މިއަދު ، 23 މާރިޗް 2023 ނުވަތަ 23.03.23 ، ރީތި ޢަދަދަކުން ގުނޭ ބުރާސްފަތި ދުވަހަކީ ، މިއަހަރު (1444 / 2023) ގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ.
ރަމަޟާންމަހަށް މަރުޙަބާ ކިޔައި މުބާރަކުބާދީ އަދާކުރުމަށްފަހު ، މިކޮލަމްގައި ލިޔަމުން ގެންދާނީ ، ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ވާހަކައެވެ. އެބޭކަލުންގެ ޙަޔާތްޕުޅުގައި ﷲ ގެ މަގުގައި ، އިންސާނިއްޔަތަށް ދައްކަވާފައިވާ ރިވެތި ނަމޫނާއާއި މިސާލެވެ. އެންމެ ފުރަތަމަ ފަށާނީ ، އަޅުގަނޑުމެން އެންމެންގެ ބަފައިކަލުން ، ސަލާމްލެއްވި އާދަމްގެފާނުގެ ވާހަކައިންނެވެ.
ބަރަކާތްތެރި ރަމަޟާން މަހަކީ ، ހިޖުރީ ކަލަންޑަރުގެ 9 ވަނަ މަހެވެ. އަދި އެއީ އެމަހެއްގެ ނަމުން ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ހަމައެކަނި މަހެވެ.
އަހަރުގެ އެހެން ހުރިހާ މަހަކަށްވުރެ ، ރަމަޟާންމަސް ، މާތްވެފައި ، ޚާއްޞަވުމުގައި ސަވާބާއި ދަރުމަލިބޭ އެތައް އަޅުކަމެއް ހިމެނެއެވެ. ރޯދަހިފުން ފަރުޟު ކުރައްވާފައިވަނީ ރަމަޟާން މަހުއެވެ. ކީރިތި ޤުރުއާން ބާވާލައްވާފައިވަނީ އެމައްސަރުގައެވެ. ރޯދަވެރިޔާއާ ގުޅިފައިވާ ފިޠުރު ޒަކާތް ވާޖިބުކުރައްވާފައިވަނީ އެމަހުއެވެ. ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ، ރަމަޟާންމަހުއެވެ.
އެއީ އަޅުކަމުގެ މައްސަރެވެ. އަޅުކަމުން ، ހިތްސާފުކޮށް ، ނަފްސު ޠާހިރުކުރުމުގެ މާތް ދުވަސްތަކެކެވެ. ރޯދަޔަށް ހުރުމާއި ޛިކުރުކުރުމާ އަދި ކީރިތި ޤުރުއާން ކިޔެވުމުންނެވެ. ކީރިތ ޤުރުއާނުގެ މޫރިތި އާޔަތްތަކުން ، ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
شَهْرُ رَمَضَانَ ٱلَّذِيۤ أُنْزِلَ فِيهِ ٱلْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلاَ يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُواْ ٱلْعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
" ރަމަޟާންމަހަކީ ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. ( އެ ޤުރުއާން ބާވައިލެއްވީ ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ، ހިދާޔަތާއި ޙައްޤާ ބާތިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ ، ތިޔަބައިމީހުންގެ ތެރެއިން ، އެ މައްސަރުގައި ޙާޟިރުވެހުރެއްޖެ މީހާ އެމަހުގެ ރޯދަ ހިފާހުށިކަމެވެ. އަދި ، ބަލިވެ އުޅޭމީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ ، ( އެމައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަ ކުރައްވަތެވެ. އަދި ، ދަތި އުނދަގޫގޮތް ، ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. ( މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ ) ތިޔަބައިމީހުން ، އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ، ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ، ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަންމައްޗަށް ، ﷲ އަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ، ތިޔަބައިމީހުން ( އެކަލާނގެއަށް ) ޝުކުރުވެރި ވުމަށްޓަކައެވެ.
އަދިހަމައެފަދައިން ، ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
" އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވިފަދައިން ، ތިޔަބައިމީހުންގެ މައްޗަށްވެސް ، ރޯދަ ފަރުޟު ކުރައްވައިފިއެވެ. ( އެއީ ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ. "
ރަމަޟާންމަހަކީ ހެޔޮޢަމަލުކޮށް ، ތަޤްވާވެރިވުމުގެ މަހެވެ. ނިކަމެތިންނާއި ފަޤީރުންނަށް އަޅައިލައި ޞަދަޤާތް ދިނުމުން ، ނަފްސު ޠާހިރުކޮށް ، ﷲ ގެމަގަށް ރުޖޫޢަ ވުމުގެ މައްސަރެވެ. ނަމާދުކޮށް ، ގިނަގިނައިން ކީރިތި ޤުރުއާން ކިޔަވައި ، ﷲ އަށް ޛިކުރުކުރުމުގެ ދުވަސްތަކެކެވެ. ﷲ ގެ މަތިވެރި ރަޙުމަތާއި ނިމުމެއްނެތް ނިޢުމަތަށް ދޮރުހުޅުވިގެންވާ ، ބަރަކާތްތެރި މައްސަރެކެވެ. ހެޔޮޢަމަލުތަކުން އިންސާނާގެ ދުނިޔެ އާބާދުކޮށް ، މިފަނާވަނިވި ދުނިޔެ ދޫކޮށް ، އާޚިރަތުގެ ބާއްޖަވެރި ދަތުރަށް ވިސްނައިފިމީހެއްގެ ނަޞީބުގެ މަތިވެރިކަމާއެވެ ! ކީރިތި ﷲ ، އަޅަމެން އެންމެންނަށް މިމައްސަރުގެ ދަރުމައާއި ސަވާބު މިންވަރު ކުރައްވާށިއެވެ !