
(14 ފެބްރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުޑަ ހިނދުކޮޅަކަށް ބަދްރު ބިން މުޣީރާގެ ހިތްޕުޅުގައި ލަތީފީ ބާނިތަކެއް އުފެދުނެވެ. އަދި ފަރިތަފުޅު ސޫރައެއް ލޯފުޅުމައްޗަށް ވެރިވެގެން ދިޔައެވެ. ބަދްރު ކުއްލިއަކަށް އެ ކަރުދާސްކޮޅު ގެނައި ކުއްޖާގެ މައްޗަށް ސަމާލުކަން ދެއްވިއެވެ. [އަހަރެންގެ ނަމުގައި އޭނާއަށް ޝުކުރު އަދާކުރާށެވެ. އަދި އަހަންނަށްޓަކައި ހެޔޮ ދުޢާކޮށްދޭށޭ ބުނާށެވެ.]
ހަވީރުވެގެން އައި އިރު ސަރަހައްދީ ބާޒު އަރާމު ކުރެއްވުމަށްޓަކައި އޭނާގެ ޖަގަހައަށް ވަޑައިގެންނެވިކަން ބައްޕަގެ ފަރާތުން ރަބީޢާއަށް އެނގުނެވެ.
(3)
އަބުލްޙަސަން ޞަޚްރާ ހިއްޕެވި ޚަބަރު ފެރްނާންދޯއަށް ލިބުނީ ސަރަހައްދީ ބާޒުގެ ކިބައިން ބަދަލު ހިފުމަށްޓަކައި ތައްޔާރުވަމުން ދަނިކޮށެވެ. އޭނާ ހަމަ އެ ވަގުތު އޭނާގެ ގަވަރުނަރުންނާއި އިސް ވެރިންނަށް އެންގީ ހަނގުރާމައަށް ތައްޔާރުވާށެވެ. ޔަހޫދީ ވިޔަފާރިވެރިން ކަމުގައި ހެދިގެން އުޅޭ ޖާސޫސުން ގެންދިޔައީ އަބުލްޙަސަންގެ ރޭއްވެވުމުގެ ޚަބަރު އޭނާއަށް ދެމުންނެވެ. އޭނާ ގަނޑުވަރުގެ ކުރިމައްޗަށް ވަރަށް ބޮޑު ސަލީބެއް އެރުވުމަށްފަހު ކަސްތިއްޔާގެ އާއްމުންގެ ކުރިމަތީގައި ހުވައެއް ކުރިއެވެ. އެއީ އަލްޙަމްރާ ގަނޑުވަރުގެ ދޮރުކޮޅުމައްޗަށް އެ ސަލީބު ނޭރުވެނީސް ހަމަނޭވައެއް ނުލާނޭ ކަމުގެ ހުވައެވެ. ރަސްކަމުގެ ހުރިހައި ބޮޑުން އޭނާއަށް ތާއީދުކުރިއެވެ. އޭގެ ފަހުން އޭނާގެ ވެރިކަމުގެ ދަށުގައި އޮތްހައި ތަނަކުން ކަސްތިއްޔާއަށް އައިސް ގްރަނާދާ ނުހިފެނީސް އެބައިމީހުންގެ ކަނޑިތައް އުރައަށް ނުލާނޭ ކަމަށް ސަލީބުގެ ކުރިމަތީގައި ހުވާކުރަމުން ގެންދިޔައެވެ.
އެއް ދުވަހަކު ގްރަނާދާގެ ޔަހޫދީއަކު އައިސް ފެރްނާންދޯއާ ބައްދަލުކޮށްފައި ސިޓީއެއް ދީފިއެވެ. ފެރްނާންދޯ އެ ސިޓީ ކިޔައިފައި ބުނެފިއެވެ. [ކަލޭ ތިޔަ ކުރީ ވަރަށް ބޮޑު ޚިދުމަތެކެވެ. މި ސިޓީގެ ޖަވާބު ގްރަނާދާއަށް ގެންގޮސް ދީފިއްޔާ ވަރަށް ބޮޑު އިނާމެއް ދޭނަމެވެ. ލިޔުމެއް ގެންދަން ބިރުގަންނަ ކަމުގައި ވަނީވިއްޔާ އަހަރެން ދޭ މެސެޖެއް އަނގަބަހުން ގެންގޮސްދޭށެވެ.]
ޔަހޫދީ ކަލޭގެ ކިޔައިފިއެވެ. [ލިޔުމެއް ގެންގޮސްދޭކަށް އަޅުގަނޑު ބިރެއް ނުގަނެއެވެ. އަޅުގަނޑު އައި މަގުމަތީގައި އެކި ތަންތަނުން ހުއްޓުވައި ފާސްކުރިއެވެ. އެކަމަކު އެ މީހުންނަކަށް މި ސިޓީފުޅެއް ނުފެނުނެވެ.]
ފެރްނާންދޯ ބުންޏެވެ. [ކަލެއަކީ ވަރަށް ހުސިޔާރު މީހަކު ކަމުގައި ފެނެއެވެ. އެކަމަކު އެވަރަށް ފާސްކުރި އިރު ކަލޭ ސިޓީ ފޮރުވީ ކިހިނެއް ހެއްޔެވެ؟]
ޔަހޫދީ ކަލޭގެ ބުންޏެވެ. [އަބޫ ދާވޫދް އޮތީ ސިޓީ އަޅުގަނޑުގެ ފައިވާން ކިބައިގެ އެތެރެއަށް ލައި ފަހައިފައެވެ.]
[ވަރަށް ރަނގަޅެވެ. މާދަމާ އަހަންނާ ބައްދަލުކުރާށެވެ.] މިހެން ބުނެފައި ޔަހޫދީ ކަލޭގެ ޝާހީ މެހުމާނުޚާނާއަށް ގެންދާން ފެރްނާންދޯ އަމުރުކޮށްފިއެވެ.
އެކަލޭގެ ގެންދިޔައީމާ އަނެއްކާވެސް ވަރަށް ފަރުވާތެރިކަމާއެކު ފެރްނާންދޯ އެ ސިޓީ ކިޔައިލިއެވެ. އަދި އިރުކޮޅަކު ވިސްނައިލުމަށް ފަހު ގޮސް ރާނީގެ ކޮޓަރިއަށް ވަދެއްޖެއެވެ.
[ކަމަނާ ދެރަފުޅު ވެއްޖެއެވެ.] އޭނާ އަނބިމީހާގެ ގާތުގައި އިށީނދެފައި ބުނެލިއެވެ.
[ތިޔަ ވިދާޅުވި އެއްޗެއް އަޅުގަނޑަކަށް ނޭނގުނެވެ.]
[އަބޫ ދާވޫދާ ބެހޭ ގޮތުން ވިދާޅުވީ ވާހަކަފުޅު ހަނދުމަފުޅުގައި އެބަހުރިތޯއެވެ؟ އޭނާ އަޅުގަނޑުމެންނަށް ވަފާތެރިއެއް ނުވާނެއޭ ވިދާޅުވީމެއް ނޫންތޯއެވެ؟ މިއޮތީ އޭނާ ފޮނުވި ސިޓީއެކެވެ. މި ސިޓީ ވިދާޅުވީމާ ހުރިހައި ޝައްކެއް ފިލައިގެން ހިނގައިދާނެއެވެ.] ފެރްނާންދޯ އެ ސިޓީ ރާނީ އަތަށް ދީފިއެވެ.
ރާނީ ސިޓީ ކިޔައިލުމަށް ފަހު އިރުކޮޅަކު ވިސްނައިލާން އިނެވެ. [މި ސިޓީ ކިޔައިލީމާ އޭނާޔާ މެދު އޮތް ޝައްކު އެބަ ފިލައެވެ. އެކަމަކު ސިޓީ ލިޔެފައި މިއޮތީ އަބޫ ދާވޫދްކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ. އޭނާއަކީ ދޮގެއް ތެދަކަށް، ތެދެއް ދޮގަކަށް ހެދުމުގެ މާހިރެކެވެ. އޭނާ އަންގައިފައި މި އޮތީ އަލްޙަމާއަށް ކުއްލިއަކަށް ހަމަލަދޭށެވެ. މީގައި ނުރައްކާތެރި ރޭވުމެއް އޮވެދާނެތީ އަޅުގަނޑު ބިރުގަނެއެވެ.]
ފެރްނާންދޯ ބުންޏެވެ. [އަބުލްޙަސަންގެ ރޭވުމާ ބެހޭ ގޮތުން އަޅުގަނޑުގެ ޖާސޫސުން ވަރަށް ގިނަ ޚަބަރު ގެނެސްދީފައި އެބަހުއްޓެވެ. އަޅުގަނޑުމެންގެ އަތުން ޞަޚްރާ ބީވެގެން ދިޔައީތީ ބަދަލު ހިފުމުގެ ގޮތުން ގްރަނާދާގެ ކޮންމެވެސް ތަނަކަށް ކުއްލި ހަމަލައެއްދޭން އަބޫ ދާވޫދް ދީފައި އޮތް ލަފައަށް އަޅުގަނޑު ތާއީދުކުރަމެވެ. އެހެން ހެދުމުގެ ނަތީޖާއަކަށް ވާނީ އިސްލާމުންގެ ޖޯޝާއި ފޯރި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ފިނިވެގެން ދިއުމެވެ. އެޔާއެކު އަޅުގަނޑުމެންގެ ސިފައިންގެ ހިތްވަރު އާލާވާނެވެސް މެއެވެ. ކާދިސްގެ ގަވަރުނަރު އެ މީހުން ނުވިސްނައި ތިއްބައި ކުއްލިއަކަށް ހަމަލަ ދީފިނަމަ އެބައިމީހުން ޞަޚްރާ ފަތަހަކުރިހައި ފަސޭހަ ކަމާއެކު އަޅުގަނޑުމެންނަށް އަލްޙަމާ ހިފިދާނޭ ކަމަށް ފެނެއެވެ.]
[އެކަމަކު އެ މީހުން ތިބޭނީ ނުވިސްނައިކަމުގެ ޔަގީންކަން ލިބިވަޑައިގަތީ ކިހިނެއްތޯއެވެ؟ މި ސިޓީއަކީ އަބޫ ދާވޫދް ގްރަނާދާއަށް ގޮސް އިސްލާމުންނާ ބައިވެރިވެ އަބުލްޙަސަންގެ ރޭވުމުގެ މަތީން ފޮނުވި ސިޓީއަކަށް ވުމަކީ އެކަށީގެންވާ ކަމެއް ނޫންތޯއެވެ؟]
[އަޅުގަނޑުގެ ހިތް ބުނަނީ ތިޔައީ ކަމަނާގެ ހިތްޕުޅުގައި އުފެދޭ ވަހުމެއް ކަމުގައެވެ. ތިޔައީ ތެދުފުޅަކަށް ވިޔަސް އަޅުގަނޑުމެން އަޅާ ފިޔަވަޅަކީ ކޮބައިކަން އޭނާއަށް އެނގެނީ އޭނާ ފޮނުވި ސިޓީގެ ޖަވާބު އަޅުގަނޑު ފޮނުވީމައެވެ. އޭނާ ހުންނާނީ ޖަވާބެއްގެ އިންތިޒާރުގައެވެ. އެހެންވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅުގަނޑު ހަދާނެ ގޮތް ދަންނަވަންތޯއެވެ؟ ކާދިސްގެ ގަވަރުނަރު ގޮސް އަލްޙަމާ ފަތަހަކުރަންދެން އަޅުގަނޑު މި ސިޓީއަށް ޖަވާބެއް ނުފޮނުވާނަމެވެ. އަލްޙަމާއަކީ ގްރަނާދާގެ ތަޅުދަނޑިއޭ އަބޫ ދާވޫދް ބުނެފައި އެބައޮތެއް ނޫންތޯއެވެ؟ އެއީ ދޮގެއް ނޫނެވެ. އެތަން ހިފުނީމާ ހަނގުރާމައިގެ ދެބައިކުޅަ އެއްބައި ކާމިޔާބު ކުރެވުނީއެވެ. އަޅުގަނޑު ހަމަ މިއަދު ކާދިސްގެ ގަވަރުނަރަށް އަންގާނަމެވެ. އަދި މާދަމާ އަޅުގަނޑު ލޮއްޚާއާ ދިމާއަށް ދަތުރު ފަށާނަމެވެ. އެބައިމީހުންގެ މުޅި ސަމާލުކަން ހުންނާނީ އަޅުގަނޑާ ދިމާއަށެވެ. އެހެންވީމާ އަލްޙަމާ ހިފުމުގެ ފުރުސަތު ކާދިސްގެ ލަޝްކަރަށް ވަރަށް ރަނގަޅަށް ލިބޭނެއެވެ. ކޯރްދޮބާއާއި ސެބިއްޔާގެ ލަޝްކަރަށްވެސް ތައްޔާރުވާން އަޅުގަނޑު އަންގާނަމެވެ. އެހެން ހަނގުރާމައެއްގައި އަޅުގަނޑުމެން ބަލިވިޔަސް ހަމަ ޔަގީނުންވެސް އަލްޙަމާގައި ބައްޔެއް ނުވާނެއެވެ.]
(4)
އަބުލްޙަސަންގެ ޖާސޫސަކު އައިސް ފެރްނާންދޯގެ ލަޝްކަރު ކަސްތިއްޔާއިން ނުކުމެ ދަތުރަށްފަށައިފިކަމުގެ ޚަބަރު އަރުވައިފިއެވެ. އަދި ކޯރްދޮބާއާއި ސެބިއްޔާގެ ލަޝްކަރުވެސް ތައްޔާރުވަމުންދާ ޚަބަރު ލިބިވަޑައިގެންފިއެވެ.
އަބުލްޙަސަން ލަޝްކަރު ތިން ބަޔަކަށް ބައްސަވައިލެއްވިއެވެ. އެއްބައި އައްޒަޣަލްގެ ގިޔާދަތުގެ ދަށުގައި ފޮނުއްވީ ސެބިއްޔާގެ ލަޝްކަރު ހުއްޓުވާށެވެ. ދެވަނަ ބައި ހަވާލުކުރައްވާން އަބޫ މޫސާއަށްވުރެ އެކަށޭނަ ބޭފުޅަކު ފެނިވަޑައެއް ނުގަތެވެ. އެހެންނަމަވެސް ބައެއް އަމީރުންގެ މަޝްވަރާގެ މަތީން ގްރަނާދާގައި އަބޫ ޢަބްދުﷲގެ އަރިހުގައި އަބޫ މޫސާ ބެހެއްޓެވީއެވެ. ލަޝްކަރުގެ ގިޔާދަތު ހަވާލުކުރެއްވީ ބަދްރު ބިން މުޣީރާއާއެވެ.
ބަދްރު ބިން މުޣީރާ ގްރަނާދާއަށް ވަޑައިގަތީ އޭނާގެ ލަޝްކަރުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ މީހުންނާއެކުގައެވެ. ވަޑައިގެން ކޯރްދޮބާގެ ސަރަހައްދީ އިމާ ދިމާއަށް ދަތުރުކުރާ ލަޝްކަރާ ހަވާލުވެވަޑައިގެންފިއެވެ.
ބާކީ އޮތްބައިގެ ގިޔާދަތާ ހަވާލުވެވަޑައިގަތީ ސީދާ އަބުލްޙަސަނެވެ. ދަތުރަށް ފެއްޓެވުމުގެ ކުރިން އަބޫ ޢަބްދުﷲ ގެންނަވައިފައި ވިދާޅުވިއެވެ. [ދަރިފުޅާއެވެ. ބައްޕައާއި ބޮޑުބޭބެ އައްޒަޣަލް ނެތް ހާލަތުގައި ދަރިފުޅުގައި ބޮލުގައި އެޅެނީ ވަރަށް ބޮޑު ޒިންމާއެކެވެ. އުމުރަށް ބަލާއިރު ދަރިފުޅު މިހާރު ތިޔަވަނީ ވެރިކަމާ ހަވާލުވާން ގާބިލު މީހަކަށް ވެފައެވެ. އެކަމަކު ބައްޕަ މި ދަނީ ދަރިފުޅަށް އެހީތެރިވާން އަބޫ މޫސާ ބަހައްޓައިފައެވެ. ބައްޕަގެ ކުރިމަތީގައި އޭނާއެކޭ އައްޒަޣަލެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނާގެ މަޝްވަރާއާ ޚިލާފަށް ދަރިފުޅު އެއްވެސް ކަމެއް ނުކުރައްޗެވެ. މި ހަނގުރާމައިގައި ބައްޕައަށް ކަމެއް ވެއްޖެނަމަ ހަނދާންކުރާށެވެ. އަންދަލުސްގެ ގެއްލިފައިވާ މިނިވަންކަން ދަރިފުޅު ނުހޯދާހައި ހިނދަކު ބައްޕަގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ.]
އަބޫ ޢަބްދުﷲ ބުންޏެވެ. [މި ފަހަރުވެސް ބައްޕަގެ ލަޝްކަރުގެ ސިފައަކަށް ވުމުގެ ފުރުސަތު ނުލިބުނީ އަޅުގަނޑުގެ ނަސީބު ދެރަކަމުންނެވެ. ބައްޕަ އަޅުގަނޑާ ހަވާލުކުރައްވާ ކޮންމެ ކަމެއް ފުރިހަމައަށް ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ. އެކަމަކު އަބޫ މޫސާފަދަ ކުޅަދާނަ އަދި ތަޖުރިބާކާރު ޖެނެރަލަކު ބައްޕަގެ ލަޝްކަރަށް ވަރަށް މުހިއްމު ވާނޭ ކަމަށް އަޅުގަނޑަށް ފެނެއެވެ. ބައްޕަގެ އަރިހުގައި އޭނާ ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑަށް އެހީތެރިވާން އެހެން މީހަކު ބަހައްޓަވާށެވެ.]
އަބުލްޙަސަން ވިދާޅުވިއެވެ. [ދަރިފުޅުގެ ވާހަކަ ތެދެވެ. އެކަމަކު އަބޫ މޫސާ މިތާގައި ބައްހައްޓައިފައި މި ދަނީ އެހެން ބޭނުމެއްވެސް އޮވެގެންނެވެ. އެއީ ބޭނުން ވެއްޖެ ހިނދެއްގައި އިތުރު ސިފައިން ފޮނުވުމުގެ މަސްއޫލިއްޔަތު އޭނާ އަދާކުރާނެތީއެވެ.]
ގްރަނާދާ ދޫކުރައްވައި ދަތުރުކުރައްވަމުން ވަޑައިގެން އަބުލްޙަސަން ރަށެއްގެ ބަނޑުދޮށުގައި ޖާގަ ޖައްސަވައި ފެރްނާންދޯގެ ލަޝްކަރަށް އިންތިޒާރު ކުރައްވާން ފައްޓަވައިފިއެވެ. އަބޫ މޫސާގެ ބަދަލުގައި އޭނާގެ އަރިހުގައި ތިއްބެވީ ގްރަނާދާގެ އެންމެ ކުޅަދާނަ ދެ ކޮމާންޑަރުން ކަމުގައިވާ އައްޒައިޣަރީއާއި ނަޢީމް ރިޟްވާނެވެ.
މިތާގައި ތިއްބަވާތާ ދެ ހަފުތާ ވީ ފަހުން އަބުލްޙަސަނަށް ޚަބަރު ލިބިވަޑައިގަތް ގޮތުގައި ފެރްނާންދޯގެ ލަޝްކަރު މާ ދުރު ނޫން ހިސާބެއްގައި ޖާގަޖަހައިފިއެވެ. އައްޒަޣަލާއި ބަދްރު ބިން މުޣީރާގެ ފަރާތްޕުޅުންވެސް ލިބިވަޑައިގަތީ އެކަހަލަ ޚަބަރެކެވެ. އެ ބޭފުޅުންނާ މާ ދުރު ނޫން ހިސާބަކަށް ކޯރްދޮބާގެ ލަޝްކަރާއި ސެބިއްޔާގެ ލަޝްކަރުވެސް ފޭބި ޚަބަރެވެ.
އެހެންނަމަވެސް ތިން ވަނަ ހަފުތާގައި ލިބިވަޑައިގަތީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ކާދިސްގެ ލަޝްކަރެއް ކުއްލިއަކަށް ހަމަލަދީ އަލްޙަމާ ހިފި ޚަބަރެވެ. ކަސްތިއްޔާއާއި ކޯރްދޮބާއާއި ސެބިއްޔާއާ ތިން ރަށުން ތިން ދިމާއަކަށް ލަޝްކަރު ފޮނުވުމުގެ ބޭނުމަކީ ކޮބައިކަން އަބުލްޙަސަނަށް ވިސްވަޑައިގަތީ ދެނެވެ. އަލްޙަމާ ހިފުމަށްފަހު އެ ރަށުގެ އެތައް ބަޔަކު މަރައިފިކަމުގެ ޚަބަރުވެސް އަބުލްޙަސަނަށް ލިބިވަޑައިގަތެވެ.
އަލްޙަމާއަކީ ގްރަނާދާގެ ދިފާއަށްޓަކައި އޮތް އެންމެ މުހިއްމު ތަނެކެވެ. ބޭނުން ވަގުތަކު އެތަނުން ގްރަނާދާއަށް ހަމަލަ ދިނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ގްރަނާދާގެ ހުރިހައި ދިމާއަކުން އިވެނީ [ސަހަރޯ މަގޭ އަލްޙަމާ] އޭ ގޮވާ އަޑެވެ. އެންމެންމެ ކިޔަމުން ދިޔައީ ގްރަނާދާގެ ތަޅުދަނޑި ގެއްލިއްޖެ ކަމުގައެވެ.
އަބުލްޙަސަނަށް ގަބޫލުފުޅު ކުރެއްވުނު ގޮތުގައި ދެން ފެރްނާންދޯ މަސައްކަތްކުރާނީ އަބުލްޙަސަންގެ ސަމާލުކަން އަލްޙަމާއަށް އަނބުރުވައިލުމަށް ފަހު ކޮންމެވެސް އެހެން ރަށަކަށް ހަމަލަދޭށެވެ. އެހެންވީމާ އައްޒަޣަލާއި ބަދްރު ބިން މުޣީރާއަށް އެންގެވީ މިހާރުވެސް ތިއްބެވިތާގައި ތިއްބަވާށެވެ. އެޔާއެކު އޭނާގެ ލަޝްކަރުގެ ދެބައިކުޅަ އެއްބައި އައްޒައިޣަރީގެ ގިޔާދަތުގެ ދަށުގައި އަލްޙަމާއާ ދިމާއަށް ފޮނުއްވައިލެއްވިއެވެ.
އައްޒައިޣަރީ ވަޑައިގެން އަލްޙަމާ ހިސާރު ކުރައްވައިފިއެވެ. އަލްޙަމާއަށް ވަދެވެން ހުރި ހުރިހައި މަގެއް ބަންދު ކުރައްވައިފިއެވެ. ފެރްނާންދޯއަށް މި ޚަބަރު ލިބުމާއެކު އޭނާގެ ލަޝްކަރަށް އެނގީ ތިން ދިމާއިން ކުރިއަށް ދަތުރު ފައްޓާށެވެ.
އެންމެ ފުރަތަމަ ކޯރްދޮބާގެ ލަޝްކަރާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ ބަދްރު ބިން މުޣީރާއާއެވެ. ފެރްނާންޑޯގެ ލަޝްކަރަށް ސަރަހައްދީ އިން ހުރަސް ކުރުމުގެ ފުރުސަތު ދެއްވުމުގެ ބަދަލުގައި ބަދްރު އިން ހުރަސް ކުރައްވައި ވަދެވަޑައިގެން އެ ލަޝްކަރާ ހަމަލަދެއްވައިފިއެވެ. ކޯރްދޮބާގެ ލަޝްކަރާ އަޅައި ބަލާއިރު ބަދްރުގެ ލަޝްކަރުގެ މީހުން މާ މަދެވެ. އެހެންނަމަވެސް އޭނާގެ ހަނގުރާއިގެ އުސްލޫބާއި އުކުޅުގެ މޮޅުފުޅުކަމުގެ ސަބަބުން ކޯރްދޮބާގެ ލަޝްކަރަކަށް ހިފަހައްޓައެއް ނުލެވުނެވެ. ބަދްރު ގެންގުޅުއްވީ ގެރިއްލާ ހަނގުރާމައިގެ އުކުޅުތަކެވެ. ލަޝްކަރުގެ މީހުން ފިލައި ތިބެފައި އެއް ދިމާއަކުން ނުކުމެ ހަމަލަދީފައި އަނެއްކާވެސް ފިލަނީއެވެ. ދެން ނުކުންނަނީ އެހެން ދިމާއަކުންނެވެ. ބަދްރުގެ ލަޝްކަރުން މި ގޮތަށް އެ ދުވަހުގެ ހަތަރުދަމު އެކު ދިމަދިމައިން ހަމަލަދެމުން ގެންދިޔައެވެ.
ގްރަނާދާގެ ލަޝްކަރުގެ ވެރިއަކީ ސަރަހައްދީ ބާޒުކަން ކޯރްދޮބާގެ ލަޝްކަރަށް އެނގިއްޖެއެވެ. އެހެންވީމާ ކުރިއަށް ފިޔަވަޅެއް އެޅިޔަސް، ފަހަތަށް ފިޔަވަޅެއް އެޅިޔަސް ސަލާމަތްވާނޭ ގޮތެއް ނެތްކަން އެމީހުންނަށް ވިސްނިއްޖެއެވެ. ކޮންމެ ދިމާއަކުންވެސް ކުރިމަތިލާން ޖެހިފައިވަނީ ހަލާކާކަން އެނގިއްޖެއެވެ. އެވެސް މަރެވެ. މިވެސް މަރެވެ.
އަނެއްކޮޅުން އައްޒަޣަލްގެ ލަޝްކަރުން ގެންދަނީ ސެބިއްޔާގެ ލަޝްކަރު ތަޅައި ބުރުވަމުންނެވެ.
(ނުނިމޭ)