ނޫޙުގެފާނު ވާހަކަ - 5

(4 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބިމުން ފެން ހިނދުމާއެކު ، ނޫޙުގެފާނުގެ ނާކޮޅުވެސް ފަރުބަދައެއްގެ މައްޗަށް ބީހުނެވެ. އެއީ ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައި އޮންނަ ، ޖޫދިއްޔި ފަރުބަދައެވެ. ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގެ 44 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.

وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ

" އަދި ، އެންގެވިއެވެ. އޭ ބިމާއެވެ ! ތިޔަބިމުގެ ފެންގަނޑު ދިރުވައިލާށެވެ ! އަދި ، އޭ އުޑާއެވެ ! ވެހުން ހުއްޓައިލާށެވެ ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި ، ( އެއުރެން ހަލާކުވެދިއުމުގެ ) ކަންތައް ވެނިމިއްޖެއެވެ. އަދި ، ޖޫދިއްޔި ފަރުބަދައިގެ މައްޗަށް ، އެ ( ނާކޮޅު ) ބީހި ހަމަޖެހިއްޖެއެވެ "

އެ ފަރުބަދަޔަކީ ، ޖަޒީރަތު އިބްނު ޢުމަރުގެ އިމުގެ ތެރޭ ނުވަތަ އެތާކައިރީގައި އޮންނަ ފަރުބަދައިގެ ޖޫދިއްޔި ނުވަތަ ޤަދްރު އެވެކިޔާ ހިސާބެވެ.  އެއީ މިޒަމާނުގެ ، ސީރިއާއާއި ޢިރާޤާ އިންވާ ތުރުކީގެ ދެކުނު އިރުމަތީ ބިތުގައި އޮންނަ އުސް ފަރުބަދައެކެވެ. ނޫޙޫގެފާނުގެ ނާކޮޅުގެ ސައިޒެއްކަމަށް ތާރީޚީ ޢިލްމުވެރިން ލަފާކުރައްވަނީ ، ދިގުމިނުގައި 144.6 މީޓަރު އަދި ފުޅާމިނުގައި 24.1 މީޓަރު އަދި އުސްމިނުގައި 14.46 މީޓަރެވެ. މިއީ މިޒަމާނުގެ އާދައިގެ މުދާ އުފުލާ ބޯޓަކާ އެއްވަރުގެ މިނެކެވެ.

ޖޫދިއްޔި ފަރުބަދަމައްޗަށް ، ނާކޮޅުބީހުމާއެކު ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ނޫޙުގެފާނަށް އަންގަވައި ވަޙީ ކުރެއްވިއެވެ.

ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގެ 48 ވަނައާޔަތުގައިވާ ފަދައިންނެވެ.

قِيلَ يٰنُوحُ ٱهْبِطْ بِسَلاَمٍ مِّنَّا وَبَركَاتٍ عَلَيْكَ وَعَلَىٰ أُمَمٍ مِّمَّن مَّعَكَ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُمْ مِّنَّا عَذَابٌ أَلِيمٌ

" އެންގެވިއެވެ. އޭ ނޫޙުގެފާނެވެ ! ތިމަންރަސްކަލާނގެ ޙަޟުރަތުން ، އަމާންކަމާއެކު ، އަދި ކަލޭގެފާނާއި ، ކަލޭގެފާނުގެ އަރިހުގައިވާ މީޙުންގެ ތެރެއިން އުފެދޭ އުއްމަތްތަކަކަށް ބަރަކާތާއެކު  ( ނާކޮޅުން ) ފައިބައިވަޑައިގަންނަވާށެވެ ! އަދި ، އުއްމަތްތަކެއް ވެއެވެ. ތިމަންރަސްކަލާނގެ އެއުއްމަތްތަކަށް ( ދުނިޔޭގައި ) އުފަލާއި އަރާމު ދެއްވާހުށީމެވެ. ދެން ، ތިމަންރަސްކަލާނގެ ޙަޟުރަތުން ، އެއުރެންނަށް ވޭންދެނިވި ޢަޒާބެއް އައިސް ޖެހޭނެތެވެ. "

ﷲ ގެ ޙަޟުރަތުން ، އެންގެވިގޮތުގެމަތިން ، ނޫޙުގެފާނާއި އެކަލޭގެފާނާއެކުގައިވާ މީސްތަކުން ނާކޮޅުން ފޭބިއެވެ. އަދި ނާކޮޅުގައިވާ އެންމެހައި ޖަނަވާރާއި ދޫނިސޫފާސޫފި ބިމަށް ދޫކޮށްލެވުނެވެ. އެއީ ފެހިކަން ގަދަ ތަނަވަސް ބިމެކެވެ. ނޫޙުގެފާނު ނާކޮޅުން ފައިބައިވަޑައިގެން ، ﷲ ގެ ރަޙުމަތްފުޅާއި މިންވަރުފުޅަށް ޝުކުރު ވެރިވެވަޑައިގެން ބިންމަތީ ސަޖިދަ ޖެއްސެވިއެވެ. ނޫޙުގެފާނުގެ ޤައުމުގެ މީސްތަކުން ، ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކޮށް ، އެދުވަހަކީ އެބައިމީހުން ރޯދަޔަށް ތިބޭ ދުވަހެއްކަމުގައި ނިންމިއެވެ. ނޫޙު ޢަލައިހިއްސަލާމާ ސީދާ މުޚާޠަބުކުރައްވާ ، ކީރިތި ޤުރުއާނުގެ މޫރިތި 47 އާޔަތް ، ބާވައިލައްވާފައި ވެއެވެ. އެއާޔަތްތަކަކީ ؛

 އާލްޢިމްރާން ސޫރަތުގެ 33 ވަނަ އާޔަތް

إِنَّ ٱللَّهَ ٱصْطَفَىٰ آدَمَ وَنُوحاً وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى ٱلْعَالَمِينَ

" ހަމަކަށަވަރުން ، ﷲ ، އާދަމުގެފާނާއި ނޫޙުގެފާނާއި ، އިބްރާހީމުގެފާނުގެ އާލުވެރިންނާއި ، ޢިމްރާނުގެ އާލުވެރިން (އެދުވަސްވަރުގެ)  ޢާލަމްތަކުގެ މައްޗަށް ޚިޔާރު ކުރެއްވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.