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައި އިސްރާއީލުން ބިނާކުރަމުންދާ ޔަހޫދީ އާބާދީ، ގިވާތު ޒީވް

ގާނޫނީ ހައިސިއްޔަތެެއް ނެތަސް، އަމަލީ ގޮތުން ފަލަސްޠީނުގެ ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމަށް އެގައުމުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޕާލަމެންޓުގެ 400 މެންބަރުން ގޮވާލައްވަައިފިއެވެ. އެބޭފުޅުން ފާހަަގަކުރައްވާފައިވާ ގޮތުގައި އެމެރިކާގެ ރިޔާސަތާ ޖޯބައިޑަން ހަވާލުވެވަޑައިގަތް މި ދަނޑިވަޅަކީ މިފަދަ ކަމަކަށް ރަނގަޅު ދަނޑިވަޅެކެވެ.

މިކަން ހާމަކޮށްފައި ވަނީ ތަފާތު ސިޔާސީ ފިކުރުތަކަށް ނިސްބަތްވެވަޑައިގަންނަވާ އަދި ތަފާތު ގައުތަކުގެ ގާނޫނުހަދާ މަޖިލިސްތަކާއި ޔޫރަޕިއަން ޕާލަމެންޓަށް ނިސްބަތްވެވަޑައިގަންނަވާ 400 މެންބަރުން ސޮއިކުރައްވާފައިވާ ސިޓީއެއްގައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށާއި، ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލްއަށް ފޮނުވާފައި މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ ސިޔާސަތު ބައްޓަންކުރުމުގައި "ބައިޑަންގެ ސަރުކާރަކީ ހެދިފައިވާ ގޯސްތައް ރަނގަޅުކުރުމަށް ލިބޭ ފުރުސަތެކެވެ."

"އެމެރިކާގެ ކުރީގެ ސަރުކާރުން ވަނީ (މެދުއިރުމަތީގެ) މައްސަލަ ދުވަހަކުވެސް ނުދާހާ ވަރަށް ސުލްހައާ ދުރަށް ގެންގޮސްފައެވެ." ސިޓީގައި ވެއެެވެ.

އެމެރިކާގެ ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްްޕްގެ ސަރުކާރުން ވަނީ އިސްރާއީލު-ފަލަސްޠީނު މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ސިޔާސަތާ މާ ބޮޑަށް ފެެއަށް ޖެހިވަޑައިގެންފައެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ ޤުދްސު (ޖެރޫސަލަމް) އަކީ އިސްރާއީލުގެ "ބައިނުކުރެވޭނޭ" ވެރިރަށް ކަން ގަބޫލުކޮށް އިސްރާއީލުގައި ހުންނަ އެމެރިކާގެ އެންބަސީ ޓެލްއަވީވުން ޤުދްސަަށް ބަދަލުކޮށްފައެވެ. އދ.ގެ ގަރާރުތަކުގައި ވާގޮތުން އަދި ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ގޮތުގައި އިރުމަތީ ޤުދްސަކީ ފަލަސްޠީނުގެ ދައުލަތުގެ ބައެކެވެ.

އދ.ގެ ގަރާރުތަކުގައި ހުޅަނގު އައްސޭރިއަކީ ފަލަސްޠީނުގެ ދައުލަތުގެ ބައެއްކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު، ރައީސު ޓްރަމްޕްގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) އިން ބުނެފައި ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ގާއިމުކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ނުދެކޭ ކަމުގައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު ސުލްހަ ގާއިމުކުރުމަށްޓަކައި ބޮޑުވަޒީރު ބެންޖަމިން ނަަަތަންޔާހޫގެ ސަރުކާރުން ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީ ބިނާކުރުން މަޑުޖައްސާލަން އެއްބަސްވެފައެވެ.

"އެހެންނަމަވެސް، މިންމަތިން ފެންނަ ހަގީގަތަކީ ގާނޫނާ ޚިލާފު ކަމަކަށް ވިޔަސް، އަމަލީ ގޮތުން ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމުގެ މަަސައްކަތް ބާރަށް ކުރިއަށްދާ ތަނެވެ. ޚާއްސަކޮށް ޔަހޫދީ އާބާދީތައް ބިނާކުރުމުގެ މަސައްކަތާއި، ފަލަސްޠީނު މީހުންގެ ގެތައް ތަޅާޅުމުގެ މަަސައްކަތް އިތުރަށް ހަލުވިކޮށްގެންނެވެ." ޕާލަމެންޓުތަކުގެ މެންބަރުންގެ ސިޓީގައި ވެއެވެ.

"ސުލްހައަށް ފުރުސަތު ގެއްލުވާލާ ފަދަ، އެއްފަރާތުން އެކަނި ކުރެވޭ މަސައްކަތްތައް ހުއްޓުވައި، އަދި އަމަލީ ގޮތުން އިސްރާއީލުގެ ބާރުގެ ދަށުގައި ތިިބި އެންމެންގެ ހައްގުތަކާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ބައިޑަންގެ ސަރުކާރާ، ސަރަހައްދުގެ ގައުމުތަކާ، ކަމާ ސީދާ ގުޅުންހުރި ފަރާތްތަކާއެކު ޔޫރަޕުން މަސައްކަތްކުރަން ޖެހެއެވެ." ޔޫރަޕުގެ ގައުމުތަކުގެ ޚާރިޖީވަޒީރުންގެ ކިބައިން އެ ސިޓީގައި އެދިފައި ވެއެވެ.

ރައީސު ބައިޑަން ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ސަރުކާރުން ހުޅަނގު އައްސޭރީގެ މައްސަލައިގައި އެމެރިކާއިން ކުރިން ގެންގުޅުނު ސިޔާސަތަށް ރުޖޫއަވާނެއެވެ. އެހެންނަމަވެސް، އެމެރިކާގެ އެންބަސީ އަލުން ޓެލްއަވީވަށް ބަދަލުނުކުރާނެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.