ލޯނު ސްކީމަށް ފަސޭހައިން އެޕްލައި ކުރެވޭނެގޮތް ހަމަޖައްސަވައިފި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ލޯނު ސްކީމަށް ފަސޭހައިން އެޕްލައިކުރެވޭނެގޮތް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހަމަޖައްސަވައިފިއެވެ.

އެ މިނިސްޓްރީން ނެރުއްވައިފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ "ލޯން ސްކީމް މާރިޗު 2019" އަށް އެޕްލިކޭޝަން ފޯމު ހުށަހަޅައި ހޮވިފައިނުވާ މީހުންނަށް ފަސޭހަކަމާއެކު ލޯނަށް އެދުމަށް ހުޅުވާލި ފުރުސަތެކެވެ. "ލޯނު ސްކީމް ޖޫން 2019" ގެ ނަމުގައި ހުޅުވާލި މިފުރުސަތުގައި އެޕްލިކޭޝަން ފޯމުފުރާއިރު ޕްރޮފައިލްގައިހުރި މަޢުލޫމާތު އަލުން ފުރާކަށް ނެޖެހޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. "އެހެންނަމަވެސް ހުރިހާ ފަރާތްތަކުންވެސް ޕްރޮފައިލްގައިހުރި މަޢުލޫމާތު އަލުން ޗެކުކޮށްލުމަށްފަހު އެޕްލިކޭޝަން ހުށަހެޅުމަށް އިލްތިމާސް ކުރަމެވެ." މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ލޯނާ ގުޅޭ އިޢުލާއި އުސޫލަށް ވެސް ވާނީ ބަދަލު ގެންނަވާފައި ކަމަށެވެ. އެހެން ކަމުން މިނިސްޓްރީން ދެއްވާފައިވާ އިރުޝާދުގެ މަތީން އެޕްލިކޭޝަން ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ހަޔަރ އެޑިޔުކޭޝަނުން ވަނީ އެދިވަޑައިގެންފައެވެ. އަދި މިނިސްޓްރީގެ އިޢުލާނާއި އުސޫލާ އެއްގޮތަށް ލޯނު ލިބޭ ދަރުވަރުން ކަނޑައަޅުއްވާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓްރީން ވަނީ ދެއްވައިފައެވެ.

މައިއެޑިޔު ޕޯޓަލްގައި ފުރާ އެންމެހާ މަޢުލޫމާތުތަކަކީ އެޕްލިކޭޝަން ފުރިހަމަ ކުރުމަށް ބޭނުންވާ މަޢުލޫމާތުތަކެއް ކަމަށްވީހިނދު އެ ހުރިހާ މަޢުލޫމާތެއް ވެސް ރަނގަޅަށް ފުރިހަނަ ކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

ޕްރޮފައިލް މަޢުލޫމާތު ވެސް އަދާހަމަކުރަންޖެހޭނަމަ އެކަން ވެސް ފުރިހަމަ ކުރުމަށް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

މި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ ޖޫންމަހު 24 ވަނަ ދުވަހު 13:30 އެވެ. އެޕްލައިކުރާތާ ތިން ދުވަސްތެރޭގައި އެޕްލިކޭޝަން ފުރިހަމަތޯ ނޫންތޯ އެނގޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. "މި ޚިދުމަތް ފޯރުކޮށްދެވެންއޮތީ ސުންގަނޑި ހަމަވުމުގެ 3 ދުވަސްކުރިން އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް އެކަނި" ކަމަށްވެސް މިނިސްޓްވީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.