ތައުލީމުގެ ފެންވަރު ހިފެހެއްޓުމަކީ ތައުލީމީ ނިޒާމުގެތެރޭ އުޅޭ ފަރާތުގެ މުހިއްމު ޒިންމާއަކަށް ހަދަންޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ކްލިކް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ ވިދާޅުވީ ތައުލީމީ ސަނަދުތަކުގެ ސަބަބުން ލިބޭ ރީތި ނަމާއި ޝަރަފާއި ގަދަރު ފައިސާއިން މިއަދު ގަންނަން ލިބޭ އެއްޗެއްކަމަށް ސޯޝަލްމީޑިއާގައި ފެތުރިގެން ދިޔަ ކަމަށެވެ. އަދި މުޖުތަމަގައި މިއަދު ކަންތައްތައް ހުންނަ ގޮތުން ޒުވާނުން ބުރަ މަސައްކަތުން ހޯދާ ސަނަދާއި އޭގެ ބޭނުމާއި ތައުލީމުގެ ފުރިހަމަ ޒިންމާ ތައުލީމީ ނިޒާމުގައި އުޅޭ ފަރާތްތައް ނަގަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތައުލީމު މި ހޯދަނީ އަޅުގަނޑުމެން ބޭނުންވާ ގޮތަށްތޯ އަޅުގަނޑުމެންނަށް ތައުލީމު ފޯރުކޮށްދޭން އެއްބަސްވެވުނު ގޮތަށް އެ ތައުލީމު ފޯރުކޮށްދެވުނުތޯ މިއީ މިއަދު އަޅުގަނޑުމެން ބަލަންޖެހޭ ކަމެއް. ތިމާއަކީ ތަންދޮރު ފިލާ އިލްމުވެރި ޒުވާނެއްކަން ބަހާއި އަމަލުން މިއަދު އެހެންމީހުންނަށް ދައްކުވައިދޭންޖެހޭ." މިނިސްޓަރ ވިދާޅުވި އެވެ.
ތައުލީމާއި ތަމްރީނަކީ ކުޅޭ ކުޅޭ އެއްޗެއް ނޫންކަމަށާއި ތިމާގެ ޝަހުސިއްޔަތު ބައްޓަންކުރުވާ ތިމާއަކީ ޒިންމާދާރުމީހަކަށް ހަދައި ތިމާގެ ވިސްނުމާއި ފިކުރު ހިންގަން އެނގޭކަން ތިމާއަށް ލިބޭ ތައުލީމާއި އިލްމުގެ ސަބަބުން އެހެން މީޙުންނަށް ހާމަކޮށްދޭން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭން އެއްބަސްވެވޭ ގޮތަށް ތައުލީމު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެ މާއްދާއިން ކިޔަވައިދޭން ހުއްދަ އެލިބޭ ގޮތަކަށް ތަރުތީބަށް އޮޅުމެއް ނެތި އެ މާއްދާ ދަރިވަރުންނަށް އުނގަންނައިދިނުމަކީ މުދައްރިސުންނާއި ކޮލެޖުގެ ވަރަށް މުހިއްމު ވާޖިބެއް ކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
"ދަރިވަރުންގެ ފެންވަރު ރަނގަޅުނަމަ ކޮލެޖަކީ ލާމަސީލު ކޮލެޖެއްކަމަށް މީހުން ގަބޫލު ކުރާނެ. ދަސްވެރިވެގެން ނިކުންނަ ދަރިވަރުންނަކީ އެދަރިވަރުން މަސައްކަތް ކުރާ ދާއިރާގައި އެ މަސައްކަތުގެ ތައުލީމާއި ހުނަރު ނުދެވުނު ކަމުގައިވާނަމަ އެ ދަރިވަރުން ތައުލީމު ހާސިލު ކުރި ކޮލެޖާއި ދޭތެރޭގައި އާންމުންގެ ރުހުން އިތުރު ވެގެންދާނެ، މިއީ އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތްތަކެއް" މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ހުރިހާ ދަސްވެނިންނަށާއި އެ ދަރިވަރުން އެ މަގާމަށް ގެނެސްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ދަރިވަރުންގެ ބެލެނެވެރިންގެ އިތުރުން ކްލިކް ކޮލެޖުގެ ހީވާގި މުދައްރިސުންނަށް މަރުހަބާ ދަންނަވާފަ އެވެ.