(1 މޭ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަޅުގަނޑުގެ ކުރިމަތީގައި އޮތީ އަޅުގަނޑުގެ ދެ ދަރިންގެ ފުރާނަ ސަލާމަތްކުރުމުގެ މައްސަލައެވެ. އަޅުގަނޑުގެ ދެވަނަ މަރަކީ ބަފައެއްގެ މަރެވެ. މަރުވުމުގެ ކުރިން އަޅުގަނޑު މި ހާމަކުރަނީ ތެދެވެ. ސަބަބަކީ ދޮގެއް ހަދައިގެން އަޅުގަނޑަށް ކުރާނޭ ފައިދާއެއްވެސް ނެތުމެވެ. ތެދު ބަހުން ހުރިހައި ވާހަކައެއް ދެންނެވުނީމާ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ.
މަނިކުފާނަށް އަޅުގަނޑާ ބެހޭގޮތުން އެނގިވަޑައިގަންނަވަނީ ދެ ކަމެކެވެ. އެއް ކަމަކީ މަނިކުފާނަށް އޮޅުވައިލައިގެން އަލްޙަމްރާއަށް ގެންގޮސް، މަނިކުފާނު ގަތުލުކުރަން ރޭވިކަމެވެ. ދެވަނަ ކަމަކީ އަބޫ ޢަބްދުﷲ ހައްލައިލައިގެން ގައުމަށް ޣައްދާރު ކުރުވި ކަމެކެވެ. އެކަމަކު އަޅުގަނޑުގެ ކުށް އެއަށްވުރެ މާ ގިނައެވެ. މަނިކުފާނުގެ ބައްޕާފުޅު އަވަހާރަކޮށްލީ އަޅުގަނޑެވެ. އެ މަނިކުފާނަށް ސިޓީފުޅެއް ފޮނުވައިގެން ތޮލޭދޯއަށް ވަޑައިގަންނަވާން ދެންނެވީ އަޅުގަނޑެވެ. އެންމެ ފުރަތަމަ އަޅުގަނޑާއި މަނިކުފާނާ ބައްދަލުވީއިރުވެސް އަޅުގަނޑަކީ ފެރްނާންދޯގެ ޖާސޫސެކެވެ. ރޭގަނޑު ދަންވަރު މަނިކުފާނުގެ ކިއްލާއަށް ހަމަލަދިނީ އަޅުގަނޑުގެ ރޭވުމެއް ދަށުންނެވެ. އަލްޙަމްރާގައި އަބޫ މޫސާ ހައްޔަރުކުރުވީ އަޅުގަނޑެވެ. ގައުމު ވިއްކައިލާން އަބޫ ޢަބްދުﷲއަށް ހުތްލައިދިނީ އަޅުގަނޑެވެ. ގްރަނާދާގައި ޖިހާދާ ދެކޮޅަށް ތަބްލީޣްކުރަން ފޮނުވި އިސްލާމީ ޖާސޫސުން ތަމްރީނުކުރީ އަޅުގަނޑެވެ. އެންޖެލާއާއި ރަބީޢާއާ ދެ ކުދިންނަށް އަދަބު ދޭނީ ކޮން ދުވަހަކުތޯ ސުވާލުކުރެއްވީމެއް ނޫންތޯއެވެ؟ އެ ދެ ކުދިން ދިރި ތިއްބައި އަންދައިލާނީ އަންނަ ހަނދުމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ކުދިންނަށް އެ ވަރުގެ މުހުލަތެއް ކޯޓުން ދިނީތީ މަނިކުފާނު ހައިރާންފުޅުވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ސަބަބު ރޭ އަޅުގަނޑު ދެންނެވިނަމަ މަނިކުފާނު ގަބޫލުފުޅެއް ނުކުރެއްވީހެވެ. އެޔާ ޚިލާފަށް އަޅުގަނޑާމެދު ކުރައްވާ ޝައްކު ބޮޑުވެގެން ދިޔައީހެވެ. ފެރްނާންދޯގެ ކިބައިން އެއް މަސް ދުވަހުގެ މުހުލަތެއް ހޯދަން އަޅުގަނޑަށް ޖެހުނީ ވައުދެއް ވާށެވެ. އެއީ މަނިކުފާނު ދިރިދުނިޔޭގައި ހުންނެވިނަމަ އޭނާގެ ކުރިމައްޗަށް ހާޒިރުކުރާނޭ ކަމުގެ ވައުދެވެ. އަދި މުޖާހިދުންގެ ސަފުތަކުގައި ފިތުނައިގެ އަލިފާން ރޯކޮށް ލަޝްކަރު ރޫޅައިލާނޭ ކަމުގެ ވައުދުވެސް އަޅުގަނޑަށް ވާން ޖެހުނެވެ. މި ކަންތައްތައް ކޮށްފިނަމަ އަޅުގަނޑާއި އަޅުގަނޑުގެ ދެ ދަރިންގެ ފުރާނަ ސަލާމަތްކޮށް ދޭނޭ ކަމުގެ ވައުދު ފެރްނާންދޯ އޮތީ ވެފައެވެ.
ސިޔާސީ އަބޫ ދާވޫދް އެއްވެސް ހާލަތެއްގައި އޭނާގެ ކުށް ގަބޫލުކުރުމަކީ ކުރާނޭ ކަމެއް ނޫން ކަމުގައި ވެދާނެއެވެ. އެކަމަކު އެންޖެލާއާއި ރަބީޢާގެ ބައްޕައަށް ގަބޫލުކުރެވުނު ގޮތުގައި ދަރިންނަށް އެންމެ ހެޔޮ ގޮތަކީ މަރުވުމުގެ ކުރިން މޫނުމަތީގައި އޮތް މަކަރުވެރިކަމުގެ ފަރުދާ ކަހައިލައި ކުށަށް އިއުތިރާފުވުމެވެ. އަޅުގަނޑުގެ މަރަށް ފަހު މަނިކުފާނު އަޅުގަނޑުގެ ދެ ދަރިންގެ ފުރާނަ ސަލާމަތްކޮށް ދެއްވައިފިނަމަ، ރަބީޢާ މަނިކުފާނަށް، އެންޖެލާ ބަޝީރަށް އަނބިކޮށްދީފީމެވެ. އެ ކުދިން ތިޔަ ދެ ބޭފުޅުންގެ ހަޔާތްޕުޅުގެ ބައިވެރިންނަށް ވާން ގަސްތުކޮށްފިކަން އަޅުގަނޑަށް އެނގިފައިވާތާ ކިތަންމެ ދުވަހެކެވެ. އެކަމަކު މިހައިތަނަށް އަޅުގަނޑުގެ ބޭނުންތައް ހުރީއަކީ އެ ކުދިންގެ އެދުން ފުރިހަމަކޮށްދޭފަދަ ގޮތަކަށް ނޫނެވެ. އެ ކުދިންނާ ދިމާއަށް ބަފައެއްގެ ނަޒަރުން އަޅުގަނޑަށް ބަލައިލެވުނީ، އަޅުގަނޑު ރަށުގައިވެސް ނެތީސް ލޯޝާގެ ކޯޓަކުން އެ ކުދިންނަށް މަރުގެ ހުކުން އިއްވީމައެވެ. އެ ކުދިންގެ ފުރާނަ ސަލާމަތްކޮށްދެއްވާތޯ މަނިކުފާނަށް އާދޭސް ދެންނެވުމަކީ އަޅުގަނޑު ކުރަން ޖެހޭނޭ ކަމެއް ނޫނެވެ. އަޅުގަނޑާއި އެ ކުދިންނާ ދެމެދު އޮތީ ހަމައެކަނި ލޭގެ ގުޅުމެކެވެ. އަޅުގަނޑުގެ މަރާއެކު އެ ގުޅުން ނިމިގެން ދިޔައީއެވެ. އެހެންވީމާ އެ ކުދިންގެ ނިމުން އަންނަނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނުވެސް އެނގޭނެއެވެ. އެ ކުދިން އަންދައިލާ ވަގުތު ރޯ ރުއިމުގެ އަޑެއް އަޅުގަނޑަކަށް ނީވޭނެއެވެ. އަންދައިލިޔަސް ދަން ޖެއްސިޔަސް ބައްޕަޔާ ވަކިވާތީ އެ ކުދިން ހިތާމަ ނުކުރާނޭކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުގެ ދުނިޔެއަކަށް އެ ކުދިންގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެ ކުދިންގެ ޝައުގުވެރިކަން ހުރީ މަނިކުފާނާއި ބަޝީރް ނޭވާފުޅުލައްވާ ދުނިޔޭގެ މައްޗަށެވެ. އަޅުގަނޑު ވައިގެ ތެރޭގައި ބިނާކުރާ ހުވަފެނުގެ ކިއްލާއަކަށް ނޫނެވެ. ލޯޝާގެ ގަވަރުނަރުގެ ގަނޑުވަރަށް އަބަދަށްޓަކައި އަލްވަދާއު ކިޔުމަކީ އެކުދިން ހިތާމަ ކުރާނޭ ކަމެއް ނޫނެވެ. އަނދަމުން ދާއިރުވެސް އެ ކުދިންގެ ތަސައްވަރުކުރާނީ ހިތްހަމަޖެހުމާއި އުފަލާއެކު އެ ކުދިން ދިރިއުޅެން ގަސްތުކުޅަ ދުނިޔެއެވެ. އެ ކުދިން އުޑާ ދިމާއަށް ބަލައިލައިފައި ކުރާނީ އެންމެ ސުވާލެކެވެ. ބަދްރާއި ބަޝީރު ކޮބައި ހެއްޔެވެ؟
މަނިކުފާނު ދިރިއުޅުމުގެ ފުންކަނޑުން އެކަކު އަނެކަކަށްޓަކައި ރީތި ހުވަފެނެއް ހޯއްދެވި ފުންމިނަށް ފީނައިގަތުމަކީ އަޅުގަނޑަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަޅުގަނޑަށް އެނގޭހައިވެސް ކަމަކީ އެ ކުދިން ކަނޑަށް ފުންމައިލީ ތިޔަ ބޭފުޅުންނަށްޓަކައި ކަމެވެ. އެ ކުދިންގެ ދިރިއުޅުމުގެ ބައްތި ނިވޭ ކަމުގައި ވަނީނަމަ ސަބަބަކީ ތިޔަ ބޭފުޅުން ތޫފާނާ ކުޅޭން އެ ކުދިންނަށް ދަސްކޮށްދެއްވި ދަސްކޮށްދެއްވުމެވެ. އެ ރޫހު އެ ކުދިންގެ ހިތުގައި އުފެއްދެވުމެވެ. މައިކަލް މަރައިލާން ރަބީޢާއާއި އެންޖެލާގެ ހިތުގައި އުފެދުނު ޣީރަތްތެރިކަމަކީ ތިޔަ ބޭފުޅުން އުފެއްދެވި ޣީރަތްތެރިކަމެކެވެ. އަންހެންކުއްޖެއްގެ ބަލިކަށި އަތަށް ލޮންސިއެއް އުފުލުލައިލުމުގެ ބާރާއި ކޯޓުގައި އެއްވެސް ޖެހިލުމެއް ނެތި ބާޣީ ބަޔާނެއް ދިނުމުގެ ބާރު ލިބިގެން ދިޔައީ ތިޔަ ބޭފުޅުންގެ ސަބަބުންނެވެ. އެ ދެކުދިން ހައްޔަރުކޮށްފައި ތިއްބައި އަޅުގަނޑެއް ނުދެކެމެވެ. އެކަމަކު އެ މަންޒަރު ދުށް މީހަކު އަޅުގަނޑު ގާތު ބުނި ގޮތުގައި އެ ކުދިން ތިބީ ކުރެވުނު ކުށަށްޓަކައި ދެރަވެފައެއް ނޫނެވެ. އެ ކުދިން ގަބޫލުކޮށްގެން ތިބީ ﷲ އެ ކުދިން މަރުއްވާން އިރާދަ ނުކުރައްވާނަމަ އަލިފާނުގެ މަޅިއަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނޭ ކަމުގައެވެ. އެ އީމަންކަން އެ ކުދިންގެ ހިތަށް ވައްދަވައިދެއްވީ މަނިކުފާނު ފިޔަވައި ކޮން ބޭފުޅެއްތޯއެވެ؟
މި ދެންނެވި ހުރިހައި ކަމަކީ މަނިކުފާނުގެ ފަރާތުން އަޅުގަނޑުގެ ދަރިންނަށް ނަގުލުވީ ކަންތައްތަކެއް ކަމަށް ގަބޫލުފުޅު ކުރައްވާނަމަ، އަޅުގަނޑު ދަންނަވާނީ ރަބީޢާއާއި އެންޖެލާގެ މައްސަލައަކީ މިހާރު މަނިކުފާނާއި ބަޝީރާ ދެ ބޭފުޅުންގެ މައްސަލައެއް ކަމުގައެވެ. އެކަމާ އަޅުގަނޑު ކަންބޮޑުވާނޭ ކަމެއް ނެތް ކަމުގައެވެ. އެ ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ވާޖިބު ތިޔަ ބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވައިފައި އަޅުގަނޑު މި ބަރީއަވެގަތީއެވެ. އެކަން ކުރާނީ ކިހިނެއް ކަމެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އެއީ މަނިކުފާނު ހޯއްދަވަން ޖެހިވަޑައިގަންނަވާ މަގެކެވެ.
އިސްޕޭނުގެ ކުރިމަގާމެދު އަޅުގަނޑު ދަންނަވާނޭ ވާހަކައެއް ނެތެވެ. އަޅުގަނޑު މިހައި ތަނަށް ވިސްނި ވިސްނުމާއި ކުޅަ ކަންތައްތަކަކީ ނުބައި ކަންތައްތަކެއްކަން ވަގުތު ސާބިތުކޮށް ދީފިއެވެ. އަޅުގަނޑު އަމިއްލަ ނަފުސަށްޓަކައި ޚިޔާރުކުޅައީ މަލުގެ ދާނެކެވެ. ގައުމަށްޓަކައި ޚިޔާރުކުޅައީ ކަށިކުނބުރު ޖަންގައްޔެކެވެ. އެކަމަކު އަޅުގަނޑު ހޮވިހައި މަލެއް ވެގެން ދިޔައީ ފެރްނާންދޯގެ ބަގީޗާގެ ޒީނަތަކަށެވެ. އަޅުގަނޑުގެ އަތްފައި ކަށިން ޒަޚަމްވީއެވެ. ގައުމަށް ޖެހޭނޭ ދަތުރެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑުގެ ސިޔާސަތު ނިމުމަކަށް އައީއެވެ. ނިކަމެތިކަމާއި ގޮތްފޮތް ކެނޑުމުގެ މަރަކުން އަޅުގަނޑު މަރުވަނީއެވެ. އަޅުގަނޑުގެ މަރަކީ ނަފުރަތުކުރައްވަންވެސް އެކަށީގެންވާ މަރެއް ނޫން ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވާނޭކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑަށް ދަސްވީ ކަމަކީ އަބުރުވެރި މަރެއް ލިބޭނީ ދުނިޔޭގައި އަބުރުވެރިކަމާއެކު ދިރިއުޅެން ދަންނަ މީހަކަށް ކަމެވެ. އަޅުގަނޑުގެ އަނބިމީހާޔާމެދު ދަންނަވާނޭ ވާހަކައެއް ނެތެވެ. އެއީ ނަންގަންނާންވެސް އެކަށީގެންވާ މީހެއް ކަމަކަށް ގަބޫލެއް ނުކުރަމެވެ. އެންޖެލާ ސަލާމަތްކުރުމަށްޓަކައި ރަބީޢާއާ ދެކޮޅަށް ކޯޓުގައި ބަޔާން ދިނީ އޭނާއެވެ. ކޯޓުގެ ހުކުމާއެކު ޒަހަރު ކައިގެން މަރުވެނުގަތްނަމަ އަޅުގަނޑުގެ ދެ އަތުން އޭނާގެ ކަރުގައި ހިފައި މަރައިލީމުހެވެ.
މި ސިޓީފުޅުގެ ނިމުމަކީ އަޅުގަނޑުގެ ދިރިއުޅުމުގެވެސް ނިމުމެވެ. މިއީ އަޅުގަނޑުގެ އެންމެ ފަހުގެ ވާހަކައެވެ.
އަބޫ ދާވޫދް – އެންޖެލާއާއި ރަބީޢާގެ ބައްޕަ]
ކަރުނައާއި ހިނިތުންވުން
(1)
އިރު އޮއްސުމުގެ ކުޑައިރުކޮޅެއް ކުރިއެވެ. އެންޖެލާއާއި ރަބީޢާ އަންދައިލާން ތައްޔާރުކުރަމުން ގެންދާ ދަރުފުނީގެ ވަށައިގެން މީހުން ޖަމާވާން ފަށައިފިއެވެ. އެ ދެކުދިން ތިބީ ލަކުޑީގެ ތަނބަކަށް އެކީގައި ބަނދެފައެވެ. ދަރުފުނީގެ ކައިރީގައި ތިބެގެން އެއް ބަޔަކު މަރިޔަމްގެފާނަށް ޙަމްދުސަނާ ކިޔަމުން އެބަ ގެންދެއެވެ. އެންމެންމެ ކެތްތެރިކަމެއް ނެތް ގޮތެއްގައި އިންތިޒާރުކުރަމުން ގެންދަނީ އިރު އޮއްސޭނޭ ވަގުތަކަށެވެ. ލޯޝާގެ ގަވަރުނަރު ޑޮން ލުއީއާއި އައު ބިޝޮޕް އިރުއިރުކޮޅާ ހުޅަނގު ފަރާތަށް އޮއްސެމުންދާ އިރަށް ބަލައިލައެވެ. އިރުއޮއްސުމާއެކު އިންތިޒާެރުކުރަން ޖެހޭނީ ފެރްނާންދޯގެ އެންމެ ފަހުގެ އަމުރަށްކަން އެއްވެފައި ތިބީ މީހުންނަށް އެނގެއެވެ. ރަސްގެފާނުގެ މަންދޫބު އައު ހުކުމެއް އިއުލާނު ނުކުރާނަމަ އިރު އޮއްސުމާއެކު ދަރުފުނީގައި ރޯކޮށްލެވޭނެއެވެ. އަނދައަނދައި އޮތް ދެ ދަންމަރު ހިފައިގެން ސިފައިންގެ ދެ މީހުން ދަރުފުނީގެ ކައިރީގައި އެބަތިއްބެވެ.
ނިމުން އަންނާނޭ ގޮތަކާމެދު ރަބީޢާއާއި އެންޖެލާގެ ހިތަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ދަރުފުނީގައި ރޯކޮށްނުލައި ތިބީ ކީއްވެގެން ކަމެއް އެ ކުދިންނަކަށް ނޭނގެއެވެ.
އެންޖެލާ ބުންޏެވެ. [ދައްތާއެވެ. އަހަރެން އިހަށް މަރު ދެކެ ވަރަށް ބޮޑަށް ބިރުގަނެއެވެ. އެކަމަކު އެއީ އެހައި ބިރުވެރި ކަމެއް ނޫންކަން މިހާރު އެބަ އެނގެއެވެ. އުނދަގޫ ވެގެން މި އުޅެނީ ކުރަން މިޖެހޭ އިންތިޒާރެވެ. މިބައި މީހުން އިންތިޒާރުކުރަމުން އެ ދަނީ ކޮން ކަމަކަށް ބާވައެވެ؟]
[ދައްތަވެސް މި ހުންނަނީ ހައިރާންވެފައެވެ. އިރު އެހެރެގެން އޮއްސެނީއެވެ. ހީވާ ގޮތުގައި...]
[ހީވާ ގޮތުގައި ކީކޭ ހެއްޔެވެ؟]
[ކޮއްކޯއެވެ. އެއީ އެހައި ބޮޑު ވާހަކައެއް ނޫނެވެ. ދައްތައަށް ހީވާ ގޮތުގައި ގުދުރަތުން ލޯޝާގެ ކޯޓުގެ ނިންމުން ބަދަލު ކުރައްވައިފިއެވެ. ނިކަން ދެކިބަލާށެވެ. އިރުވެސް އެހެރީ ހުއްޓިފައެއް ނޫން ހެއްޔެވެ؟]
އެންޖެލާ ބުންޏެވެ. [ދައްތާއެވެ. މިއީ ތިޔަ ކަހަލަ ޚިޔާލީ ވާހަކަތަކުން އުއްމީދު ލިބިގަންނާވީ ވަގުތެއް ނޫނެވެ.]
ރަބީޢާ ބުންޏެވެ. [ދައްތަ މި ބުނަނީ އިންސާނާގެ ހުރިހައި ނިންމުމެއް ބަދަލު ކުރުމުގެ ބާރު ގުދުރަތަށް ލިބިގެންވާ ވާހަކައެވެ. ފަސްބަޔާ ހަމައަށް ހުޅުގަނޑު އަންނަ ވަގުތުވެސް ދައްތަ ބުނާނީ މިހެންނެވެ.]
[ދައްތާއެވެ. އަހަރެންގެ އީމާނަކީވެސް ތިޔައީއެވެ. އެކަމަކު މަރާއި އަހަރެމެންނާ ދެމެދު މިހާރު މިހިރީ ދެތިން ފިޔަވަޅެވެ. އަހަރެންގެ ފައިތިލަ ކައްސައިނުލާތޯ ދުޢާކުރާށެވެ.]
ރަބީޢާ ބުންޏެވެ. [ކޮއްކޮގެ ފައިތިލަ ކައްސައެއް ނުލާނެއެވެ. އަޒުމު ގުޑުވައެއް ނުލެވޭނެއެވެ. ކޮއްކޮއަށްޓަކައި ދައްތަ ފަޚުރުވެރިވަމެވެ. ކޮންމެ އިސްލާމީ އަންހެން ދަރިއަކު ކޮއްކޮއަށްޓަކައި ފަޚުރުވެރިވާނެއެވެ.]
(ނުނިމޭ)
