ރާއްޖޭގައި މި ހިނގާ ގިނަ ޕާޓީ ބައިވެރިވެގެން ހިންގާ ވެރިކަމުގެ ނިޒާމް ރާއްޖެޔަށް ފެތޭ ހެއްޔެވެ ؟ ގިނަ ގޮތްގޮތުން ބަލާއިރު ، އެ ނިޒާމަކީ ރާއްޖެފަދަ ކުޑަ އާބާދީއަކަށް ނިސްބަތްވާ ތަރައްޤީ ވަމުން އަންނަ ޤައުމެއްގައި ހިންގަން ހެޔޮވާ ވަރުގެ ނިޒާމެއް ނޫނެވެ. ހިނގަ ހިނގާއޮތް 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއް ބަދަލުކޮށްލީ ، ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ބުނެއެވެ. ރާއްޖޭގައި ހިންގާ އެންމެ ރިސޯޓަކުން ލިބޭ އާމްދަނީންވެސް ދައުލަތް ހިންގޭނެކަމަށް ވަކާލާތު ކުރަމުންނެވެ. އަނިޔާވެރިކަން ހައްދު ފަހަނަޅައިގޮސް ، ޙައްޤުތައް ގެއްލި ބޭސް ސިޓީއަށް ސަލާމްޖަހަން ޖެހެނީކަމަށް ބުނެއެވެ.
އެކިސަބަބާހުރެ ، 30 އަހަރު ދުވަހުގެ ވެރިކަން ބަދަލު ކުރުމަށް ބޭނުންވެފައިތިބި އެތައްބަޔަކު ، އެވަގުތު ތިއްބެވެ. އޭގެ ތެރެއިން ފާޅުކަން ބޮޑުގޮތެއްގައި އިސްސަފަށް ނުކުންނަން ކެރުނީ މަދު ބަޔަކަށެވެ. ކެރިގެން ނުކުތް މީހުންގެ ތެރޭގައި ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ހިމެނެއެވެ. އިނގިރޭސިވިލާތުގެ ލިވަރޕޫލް ޖޯން މޫރެސް ޔުނިވަރސިޓީން މެރިޓައިމް ސްޓަޑީން 1989 ގައި ގްރެޖުއޭޓް ވުމަށްފަހު ، ރާއްޖެ އައިސް ، މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރާ ދެކޮޅަށް އެކިއެކި ލިޔުންތައް ލިޔަން ފެއްޓިއެވެ. ސިޔާސީ ނޫހެއްގެ ގޮތުގައި " ސަންގު " ނޫސް ނެރެން ފެއްޓިއެވެ. ސަރުކާރުގެ ކަރަޕްޝަނާއި އިންތިޚާބީ އޮޅުވައިލުންތަކާބެހޭ އިދިކޮޅު ލިޔުންތަކުން " ސަންގު " ނޫހަކީ އެދުވަސްވަރު މަޝްހޫރު ވެގެންދިޔަ ހަފުތާ ނޫހެކެވެ. އަހަރެއްހާ ދުވަސްވީއިރު ، " ސަންގު " ނޫސް ބަންދުކުރަން ސަރުކާރުން ނިންމިއެވެ. އޭރު މި ލިޔުންލިޔާ ލިޔުންތެރިޔާ ހުރީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޗީފް މީޑިއާ ކޯރޑިނޭޓަރގެ މަޤާމުގައެވެ. " ސަންގު " ނޫސް ބަންދު ކުރަން އެންގުނީ ، ޗީފް މީޑިއާ ކޯރޑިނޭޓަރަށެވެ. އެހެންނަމަވެސް ، އެކަމަށް އޭނާ އިންކާރު ކުރިއެވެ. އެދުވަސްވަރަކީ ނޫސްވެރިކަމުގެ ތޮށިގަނޑު ފަޅާލައި މިނިވަން ނޫސްވެރިކަމަށް އަލިވިލެމުންދިޔަ ދުވަސް ވަރެކެވެ. ޗީފް މީޑިއާ ކޯރޑިނޭޓަރގެ ޒިންމާއަކަށްވެފައި އޮތީ ، ނޫސްވެރިންނާއި ނޫސްތަކަށް މިނިވަންކަމާއެކީ ލިޔެވޭނެ މަގު ދައްކައިދީ އެކަމަށް މަގުފަހިކޮށްދީ ، ނޫސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމެވެ. އޭރު ، އެފަދަ މާޙައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެތައްކަމެއް ، ޗީފް މީޑިއާ ކޯރޑިނޭޓަރ އައީ ކުރަމުންނެވެ. އެހެންކަމުން ، " ސަންގު " ނޫސް އުވައިލުމާ އޭނާ ދެކޮޅު ހެދިއެވެ. ނަތިޖާއަކަށް ވެގެންދިޔައީ ، އަދަބެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ޗީފް މީޑިއާ ކޯރޑިނޭޓަރ ކަމުން އޭނާ ވަކިކޮށް ، ޤައުމީ ކުތުބުޚާނާއަށް ބަދަލު ކުރުމެވެ.
މުޙައްމަދު ނަޝީދުގެ އަމާޒަކީ ވެރިކަން ބަދަލު ކުރުމެވެ. އެކަން ކުރެވިގެން ވެރިކަމަށް އާދެވޭނެ ހުރިހާ ފުރުޞަތަކަށް އޭނާ ހުރީ ބަލަބަލައެވެ. ސިޔާސީ މައިދާނުގައި ބަސްވިކޭ ، އަމުރު ކުރާމީހަކަށް ވުމަށްޓަކައި ، އޮޕޮޗޫނިސްޓެއްގެ ގޮތުގައި ކުރެވެން ހުރި ހުރިހާ ކަމެއް އައީ ކުރަމުންނެވެ. އެކަންކަން ކުރުމުގައި އަނިޔާވިޔަސް ، ހައްޔަރު ކުރިޔަސް ، އަރުވައިލިޔަސް އަދި ޖަލަށްލިޔަސް މައްސަލައެއް ނެތެވެ. އެ ހުރިހާ ކަމަކާ އޭނާ ކުރިމަތި ލިއެވެ. އަމާޒަކީ އެއް އަމާޒެކެވެ. ވެރިކަން ބަދަލުކޮށްފައި ވެރިކަމަށް އެރުމެވެ.
1999 ގައި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަމަށް މުޙައްމަދު ނަޝީދު ހޮވުނު ނަމަވެސް ، ގިނަދުވަހެއް ނުވެ ގޮނޑި ގެއްލި އަނެއްކާވެސް ހައްޔަރަށް ދާން ޖެހުނެވެ. އެ ހައްޔަރުން ސަލާމަތްވުމަށްފަހު ، ސްރީލަންކާ އާއި އިނގިރޭސިވިލާތަށް އަމިއްލަޔަށް އަރުވައިލެވުނެވެ. އަދި ، 2003 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ، އެމްޑީޕީ ، ސްރީލަންކާގައި އުފެއްދިއެވެ.
އެތެރެއާއި ބޭރުގެ ފިއްތުންތަކާހެދި ، ސަރުކާރުން ދޫދީ ، ގިނަޕާޓީ ބައިވެރިވާ ވެރިކަމުގެ ނިޒާމަކަށް ފުރުޞަތު ދިނުމަށް ސަރުކާރުން ނިންމުމާއެކީ ، އެޕްރީލް 2005 ގައި ރާއްޖެ އައިސް އެމްޑީޕީ ރަސްމީ ގޮތުން ރަޖިސްޓަރީކޮށް ، ޕާޓީގެ ޗެއަރޕާރސަންކަމަށް އިސްވެ ، ޞުލްޙަވެރި މަދަނީ ބަސްނޭހުންތަކެއް އިންތިޒާމްކުރެވިގެން ދިޔަދިއުމުގައި އިތުރު މީހުންނާއެކީ ހައްޔަރަށް ދާން ޖެހުނެވެ.
އަލަށް ފާސްކުރި ފެހި ޤާނޫނުގެ ދަށުން އޮކްޓޯބަރ 2008 ގައި ބޭއްވުނު ، ގިނަޕާޓީ ބައިވެރިވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އިދިކޮޅު ކޯލިޝަނަކުން ކާމިޔާބު ކޮށް ، 11 ނޮވެމްބަރ 2008 ގައި ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވިއެވެ.
30 އަހަރުގެ ވެރިކަން ބަދަލުކޮށް ، 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު ވެރިކަމުން ދުރުވާން މަޖުބޫރު ވެވަޑައިގަތެވެ. ސަބަބަކީ ، 30 އަހަރުވީ ޚުދުމުޚުތާރު ވެރިކަން ހިންގި ގޮތަށްވެސް އަދި ، ޤައުމާއި ރައްޔިތުންނަށް ފައިދާވާނެގޮތަށްވެސް ، ވެރިކަން ހިންގަވަން އެނގިވަޑައި ނުގަތުމެވެ. ރައީސް ނަޝީދު ވެރިކަމުން ވަކިވުމަށްފަހު ، ނައިބު ރައީސް ޑރ. ވަޙީދު ވެރިކަމަށް އެރުމާއެކީ ، ޖެހިގެން އައިދުވަހު އަނެއްކާވެސް ރައީސް ނަޝީދު ނުކުމެ ވަޑައިގަތީ ވެރިކަމާ ދެކޮޅަށެވެ. އޭރުގެ ސަރުކާރުގައި ތިބި ބަޔަކު ބުނާގޮތުންނަމަ މުޅި ޤައުމުގައި ހުޅުޖެހިއެވެ. ދައުލަތުގެ އެތައް ޢިމާރާތެއްގައި ހުޅުޖަހައި އަންދައިލިއެވެ.
އެއަށްފަހު ، 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައިވެސް ރައީސް ނަޝީދު ވާދަ ކުރެއްވިއެވެ. އެހެނަސް ، އެ އިންތިޚާބުން ބަލިވެވަޑައިގަތެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޔާމީނެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޢަބްދުﷲ ޤާޒީ ހައްޔަރުކުރެއްވި މައްސަލައިގައި ، ފެބްރުއަރީ 2015 ގައި ރައީސް ނަޝީދުގެ މައްޗަށް 16 އަހަރުގެ ޖަލު ޙުކުމެއް އިއްވުނެވެ. އަދި ޖެނުއަރީ 2016 ގައި ، ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން ، އިނގިރޭސިވިލާތަށް ވަޑައިގެން ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން ވިލާތުގައި ހުންނެވިއެވެ.
ސެޕްޓެމްބަރ 2018 ގައި ބޭއްވުނު ރިޔާސީ އިންތިޚާބު ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙު ކާމިޔާބު ކުރެއްވުމާ ގުޅިގެން ، 2018 ގައި ރައީސް ނަޝީދު އެނބުރި ޤައުމަށް ވަޑައިގަތެވެ. 2019 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ، މައްޗަންގޮޅީ މެދުދާއިރާއަށް ކުރިމަތި ލައްވައި ހަނިގޮތަކަށް ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ހޮވިވަޑައިގަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމް ހޯއްދެވިއެވެ.
ޤާނޫނުހަދާ މަޖިލިސް ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދު އޮންނަންޖެހޭ ގުޅުން ކެނޑެމުންގޮސް ، އެމްޑީޕީގެ ރައީސްކަމުން ވަކިވާން ރައީސް ނަޝީދަށް ޖެހިވަޑައިގަތެވެ. ރައްދުގައި ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންތަކަކާއެކީ ދަ ޑިމޮކްރެޓްސް ގެ ނަމުގައި އެހެން ޕާޓީއެއް ރަޖިސްޓަރީކޮށް ، އެމްޑީޕީ ސަރުކާރާ ދެކޮޅަށް މަސައްކަތް ފެއްޓެވިއެވެ. އެމްޑީޕީ ރޫޅައިލާ ކުދިކުދި ކޮށްލައްވާނެކަމަށް ވިދާޅުވިއެވެ. އެންމެފަހުން ، 13 ނޮވެމްބަރ 2023 ގައި ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުންވެސް އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތެވެ. ދައުލަތުގެ ތިންބާރުގެ ތެރެއިން ޝަރުތު ހަމަވެގެން ލިބިވަޑައިގަންނަވަން އޮތް ދެބާރު ލިބިވަޑައިގަތުމުންވެސް ދައުރު ފުރިހަމަ ކުރުމަށް ފުރުޞަތު ނުލިބި ރައީސް ނަޝީދަށް ޖެހިވަޑައިގަތީ އިސްތިޢުފާ ދެއްވާށެވެ. ރާއްޖޭގެ ތާރީޚަށް ބަލާއިރު ، ރާއްޖޭގެ ރައީސްކަމަށް ވަޑައިގަންނަވާ އެއްވެސް މުޙައްމަދެއް ފަސްއަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައެއް ނުވެއެވެ. މުޙައްމަދު އަމީން އާއި މުޙައްމަދު ނަޝީދާއި މުޙައްމަދު ވަޙީދެވެ.
އެއަށްފަހު އެފްރިކާގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހު ، ރާއްޖެ ވަޑައިގެން އެމްޑީޕީއާ އަނެއްކާވެސް ގުޅިވަޑައިގެން އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބަށް ކުރިމަތި ލައްވައި އެ މަޤާމާ ޙަވާލުވެ ވަޑައިގަތެވެ. އެމްޑީޕީ ހިންގުމުގައި އެއްބައެއްވަންތަކަމުގެ ބަދަލުގައި މިހާރުވެސް ފެންނަނީ ބައިބައިވުމެވެ. ރައީސް ޞޯލިޙާއި ރައީސް ނަޝީދުގެ ފެކްޝަނެއް އުފެދި ، އެއްގަލަކަށް ނޭރި ބައިބައިވެފައިވާ މަންޒަރެވެ.
ލިޔެވި އެދޔައީ ، 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއް ބަދަލުކޮށްލި ސިޔާސީ ލީޑަރެއްގެ ޙަޔާތުން 37 އަހަރެވެ. އޮޕޮޗުނިސްޓެއްގެ ގޮތުގައި ވެރިކަމުގެ ފުރުޞަތުތަކަށް ބަލަބަލައި ، 1989 އިންފެށިގެން މިހާތަނަށް ހޭދަކުރެއްވި 37 އަހަރު ދުވަހުގެ ތެރޭގައި ، ހަމަޖެހުމާއި އަމާންކަމުގެ ނޭވައެއްލާނެ ފުރުޞަތެއް ، ދިވެހި މާޙައުލުން ފެންނާނެ ފަދަގޮތަކަށް އެއްކަމެއްވެސް ބައްޓަންވެފައި އެބަ އޮތް ހެއްޔެވެ ؟ އުޅުއްވި އުޅުއްވުމާއި އުޅުއްވާ ގޮތްކޮޅު ދިވެހިން މިތިބީ ދެކިފައެވެ. މިހާރު އަނެއްކާ އެ އުޅުއްވަނީ " ބޮޑު ބަދަލު " އެއްގެ އަވައިގައި ޖެހިވަޑައިގެންނެވެ. ރައްޔިތުން ބޭނުންވާފަދަ ބޮޑުބަދަލެއް ދިވެހިންނަށް ހޯއްދަވައި ދެއްވުމަށްޓަކައި ސިޔާސީ މައިދާނުގައި ހޭދަކުރެއްވި 37 އަހަރުގެ ނަތީޖާ ސުމެކެވެ. އެފަދަ ސިޔާސީ ފޭލިވުންތަކެއްގެ މައްޗަށް ބިނާވެގެން ރާއްޖޭގައި މިހިނގަމުންދާ ޕާޓީ ނިޒާމުން ރައްޔިތުންނަށް ވާ ފައިދާއެއް ނެތެވެ. ހުރިހާ ފައިދާއެއްވެސް އޮތީ ވެރިކަމަށް އަންނަ ޕާޓީއަށެވެ. ފަސް އަހަރުން އަތުޖެހުނު ވަރަކަށް ކައިގެން ފައިބައިގެން ދިޔައިމަ އެހެން ބަޔަކު އައިސް އަނެއްކާ އިހުވަރު އަރުވައިލަން ވީއެވެ. ޕާޓީ ސިސްޓަމުގައި ވެރިކަމަށް އަންނަން ކުރަންޖެހޭ ހޭދަ ، ވެރިކަމަށް އައުމަށްފަހު އަނބުރާ ދައްކަން ޖެހެއެވެ. ވެރިކަމަށް އަންނަނީ ދަރަނިވެރިކަމުގައެވެ. އެކަމުން ސަލާމަތްވުމަށްޓަކައި ބޭނުންކުރަން ޖެހެނީ ރައްޔިތުންގެ ފައިސާއެވެ. ކޮންމެ ޕާޓީއެއްވެސް ވެރިކަމުން ފައިބައިގެންދަނީ ދެން އަންނަ ބަޔަކު ކަރާހަމަޔަށް ގަންބުވައިލާފައެވެ.
ރާއްޖޭގައި މިހާރު ހިނގަމުންމިދާ ޕާޓީވެރިކަމަކީ ރާއްޖެޔަށް އެންމެ ރަނގަޅު ވެރިކަންތޯ ކަނޑައެޅުމަށް ކުރެވޭ ބަހުސުގައި ދެކޮޅު އެބައޮތެވެ. ދެކޮޅަށް ވާހަކަ ދެއްކެން އެބައޮތެވެ. މާނަޔަކީ ރަނގަޅޭވެސް ބުނެވިދާނެއެވެ. އަދި ގޯހޭވެސް ބުނެވިދާނެއެވެ. މިއީ ، މިއަދު ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ހިތުގައިވެސް އުފެދިފައި އޮތް ސުއާލެކެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޕާޓީއަކީ 800 އަހަރު ވަންދެން ވާރުތަވަމުން އައި ރަސްކަމެއް ބަދަލުކޮށްލި ތާރީޚީ އެނބުރުމެކެވެ. ފުރަތަމަ އުފެދުނު ޕާޓީއަކީ މުތަޤައްދަމް ޕާޓީއެވެ. އެއީ 23 ސެޕްޓެމްބަރ 1951 ގައެވެ. ޕާޓީ އުފެއްދެވީ މުޙައްމަދު އަމީނެވެ. ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަށް ވެވަޑައިގަތީވެސް މުޙައްމަދު އަމީނެވެ. އެހެނަސް ދޮޅުއަހަރެއްހައި ދުވަސްވީ ތަނާ މުޙައްމަދު އަމީން ވެރިކަމުން ދުރުކޮށް ، އަލުން ރަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ މުޙައްމަދު ފަރީދެވެ. އެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރެއްވީ އިބްރާހީމް ނާޞިރެވެ. ޖުމްހޫރިއްޔަތަކަށް ބަދަލު ކުރައްވައި ވެރިކަމަށް ވަޑައިގަތީ އިބްރާހީމް ނާޞިރެވެ. މުޙައްމަދު އަމީނާއި މުޙައްމަދު ފަރީދު އަދި އިބްރާހީމް ނާޞިރާއި މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޕާޓީ ނިޒާމް އޮތީ ވަޅުޖެހިފައެވެ. ޕާޓީ އުފެއްދުން އޮތީ މަނާކުރެވިފައެވެ. އެކަން އެހެން އޮއްވައި ، ޕާޓީ އުފައްދަން ހުއްދަ ކުރެވުނީ މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައެވެ. ޕާޓީ އުފެދި ފުރަތަމަ ވެރިކަމަށް ކޯލިޝަނަކުން އައި ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެވެ. އޮޕޮޗުނިސްޓެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގަތީ ރައީސް މުޙައްމަދު ނަޝީދެވެ. ފުރަތަމަ ޕާޓީ އުފެދުމުގައި އިސް ދައުރެއް އަދާކުރެއްވީވެސް ރައީސް ނަޝީދެވެ. ރައީސް ނަޝީދު އޮޕޮޗޫނިސްޓަކަށްވާ ވަރަށް ގިނަ ސަބަބުތައް މިލިޔުމުން ފާހަގަ ކުރެވޭނެއެވެ.
ފަސްލައްކައެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއްގެ މައްޗަށް ޤާއިމުވެފައިވާ ކުޑަކުޑަ މުޖުތަމަޢަކަށް ޕާޓީ ސިސްޓަމް ނުފެތޭ އެތައް ސަބަބުތަކެއް އެބހުއްޓެވެ. ޕާޓީ ސިސްޓަމުން ހޯދިފައިވާ ކުރިއެރުންތަކުގެ މުޤާބިލުގައި ، މުޖުތަމަޢުގެ ބައިބައިވުން ކަތިލެވިގެން ދިއުމަކީ ، މި އިސްލާމީ އެއްބައެއްވަންތަ ދިވެހިން ބޭނުންވާނެ ކަމެއްނޫނެވެ.
ތިންހަތަރުސަތޭކަ މީހުން ދިރިއުޅޭ ކުދި ރަށްރަށުގެ ޢާއިލާތައް ޕާޓީގެ މަޞްލަޙަތު އިސްކުރެވިގެން ބައިބައިވެގެން ގޮސްފައި އޮތުމަކީ ، ދިވެހި ޤައުމިއްޔަތަށާއި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކަށް ކުރިމަތިވާ ގޮންޖެހުމެކެވެ. ޤައުމީ އެއްބައެއް ވަންތަކަމާއި މުޖްތަމަޢުގެ ލާބަޔާއި މަންފާއަށްވުރެ ބޮޑަށް ޕާޓީތަކުން އިސްކަންދެނީ ޕާޓީގެ ބޭނުންތަކަށެވެ. ޕާޓީގެ ބޭނުންތައް ގޮސް ގޮށްޖެހެނީ ޢާންމު ފަރުދުންގެ މަޞްލަޙަތާއެވެ. ވަޒީފާ ކަމަށްވިޔަސް ވިޔަފާރި ކަމަށްވިޔަސް ފުރުޞަތު ބޮޑުވެގެންދަނީ ޕާޓީގެ ކުދިން ކޮޅަށެވެ. ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކޮށް އޮންނަންޖެހޭ ޙައްޤާއި ދެވޭ އެހީ އޮންނަނީ ޕާޓީގެ ކުދިންނަށްގޮސް ހުސްވެފައެވެ. ޕާޓީއަށް ނިސްބަތްވާ ވަގުން ވައްކަން ކުރިޔަސް ޤާނޫނު އަރާ ހަމައެއް ނުކުރެއެވެ. ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އަދި ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ޕާޓީއާ ދިމާލަށް ދާން ނުވަތަ ޕާޓީގެ ބޮޑަކާ ދިމާލަށް އަތްދިއްކޮށް ސަލާންޖަހަން އޮންނަނީ މަޖުބޫރު ވެފައެވެ. ޕާޓީން ކުރާ ގޯސްކަންކަމުގެ ވާހަކަ ނުދެއްކޭ ވަރަށް ރައްޔިތުންގެ އަނގަ އޮންނަނީ ބަންދު ކުރެވިފައެވެ. މިކަމާގުޅިގެން ބަނގުރޫޓުވެގެން އަވަދިވެގެން ދަނީ މުޅި ދިވެހި ޤައުމެވެ. ހަމަ އެއާއެކީ ހުރިހާ ފައިދާއަކާ މޮޅެއް އޮންނަނީ ޕާޓީ ހިންގަން އިސްކޮށްތިބޭ ފަރާތްތަކަށެވެ.
ޕާޓީއެއް ނެތި 30 އަހަރުވަންދެން ހިނގަމުންދިޔަ ރައީސް މައުމޫނުގެ ވެރިކަމުގައި ، ވެރިކަން ކޮށްފައިވާ ގޮތް ރަނގަޅުކަމަށް ބައެއް މީހުންނަށް ފެންނަ ފެނުމަކީ އެކަމުގައި ސަބަބެއްނެތި ފެންނަ ފެނުމެއް ނޫނެވެ. އޭރު ރައްޔިތުންގެ ބައިބައިވުމެއް ނެތެވެ. ދީނީ ޚިލާފުތަކެއް ނެތެވެ. މިނިވަންކަން ، އެއޮތްވަރަކަށްވުރެ ބޮޑަށް އޮތްކަން ނޭނގި ތިބެ ، ލިބިއޮތް މިނިވަންކަމަކަށް މީހުންތިބީ ފުދިގެންނެވެ. ކުށްކުރާ މީހުން ނިސްބަތުން މަދެވެ. ޒުވާން ޑިމޮކްރަސީތަކުގައި އަންނަ ކުއްލި ބަދަލުތަކަކީ ، ސިޔާސީ ހަލަބޮލިކަމާއި އިޤްތިޞާދީ ހާސްކަމާއި އިޖްތިމާޢީ ބައިބައިވުން އަންނާނެ ބަދަލެއްކަން ޤަބޫލު ކުރަން ޖެހެއެވެ. ރާއްޖެކަހަލަ ކުޑަކުޑަ މުޖުތަމަޢަކަށް އެކަހަލަ ނުރައްކާތެރި ބަދަލު ގެންނަން ޖެހޭނީ މަޑުމަޑުންނެވެ. ސިޔާސީ މުހުތާދުތައް ފުއްދުމަށްޓަކައި ވިސްނައިނުލައި އެޅޭ ފިޔަވަޅުތަކުން ނުކުންނަ ނަތީޖާ މާ ހިތިވާނެއެވެ. ގެއްލުންވެސް ބޮޑުވާނެއެވެ. އޭގެ އެންމެ ރީތި މިސާލަކީ ، ރައީސް ނަޝީދަށް ވެރިކަން ހިންގަން އެނގިވަޑައިނުގެން ، އަދި ޚާއްޞަކޮށް ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލް ގެއްލިގެން ވެރިކަމުން ދުރުވާން މަޖުބޫރު ވުމެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވީ ، " ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ، އެމަނިކުފާނު އިސްތިޢުފާ ދެއްވުންކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް " ރައްޔިތުންނާ މުޚާތަބުކޮށް ވިދާޅުވިއެވެ. އޭގެ މާނަޔަކީ ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ވެރިކަން ކުރެއްވުމަށް ރައީސް ނަޝީދަށް ދަތިވުމެވެ.
30 އަހަރުދުވަހުގެ ވެރިކަމެއް ބަދަލުކުރުމަށް އެމްޑީޕީއަށް ވާގިވެރިވި ސިޔާސީ ލީޑަރުން ނާއުއްމީދުވީ ސަބަބުތަކެއް ނެތިެއް ނޫނެވެ. މިހާތަނަށް އައި އެމްޑީޕީއާޢި ޕީޕީއެމާ އަދި ޕީއެންސީގެ ވެރިކަމުގައިވެސް އެއްގޮތް އަދި އެއީ ގިނަބަޔަކަށް ޤަބޫލު ނުކުރެވޭ ގޮތްތަކެއް އެބަ ހުއްޓެވެ. އެއީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި އިޖްތިމާޢީ ހަމަޖެހުމަށް އިސްކަން ދިނުމުގެ ބަދަލުގައި ކޯލިޝަން ޑީލްތަކާއެކީ ސިޔާސީ ވާދަވެރިކަން އިސްކޮށް ، އަމިއްލަ ފައިދާއަށް ވިސްނައިގެން ވެރިކަން ޙިމާޔަތް ކުރުމަށް އިސްކަން ދިނުމެވެ. ވެރިކަން ލިބުމަށްފަހު ރައްޔިތުންނަށް ވީ ވަޢުދުތައް ހަނދާން ނުހުރުމެވެ. ﷲ ގަންދީ ކުރާ ހުވާގެ މަތިން ހަނދުމަ ނެތުމެވެ.
ރާއްޖެފަދައިން ، އަލަށް ތަޢާރުފް ކުރެވޭ ޑިމިޤްރާތީ ނިޒާމެއް ނުވަތަ ޕާޓީ ސިސްޓަމެއް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކޮށްފިނަމަ ، ޕޮލިޓިކަލް ސައިންޓިސްޓުންނާއި ކޮންސްޓިޓިއުޝަނަލް ރިފޯމަރުން ، އިޚްތިޔާރީ ހަތަރު ހިންގުމެއް ނުވަތަ މޮޑެލެއް ބޭނުން ކުރެއެވެ. އެއީ އެހެން ކުދި ޖޒީރާ ޤައުމުތަކުގައި ބޭނުންކޮށް ކާމިޔާބު ވެފައިވާ މޮޑެލް ތަކެކެވެ. އެ މޮޑެލްތަކުގެ މައިގަނޑު އަސާސަކީ ، ހަމަޖެހުމާއި އަމާންކަން ، އެއްބައެއްވަންތަކަން އަދި ދިމިގްރާތީ ޒިންމާއާއި މަސްއޫލިއްޔަތެވެ. މިއީ އެކަންކަމާނުލައި ނުވަތަ އެއިން ވަކިކުރެވޭ އެންމެ ކަމަކާއެކީ ހަރުދަނާ ވެރިކަމެއް ޤާއިމް ނުކުރެވޭނެ ކަންކަމެވެ. ތިރީގައި ބަޔާންކުރާ މޮޑެލްތައް މިގެނެސްދެނީ ވަރަށް ކުރުކޮށެވެ. ތަފްޞީލުކޮށް ލިޔަންވެއްޖެނަމަ މި ލިޔުން ރޯދަމަހެއްހާ ދިގު ވެދާނެއެވެ.
މައިކްރޮނީސިއާ ، ޕަލައު ، ޓުވަލު އަދި ނައުރޫގައި ބޭނުންކުރި މޮޑެލް
ރާއްޖެފަދަ އާބާދީ ކުޑަ ، ޕެސިފިކްގެ ޤައުމުތަކުގައި ސިޔާސީ ޕާޓީތައް ރަސްމީސިފައެއްގައި ނޯވެއެވެ. ނުވަތަ އިންތިޚާބުތަކުގައި ޕާޓީގެ ރޯލެއް އެއްގޮތަކަށްވެސް ނޯވެއެވެ. އިންތިޚާބުތަކަށް ކެންޑިޑޭޓުން ކުރިމަތިލަނީ ، އަމިއްލަ ޝަޚުޞިއްޔަތު އިސްކޮށް ، އިޖްތިމާޢީ އަދި ޤައުމީ ޚިދުމަތަށް ބަރޯސާ ކުރެވިގެން އުފެއްދޭ މެނިފެސްޓޯއެއް ހިފައިގެންނެވެ. ޕާޓީއެއްގެ ކުލައެއް ނުޖައްސައެވެ. ރައީސަކު ނުވަތަ ބޮޑުވަޒީރަކު ހޮވާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ރާއްޖޭގައި މިހާރު މިއޮންނަނީ ރިޔާސީ ނިޒާމެކެވެ. އެހެނަސް ، ޕާޓީ ބަދަލުކޮށްލަން ވަރަށް ފަސޭހައެވެ. އެހާ ފަސޭހައިން ކޯލިޝަންވެސް ރޫޅެއެވެ. ސިޔާސީ މަޤާމްތައް ޕާޓީގެ މެންބަރުންނަށް ބެހެއެވެ.
މޮރިޝަސް އާއި މޯލްޓާގެ މޮޑެލް
ރާއްޖެފަދަ ކުޑަ ދެ ޤައުމެވެ. މޮރިޝަސްގެ އާގާދީއަކީ 1.2 މިލިއަނެވެ. މޯލްޓާގެ އާބާދީއަކީ 540،000 އެވެ. މި ދެ ޤައުމުގައި ސިޔާސީ ހަލަބޮލިކަމެއް ނެތި ، ވެރިކަން ހިންގަނީ ސަރަޙައްދާއި މުޖުތަމަޢަށް ނިސްބަތްކޮށް ބާރު ޙިއްޞާ ކުރެވޭ މަލްޓިޕާޓީ ޕާލިމެންޓަރީ ނިޒާމަކުންނެވެ.
ނައުރޫ ، ޕަޕިއާ ނިއުގިނީ ، އޮސްޓްރޭލިއާގެ މޮޑެލް
އިންތިޚާބުގައި ވޯޓުލާމީހުން ވޯޓުދޭނީ ކެންޑިޑޭޓުން ދަރަޖަކޮށް ވޯޓުލާ މީހާ އިސްކަންދޭ ތަރުތީބަކުންނެވެ. އެންމެންގެ ވޯޓުން ޖުމްލަކޮށް 50 އިންސައްތަ ލިބޭ ކެންޑިޑޭޓަކީ އެންމެ މޮޅު މީހާއެވެ.
ބާރބަޑޯސް ، މޮރިޝަސް އަދި ބޮޓްސްވާނާއިން ބޭނުންކުރާ މޮޑެލް
މި ޤައުމުތަކުގައި އިކޮނޮމިކް އިންޖީނު ހިންގަނީ ސަރުކާރުންނެވެ. ސިވިލް ސަރވިސް ، ޕޮލިހާއި ޑިފެންސް ، ޖުޑިޝަރީ އަދި ސަރުކާރުގެ ކުންފުނިތަކުގެ އެއްވެސް ކޮންޓްރޯލެއް ވެރިކަމުގެ ބާރަކުން ނުނަގައެވެ. އެ ތަންތަނުގެ މަޤާމުތަކަށް މީހުން ނަގައި ކަނޑައި ގަދަނީ އެތަނަކުންނެވެ. ރަށްފުށުގެ ތަރައްޤީގެ ބަޖެޓް ކަނޑައެޅެނީ ، ބޭނުމަށް އިސްކަންދީގެންނާއި އާބާދީއަށް ބަލައިގެންނެވެ. ޕާޓީގެ ކުލަޖެހިގެންނެއް ނުދެއެވެ.
ރާއްޖޭގެ ޙާލަތަށް ބަލާއިރު ، ސިޔާސީ ޕާޓީތައް އުވައިލުމަކީ ޙައްލެއްނޫންކަމަށް ، ސިޔާސީ ތަޖުރިބާކާރުން ބުރަވެއެވެ. އެހެނީ ، މިހާރުވެސް ވެރިކަމުގެ ބާރުތައް ބައިބައިވެފައި އޮތްގޮތަށް ، ނުރަސްމީ ޖަމާޢާތްތަކުގެ ނުފޫޒާއި ވިޔަފާރިވެރިންގެ ނުފޫޒު ސިޔާސީ ފަރާތްތަކުން ނުވަތަ ސިޔާސީ އޮނިގަނޑުން ވަކިކޮށްލުމަކީ ފަސޭހަ ކަމެއްނޫނެވެ. ރާއްޖެޔަށް ގެންނަ ބަދަލެއް ގެންނަން ވާނީ ހޯދިފައި އޮތް ދިމިގްރާތީ މިނިވަންކަމުގެ ފޮނިމީރުކަން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ ގޮތަކަށެވެ. ހަމައެއާއެކީ ، ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމް މިހާރު ހިނގަމުންދަނީ ، ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ލިބިގެންދާނެ ގޮތަށް ނޫންކަމަށް ، ސިޔާސީ މުފައްކިރުން ބުރަ ވެއެވެ.
