އެމްއެންޕީ ވުޖޫދުވީ އާއިލާއަށް އުފަލާއެކު އަރާމުގައި ނިދާލެވޭނެ ދުވަހެއް ހޯދައިދިނުމަށް: ޝަރީފް

އެމްއެންޕީ ވުޖޫދުވީ އާއިލާއަށް އުފަލާއެކު އަރާމުގައި ނިދާލެވޭނެ ދުވަހެއް ހޯދައިދިނުމަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން ބޭއްވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މި ގައުމަކީ މުއްސަނދި އަދި ވަސީލަތްތައް ގިނަ ގައުމެއް ކަމަށެވެ.

މިގޮތުން ރަށްތަކާއި ފަޅުތަކާއި، ފަރުތަކާއި، މޫދާއި، ކަނޑާއި، ގްރީނަރީސްގެ އިތުރުން ނޭވާލާ ޖައްވަކީ ދިވެހިންނަށް ލިބިފައިވާ ޖަވާހިރެއް ފަދަ ވަސީލަތްތަކެއް ކަމަށެވެ.

އެހެންނަމަވެސް ރާއްޖެއަށް ލިބޭ ބޭރު ފައިސާ ރާއްޖޭގައި ދައުރުވުމުގެ ބަދަލުގައި ރާއްޖެއިން ބޭރުގައި ދައުރުވަމުން ދާކަމުގެ ކަންބޮޑުވުންތައް ޝަރީފް ވަނީ ފާޅުކުރައްވާފަ އެވެ.

މިއީ އެމްއެންޕީ އިން ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށާއި ރިސޯޓްތަކުން ސަރުކާރަށް ލިބޭ ޓެކްސް ފައިސާ ވެސް އެނބުރެނީ ރާއްޖެއިން ބޭރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަވަށްޓެރި ގައުމުތަކުން ކޮންޓެކްޓަރުން ގެނެސް ތާރު އަޅަން ފަށަނީ. ދަރަނި ނަގަނީ. އެ ދަރަނި ނަގާ ގައުމުގެ މީހުންނަށް ތާރު އަޅަން މިހަވާލުކުރަނީ. އަނެއްކާ އެ ފައިސާވެސް މި ދަނީ ރާއްޖެއިން ބޭރަށް" ޝަރީފް ވިދާޅުވި އެވެ.

މި ގައުމުގެ މުއްސަނދިކަން ދިވެހިންނަށް ލިބެންޖެހޭކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ރާއްޖޭގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރަން ޖެހޭކަމަށާއި އެހެން ނޫންނަމަ ހުރިހާ ފައިސާއެއް ދާނީ ގައުމުން ބޭރަށް ކަމަށެވެ.

އެމްއެންޕީ ސަރުކާރު ހިންގަން ހަވާލުކުރުމުން އެ ސިޔާސަތު ބަދަލުކުރާނެ ކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި އެކަންކަން ޑިޒައިން ކުރަނީ ދިވެހިންނަށް އަމާޒުކޮށްގެން ދިވެހިން އުފަލުގައި މީހުން ދަށުނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަން ކަމާއެކު އުޅެވޭނެ ގޮތަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޕާޓީގެ މެނިފެސްޓޯ އަމާޒުކޮށްފައި ވަނީ ދިވެހި ރައްޔިތުމީހާ ފުދުންތެރި ރައްޔިތަކަށް ހެދުމަށް ކަމަށާއި ސިޔާސަތު އަމާޒުކޮށްފައި ވާނީ ފުދުންތެރި ރައްޔިތަކަށް ދިވެހި މީހާ ހެދުމަށްކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.