އަންދަލުސްގެ ބާޒު – 52

(5 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަނާއި މަންޞޫރާ ތިން ބޭފުޅުން ތިއްބެވީ ހިތާމަވެރި މޫޑެއްގައެވެ. އައްޒަޣަލްގެ ސިޓީފުޅުގެ އަލީގައި ގްރަނާދާއާއި އަންދަލުހާއި އިސްލާމުންގެ ކުރިމަގާމެދު ޚިޔާލުފުޅު ބަދަލުކުރައްވަނީއެވެ. މިފަދައިން ވާހަކަފުޅު ދައްކަވާން އިރުކޮޅަކު ތިއްބެވުމަށް ފަހު މަންޞޫރު ޖީބުފުޅުން އަނެއްކާވެސް ސިޓީފުޅެއް ނަންގަވައި ބަދްރަށް ފޯރުކޮށްލައްވައިފިއެވެ.

[މިއީ އަބޫ ޢަބްދުﷲގެ އަނބިކަނބަލުން ދެއްވި ސިޓީފުޅެކެވެ. އަޅުގަނޑު ގާތު ވިދާޅުވީ ލޮއްޚާ ބީވެގެން ދިއުމުގެ ހިތާމަފުޅު ކުޑަ ނުވަނީސް މި ސިޓީފުޅު މަނިކުފާނަށް ނާރުވާށޭއެވެ. އެކަމަނާ ބިރުފުޅުގަންނަ ކަމަށް ވިދާޅުވީ ފިރިކަލުން ދިފާޢުކުރައްވާން ލިޔުއްވި ސިޓީފުޅެއް ކަމަށް ހިއްތަވައި، ވިދާޅުވުމުގެ ކުރީން ވީއްދަވައިލައްވަފާނެތީއެވެ.]

ސިޓީފުޅު ބަޝީރުގެ އަތްޕުޅަށް ދެއްވައިފައި ބަދްރު ވިދާޅުވިއެވެ. [ވިދާޅުވާށެވެ.]

ބަޝީރު ވިދާޅުވާން ފައްޓަވައިފިއެވެ.

[ފަޚުރުވެރިވުން ޙައްގު އަޚާއެވެ. ބޮޑުބޭބޭފުޅުގެ އިޒުނަފުޅާއެކު މަނިކުފާނުގެ ސިޓީފުޅު އަޅުގަނޑުވެސް ކިޔައިފީމެވެ. ބޮޑުބޭބޭފުޅު ޖަވާބުވެސް ދެއްވައިފިކަން އަޅުގަނޑަށް އެނގެއެވެ. ހުރިހައި ކުށެއް އަމިއްލަފުޅު އިސްތަށިފުޅުގައި އަޅުއްވައިފިނޫންތޯއެވެ؟ އެކަމަކު ދަންނަވަންތޯއެވެ؟ ހަގީގަތުގައި މި ގައުމީ ފާފައިގެ ބޮޑު ހިއްސާއެއް އެޅެނީ އަޅުގަނޑުގެ ބޮލުގައެވެ. އަޅުގަނޑުގެ ފިރިކަލުން ހިތްޕުޅުގެ ސާފުކަމާއި އިޚްލާސްތެރިކަމާއެކު ތައުބާވެވަޑައިގެންފިއޭ އަޅުގަނޑު ނުދެންނެވިނަމަ ބޮޑުބޭބޭފުޅު އޭނާއަކަށް އިތުބާރެއް ނުކުރެއްވީހެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަމިއްލަފުޅަށް އަޖުމަ ބެއްލެވީހެވެ. އެންމެ ފުރަތަމަ ސިފާރިޝް ކުރެއްވީ ރާނީއެވެ. އަޅުގަނޑު އެކަމަނާގެ ވާހަކަފުޅަށް ތާއީދުކުރީމެވެ. އަޅުގަނޑު މި ސިޓީ މި ލިޔަނީ މަނިކުފާނުގެ ހިތްޕުޅުގައި ބޮޑުބޭބޭފުޅާމެދު ޝައްކެއް އުފެދިދާނެތީއެވެ.

މަނިކުފާނު ކަނޑިކޮޅު އުފުއްލެވީ އަޅުގަނޑުވެސް ހިމަނައިގެން އަންދަލުސްގެ ހުރިހައި އަންހެންދަރީންގެ ރައްކާތެރިކަމަށްޓަކައެވެ. ދަންނަވަންތޯއެވެ؟ އަލްޙަމްރާގެ ހަތަރުފާރުގެ އެތެރެއަށްވުރެ މާ ބޮޑަށް މަނިކުފާނުގެ ކަނޑިކޮޅަށް އަޅުގަނޑު އިތުބާރު ކުރަމެވެ. މަނިކުފާނުގެ ކޮއްކޮއެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ކުށަށް މާފުކުރައްވާތޯ ދެންނެވިދާނެތޯއެވެ؟ ﷲ ދެނެވޮޑިގެންވާނެއެވެ. މަނިކުފާނަކީ އަޚެއް ކަމުގައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑާއި މަނިކުފާނާ ދެމެދު އޮތް ގުޅުމަކީ ލޭގެ ގުޅުމަށްވުރެވެސް ގާތް ގުޅުމެއް ކަމަށް ގަބޫލުކުރީތީއެވެ.

މަނިކުފާނުގެ ކޮއްކޮ އާއިޝާ]

ބަދްރު ބިން މުޣީރާ މަންޞޫރާ ދިމާއަށް ބައްލަވައިލައްވައިފައި ސުވާލުކުރެއްވިއެވެ. [މީގެ މާނައަކީ އަބޫ ޢަބްދުﷲގެ އަނބިކަނބަލުން އަދިވެސް އިންނެވީ ގްރަނާދާގައޭތޯއެވެ؟]

[އާދޭހެވެ. އެކަމަނާ ގެންދަވާން އަބޫ ޢަބްދުﷲ މަސައްކަތްކުރެއްވިއެވެ. އެކަމަކު ހަނގުރާމައިގެ ނުރައްކާތެރިކަން ބޮޑުވެފައި ވުމާއެކު އެކަމަނާ ވަޑައިގަތުން ރަނގަޅު ނުވާނެ ކަމަށް އަބޫ ޢަބްދުﷲގެ މަންމާފުޅު ވިދާޅުވީއެވެ.]

(3)

ކްރިސްޓިއަނުންގެ ފަނަރަ ހާސް މީހުންގެ ލަޝްކަރެއް ލޮއްޚާއަށް ޖަމާވެއްޖެއެވެ. އަބޫ ޢަބްދުﷲ ގްރަނާދާގެ އެކި ރަށްރަށަށް ޖާސޫސުން ފޮނުވައިގެން ފެރްނާންދޯ ދީފައިވާ ފައިސާގެ އެހީގައި، ޒަމީރު މަރުވެފައިވާ މުނާފިގުން ގަތުމުގެ މަސައްކަތް ފަށައިފިއެވެ. ފެރްނާންދޯއާ ގުޅުނު މީސްމީހުންގެ އުއްމީދުތައް އަލުން އާވާން ފަށައިފިއެވެ. އަބޫ ޢަބްދުﷲގެ ބާރު ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ގަދަވަމުންނެވެ.

އަނެއްކޮޅުން ކޮންމެ ގޮތެއް ހަދައިގެންވެސް އަމާންކަމުގައި ތިބޭން ބޭނުންވެގެން ތިބި މީސްމީހުން އެހެން މަސައްކަތެއް ފަށައިފިއެވެ. އެއީ ގްރަނާދާގެ އިސްލާމުން ދޫނުކޮށް ހަނގުރާމަ ކުރަމުން ގެންދާނަމަ، އެކަމުގެ އަދަބު ރަށުގައި ގާއިމުވެ ތިބި ނިކަމެތި އިސްލާމުންނަށް ލިބޭނޭ ކަމުގެ މެސެޖު ފެތުރުމުގެ މަސައްކަތެވެ. އަންދަލުހަކީ އިސްލާމުންނާއި ކްރިސްޓިއަނުންގެ ގައުމެކެވެ. އަދަދާއި ބާރަށް ބަލާނަމަ ވަރުގަދައީ ކްރިސްޓިއަނުންނެވެ. އެހެންވީމާ އެމީހުން ބުނާ ގޮތަށް ހެދުމަށްވުރެ ފައިދާހުރި ގޮތެއް އިސްލާމުންނަށް ނެތް ކަމުގައްޔާއި އެމީހުން އަމިއްލަ ރަށުގެ އަހުލުވެރިންނަށް އަނިޔާވެރި ނުވާނޭ ކަމުގެ އަޑު ފަތުރަމުން ގެންދާން ފަށައިފިއެވެ. އެމީހުން ބުނަމުން ގެންދާ ގޮތުގައި ކްރިސްޓިއަނުންގެ ބާރު ގަދަ ވެއްޖެނަމަ، އިސްލާމުން ރަށުން ބޭރުކޮށްލާނޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ކުށްހިއެއްގެ މައްޗަށް ބިނާ ކޮށްފައިވާ ދޮގު ވާހަކަތަކެކެވެ. އިސްލާމުން ހިތުގެ އަޑީން އީމާންވެގެން ތިބިހައި ހިނދަކު އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނޭ ކަމަށް އެމީހުން ގެންދަނީ ކިޔަމުންނެވެ.

އަބޫ ޢަބްދުﷲއާ މެދު އެމީހުން ފަތުރަމުން ގެންދާ ވާހަކަތައް ހުރީ މި ދަންނަވާ ފަދައިންނެވެ. ފެރްނާންދޯއާ ގުޅިގެން ހުރެ، އަބޫ ޢަބްދުﷲ ބޭނުން ވަނީ އަންދަލުސްގެ އިސްލާމުންގެ ރައްކަލަށްޓަކައި މަސައްކަތް ކުރާށެވެ. ފެރްނާންދޯ ވަނީ އަބޫ ޢަބްދުﷲއާ ދިމާއަށް އެކުވެރިކަމުގެ އަތް ދިއްކޮށްފައެވެ. އެ އަތުގައި ނުހިފައިފިނަމަ، މާދަމާ، ފާތިޙެއްގެ ހައިސިއްޔަތުން އިސްލާމުންނާ މެދު ރަނގަޅަކަށް ފެރްނާންދޯ ކަމެއް ނުކުރާނެއެވެ.

ކްރިސްޓިއަން ލަޝްކަރާއެކު އަބޫ ދާވޫދްވެސް ލޮއްޚާއަށް އަތުވެއްޖެއެވެ. ހާލަތު ރަނގަޅަށް ބަލައި މުޢާއިނާ ކުރުމަށް ފަހު އޭނާ ފެރްނާންދޯއަށް އެންގީ ގްރަނާދާއަށް ފައިސަލާކުރުވަނިވި ހަމަލައެއް ދިނުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ. ފެރްނާންދޯ ގޮސް ލޮއްޚާގެ ލަޝްކަރުގެ ކޮމާންޑަރުކަމާ ހަވާލުވެއްޖެއެވެ. އެޔަށް ފަހު ކުއްލިއަކަށް ލައަލްބެކާއާއި މެޝީނާއަށް ހަމަލަދީ އެ ސަރަހައްދު ހިފައިއެވެ. އަދި ސެޚްރާ ހިސާރުކޮށްފިއެވެ. އައްޒަޣަލް އޭނާގެ ލަޝްކަރުގެ ތިންބައިކުޅަ އެއްބައި ގްރަނާދާއަށް ދޫކުރެއްވުމަށް ފަހު ސެޚްރާއާ ދިމާއަށް ދަތުރު ފައްޓަވައިފިއެވެ. އޭނާ ވަޑައިގެން ޖާގަ ޖެއްސެވީ ސެޚްރާއާ ހައެއްކަ މޭލުގެ ދުރުމިނުގައެވެ. ހައެއްކަ ދުވަސް ވާންދެން ދުޝްމިނުންނާ ކުދިކުދި ކުރިމަތިލުންތައް ހިނގިއެވެ. ރަށުގެ އަހުލުވެރިން ހަނގުރާމަ ކުރަމުން ގެންދިޔައީ ރަށުގައި ބަންދުވެގެން ތިބެއެވެ. އައްޒަޣަލް ހަމަލަދެއްވަމުން ގެންދެވީ ފުރަގަހުންނެވެ. އުތުރު އިރުމަތި ފަރާތުން ކުއްލިއަކަށް ބަދްރު ބިން މުޣީރާ ހަލުވިކަމާއެކު ކުރިއަށް ޖެހިވަޑައިގެންފިއެވެ. ހާލަތަށް ބަލައިފައި މަޖުބޫރުވެގެން ފެރްނާންދޯ ސެޚްރާގެ ހިސާރު ދޫކޮށްލައިފިއެވެ. އެޔާއެކު އޭނާއަށް ލިބުނު ޚަބަރަކީ ފަރަންސޭސިވިލާތުގެ ރަސްގެފާނު ލަޝްކަރަކާއެކު ޕައިރެސީހާ ދިމާއަށް ދަތުރުކުރަމުންދާ ކަމުގެ ޚަބަރެވެ. ސެޚްރާގެ ހިސާރު ދޫކޮށްލުމަށް ފަހު ފެރްނާންދޯ އިސްކަން ދިނީ އޭނާގެ ލަޝްކަރުގެ ދިހަ ހާސް މީހުން ނުކުމެ އުތުރު އިރުމަތީން ކުރިއަރަމުން އަންނަ މުޖާހިދުންގެ ލަޝްކަރު ހުއްޓުވޭތޯ މަސައްކަތް ކުރާށެވެ. އޭނާ ދިޔައީ ލޮއްޚާއާއި ލައަލްބެކާއާއި މެޝީނާ ބެހެލެއްޓޭވަރުގެ ލަޝްކަރެއް އަބޫ ޢަބްދުﷲއާ ހަވާލުކޮށްފައެވެ. އެތަން ދޫކޮށް ދާން ޖެހުނީ ފަރަންސޭސި ރަސްގެފާނުގެ ހަމަލައިގެ ނުރައްކާތެރިކަން އޮތުމާއެކު އެކަން ހުއްޓުވާނޭ ގޮތެއް ރޭވުމަށްޓަކައެވެ.

(4)

ފަރަންސޭސި ރަސްގެފާނާއެކު ސުލްހައިގެ މުއާހަދާއެއް އެކުލަވައިލެވޭތޯ ބެލުމަށްޓަކައި ފެރްނާންދޯ ކްރިސްޓިއަން ފާދިރީންގެ ބަޔަކު ފޮނުވައިފިއެވެ. އެބައިމީހުން ރަސްގެފާނަށް ވިސްނައިދިނީ މިހާރު ކުރެވެމުންދާ ހަނގުރާމައަކީ ޞަލީބާއި ހަނދުފަޅިއާ ދެމެދު ކުރެވޭ މުގައްދަސް ހަނގުރާމައެއް ކަމުގައެވެ. މިފަދަ ދަނޑިވަޅެއްގައި ޞަލީބުގެ ހިޔަލުގައި ތިބި ދެ ގާއިދަކު އެކަކު އަނެކަކާ ހަނގުރާމަ ކުރާން ފަށައިފިނަމަ އެކަމުގެ ފައިދާ އިސްލާމުންނަށް ކުރާނޭ ކަމުގައެވެ. ކަސްތިއްޔާގެ އިސް ފާދިރީއާއި ފަރަންސޭސިންގެ އިސް ފާދިރީ ކަރާއި ކަރުޖައްސައި ސަލާންކޮށްފިއެވެ. އެޔާއެކު ދެ ރަސްކަލުންނަށްވެސް ޖެހުނީ ސަލާންކުރާށެވެ. އިސްލާމުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަވާބު ލިބިގަތުމުގެ އެދުމުގައި ފަރަންސޭސި ރަސްގެފާނު އޭނާގެ ދެހާސް ސިފައިންނާއި ވިހި ގުރާބު ފެރްނާންދޯއާ ހަވާލުކޮށްފިއެވެ.

މާ ކުރީއްސުރެ ފެރްނާންދޯއަށް ވިސްނިފައި އޮތް ގޮތުގައި މަލާގާ ހިފައިގެން ނޫން ގޮތަކަށް ގްރަނާދާގެ ބާރު ކަނޑުވައެއް ނުލެވޭނެއެވެ. މަލާގާއަކީ ގްރަނާދާގެ އެންމެ މުހިއްމު ބަނދަރެވެ. އެ ރަށް ހިފުމާއެކު ގްރަނާދާގެ ކަނޑުގެ ބާރު ނުވަތަ އައްސޭރިފަށުގެ ބާރު މުޅީން ކަނޑުވައިލެވުނީއެވެ. މި މަގުސަދު ހާސިލު ކުރެވިއްޖެނަމަ މިހާރުވެސް އޭނާގެ ބާރުގެ ދަށުގައި އޮތް އަލްމީރިއާގެ ބަނދަރާއެކު، މަލާގާގެ ބަނދަރު ލިބުނީމާ އަންދަލުހާއި މޮރޮކޯއާ ދެމެދު ކަނޑުދަތުރުކުރާން އޮންނަ ހުރިހައި މަގަކަށް ބާރު ފޯރުވުނީއެވެ. އެޔާއެކު އިސްލާމުންނަށް އެހީތެރިވާން އަންނާނެ ކަމަށް އެ މީހުން އުއްމީދުކޮށްގެން ތިބޭ ގައުމުތަކަށް އޮތް މަގުވެސް ބަންދު ކުރެވުނީއެވެ. މަލާގާ ހިފީމާ، ތިމަންމެން މިހާރު މިތިބީ ކްރިސްޓިއަނުންގެ ދަށުގައި ކަމުގެ އިހުސާސް އިސްލާމުން ކުރާނޭ ކަމުގެ ޔަގީންކަން ފެރްނާންދޯގެ ހިތުގައި އޮވެއެވެ. މީގެ އިތުރަށް ނެވާދާގެ ބާޣީ ގަބީލާތަކުގެ މައްޗަށްވެސް ބާރު ފޯރުވޭނޭ ކަމަށް އޭނާ ދެކެއެވެ. އެހެންވީމާ އޭނާ އަބޫ ޢަބްދުﷲއަށް އެންގިއެވެ. [އަހަރެންގެ ލަޝްކަރުން މަލާގާއަށް ކުއްލި ހަމަލައެއް ދޭނަމެވެ. އެއީ މުހިއްމު ރަށެއް ކަމުގައި ވާތީ އައްޒަޣަލް ގްރަނާދާ ދޫކޮށްފައި މަލާގާއަށް މިސްރާބު ޖަހާނެއެވެ. ދަނޑިވަޅުގެ ބޭނުންކޮށްގެން އަވަހަށް ގޮސް ގްރަނާދާ ހިފާށެވެ.]

ކުޑަ ދުވަސްކޮޅަކަށް ފަހު ފެރްނާންދޯގެ ކަނޑުމަތީގެ ލަޝްކަރު މަލަގާއާ ދާން ފުރައިފިއެވެ. ޚުދު އޭނާވެސް ހުޅަނގު ދެކުނުގައި ބުރެއް ޖަހައިލުމަށް ފަހު މަލަގާއާ ދިމާއަށް ދަތުރު ފަށައިފިއެވެ. ކަނޑުމަގުން މަލަގާއަށް ދިން ހަމަލައަކީ ކުޑަކޮށްވެސް ހީކުރެވިފައި ނެތް ކަހަލަ ހަމަލަައަކަށް ވުމުން، ކްރިސްޓިއަނުން އެ ރަށް ހިސާރުކުރީ އިސްލާމުންގެ ފަރާތުން މާ ބޮޑު ދެކޮޅު ހެދުމަކާ ކުރިމަތި ނުލައެވެ.

އައްޒަޣަލްގެ މުޅި ސަމާލުކަން ހުއްޓިފައި އޮތީ ލޮއްޚާއަށެވެ. މަލާގާގެ ހިސާރުގެ ޚަބަރު ލިބިވަޑައިގަތުމާއެކު ކުޑަ ލަޝްކަރެއް ގްރަނާދާއަށް ދޫކުރައްވައިފައި އޭނާ ދަތުރު ފެއްޓެވީ މަލާގާއާ ދިމާއަށެވެ. އެކަމަކު މަލަގާއާ ވަރަށް ކައިރިވީ ފަހުން އޭނާއަށް ލިބިވަޑައިގަތީ އަބޫ ޢަބްދުﷲ ގްރަނާދާއާ ދިމާއަށް ދާ ކަމުގެ ޚަބަރެވެ. އެހެންވީމާ މާޔޫސީއާއެކު، ލަޝްކަރުގެ ބޮޑު ބައެއް މަލާގާއާ ދިމާއަށް ފޮނުއްވައިފައި އޭނާ އެނބުރި ގްރަނާދާއަށް ދަތުރު ފައްޓަވައިފިއެވެ. އޭނާއަށް ވަޑައިގެންނެވުނުއިރު ގްރަނާދާގައި ތިބި ޣައްދާރުންގެ ބަޔަކު އަބޫ ޢަބްދުﷲއަށްޓަކައި ގްރަނާދާގެ ދޮރާށި ހުޅުވައިދީފިއެވެ. ދެން ފެނުނީ އަލްޙަމްރާގައި އަބޫ ޢަބްދުﷲގެ ދިދަ ވިހުރުވޭ މަންޒަރެވެ. ހިތްޕުޅަށް ކުޅަ ހިތި އަސަރާއެކު އައްޒަޣަލް އަނެއްކާވެސް މަލާގާއާ ދިމާއަށް އަނބުރައިލެއްވިއެވެ. މި ޚަބަރު އޭނާގެ ޚާއިނު ބޮޑޫބޭބެދަރިއަށް ލިބުމާއެކު ފަހަތުން ލަޝްކަރެއް ފޮނުވައި އައްޒަޣަލްގެ ލަޝްކަރަށް ހަމަލަދީފިއެވެ. އައްޒަޣަލްގެ ލަޝްކަރުގެ މުޖާހިދުން ވަރަށް ހިތްވަރާއެކު ހަނގުރާމަކުރިއެވެ. އެހެންނަމަވެސް ކްރިސްޓިއަނުންގެ އިތުރަށް އެބައިމީހުންގެ އަޚުންނާ ދެކޮޅަށް ހަނގުރާމަ ކުރާން ޖެހުނީމާ އިސާހިތަކު ހިތްވަރު އެލޭގޮތް ވެއްޖެއެވެ. ބަލިވެވަޑައިގަތީމާ އައްޒަޣަލް ހިމާޔަތް ހޯއްދެވީ އަލްޕުހަރާއިންނެވެ. އަނެއް ދުވަހު އޭނާއަށް ޚަބަރު ލިބިވަޑައިގަތް ގޮތުގައި މަލާގާގެ ލަޝްކަރުވެސް ފެރްނާންދޯއާ ހަނގުރާމަކޮށް ބަލިވެއްޖެއެވެ. އެޔާއެކު މަލާގާއަށް އެއްގަމު މަގުންނާއި ކަނޑުމަގުން ދާން އޮތް ހުރިހައި މަގެއް ބަންދުވެއްޖެއެވެ. އަލްޕުހަރާގެ ގަބަލީ މުޖާހިދުންގެ ފައުޖެއް ތައްޔާރު ކުރެއްވުމަށް ފަހު އައްޒަޣަލް އޭނާގެ މަރުކަޒަކަށް ޚިޔާރުކުރެއްވީ ބަސްތެވެ.

މަލާގާގެ ހަނގުރާމައިގައި އައްޒައިޣަރީ ވަރަށް ހިތްވަރު ކުރެއްވިއެވެ. އެހެންނަމަވެސް މަހަކަށް ވުރެ ގިނަ ދުވަހަށް ހަނގުރާމަ ދިގުލައިގެން ދިއުމާއި، އެހީތެރިކަމެއް ލިބޭނޭ އެއްވެސް މަގެއް ނެތުމުގެ ސަބަބުން ލަޝްކަރުގެ ހިތްވަރު އެލިއްޖެއެވެ. ފަރުބަދަމަތީގެ މަގަކުން މަލާގާއަށް ވަދެވޭނޭ މަގެއް ފެނިވަޑައިގަނޭތޯ އައްޒައިޣަރީ ދެތިން ފަހަރަކު މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ހުރިހައި ދިމާއަކުންވެސް ކުރިމަތިވެވަޑައިގަތީ ފެރްނާންދޯގެ ލަޝްކަރުގެ ހަމަލަތަކެވެ.

އިރުއުތުރުން ވަޑައިގަތުމުގެ ބަދަލުގައި އިރުދެކުނުން ވަޑައިގެންނެވޭތޯ ބަދްރު ބިން މުޣީރާވެސް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ކުދި ހަމަލަތަކަކުން ފެރްނާންދޯގެ ލަޝްކަރު ބަލިކުރެއްވޭވަރެއް ނުވިއެވެ. ކުރީގެ ހިތި ތަޖުރިބާތަކަށް ބަލައިފައި ލަޝްކަރު އޮތް ގޮތަށް ނުކުމެ ހަމަލަ ދޭކަށް ފެރްނާންދޯ އަމުރެއް ނުދިނެވެ.

(5)

މަލާގާގެ އަހުލުވެރިންގެ ހާލަތު ނާޒުކު ފައްތަރަކަށް ވެއްޓިއްޖެއެވެ. ކާބޯ ތަކެތި ގެނައުމުގެ މަގު ބަންދުވީމާ ބަނޑަށް ޖެހޭފަދަ ހާލަތަކަށް ދިއުމުގެ ސަބަބުން ލަޝްކަރުން ގަބޫލުކުރަމުން ދިޔައީ ހަތިޔާރު ބެހެއްޓުން ނޫން ގޮތެއް ނެތް ކަމުގައެވެ. އެކަމަކުވެސް އައްޒައިޣަރީ ހިތްވަރުފުޅު ދުލެއް ނުކުރައްވައެވެ. ސުލްހަވާން ވާހަކަދައްކާ މީހުންގެ ކުރިމަތީގައި އޭނާގެ އޮތީ އެންމެ ވާހަކަފުޅެކެވެ. [އަހަރެންގެ މުޅަމަސްގަނޑު މަތީން ނޫން ގޮތަކަށް ދުޝްމިނުންނަކަށް ރަށަކަށް ނޭރޭނެއެވެ.] ލަޝްކަރުގެ ހިތްވަރު އެލޭ ކޮންމެ ފަހަރަކު ރޫހު އާލާވެގެން ދަނީ އޭނާގެ ތަގުރީރުންނެވެ. އެހެންނަމަވެސް މަލާގާގެ ޖައްވުން ކަޅު ވިލާތައް ނޫން އެއްޗެއް ނުފެންނަވަރުވީމާ ރަށުގެ އަހުލުވެރިންނެކޭ އެއްފަދައިން ލަޝްކަރުގެ ހިތްވަރު އަނެއްކާވެސް އެލިއްޖެއެވެ. ޣައްދާރުންގެ ބަޔަކު މަލާގާގެ ދޮރާށި ހުޅުވައިފިއެވެ. އަދި އައްޒައިޣަރީ ހައްޔަރުކޮށް ފެރްނާންދޯއާ ހަވާލުކޮށްފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.