އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލު، މިހާރުން މިހާރަށް ހުއްޓުވައި، ޣައިރުޤާނޫނީ ވަޒަންވެރިވުންތަކާއި ނަސްލީ އިމްތިޔާޒު ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަގުތުން ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، މި ދުވަހަކީ ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ބަޔާންކުރަން ދަތި ވޭނާއި ކެކުޅުންތައް ދުނިޔެއަށް ހަނދާންކޮށްދޭ ދުވަހެއް ކަމުގައެވެ. އެހެންކަމުން، ހަމައެކަނި ބަޔާންތައް ނެރުމުގެ ބަދަލުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ޢަމަލީ ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މިގޮތުން، 1967 ގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެއިތުރުން، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގައި ފަލަސްޠީނަށް މިހާރު ވާހަކަދެއްކުމުގެ ފުރުޞަތު އޮތް ނަމަވެސް، ޙަޤީޤީ ތަމްސީލުވުމެއް ޙާޞިލުވާނީ، ވޯޓުލުމުގެ ޙައްޤު ލިބިގެން ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި، އެ ޖަމްޢިއްޔާގެ ހުރިހާ ގުނަންތަކެއްގައި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ޙައްޤު ފަލަސްޠީނަށް ކަށަވަރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.
ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއިން އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި އެ ޤައުމުގެ ޙައްޤުގައި ކުރަމުންދާ ވަކާލާތު ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްޚުލް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އުންރުވާ (ޔޫ.އެން.އާރު.ޑަބްލިއު.އޭ.) އަށް ދިވެހި ރައްޔިތުންގެ ފަރާތުން 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ދިވެހި ދައުލަތުން އެ ޖަމާޢަތަށް އަހަރަކު ދެމުން އައި މާލީ އެހީ ދިހަގުނައަށް އިތުރުކޮށްފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން، ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން އަމާންކަމުގެ އަސާސީ ޙައްޤު ނިގުޅައިގަނެވިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ބޭސްފަރުވާއާއި، ކާބޯތަކެތި ފަދަ އިންސާނީއެހީ، އެއްވެސް ހުރަހެއްނެތި ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައި ވެއެވެ.
މި ޝުޢޫރުތައް ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ވެސް ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ.
