ހޫދުގެފާނުގެ ވާހަކަ - 2

(14 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ﷲ ސުބްޙާނަހޫ ވަތަޢާލާ ، އެކަލާނގެ ޚަލްޤުކުރައްވައި އުފަންކުރައްވާފައިވާ އިންސާނުންގެ މައްޗަށް ފޮނުއްވާފައިވާ ރަޙުމަތާއި ލައްވާފައިވާ ނިޢުމަތުގެ ވާހަކައިން ، ހޫދުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވިދާޅު ދެއްވިއެވެ. އެބައިމީހުންނަކީ ، ސަލާމްލެއްވި ނޫޙުގެފާނުގެދަރިފަސްކޮޅުން އައިސްތިބި ބައެއްކަމާއި ، އެބައިމީހުންނަށް ބާރާއި މުދަލާ އަދި ފައިސާ ދެއްވާފައިވާ ކަމާއި ، އުޑުން ވާރޭވެއްސަވައި ، ބިމަށް ދިރުންދެއްވައި ރޯދިބަރަކާތް ތަނަވަސްކޮށްދެއްވާފައިވާ ގޮތުގެ މައްޗަށް އެކަލޭގެފާނު ވާހަކަފުޅު ދެއްކެވިއެވެ.

ހޫދުގެފާނުގެ ޤައުމުގެ މީހުން ، އެކަލޭގެފާނު އެވިދާޅުވި ކަންކަމުގެ މައްޗަށް ވިސްނައި ފިކުރުކޮށް ، އެބައިމީހުންނަކީ ، ދުނިޔޭގައިވާ އެންމެ ބާރުގަދަ މީހުންކަމުގައި ނިންމިއެވެ. އަދި އެކަމަށް ބޮޑާވެ ، އެހެންމީހުންގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވުމަށް އިސްނެގިއެވެ. އެކަމާބެހޭގޮތުން ، ހޫދުގެ ފާނާ ވާހަކަދައްކައި އެމީހުން އެކަލޭގެފާނާ ދެބަސްވިއެވެ. އެމީހުން ބުނޫއެވެ. " އޭ ހޫދުގެފާނެވެ ! ކަލޭގެފާނު ތިވިދާޅުވަނީ ، އަހުރެމެން މަރުވެ އަޅިޔަށްވާނެވާހަކަ ތޯއެވެ ؟ އަދި އަލުން ދިރުއްވައި ، ޤިޔާމަތް ދުވަހު މަޙުޝަރު ކުރައްވާނެ ވާހަކަތޯއެވެ ؟ " އެކަލޭގެފާނު ޖަވާބު ދެއްވިއެވެ.

" އާނއެކެވެ ! ތިޔަބައިމީހުން މަރުވުމަށްފަހު އަލުން ދިރުއްވައި މަޙުޝަރު ކުރައްވާނެއެވެ. ތިމަންކަލޭގެފާނާއި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟުރަތަށެވެ. އެދުވަހަކުން ، ދުނިޔޭގައި ތިޔަބައިމީހުން ޢަމަލުކުރި ގޮތުގެ ފުރިހަމަ ހިސާބު ، ކޮންމެ މީހެއް ވަކިވަކިން ބެލެވޭނެއެވެ. " އެކަލޭގެފާނު އެހެން ވިދާޅުވުމާއެކު ، އެބައިމީހުން އެކަލޭގެފާނަށް ހީ މަލާމާތް ކުރިއެވެ. އަދި ބުންޏެވެ.

" ކަލޭގެފާނު ތިވިދާޅުވަނީ ކިހިނެއްވާނެކަމެއް ހެއްޔެވެ ؟ އިންސާނުން މަރުވުމުން އަޅިޔަށްވެ ބިމުގެ ފަހާއެކުވެގެން ވަޔާ ، ވިއްސިވިހާލިވެގެންދާނެއެވެ. އެއަށްފަހު ، އަލުން ފުރާނައެޅިގެން އއެއިންސާނާ ، އޭނާގެ އަޞްލަށް ރުޖޫޢަވެ ، އަންނާނީ ކޮންފަދަޔަކުން ހެއްޔެވެ ؟ އެހެންކަމަށްވަންޏާ ހިސާބު ބައްލަވާ ދުވަހުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ ހަށިގަނޑަށް ފުރާނައެޅިގެން ދިރިގެން ތެދުވާނީ ކިހިނަކުން ހެއްޔެވެ ؟ " ހޫދުގެފާނުގެ ޤައުމުގެ މީސްތަކުންގެ އަޑު އެކަލޭގެފާނާހަމަޔަށް ފޯރިއެވެ. ޤިޔާމަތް މަޙުޝަރު ދުވަހާބެހޭގޮތުން ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް އޮޅުންފިލުއްވައި ދެއްވިއެވެ. ކީރިތި ﷲ ގެ ޢަދުލުވެރިކަމުގެ ދަރުބާރަށް ޚާއްޞަކުރެވިގެންވާ މަޙުޝަރު ދުވަހަކީ މުހިންމު ދުވަހެއްކަން  ، މީސްތަކުންނަށް އަންގަވައި ދެއްވިއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢަދުލުވަންތަވެރިކަން ހެކިކޮށްދިނުމުގައި ، މަޙުޝަރުދުވަހުގެ މުހިންމުކަން ބަޔާންކޮށް ދެއްވަމުން ގެންދެވިއެވެ. އެއީ ކުރިން ފޮނުއްވާފައިވާ ނަބިއްޔުންނާއި ރަސޫލު ބޭކަލުން ، މީސްތަކުންނަށް ބަޔާންކޮށްދެއްވަމުން ވަޑައިގެންފައިވާ ކަމެއްކަން ސާފުކޮށް ދެއްވިއެވެ.

ހިސާބު ބައްލާވާދުވަހެއް މުހިންމުވަނީ ، ރަނގަޅަކީ ދުނިޔޭގައި އަބަދު ދެމިއޮންނައެއްޗަކަށް ނުވާތީކަމަށް ، އެކަލޭގެފާނު ، މީސްތަކުންނަށް ސާފުކޮށްދެއްވަމުން ގެންދެވިއެވެ. އެހެނީ ، ކުށްފާފައަކީ ބައެއްފަހަރަށް ، ރަނގަޅުގެ މައްޗަށް ގަދަވެގަންނަ އެއްޗަކަށްވާތީއެވެ. ރަނގަޅު ހެޔޮ ޢަމަލުތަކާއި ، ފާފަތައް ހިސާބުކޮށް ، އެމީހަކަށް ޙައްޤު ސަވާބާއި ދަރުމަ އެމީހަކަށް މިންވަރުކުރައްވަނީ ، މާތް ﷲ ކަން ، އެކަލޭގެފާނު މީސްތަކުންނަށް އަންގަވައި ދެއްވިއެވެ. ހޫދުގެފާނު ދެއްކެވި ވާހަކަތައް އެމީހުން ކަނުލައި އަޑުއެހިއެވެ. އެހެންނަމަވެސް ، އެވާހަކަތަކަށް އެކަލޭގެފާނުގެ ޤައުމުގެ މީހުންދިނީ ބީރު ކަންފަތެކެވެ. ޤިޔާމަތްދުވަހާބެހޭގޮތުން ، ހޫދުގެފާނުގެ ޤައުމުގެ މީހުން ޤަބޫލުކޮށްގެން ތިބި ގޮތުގެ މައްޗަށް ، ކީރިތި ޤުރުއާނުގެ އަލްމުއުމިނޫން ސޫރަތުގެ 33 ވަނަ އާޔަތުން ފެށިގެން 38 ވަނަ އާޔަތުގެ ނިޔަލަށް ، އެ ހަ އާޔަތުގައިވާ ވަޙީބަސްފުޅުގެ މާނައިގާ ވެއެވެ.

" އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ، ކާފިރުވެ އަދި ، އާޚިރަތާ ބައްދަލުވާނޭކަން ދޮގުކޮށް އުޅުނު ، އަދި ދުނިޔޭގެ ޙަޔާތުގައި ތަނަވަސްކަމާއި ނިޢުމަތް ، އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ބޮޑުންގެމީހުން ބުނޫއެވެ. ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައި މެނުވީ ، މީނާ ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން ، އޭނާވެސް ކައިއުޅެތެވެ. އަދި ، ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާވެސް ބޮއެ އުޅެތެވެ. (33) އަދި ، ހަމަކަށަވަރުން ، ތިޔަބއިމީހުން ކަހަލަ އާދަމުގެ ދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ ، އެ ހިނދު ހަމަކަށަވަރުން ، ތިޔަބައިމީހުންނީ ، ގެއްލެނިވެގެންވާ ބައެއްކަން ކަށަވަރެވެ. (34) ހަމަކަށަވަރުން ، ތިޔަބައިމީހުން މަރުވެއްޖެހިނދު ، އަދި ވެއްޔާއި ކަށްޓަށް ތިޔަބައިމީހުން ވެއްޖެ ހިނދު ، އަލުން ދިރުއްވައި ނެރުއްވާނޭކަމަށް އޭނާ ތިޔަބައިމީހުންނަށް ވަޢުދުކުރަނީ ހެއްޔެވެ ؟ (35) ތިޔަބައިމީހުންނަށް ވަޢުދުކުރައްވާ ކަންތައް ދުރުވެގެން ވެއެވެ. ( ވަރަށް ) ދުރުވެގެން ވެއެވެ. (36) އެ ދިރިއުޅުމަކީ ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމުއެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ. (37) ﷲ އާމެދު ހަދައިގެން ދޮގެއްބުނި ފިރިހެނަކުކަމުގައިނޫނީ ، އޭނާ ނުވެތެވެ. އަދި ، އޭނާއަށް އީމާންވާ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ. (38)

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.