ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން އެމްއެންޕީން މަޖިލީހަށް ބިލެއް ހުށަހަޅަނީ

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފިއެވެ.

އެމްއެންޕީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޟް ވިދާޅުވީ ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާ ދޭހާ ދުވަހަކު އާންމުނަށް ނޭނގި ޕާޓީތަކަށް މީހުން ވައްދާނެ ކަމަށެވެ.

އެމްއެންޕީން މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިމިވަނީ ޢާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހަށް ހުށައެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނިކޮށެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޢަބްދުﷲ ރިޔާޟް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން އެމްއެންޕީ އިން ބިލެއް ވަރަށް އަވަހަށް މަޖިލިހަށް ހުށަހަޅާނެ ކަމަށެވެ.

ބައެއް ސިޔާސީ ޕާޓީތަކުން، އެޕާޓީގެ ދަފްތަރުގެ މެންބަރުން މަދުވާ މައްސަލައާއި ނޭނގި އެހެން ޕާޓީތަކަށް ވައްދާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކުރުމަށް އީސީން ވަނީ ނިންމާފައެވެ.

ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ބޮޑު ހޭދައެއް ކުރެއެވެ.

ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވަނީ ބުނެފައެވެ.

އަހަރަކަށް ފަހު އަހަރަކަށް ދައުލަތުގެ ބަޖެޓް ބޮޑު ވަމުންދާއިރު، އެނިސްބަތުން ސިޔާސީ ޕާޓީތަކަށް ދޭ އަދަދުވެސް އިތުރުވާ ގޮތަށް ކަނޑައަޅާފައި އޮންނަ މި އުސޫލުގެ ދަށުން، މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަނީ 32 މިލިއަން ރުފިޔާ މިހާރު ދޫކޮށްފައެވެ.

އެގޮތުން އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ ދޫކޮށްފައިވާއިރު، ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ ދޫކުރިއިރު، އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ ދޫކޮށްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.