(24 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)
"އަވަހަށް ދާށެވެ. އަދި އެހީތެރިކަމަށް އެދޭށެވެ." އަޅުގަނޑު މަހާ އަށް ބުނީމެވެ.
"އެކަމަކު ، އެނިކަމެތި އަންހެންކުދިންނޯ؟" މަހާ ސުއާލުކުރިއެވެ.
"މަހާ! ދަރިފުޅާ! އަނގަމަޑުންލައިގެންހުންނާށެވެ. އެކަމަކަށް ފަހުން ވިސްނާނީއެވެ." އަޅުގަނޑު ގުދުވެލައި ޚާލިދާއަށް ބަލައިލީމެވެ. ނަސީބަކުން ޚާލިދާ ނޭވާ ލައެވެ.
"ހަމަ މިހާރު ދާށެވެ! ގޮސް މީހެއްގާތު އެހީއަށް އެދޭށެވެ." އަޅުގަނޑު މަހާއަށް އަމުރުކުރީމެވެ.
އަޑުގެ ނެތްތަނަށް ، ލައިލާއަށް ގޮވަމުން ގަނޑުވަރާދިމާއަށް މަހާ ދުއްވައިގަތެވެ. އަމާނީވެސް މަޑުމަޑުން ބަގީޗާއިން ނުކުމެގެންދާތަން ފެނުނެވެ. އެކަމަކު އޭނާގެ ކަމަކީ ، ދޫނިތައްލައިފަ ތިބި ކޮށިތައް މޮހައި ދޫނިތައް ކޮށިން ދޫކުރުމެވެ. އަޅުގަނޑަށް ހަދާނެގޮތް ބޮޑުވިއެވެ.
"މާތް ކަލާކޯއެވެ! އަމާނީއެވެ! އަންނާށެވެ." އޭނާއަށް ހިފުނުވަރަކަށް ކޮށިތައް ނަގައިގެން ހުއްޓެވެ. އަދި ދެން ބަލައިލިއިރު ، އަމާނީ ފެންނާކަށް ނެތެވެ.
ދޫނިތަކުގެ ސުވަރުގެ
އެއްފަހަރަކު މީހަކުބުނާތީ އަޅުގަނޑު އަޑުއެހީމެވެ. ދިރިއުޅުން އަޅުގަނޑުމެންނަކަށް ހަނދާނެއް ނުބެހެއްޓޭނެއެވެ. އެކަމަކު ، ދިރިއުޅުމުގެ ޙަރކާތްތަކާއި ޙާލަތުތައް ހަނދާން ހުންނާނެއެވެ. އެއީ ތެދެއްކަން އަޅުގަނޑަށްވެސް އެނގެއެވެ. އަޅުގަނޑުވެސް މިހުރީ ، ދިރިއުޅުމުގެ އެފަދަ ޙާލަތުތަކުގެ އެންމެ " އުހަށް " ވެސް އަރާފައެވެ. ޚާލިދާގެ ބޯ އަޅުގަނޑުގެ އުނގުގައި ބާއްވައިލައިގެން އިނދެ ، ވަރަށްބޮޑަށް ހާސްވެއްޖެއެވެ. މަހާވެސް ދިޔަގޮތަކަށް ނައެވެ. ދެމީހުންނަކީވެސް އެހައި ކަންތައްގަނޑު ބޮޑު ދެމީހުންނެވެ. އަމާނީ ، ބަގީޗާ ތެރޭގައި އެބައުޅެއެވެ. ދޫނިތައް ފަހައި ދުވަނީއެވެ. އަމާނީ ހޯދައިގެން އަންނާށޭ ބުނެ ، މަހާ އެތަނުން ފޮނުވައިލީމެވެ.
މަހާ އެންމެފަހުން ، ލައިލާ ގޮވައިގެން އެތަނަށް އަތުވެއްޖެއެވެ. މިޞްރުގެ ތިން މީހަކުވެސް އައެވެ. ޤަބޫލުކުރެވޭގޮތުގައި އެއީ ، މިސްރުންގެނެވިފައިތިބި ތިން ނޯކަރުންނެވެ. އައިމަގުމަތީގައި ، މަހާވަނީ ލައިލާގާތު ހުރިހާ ވާހަކައެއް ކިޔައިދީފައެވެ. އެހެންކަމުން އެމީހުން އައިގޮތަށް އައިސް ، އެމީހުންގެ ސާހިބުކަމަނާއަށް ހޭހަންކުރަން ފެއްޓިއެވެ. އެމީހުން ތިބީ އުނދަގޫވެފައެވެ. އަތްލަން ނުކެރި ، ޚާލިދާގެ އަތާދިމާގައި މަޑުކޮށްލައިގެން ތިއްބެވެ. ފަޟްލުގެ އެގަނޑުވަރުތަކުގެ ބަގީޗާއަށް ޚާއްޞަކޮށްގެން ގެނެވިފައިވާ އެތައް ކޮށްޓެއްގައި ތިބި ދޫނިތައް އަމާނީ ދޫކޮށްލައިފިއެވެ. ނަޞީބަކުން ، ޚާލިދާ ކައިރީ ހުރިހައި ޚާދިމުން އުޅެންހަދައިގެން ، އެމީހުންކުރެ އެކަކަށްވެސް ، އަމާނީ އެކުރިކަމެއް އަޅައެއް ނުގަނެއެވެ.
އެންމެފަހުން ޚާލިދާ ލޯހުޅުވައިލިއެވެ. އަދި އަޅުގަނޑު ، އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރިތަން ފެނި ކުކުރައިލިއެވެ. ކުކުރައިލުމާއެކު ، އަނެއްކާވެސް ޚަބަރު ހުސްވެއްޖެއެވެ. ޚާލިދާއަށް މިދިމާވީ އާދައިގެ ކަމެއްނޫނެވެ. ތިންވަނަފަހަރަށް ، ޚަބަރު ހުސްވެފައި ލޯހުޅުވައިލިއެވެ. ޚާލިދާ އެތެރެޔަށް ގެންގޮސް އޭނާގެ އެނދުގައި ބާއްވަމާ ހެއްޔެވެ ؟ އަޅުގަނޑު ބުނީމެވެ. އަޅުގަނޑު ކުރިޔަށް ޖެހިލައި ، ޚާލިދާގެ ގައިގާ ބައްދައި ، ޚާލިދާ އުފުއްލައިލުމަށް ނޯކަރުންގާތު ބުނީމެވެ. އަދި އަވަހަށް އޭނާ ގަނޑުވަރަށްގެންދިއުން މުހިންމުކަމުގައިވެސް ބުނީމެވެ. އެތަނުން އެކަކުވެސް ގުޑިއެއްނުލިއެވެ. އަދި ކަންބޮޑުވެފައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ.
"ސާހިބު ކަމަނާއެވެ! އެއީ ޙަރާމް ކަމެކެވެ." އެތަނުން އެންމެ ކުރުކޮށްހުރި މީހާ ބުނެލިއެވެ. ޚާލިދާ ނަގައި އަޅުގަނޑުގެ ފައިމަތީ ބަހައްޓައިގެންހުރުމަކީ ވަރަށްބޮޑު އަނުޔާއެކެވެ. ނޯކަރުންނަށް ވިސްނައިދެވިފައި އެއޮތީ ، ކޮންމެ ޙާލަތެއްގައިވެސް ފިރިހެނަކު ، ހިލޭ އަންހެނަކާ ، ހަންހުރަހަކާ ނުލައި ބީހުމަކީ ޙަރާމް ކަމެއް ކަމުގައެވެ. ގޯހެއްނޫނެވެ. އެކަމަކު އަންހެނަކަށް އެކަން ކުރެވިދާނެނޫން ހެއްޔެވެ؟ ވިސްނަން މާގިނައިރުތަކެއް ނުނަގައި ، އެތަނުގައިތިބި ދެފިރިހެނުންގެ އަތްދަމައިގަނެ ، ޚާލިދާ ގައިގައި ހިއްޕުވައިފައި ، ކަލޭމެންގެ ސާހިބު ކަމަނާ ގަނޑުވަރަށް ގެންދަން އެހީތެރިވާށޭ ބުނީމެވެ. އޭގެ ދެމީހުން ދެލޯބޮޑުކޮށް ، އެކަކު އަނެކަކަށް ބަލަހައްޓައިގެންތިބެ ، ޚާލިދާގެ ހަށިގަނޑު އުފުއްލައިލިއެވެ. ޢާންމުގޮތެއްގައި ކުޑަކޮށް ހުއްޓަކަސް ، އެއިން ކޮންމެ މީހަކީވެސް އަންހެނަކަށްވުރެ ބާރުގަދަވާނެއެވެ.
ޚާލިދާއަށް ސަމާލުކަން ދިނުމަށްޓަކައި އޭނާއާ ގާތަށް އަޅުގަނޑު ޖެހިލީމެވެ. އަދި މަޑުމަޑުން ޙަރަކާތްކޮށްލީމެވެ. އެވަގުތު ލައިލާވެސް ، ރަޖާގަނޑެއް ހިފައިގެން އެތަނަށް އަތުވެއްޖެއެވެ. އަދި ޚާލިދާގެ ގައިދަށުގައި ފަތުރައިލިއެވެ.
ޚާލިދާ މިހާރު ހަމަޔަކަށް އެޅިއްޖެއެވެ. އެންމެފަހުން ، ނޯކަރުން ބީހިލުމަށް ލަދުންނާއި ބިރުން އުޅެނިކޮށް ، ދެމީހުންގެ އަތަށް އެ ރަޖާގަނޑުގެ ކަނެއްދީ އީގައި ހިއްޕުވީއެވެ. އަޅުގަނޑު ބޭނުންނަމަ ، އެމީހުން ޖަލަށްވެސް ފޮނުވައިލެވުނީހެވެ. ޝާހީ ޢާއިލާގެ ކޮންމެ މެންބަރެއްގެވެސް ލެޔަކީ އެހައިބާރުގަދަ އެއްޗެއްކަން އެންމެންނަށްވެސް އެނގޭނެއެވެ.
ކުޑަކޮށް ހަމަޖެހިލުމުން ، ޚާލިދާއަށް ސައިތަށްޓެއްދީ ހަށިގަނޑު ހޫނުކޮށްލުވީމެވެ. އަޅުގަނޑުގެ ދެކުދިންގެ ފަރާތުން މިއަދު އެ ހިނގައިދިޔަ ކަންކަމަށް ޚާލިދާގާތުން މަޢާފަށް އެދުނީމެވެ. މަޑުމަޑުން ސައިތަށިބޮމުން ، އަޅުގަނޑާދިމާ ނުބަލައިވޭތޯ ޚާލިދާ މަސައްކަތް ކުރަމުންގެންދިޔައެވެ. އެކަމަކު ، މިހާރުގެ ކުދިންގައި އެކަހަލަ އުނިކަންކަން ހުންނާނޭ ، ކީއްހޭ ކުރާނީ ބުނުމުން ، އަޅުގަނޑާ އެއްބައިވުމަށް ބޯތިރިކޮށްލައި ، ޚާލިދާވެސް އެކަމަށް އެއްބަސްވިއެވެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި ، ޚާލިދާގެ ވަރަށްގިނަ ކުދިންގައި ، އަމާނީވަރު ނުވިޔަސް ، ކޮންމެވެސް އުނިކަންތައްތަކެއް ހުރެއެވެ. އެހެންކަމުން ، އަމާނީގެ އެކަންތައްގަނޑު އެއީ ތަޙައްމަލުކޮށްލަން އެހައި އުނދަގޫކަމަކަށް ނުވީއެވެ.
ވަރަށް އާދައިގެ ގޮތަކަށް ވަދާޢުގެ ސަލާމް ޤަލާމްކޮށްލުމަށްފަހު ، ފަޟްލުގެ ގަނޑުވަރުން އަޅުގަނޑުމެން ނުކުމެއްޖައިމެވެ. އެތަނުން އެއްވެސް ބަގީޗާއެއްގެ ކޮށީގައި ދިރޭ އެއްވެސް ދޫންޏެއް ނޫޅޭނެވާހަކަ ޚާލިދާގާތު ބުނާކަށް ނުކެރުނެވެ. އެކަން އެގޮތަށް އަޅުގަނޑުކުރީ ކޮންމެހެން ކަމެއް އޮޅުވައިލަންވެގެންނެއް ނޫނެވެ. އަދި މަހާގެ ކުށެއް ފޮރުވަންވެގެންނެއްވެސް ނޫނެވެ. އެވާހަކަ ޚާލިދާ ގާތު ނުބުނީ ، އެމީހުންނަށް އެކަން އެނގުމުގެ ކުރިން އެތަނަށް ދޫނިފޮނުވަން ހިތުގައި އޮތީމައެވެ. އަޅުގަނޑުމެން ހިނގަމުން ދިޔައީ ، ވަރަށް ދިގު ކޮރިޑޯއެއްގެ މެދުން ލައިފައެވެ. ކުއްލިޔަކަށް މަހާ އައިސް އަޅުގަނޑަށް ބަލައިލައިފާ އަތުގައި ހިފައިފިއެވެ. އަޅުގަނޑުވެސް މަހާ ހަމަޖައސައިލުމަށްޓަކައި ، އޭނާގެ އަތް އަޅުގަނޑުގެ އަތާ ބޮނޑިކޮށްލީމެވެ.
"އަމާނީ ފިލައިފިއެވެ. ޑްރައިވަރުވެސް ފެންނާކަށް ނެތެވެ." އަމާނީ އަޅުގަނޑުގެ ކަންފަތްދޮށުގައި ވައިއަޑުން ބުންޏެވެ. ކުޑަކޮށް ހިން ދިރުވައިލައިފާ މަހާއަށް ހީލީމެވެ. އެވަގުތު ހަނދާނަށް އައީ ، އަޅުގަނޑުގެ މަންމަ ، ދޭތެރެޔަކުން ބޭނުންކުރާ ހަރުބަހެކެވެ. އަދި މަހާއާ މުޚާޠަބުކޮށް ބުނެލީމެވެ. "ދަރިފުޅާ މަހާއެވެ! ކިތަންމެ އުހަކަށް ދޫނި އުދުހުނު ނަމަވެސް ، ކޮންމެވެސް ތާކަށް އޭތި ތިރިކޮށްލާނެއެވެ. އަހަރެމެން އަމާނީ ހޯދާނީއެވެ. އެދޫނިތައް ވާނީ އަމާނީއާއެކުގައެވެ."
ދޮރުވާނަކަށް ހުރި ، މިޞްރުގެ ޚާދިމު މުސްތަފާގެ ފަރާތުން އެނގުނުގޮތުގައި ، އަމާނީވަނީ ދޫނިތައް އެއްކޮށްގެން އެހިފައިގެން ނުކުމެގެން ގޮއްސައެވެ. އެއެއްޗެތި ހިފައި ރަމަތަ ކުރުމުގައި އަޅުގަނޑުގެ ޑްރައިވަރުވެސް އަމާނީއަށް އެހީތެރިވެދިންކަމަށް ވެއެވެ. އަމާނީއަށް ، ޚާލިދާ އެހައިގިނަ ދޫނި ޢީދު ހަދިޔާގެ ގޮތުގައި ހަދިޔާ ކުރީތީ މުޞްތަފާހުރީ ވަރަށް އުފަލުންނެވެ. ދިރޭތަކެތި ދެކެ ، ޚާލިދާވެސް އަދި ފަޟްލުވެސް ވަރަށް ލޯބިވާނެކަމުގައިވެސް މުޞްތަފާ ބުންޏެވެ. އަޅުގަނޑަށް އޭނާއާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލެވުނެވެ. އެއްވެސްކަމެއް މިއަދު މިގަނޑުވަރުގައި ރަނގަޅަކަށް ހިނގައިފައެއް ނެތެވެ. މިހުންނަށް ޞަދަޤާތްދީ އެހީވެއުޅުމަކީ ، އިސްލާމްދީނުގައި ބާރުއަޅާ ކަމެކެވެ. އަމްދުން ޒަކާތްދިނުމަކީ ދީނީގޮތުން ވާޖިބެކެވެ. ފަޟްލަކީ އަލްސައުދު ޢާއިލާގެ ޝާހީމެންބަރުންކުރެ ، އެންމެ މުއްސަނދި މީހުންގެ ތެރޭގައި ގުނައިލެވޭ އެކެކެވެ. އެކަމަކު ، މީހުންނަށް ޞަދަޤާތްކުރުމަކީ އޭނާކޮށްއުޅޭ ކަމަކަށް ނުވެއެވެ. އެކަމަކު ޒަކާތް ދައްކައެވެ.
(ނުނިމޭ)
Mee ves kihaareethi vaahakaeh shukuru