
މިޤައުމުގެ ސިޔާސީ ހުރިހާ ލީޑަރުން މިހާރު އެންމެ ޖެހިލުންވާ ލީޑަރަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ކަން ކަށަވަރުވެއްޖެ ކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ނާއިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.
ސަޢުދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ 5 އަހަރުގެ ޖަލު ޙުކުމުގެ މުގުލުގައި ހުންނެވި ބޭފުޅަކީ ޖޭޕީގެ ލީޑަރު ކަމަށް ޕީޕީއެމް/ޕީއެންސްގެ ބައެއް އިސްބޭފުޅުން ތުހުމަތުކޮށް ވާހަދައްކަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
ކުރިން އެމްޑީޕިން ދިޔައީ ޤާސިމްގެ އަބުރު ކަތިލަމުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެހެންނަމަވެސް މިހާރު ރައީސް ޔާމީނަށް ސަޕޯޓުކުރާ މީހުން ގެންދަނީ ޤާސިގެ އަގުވައްޓާލައި އަބުރުކަތިލުމަށް މަސައްކަތް ކުރަމުން ކަމަށް ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ވިދާޅުވީ ކިތަންމެ ވަރެއްކޮށްގެންވެސް ޖޭޕީގެ ފިކުރެއް ނައްތައިނުލެވުނު މަމަށެވެ. އެހެންކަމުން "ފުނޑައި ނުލެވުނު" ފިކުރަކީ ޖޭޕީގެ ފިކުރު ކަމަށް އޭނާ ވިދާޅުވިއެވެ.ދުވަހަކަށްވުރެ ދުވަހެއް ދެންދާނީ އެފިކުރު އިތުރުވެ ވަރުގަދަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް ބާރު ސްޕީޑުގައި ޖޭޕީއަށް މެމްބަރޝިޕް ދަނީ އިތުރުވަމުން. ގިނަ އަތޮޅުތަކުން ވެސް މީހުންދަނީ ޕާޓީއަށް ވަންނަމުން. ޕީޕީއެމްއަށް އެކަންޏެއްނޫން ސިޔާސީ ކުޅިކުޅެން އެނގެނީ،" ސަޢުދު ވިދާޅުވިއެވެ.