
އެޕްރީލް 6 ވަނަދުވަހު ރާއްޖޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީޕާޓީ (ޖޭޕި) ގެ ޓިކެޓުގައި އދ. ދަނގެތީ ދާއިރާއަށް ކުރިމަތިލައްވައިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމަށް އެދާއިރާއިން 65-70 ޕަސެންޓާ ދެމެދުގެ މިންވަރަށް ވޯޓުލިބި ގޮނި ކާމިޔާބު ކުރެވޭނެ ކަމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ދަނގެތީގައި މިއަދު ބޭއްވި ނާޒިމްގެ ކެމްޕޭން ޙަރަކާތަކަށްފަހު ވާހަކަ ދައްކަވަމުންނެވެ. ޤާސިމް ވިދާޅުވީ ނާޒިމަކީ ފަސްބައިގައި އެއްވެސް ކިލަނބު ކަމެއްނެތް ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ. އެމްޑީއޭފްގައި އެތައް އަހަރެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ޑިފެންސް މިނިސްޓަރު ކަން ލިބިވަޑައިގެންނެވުމުން އެމަޤާމުގައި ހުންނަވައިގެން ވެސް އެތައް ޚިދުމަތެއް ނާޒިމް ވަނީ ޤައުމަށް ކޮށްދެއްވައިފައި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ނާޒިމްގެ ކެމްޕޭން ޙަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުން ވެސް މިއަދުވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އޭގެތެރޭގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި، ކޮމިޔުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލު ހިމެނިވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޑިޑޭޓުން ގެންދަނީ ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ.