ގެއްލުނު ލޯބި (17)

( 15 އެޕްރީލް 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ކަރާޗީގައި ހުންނަ ސިތާރާމެންގެގެޔަށް ޒުބާދިޔަތަނުން ، ބޮޑުދައިތަ ސިތާރާގެ އަންހެންދަރިފުޅު ، ސީމާބް އާ ޒުބާއާ ދިމާވިއެވެ. ޒުބާގެ ދަބަސްވެސް ބެހެއްޓުނީ ސީމާބްގެ ކޮޓަރީގައެވެ. އެކަމާ ސީމާބް ހިތްހަމައެއް ނުޖެހުނެވެ. އެ ކޮޓަރިޔަށް ވަންނާށާއި ، ނިދަން އޮތުމަށްވެސް ދެކޮޅު ހެދިއެވެ. އަދި ބޭރުގޭތެރޭ ސޯފާގައި ނިދަން ފެއްޓިއެވެ. ސީމާބް އަކީވެސް ޒުބާއާ އެއް ޢުމުރު ފުރައިގެ ކުއްޖެކެވެ. ސީމާބަށް ، ޒުބާއަކަށް މަރުޙަބާއެއް ނުކިޔުނެވެ. އޭނާގެ މަންމަ ، ޒުބާއަށް މާބޮޑަށް އަޅައިލާތީ ، ސީމާބްގެ ހިތުގައި ޒުބާގެ މައްޗަށް ޙަސަދަވެރިކަން އުފެދުނެވެ. އަދި ، އެކިކަހަލަ ގޯނާއާއި ޖެއްސުން ކުރަމުން ، ޒުބާ އެގެއިން ނުކުމެގެންދާނެ ހުރިހާކަމެއް ސީމާބް ކުރަމުން ގެންދިޔައެވެ. އެކަން ސިތާރާއަށްވެސް އެނގެއެވެ. ސިތާރާގެ އެއް މަޤްޞަދަކީ ، ޒުބާއާއި ސީމާބަކީ އެއް ޢުމުރެއްގެ ފުރާވަރުގެ ދެ އަންހެންކުދިން ކަމަށްވެފައި ، އެދެބެންގެ މެދުގައި ގާތް ރަޙުމަތްތެރިކަމެއް އުފެދި ، ދެކުދިންގެ ޙަޔާތަށްވެސް ހަމަޖެހުން ލިބުމެވެ. އެހެނަސް ، ޒުބާއާ އެއްވެސް މިންވަރަކަށް ގާތްކަމެއް އުފައްދާކަށް ސީމާބް ބޭނުމެއް ނޫނެވެ. ޒުބާމެންގެ ޢާއިލާއިން އޭނާގެ މަންމަޔަށް ހަދާލިގޮތް ސީމާބަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ޒުބާގެ ޙާލަކީ ، ޒުބާއަށް ސީމާބްގެ ފަރާތުން ކުރިމަތިވަމުންދާ ކަންކަމަށް ކެތްތެރިވެ ، މަންމައާއި ބައްޕަގެ މަތިން ، ޚާއްޞަކޮށް ރޮޝްނާމަތިން ހަނދާން ކުރަމުން  އަބަދު ރުއިމެވެ. ޒުބާގެ ލޮލުން ކަރުނައިގެ ތެތްކަން ފިލައިދާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ.

ޒުބާގެ މަތިން ހަނދާން ނައްތައިލުމަށްޓަކައި ސައިމްވެސް ވަރަށް މަސައްކަތްކުރަމުން ގެންދެއެވެ. ހަނދާން ނުކުރަން ހުއްޓަސް ސައިމްގެ ޚިޔާލަށް ޒުބާ ނާންނަ ވަގުތެއް ވަރަށް މަދެވެ. އެ ސަކަރާތެއްގައި އުޅެމުންގޮސް ، ސިނގިރޭޓް ބޯންވެސް ފައްޓައިފިއެވެ. ސައިމް ސިނގިރެޓް ބޯން ފެށިކަން އޭނާގެ މަންމައާއި ބައްޕަޔަށްވެސް އެނގިއްޖެއެވެ. އެހެންކަމުން ، ސައިމްގެ ކާފަގާތަށް ކަރާޗީއަށް ސައިމް ފޮނުވަން އަނެއްކާވެސް އިބްރާހީމްގެ ދެމަފިރިން ނިންމިއެވެ.

ޒުބާއަށް ދޭތެރެ ދޭތެރެއިން ގުޅާލައި ޙާލު ބަލައިލުމަށް ސަމީނާގާތު ސަމީރު އެދުނެވެ. އެހެނަސް ، ޒުބާއާ ގުޅައިގެން ވާހަކަ ދައްކާކަށް ސަމީނާ ބޭނުމެއްނުވިއެވެ. ސަމީނާ ގުޅީ ސިތާރާއާއެވެ. ސިތާރާއާ ގުޅައިގެން ޒުބާގެ ޙާލަތު ސަމީނާ ދެނެގަތެވެ. ޒުބާ އުޅެނީ އަމިއްލަ ނަފްސާ ކުރަމުންގެންދާ ހަނގުރާމަޔެއްގައި ކަމަށާއި ، ﷲ އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށް އުއްމީދުކުރާކަމުގައި ސިތާރާ ބުންޏެވެ.

ކޮޓަރީގެ ހަތަރުފާރުގެ ބަންދެއްގައި އިނދެއިނދެ ހިތަށް ލިބޭ ކެކުޅުންތަކުން ދުރުހެލިވެލައި ، ހިތްހަމަ ޖައްސައިލުމަށްޓަކައި ގޯތިތެރެޔަށް ޒުބާ ނުކުތް ދުވަހެކެވެ. ހިނގަމުން ދަނިކޮށް ގުރާތަކެއް ގޮވާ އަޑު އިވުމުން އެދިމާލަށް ޒުބާ ދިޔައެވެ. އެއީ ކުޑަކުޑަ ގުރާ ކޮށްޓެކެވެ. ކޮށްޓަށް ނުތަކާވަރަށް އެކޮށީގައި ގުރާ ތިއްބެވެ. އެހިނދު ، އެކަހަލަ ގުރާކޮށްޓެއްގެ ކަންތަކުގައި ބައްޕަޔާއި އޭނާއާ ދެބަފައިން އެއްދުވަހަކު ކަންކުރިގޮތް ޒުބާގެ ހަނދާނަށް އައެވެ. އެގޮތަށް ، މިނިވަންކަމެއްނެތި ހައްޔަރުކޮށްގެން ދޫނިސޫފާސޫފި ގެންގުޅުން ރަނގަޅު ނޫންކަމަށާއި ، އެސޮރުމެންނަށްވެސް ދިރިއުޅުމުގެ މިނިވަންކަން ލިބުމުގެ ޙައްޤު އޮންނަންޖެހޭނެކަމަށް ، ބައްޕަ ބުނިވާހަކަ ޒުބާގެ ހަނދާނަށް އައެވެ. އަދި ކޮށީގައިތިބި ގުރާތައް ފަހަރަކު ގުރަޔެއް ކޮށިން ނެރެ ، ޒުބާ ލައްވައި ، ބައްޕަ ދޫކޮށްލުވައި އެސޮރުމެން އެކޮށިން މިނިވަންކުރި ހަނދާން ޒުބާއަށް އައުވިއެވެ. އެއީ ޒުބާގެ ޢުމުރުން އެންމެ ހަތް އަހަރުގައި ހިނގި ޙާދިސާއެކެވެ.

އެއްވެސް ފިކުރެއްނެތި ، އެސޮރުމެންނާ ވާހަކަ ދައްކަމުން ، ކޮށީގެ ދޮރުހުޅުވައި ފަހަރަކު ގުރައެއް ނެރެ ކޮށިން ބޭރުކުރަމުން ޒުބާ ގެންދިޔައެވެ. އެންމެ ފަހު ގުރާ ކޮށިންނެރެ ދޫކޮށްލިތަނާ ސީމާބަށް އެތަނަށް އާދެވުނެވެ. ޒުބާ އެކުރިކަމަކުން ސީމާބްގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ހެއްދެވި ނުހެއްދެވިޔަށް ޒުބާއާ ދިމާލަށް އެއްޗެތި ގޮވައި ، އެކަމުގެ ބަދަލު ޒުބާގެ ކިބައިން ހިފުމަށް ސީމާބް ނިންމިއެވެ. ސިތާރާއަށް އޮފީހުން ގެޔަށް އާދެވުނުއިރުއޮތީ ވާނެއެއްޗެއް ވެފައެވެ. ސީމާބަށްވެސް އަދި ޒުބާއަށްވެސް ސިތާރާ ނަޞޭޙަތްތެރިވި ނަމަވެސް ، ސީމާބަށް ހަމަޖެހުމެއް ނުލިބުނެވެ. ޒުބާގެ ކިބައިން ބަދަލު ހިފުމަށް ނިންމި ނިންމުން އޭނާގެ ހިތުގައި ބޭއްވިއެވެ.

ބައްޕަ ބުނެފަ އޮތްގޮތުން ، ކޮށީގައި ދޫނިތައް ބަންދުކޮށްފައި ބެހެއްޓުމުން ، އެ ދޫނިތަކުގެ ބަދުދުޢާ ކޮށީގެ ވެރި ފަރާތަށް ލިބޭނެއެވެ. ޒުބާގެ މަޤްޞަދަކަށްވީ ، ދޫނިތަކުގެ ބަދު ދުޢާއިން ސީމާބް ސަލާމަތް ކޮށްދިނުމެވެ. އެކަމަކު ، އެއީ ސީމާބަށް ޤަބޫލުކުރެވޭނެ ޙުއްޖަތެއްނޫންކަން ސިތާރާ ، ޒުބާއަށް ވިސްނައި ދިނެވެ. އިންސާނަކު ލޯބިވާ އެއްޗެއް އޭނާގެ އަތުން ބީވެ ، ގެއްލިގެން ދާހިނދު ދެރަވާނެކަން ސިތާރާ ، ޒުބާއަށް ވިސްނައި ދިނެވެ. އެއީ ވެދާނެ ކަމެއްކަމަށް ޒުބާއަށްވެސް  ޤަބޫލު ކުރެވުނެވެ.

އެރޭ ޒުބާ ނިދަން އެނދަށް އެރިއިރު ، މުޅި ގޮދަޑިއޮތީ ފެންއަޅައި ފޯކޮށްލާފައެވެ. އެއީ ސީމާބު ކުރާނެ ކަމެއްކަން ޒުބާއަށް އެނގުނެވެ. އެހެނަސް ، އެކަމާބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުކޮށް ، އެނދުގައި ލެނގިލައިގެން ބިންމަތީ އިނދެ ނިދޭތޯ ޒުބާ މަސައްކަތް ކުރިއެވެ. އެކަމާ ގުޅިގެން ހިތަށް ލިބުނު ތަކްލީފުން ޒުބާގެ ލޮލަކަށް ނިންޖެއް ނައެވެ. ނިދިފިޔަ ނުޖެހި އެހެން އިންދާ ، ސިތާރާއަށް އެކޮޓަރިޔަށް އާދެވުނެވެ. އަދި ގޮދަޑި އޮތް ޙާލު ފެނި ، އެއީ ޒުބާއަށް ޖެއްސުމަށް ސީމާބްކުރާނެ ކަމެއްކަން ސިތާރާއަށް އެނގުނެވެ. ޒުބާ ބިންމަތިން ނަގައިގެން ސިތާރާގެ ކޮޓަރިޔަށް  ގެންގޮސް ނިދަން ބޭއްވިއެވެ. އެކަމާބެހޭގޮތުން އެރޭ ސީމާބާ ވާހަކަ ދައްކާކަށް ސިތާރާ ބޭނުމެއް ނުވިއެވެ. އެކުރެވުނު ކަމެއްގެ ހިތްހަމަޖެހުން ލިބި ، ހެނދުނުވާއިރު ، ސީމާބް ހުންނާނީ ހަމަޖެހިފައެވެ. އޭރަށް އެވާހަކަ ދައްކައިލަން މާފަސޭހަ ވާނެއެވެ.

ޒުބާ ތަންކޮޅެއް ޖަޒުބާތީކޮށްލުމަށްޓަކައި ، މައިންބަފައިންގެ ބަސްނާހާ އަންހެންކުދިންނަށް ބަދުބަސްބުނެ ، ފޮނުވަމުންދިޔަ ޔޫޓިއުބު ޗެނަލެއްގެ އެޕިސޯޑެއް ހޯދައިގެން ސީމާބް ، ޒުބާއަށް ދައްކަމުން ގެންދިޔައެވެ. އެ  އެޕިސޯޑުގައި ސިފަކޮށްދެނީ އެފަދަ ބަސްނާހާ އަންހެންކުއްޖެއްގެ ސަބަބުން ، އެކުއްޖާގެ ބައްޕަ ނިޔާވާ ޙާދިސާއެކެވެ. އެ އެޕިސޯޑު ބަލަމުންދިޔަވަރަކަށް ޒުބާގެ ހިތަށް އަސަރު ކުރަމުންގޮސް ، ޒުބާގެ ނޭވާކުރުވެގެންގޮސް އަނބުރައިގަނެގެން ހުރިތަނަށް ބިންމައްޗަށް ވެއްޓި ޚަބަރު ހުސްވިއެވެ. އެކަން ސިތާރާއަށް އެނގުމާއެކު ، އަވަސްއަވަހަށް އޮފީހުން ގެޔަށް އައިސް ، ޒުބާ ހޮސްޕިޓަލަށް ގެންދިޔައެވެ. ޒުބާއޮތީ އައިސީޔޫއަށް ލާފައެވެ. އޭނާގެ ޙާލު ވަރަށް ދެރައެވެ. ސީމާބަކަށް ހޮސްޕިޓަލަށްދާކަށްވެސް ނުކެރުނެވެ. ގޭގައި އެކަނި އިނދެ ބިރުންގޮސް ސީމާބް އޭނާގެ ކާފަޔަށް ފޯނުކޮށް އެވާހަކަ ބުނުމުން ކާފަ ވަގުތުން ސީމާބްގާތަށް އައިސް ސީމާބަށް ނަޞޭޙަތް ދިނެވެ. ސީމާބް ކާފަޔޭ އެކިޔަނީ ، ސިތާރާއާއެކީ ކުރިން އެކުގައި މަސައްކަތްކުރި މަޙަމޫދޭ ކިޔާ މުސްކުޅި ޢުމުރުގެ މީހަކަށެވެ. މަޙަމޫދުމެންގެ ގެ ހުންނަނީ ސިތާރާމެން ދިރިއުޅޭ ގެޔާ އެހާ ދުރެއްގައެއްނޫނެވެ. ބާރަށް ގޮވައިލީމަ އަޑުއިވޭ ހިސާބުގައެވެ. ސީމާބް ތުއްތުއިރުއްސުރެ ، މަޙަމޫދު އެގެޔަށް އައިސް އުޅެމުންގޮސް ، އެންމެފަހުން ސީމާބް އޭނާޔަށް ކާފަ ކިޔަން ފެށީއެވެ. ސީމާބް އެކުރީ ރަނގަޅުކަމެއްނޫންކަން ކާފަ ، ސީމާބަށް ސާފުކޮށްދިނެވެ. އަދި އެކަމަށް ޒުބާގެ ކިބައިން މަޢާފަށް އެދުމަށްވެސް ކާފަ ނަޞޭޙަތްތެރި ވިއެވެ. ސީމާބްގެ މަޤްޞަދަކީ ، އެހާބޮޑު އަނިޔާއެއް ޒުބާއަށް ދިނުމެއްނޫނެވެ. ކުޑަކޮށް ޒުބާ ބިރުގަންނުވައި ލުމެވެ. އެކަމަކު ، އެކަން އެދިޔައީ މާ މައްޗަށެވެ. ސީމާބް ހިތަށްވެސް ނާރާހާ ގޯސްކޮންނެވެ.

ޒުބާ ހޭއެރި ވަގުތު ، ބޮޑުދައިތަޔަށް ގޮވައި ، އޭނާއަކީ ބަދު ނަސީބު މީހެއްކަމަށާއި އޭނާ މަރުވުން މާ ރަނގަޅުކަމަށް އަދި އެންމެންވެސް އޭނާއަށް ނަފްރަތުކުރާކަމަށް ޒުބާ ބުންޏެވެ.

" ދަރިފުޅާއެވެ ! ދުނިޔޭގެ އެންމެން ޒުބާއަށް ނަފްރަތު ކުރިނަމަވެސް ، ޒުބާގެ މި ބޮޑުދައިތަ ޒުބާދެކެ އިންތިހާއަށް ލޯބިވާނަމެވެ. ޒުބާ ދޫކޮށެއް ނުލާނަމެވެ. ﷲ ގެ އިރާދަފުޅާއެކު ، ޒުބާއަށް ކުރިމަތިވާ ކޮންމެ ކަމަކަށް އައްޑަނައެއްގެ ގޮތުގައި ކުރިމަތިލައި ، ޒުބާއަށް ދިމާވާ ހުރިހާ ނިކަމެތިކަމަކުން ސަލާމަތް ކޮށްދޭނަމެވެ. އެއްވެސް މީހަކަށް ޒުބާއަށް ނިކަމެތިކަމެއް ދިނަކަ ނުދޭނަމެވެ. އެއީ ، މި ބޮޑުދައިތަ ޒުބާއަށްވާ ވަޢުދެކެވެ. " ސިތާރާ ޒުބާއަށް ޔަޤީންކޮށްދިނެވެ.

ކާފަދިން ނަޞޭޙަތް އަޑުއަހައިގެން ، ސީމާބް ހޮސްޕިޓަލަށް ދިޔައެވެ. ސީމާބް ދިޔައީ މަންމައާއި ޒުބާގެ ކިބައިން މަޢާފަށް އެދުމަށެވެ. ޒުބާ އޮތް ކޮޓަރިޔަށް ވަނުމުގެ ކުރިން ސީމާބާ ދިމާވީ އޭނާގެ މަންމައާއެވެ. މަންމަގާތު ޒުބާގެ ޙާލު އެހުމުން ، ސިތާރާ އޭނާގެ ދަރިފުޅާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ. ސީމާބް ، މަންމަގެ ކިބައިން މަޢާފަށް އެދުނެވެ. އެނާގެ މަޤްޞަދަކީ އެހާބޮޑު އަނިޔާއެއް ޒުބާއަށް ދިނުންނޫންކަމަށް ސީމާބް ބުންޏެވެ. ސީމާބަށް އެއްޗެއް ވިސްނޭވަރަށް  ސީމާބާ ދިމާލަށް ސިތާރާ އެއްޗެތި ކިޔެވެ. ފަސޭހަވެގެން ޒުބާ ހޮސްޕިޓަލުން ދޫކޮށްލީމަ ، ޒުބާގެ ގެޔަށް އޭނާ ފޮނުވައިލާނެކަމަށް ސިތާރާ ބުންޏެވެ. އޭނާގެ އަމިއްލަ ގޭގެ މީހުންގެ ހިތްޙަލާލު ޒުބާއަށް ނުލިބުން އެއީ ، ސިތާރާގެ ހިތަށް ތަދުވި އެއްކަންތަކެވެ. ސިތާރާއަށް ލިބިފައިވާ ހާސްކަމުގައި ،  ޒުބާ އޮތް ކޮޓަރިޔަށް ސީމާބް ވަނަނުދީ ، ސީމާބް ގެޔަށް ފޮނުވައިލިއެވެ.

ޒުބާކުޑަކޮށް ރަނގަޅު ވެލީމަ އެދުވަހުގެ ހަވީރު ގެޔަށް ފޮނުވައިލިއެވެ. ސިތާރާއަށް ވަކިކަމެއް ނުއެނގި ، ޒުބާއާއި ސީމާބް ނިދާ ކޮޓަރިޔަށް ޒުބާ ގެންގޮސް ވެއްދިއިރު ، އެ ކޮޓަރިވަނީ ފުއްޕާހަމާއި މާމެލާމެލިން ޒީނަތްތެރިކޮށްފައެވެ. އެނދުގައި ޒުބާ އޮންނަ ފަޅީގެ ބޯލާކޮޅުގައި ޒުބާއަށް މަރުޙަބާކިޔައި ލިޔުންކޮޅެއް ބެހެއްޓިފައި ހުއްޓެވެ. އެތަން ފެނުމާއެކީ ޒުބާގެ ލޮލުން ފެން އައެވެ. ސިތާރާއަށް އެތަން ފެނުމާއެކީ ، ހިނިތުންވެލިއެވެ. އަދި ، ސީމާބަކީ ހިތްހެޔޮ ކުއްޖެއްކަމުގައި ސީމާބް ބުންޏެވެ. އެ ދެކުދިން އެއްގަލަކަށް އަރައި އެކަކު އަނެކަކަށް އެހީތެރިވާނެ ފުރުޞަތު ތަނަވަސްވެގެން ދިއުމަކީ ، ސިތާރާ އެންމެ ބޭނުންވާ އެއްކަންތަކެވެ.

ސީމާބާއި ޒުބާ ބައްދާލައި އެކަކު އަނެކަކަށް ހިނިތުންވެލައި ސަލާމް ކޮށްލިއެވެ. ޒުބާ އަރާމުކޮށްލުމަށް ދޫކޮށްލުމަށްފަހު ސިތާރާއާއި ސީމާބާ ދެމައިން ނުކުތެވެ.

ކުރިންވެސް ރާވާފައި އޮތްގޮތަށް ، އިބްރާހީމްގެ ދެމަފިރިން ވަރަށް މަސައްކަތްކޮށްގެން ، ސައިމްގެ ކާފަމެންގެޔަށް ކަރާޗީއަށް ސައިމް ފޮނުވައލިއެވެ.

ޒުބާ ރަނގަޅުވެލުމުން ، ސީމާބްގެ ކާފަ މަޙަމޫދުގެ ގެޔަށް ، ޒުބާ ގޮވައިގެން ސީމާބް ދިޔައެވެ. އެ ގެހުންނަނީ ސީމާބްމެންގެޔާ އެހާ ދުރެއްގައެއް ނޫނެވެ. ޒުބާ ތަޢާރުފްވީ ސީމާބްގެ ދައްތައެއްގެ ގޮތުގައެވެ. ކާފަޔާ އެތައް ވާހަކައެއް ދެއްކުމަށްފަހު ސީމާބާއި ޒުބާއާ ދެބެން ގޭތެރެޔަށް ދިޔައެވެ. ސީމާބް އޭނާގެ ކާފަޔަށް  ގެނެސްދިން މާބޮނޑި އޮތީ އެތާހުރި ގޮނޑިޔެއްގައި ބަހައްޓާފައެވެ. ކުއްލިޔަކަށް ކާފާއޭ ގޮވަމުން އެތަނަށް އެ ނުކުތީ ސައިމްއެވެ. ގޮނޑިމައްޗަށް އެއްލާލާފައި އޮތް މާބޮނޑިޔާ ކުޅެލުމަށްފަހު އެއީ ކާކު ގެނެސްދިން އެއްޗެއްތޯ ސައިމް ސުއާލު ކުރިއެވެ.  ކާފަބުނީ ، އެއީ ، ސައިމްހެން ހިތްދަތިވެފައިހުރި ކުއްޖަކު ކާފަޔަށް ގެނެސްދިން އެއްޗެއްކަމަށެވެ.

ރޮޝްނާއަށް ކުއްޖަކުވެސް ލިބިއްޖެއެވެ. އެޚަބަރު ޒުބާއަށްދިނީ ، ސަމީނާ ފޯނުކޮށްފައެވެ. ރޮޝްނާގެ ދަރިފުޅު ދެކިލަން އިސްލާމްއާބާދަށް ދާން ޒުބާ ބޭނުންވިނަމަވެސް ، އެކަމަށް ސަމީނާ އަޅައެއް ނުލިއެވެ. އެއްވެސް ޖަވާބެއް ނުދެއެވެ. އެހެންނަމަވެސް ، ސިތާރާއަށް ޒުބާ އެކަމަށް ސަމީނާގާތު އެދުމުން ، ސަމީނާ އެކަމަށް އާނބަސް ނުބުނިކަން އެނގުމާއެކީ ، ދަތުރު ހަދައިގެން ޒުބާވެސް ގޮވައިގެން ސިތާރާ އިސްލާމްއާބާދަށް ދިޔައެވެ. އެކަމާ ، ޒުބާހުރީ އިންތިހާއަށް އުފާވެފައެވެ. އެހެންނަމަވެސް ، ރޮޝްނާ ފިޔަވައި އެގޭގެ އެކަކުވެސް ، ޒުބާދެކިލަންވެސް ބޭނުން ނުވާކަން ޒުބާއަށް އެނގުނެވެ. މަންމަ އޭނާޔަކާ ވާހަކައެއް ނުދައްކައެވެ. ބައްޕަ ލޮލަށްވެސް ނުފެނެއެވެ. ދާނިޔަލްބޭބެގެ ބަދު ދުޢާއާ ކުރިމަތިލާން ޖެހުނެވެ.

އެނބުރި ސިތާރާމެންގެޔަށް އައިސް ، ދެން ދުވަހަކުވެސް ، އިސްލާމްއާބާދަށް ، އޭނާގެ މައިންބަފައިންގާތަށް ނުދާން ޒުބާ ނިންމިއެވެ. އަދި އެކަމުގެ ސަބަބާއެކު އެވާހަކަ ބޮޑުދައިތަ ސިތާރާގާތު ބުންޏެވެ. އެ އެންމެންގެ ހިތުން ޒުބާވަނީ ނެރެލާފައެވެ. ޒުބާއަށް ކުރެވުނީ އެހާބޮޑު ކުށެއްކަމެއް އޭނާއަކަށް ނޭނގެއެވެ.

ބޮޑުދައިތަހުރީ ޒުބާއަށް ބޭނުންވާ ކޮންމެ ކަމެއްގައި މަޔެއްފަދައިން ، ނުހަނު ލޯތްބާއެކީ އެހީތެރިވެދޭ ގޮތަށެވެ. އެހެނަސް ، އެވަރަކުން ޒުބާގެ ހިތަކަށް ތަސައްލީއެއް ނުލިބެއެވެ. އޭނާގެ އަމިއްލަ މަންމަ އާއި ބައްޕަ އަދި ތިމާގެ އެހެންމީހުން އޭނާއާ ދޭތެރޭ ކަންކުރަމުންގެންދާ ގޮތުން ، މުޅިދުނިޔެ އޭނާއަށްވަނީ އަނދިރި ވެފައެވެ. ހަމައެކަނި ބޮޑުދައިތައެއްގެ ލޯތްބާއި އަޅައިލުމުން އެ އަނދިރިކަމަށް އަލިކަމެއް އަންނަ ވަރަށްވުރެ ޒުބާގެ ދުނިޔެވަނީ އަނދިރި ވެފައެވެ. އޭނާ ލޯބިވި އެންމެން އެވަނީ އޭނާއާ ވަކިވެފައެވެ. ދުވަހެއްގެ ކޮޅުންވެސް ، އެއިން މީހެއްގެ ލޯބި ، ލިބޭނެކަމުގެ ކުޑަވެސް އުއްމީދެއް ނެތެވެ. އސްލާމް އާބާދަށްގޮސް އަމިއްލަ ގެޔަށް ވަދެލުމުގެ ނަޞީބު ލިބުނުނަމަވެސް ، އެގެޔާ ދާދިކައިރީގައިހުރި ސައިމްމެންގެ ގެޔާ ދިމާލަށް ވަށްކަޅިޔަކުން ބަލައިލުމުގެ ހިތްވަރުވެސް ޒުބާގެ ނެތެވެ. ސައިމް އުޅެނީ ކޮން ޙާލެއްގައިކަމެއް ، ނުވަތަ ގޭގައި އުޅޭކަމެއް ނޫޅޭކަމެއްވެސް ބެލުމަކީ ޒުބާއަށް މިވަގުތު މުހިންމުކަމެއްނޫނެވެ. އޭނާއަށް ސައިމްގެ މުހިންމުކަން އެންމެ ބޮޑުވި ވަގުތު ، ސައިމްއެވަނީ އޭނާ ދޫކޮށްލާފައެވެ. ސައިމްއާއެކީ ފިލައިގެން ދިޔައީ ޒުބާގެ މައިންބަފައިންނާ ދެކޮޅަށްކަމެއް ، ސައިމްގެ ހަނދާނަކު ނެތެވެ. ބައްޕަމެން ދާނިޔަލް ބޭބެމެން އަދި އެ ސަރަޙައްދުގެ ފުލުސް އޮފީހުން ބުނާގޮތުންނަމަ ، އެކުރެވުނު ކައިވެންޏަކީވެސް ޙަޤީޤަތުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ޢަޤްދު ކުރެވުނު ކައިވެންޏެއްކަމެއްވެސް ޔަޤީނެއްނޫނެވެ. ކޮންމެ ގޮތަކަށް ކުރެވުނު ކަމެއްނަމަވެސް ، އެކަމެއް ކުރެވުނުކަމުގެ ހެއްކަކަށް ޒުބާމެންގެ އަތަށް ލިބުނު ކަރުދާސްގަނޑުވެސް ، އިރާލީ ޒުބާގެ ދެއަތުންނެވެ.

ދުނިޔޭގައި ޒުބާ މިހާރު ދިރި އެހުންނަނީ ، ބޮޑުދައިތަ ސިތާރާގެ ލޯތްބާއި އަޅައިލުމުގެ ތެރޭގައެވެ. އަދި މިހާރު ، ބޮޑުދައިތަގެ ދަރިފުޅު ސީމާބްގެ އެކުވެރި ރަޙްމަތްތެރިކަމުގެ އެހީގައެވެ. އެ ދެމައިންގެ އަޅައިލުން ނެތްނަމަ ، ޒުބާގެ ދުވަސްދާނެތާ ކިތަންމެ ދުވަހެކެވެ.

އިސްލާމްއާބާދުގައި ޒުބާއާމެދު ކަންދިމާވިގޮތުން ، އިސްލާމް އާބާދުން ، ސިތާރާމެން އައީއްސުރެ  ، އޭނާ ހުންނަނީ ހާސްވެ ކަންބޮޑުވެފައެވެ. ސިތާރާގެ ހިތަށް އެހާބޮޑު ތަކްލީފެއް އެކަމުން ލިބޭއިރު ، ޒުބާއަށްވާނެވަރު ބުނަންވެސް ނޭނގޭނެއެވެ. އޭގެ ފަހު ދުވަހު ހެނދުނު ، އެގޭތެރެޔަކުން ޒުބާއެއް ނުފެނުއެވެ. މުޅި ގެ އެއްކޮށް ހޯދައިފިއެވެ. ގޯތިތެރޭގެ އެތަންމިތަން ހޯދައިފިއެވެ. ގެޔާ ޖެހިގެން ހުރި މަގާއި ގޯޅިތައް ބަލައިފިއެވެ. ޒުބާގެ ހިލަމެއްވެސް އަދި ޒުބާ ދުށްމީހަކުވެސް އެހިސާބަކު ނެތެވެ. އެރޭގެ ވަގުތެއްގައި ޒުބާވަނީ އެގެއިން ނުކުމެގެން ގޮއްސައެވެ. ޒުބާ ދާނީ ކޮންތާކަށްކަމެއް ނޭނގެއެވެ. ޒުބާ ދަންނަ އެއްވެސް އިންސާނަކު ، ސިތާރާގެ ދެމައިން ނޫނީ ކަރާޗީގައި ނޫޅޭކަން ސިތާރާއަށް އެނގެއެވެ. މީހެއްގެ ދަރިޔަކާ ޙަވާލުވެގެން ގެނެސްގެން ގެންގުޅެނިކޮށް ، އެ ކުއްޖާފުޅު ، އެގެއިން ނުކުމެގެން ދިއުމަކީ ، ސިތާރާގެ ނިޔަތް ކިތަންމެ ރަނގަޅަސް ޤާނޫނީގޮތުން ، ސިތާރާއާ ސުއާލު ކުރެވޭނެ ކަމެކެވެ. އެގެޔަށް އައީއްސުރެ ސީމާބްގެ ފަރާތުން ޒުބާއަށް ކުރިމަތިވަމުންދިޔަ ރުޅިވެރިކަމާއި ޖެއްސުމަކީ ، ޒުބާވަރުގެ ޅަ ކުއްޖަކަށް ބަރުދާސްތު ކުރެވޭނެ ވަރުގެ ކަމަކަށް ނުވާނެއެވެ. އެކަމަކު ، ސީމާބްގެ ޢަމަލުތަކުގެ ޙަޤީޤަތް އެނގޭނީ ހަމައެކަނި ސިތާރާއާއި ސީމާބާ ދެމައިންނަށެވެ. ކޮންމެ ޙާލެއްގައިވެސް ، ޒުބާ އެގެއިން ނުކުމެގެން ދިއުމަކީ ، އެހެން ހުރިހާ ކަމަކަށްވުރެ ސިތާރާ ހާސްވެ ކަންބޮޑުވި ކަމެކެވެ. އެވާހަކަ ސަމީނާމެންގާތު ބުނާނީވެސް ކޮން ދުލަކުން ހެއްޔެވެ ؟ ޒުބާއަށް ވީގޮތެއް ރަނގަޅަށް ސާފުކުރުމަށްފަހުގައި ނޫނީ ސަމީނާއަށް އެވާހަކަ އަންގާކަށް ނުވާނެއެވެ. ދެރަކޮށް ދިމާވިކަމެއް ވިޔަސް އެކަމުގެ ވާހަކަ ސަމީނާމެންގާތު ބުނާނީ ، ޒުބާއަށް ވީގޮތެއް ބަލާފައިކަމުގައި ސިތާރާ ނިންމިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.