މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބޭއްވި ޕީއެސް 5 ފީފާ 2022 މުބާރާތް ނިމިއްޖެއެވެ.
އެ ޕާޓީގެ ޔޫތު ވިންގާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންގ ގުޅިގެން ބޭއްވި މުބާރާތުގެ ޑަބަލްސް (2vs2) ޗެމްޕިއަންކަން ހޯދީ މުޙައްމަދު ޒަމީލް އަދި މުޙައްމަދު އައިމަން އަޙްމަދެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިސްމާޢީލް ޒަކުވާން ޝިހާދު އާއި އަޙްމަދު ރުވައިދު ޒިވާދު ވާދަކޮށް 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގައި 400 އަށްވުރެ ގިނަ ބައިވެރިން، 200 އަށްވުރެ ގިނަ ޓީމާއެކު ބައިވެރިވިއިރު، މިއީ ރާއްޖޭގައި އެންމެ ގިނަ ބައިވެރިންނާއެކު ބޭއްވި މިފަދަ ގޭމިންގ މުބާރާތެވެ.
ނޮކްއައުޓް ބުރަކާއި ގްރޫޕް ސްޓޭޖް މެޗުތަކެއް ވެސް ހިމެނޭ ގޮތަށް ކުޅުނު މިމުބާރާތް ކުރިޔަށް ދިޔައީ 9 ޖޫން އިން 13 ޖޫން ގެ ނިޔަލަށެވެ.
ފައިނަލް މެޗަށްފަހު އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދިގެން އައި އިރު ޒުވާނުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ، ޒުވާނުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެލިކަމަށެވެ.
" އޭގެ ތެރެއިން ފާހަގަވީ އެއްކަމަކީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ ޒުވާނުންނާ ޕާޓީއާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އީ-ސްޕޯޓްސްގެ އެކި ކުޅިވަރުތަކުން މިފަދަ ގިނަ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމުގަ. އެމްއެންޕީގެ ސިޔާސަތުތައް ރާވާއިރު ކޯޑިންގ އަދި އީ-ސްޕޯޓްސް ފަދަ ޒުވާނުން ބޭނުންވާ ކަންކަމަށް އިސްކަންދޭނަން." ނާޒިމް ވިދާޅުވިއެވެ.
މިމުބާރާތުގެ ވަނަތަކަށް ދިޔަ ޓީމުތައް:
- 1 ވަނަ، މުޙައްމަދު ޒަމީލް / މުޙައްމަދު އައިމަން އަޙްމަދު – 8،000 ރުފިޔާ
- 2 ވަނަ، އިސްމާޢީލް ޒަކުވާން ޝިހާދު / އަޙްމަދު ރުވައިދު ޒިވާދު – 5،000 ރުފިޔާ
- 3 ވަނަ، އަރުފައު ޢަލީ / މުޙައްމަދު އިނާން – 3،000 ރުފިޔާ
- 4 ވަަނަ، ޢަބްދުﷲ ނާސިފް / ރާއިދު ޙަސަން – 1،000 ރުފިޔާ
- 5 ވަނަ، އަރުހަމް ޢަލީ / ފާރިޝް މުޙައްމަދު – 500 ރުފިޔާ
- 6 ވަނަ، މަޤްރިބް އިބްރާހީމް / މަޙުމޫދު އިންހާލް – 500 ރުފިޔާ
- 7 ވަނަ، އަޙްމަދު މުފްލިޙް / ޙުސައިން ޒާޖިލް – 500 ރުފިޔާ
- 8 ވަނަ، މުޙައްމަދު ނަބީލް އިބްރާހީމް / މުޙައްމަދު އީވާން – 500 ރުފިޔާ
- އެންމެ ގިނަ ލަނޑު ޖެހި ޓީމު، އަރުފައު ޢަލީ / މުޙައްމަދު އިނާން – 1،000 ރުފިޔާ