އަމީރާ ސުލްޠާނާގެ ނާރެސް - 3

(3 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

މުނީރާއަކީ، އަޅުގަނޑު އެންމެ ނަފުރަތުކޮށް، ފޫހިވާ ބޭބެ ޢަލީގެ އެންމެ ދޮށީއަންހެން ދަރިފުޅެވެ. އެއީ ޢުމުރަށްވުރެ އެތައް އަހަރެއް ހަގުކަމަށްދައްކާ، ހިމަތޮޅި، ރީތި އަންހެން ކުއްޖެކެވެ. މުނީރާއަކީ އަބަދުވެސް ވަރަށް ކިޔަމަންތެރި އަންހެންކުއްޖެކެވެ. އޭނާގެ ބޯލެނބުން ހުންނަވަރުން، އަޅުގަނޑުމެންނަށް އަބަދުވެސް އޮންނަނީ އޭނާއަށް ހަމްދަރުދީވާން ޖެހިފައެވެ. ބޯލަނބައި ކިޔަމަންތެރިކަން އަދާކުރާކަމެއްގައި އޭނާއަށްލިބޭ އިހާނެތިކަމާއި އަނިޔާއަށް، ހަމްދަރުދީފާޅުކުރަން އޮންނަނީ އަޅުގަނޑުމެންނަށް މަޖްބޫރުވެފައެވެ.

މުނީރާގެ މަންމައަކީ ޝާހީޢާއިލާގެ ދެބެންގެ ދެދަރި ދައްތައެކެވެ. އެއީ ޢަލީގެ ދޮށީއަނބި ތައްމާމެވެ. އިނދެގެން އުޅޭތާ ލައްކަދުވަސް ވެއްޖެއެވެ. ޢަލީ އެހެންމީހަކާއިނީ، ދޮށީއަނބި ތައްމާމް އެންމެ ފުރިހަމަޔަށް އޭނާގެ ވާޖިބުތައް އަދާކުރަމުންގެންދަނިކޮށެވެ. ތައްމާމަކީ ވަރަށް ރަނގަޅު އަންހެނެކެވެ. ތައްމާމާބެހޭގޮތުން، ޢަލީ ބުނެފައިވަނީ، ތައްމާމާ އޭނާގެ ކައިވެނިކުރެވިގެންދިޔައީ،  ހަމައެކަނި ޝަހުވަތްތެރިކަން ފުއްދުމަށްޓަކައި ކަމުގައެވެ. އެއީ ބޭރުގައި ކިޔަވަން ހުރިއިރު ޗުއްޓީއަށް ރަށަށް އަންނަ ދުވަސްވަރު، ބޭނުންކޮށްލުމަށްޓަކައި ކަމުގައެވެ. ލޯތްބާއި އޯގާތެރިކަމަކީ، ތައްމާމުގެ މައްޗަށް އޭނާގެ ހިތުގައި ދުވަހަކުވެސް އުފެދިފައިއޮތް އެއްޗެއްނޫނެވެ. މިހިސާބުން ، ތައްމާމުގެ ގޮތްނޭނގޭ މުސްތަޤްބަލް ކުރަހައިލުމަކީ ކޮންމެމީހަކަށްވެސް، ދާދިފަސޭހައިން ކުރެވިދާނެ ކަމެކެވެ.

ތައްމާމް ކައިވެނިކޮށްގެން އެއުޅެނީ، އޭނާގެ ޢުމުރުން ވަރަށް ޅަފަތުގައެވެ. ލޯތްބަކީ ކޮބައިކަން އޭނާއަކަށް އިޙުސާސެއް ނުކުރެވޭނެއެވެ. އެފަދަ ފުރުޞަތެއް ތައްމާމަށް  ލިބިފައެއް ނުވެއެވެ. އޭނާގެ ޅަބާޅަ ހަށިގަނޑުގައި ލަކުނުލާފައިއެވަނީ، މުޅިންވެސް ވަޙުޝީ ޢަމަލުތަކުން، އެހަށިގަނޑުގެ ނާޒުކުކަމުން ފޮނިބުއިމަށް އެދުންވެރިވެފައި ހުންނަ ފިރިހެނެއްގެ އަނިޔާވެރި ވަޙުޝީ ޢަމަލުތަކުންނެވެ. ފިރިއެއްގެ އޯގާތެރި އަދާތަކުން ފިރުމުންތަކެއްލިބި،  އަދި ލޯބި ބީހިލުންތަކެއް ތައްމާމަށް ލިބިގެންނެއް ނުވެއެވެ.

ބޮޑުވެ ތަޞައްރުފު ފުދުމަށްފަހުވެސް، ތައްމާމަކީ މާގިނައިން ވާހަކަދައްކައިއުޅޭ އަންހެނެއްނޫނެވެ. އެއްޗެކޭ ބުނެލިޔަސް ބުނާނީ ވަރަށް މަޑުންނެވެ. ތައްމާމުގެ އަނގަދޮށަށް ކަންފަތްލައިގެން ނޫނީ އެބުނާއެއްޗެއްގެ އަޑެއް ރަނގަޅަކަށް ނީވޭނެއެވެ. ޢަލީ، ދެއަތްނބަށް މީހަކާއިނީ މުނީރާއާ އިންތާ ތިންއަހަރުވެފައި އޮއްވައެވެ. ތައްމާމަކީ، އަޅުގަނޑުމެންގެ ތެރެއިން ނުފެންނަފަދަ ކިޔަމަންތެރި އަދި މަޑުމައިތިރި އަތްނބެކެވެ. ޢަލީ، ދެއަތްނބަށް މީހަކާ އިންނަންޖެހޭ ސަބަބާމެދު، އަޅުގަނޑުމެންގެ އެންމެދޮށީ ދައްތަ، ނޫރާ ވަނީ ޢަލީއާ ސުއާލުކޮށްފައެވެ. ފަހުން ދައްތަބުނިގޮތުގައި، ޢަލީއަށް ދެވަނަ އަތްނބެއްހޯދަން ޖެހުމާގުޅިފައިވަނީ ތައްމާމުގެ މާޔޫސްކަމެވެ. އެދިރިއުޅުމުގައި ތައްމާމަށް އެއްވެސް އުފާވެރިކަމެއް ނެތުމެވެ. އަތްނބެއްގެ ގޮތުގައި ތައްމާމުގެ އެއްވެސް ޗަސްޕެއްނެތް ޙަޔާތާމެދު  ޢަލީ ވަރަށް ރުޅިއާދެއެވެ. ރުންކުރުވެފައި އަނިޔާވެރިއެވެ. އެންމެ ކަންތައްގަނޑުބޮޑުވި ދުވަހު، ޢަލީވަނީ، ކައިވެނިކުރިފަހުން 3 އަހަރުވީއުރު، ތައްމާމު އެންމެފަހަރަކުވެސް، އޭނާއާ ދިމާއަށް ހިތްހަމަޖެހިލައިގެން ބަލައިލައި، ހިނިތުންވެލައިފައި ނެތްކަމަށް ބުނެފައެވެ.

ކޮންމެގޮތަކަށް ދިރިއުޅުން އޮތްނަމަވެސް، ތައްމާމާއި ޢަލީއަށް ތިންދަރިން ލިބިފައިވެއެވެ. ފިރިހެންކުއްޖަކާއި ދެއަންހެންކުދިންނެވެ. ދެއަންހެންކުދިންނަކީ ހަމަ މަންމައެވެ. އެހައި ނަލަވެފައި މަޑުމައިތިރި މިޒާޖެކެވެ. ބަސްމަދެވެ. ފިރިހެންދަރިފުޅަކީ، ހަމަހުރިގޮތަށް ހުރި ޢަލީއެވެ. ރުންކުރުވެފައި އަވަހަށް ރުޅިއައިސް، ގޮތްދޫނުކުރުމާއެކު އެހައި ރުޅިގަދައެވެ. އެޢާއިލާގެ ދަރިންގެ ޢަދަދު މިހާރުވަނީ 12 އަށް އަރާފައެވެ. އެއީ ތައްމާމުނުލައި، ހަ އަންހެނަކަށް ލިބުނު ކުދިންނާ އެކުގައެވެ.

މުނީރާ ފިރިފުރާވަރަށް އެޅިއިރުވެސް، އޭނާގެ ދިރިއުޅުމަކީ، މައްސަލަތަކާއި ހިތްދަތިކަމުން އަދި އޮޅުންބޮޅުންތަކުން ފުރިގެންވީ އުފަލެއްނެތް ހިތްދަތި ދިރިއުޅުމެކެވެ. އަންހެންކުދިންދެކެ ކޮންމެވެސް ވަރަކަށް ލޯބިވާ ބައްޕައެއްގެ، އަންހެންދަރިއެއްގެ ގޮތުގައި މުނީރާގެ ޒުވާން ދުވަސްވަރު ހޭދަކުރީ، އޭނާގެ ބައްޕަގެ ލޯބި ހޯދުމަށްޓަކައެވެ. ބައްޕަގެ ކުރިމަތީ މަޤްބޫލު އަންހެންދަރިޔަކަށް ވުމަށްޓަކައެވެ. އެހެނަސް، ބައްޕަގެ އަތުގައި އަންހެންދަރިޔަކަށް ދޭނެ ލޯތްބެއް، އެއްވެސްމިންވަރަކަށް ނެތެވެ. މުނީރާގެ ޙަޔާތުގެ ޅަދުވަސްތަކާއި ކުރިމަތިވި ގޮންޖެހުންތަކަކީ، އަދި ބައްޕަގެ ލޯބިހޯދުމަށް ކުރި ހަނގުރާމަޔަކީ، އަޅުގަނޑުގެ ޙަޔާތުގައި ދިމާވިފަދަ ކަނތައްތަކެކެވެ. އަޅުގަނޑުގެ ނަސީބުރަނގަޅުކަމުން، ބައްޕަގެ ލޯތްބަށް ހުރަސްތަކެއްނޭޅި އޮވެ، އެކަމަށް މަސައްކަތްކުރުމަށް އަޅުގަނޑުގެ ހިތުގައި އޮތްލޯބި އޮތްގޮތަށް އޮތެވެ. މުނީރާ އޭނާގެ ބައްޕަގެ ލޯތްބަށް ބޭނުންވެފައި އޮތް ގޮތް، ނަފުރަތާއި ބަދަލުހިފުމަށް ބަދަލުވުމުގެ ކުރިން، ފޫއްސަށް ބަދަލުވެގެންދިޔައެވެ. މުނީރާގެ އެއިޙުސާސްތަކަކީ މިހާރު ކޮންމެ ފިރިހެނެއްގެ މައްޗަށްވެސް އޮންނަ އެއްޗަކަށްވަނީ ވެފައެވެ. ހިތްހެޔޮ އެންމެންވެސް އޭގެތެރޭގައި ހިމެނިގެންނެވެ. ޢުމުރަށްވެސް،  މީހަކާނީދެހުންނަން ބޭނުންވާކަމުގައި،  މުނީރާގެ ޢުމުރުން 16 އަހަރުގައި، ފަސްއަހަރުކުރިން، އޭނާގެ މަންމަގާތުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ކައިވެންޏަށްފަހު، ފިރިންނަށް ޚާއްޞަވެގެންތިބޭ ސުޢޫދީގެ އެހެން އަންހެންކުދިންނާޚިލާފަށް، މުނީރާގެ ޒަވާޖީޙަޔާތަކީ، މުޅިންތަފާތު ތަޖުރިބާތަކެއް ލިއްބައިދޭނެ ޙާޔާތަކަށް ވެގެންދާނެއެވެ. މުނީރާ ތަމްރީންކުރެވިފައިވަނީ، އިޖްތިމާޢީ ޚިދުމަތަށެވެ. ސުޢޫދީ މުޖްތަމަޢުގައި އަޅައިނުލެވި އެއްފަރާތްކުރެވިފައިވާ ނުކުޅެދޭކުދިންނަށް އެހީތެރިވުމަށެވެ. މުނީރާ ނިންމާފައިވަނީ ހަމައެކަނި، ނުކުޅެދޭ އަންހެންކުދިންނަށް އެހީތެރިވުމުގައި ޚިދުމަތްކުރުމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި، އޭނާގެ ދޮށީ އަންހެންދަރިފުޅު އަދި ކައިވެނިނުކުރާކަން ޢަލީގެ ހަނދާނުން އޮތީ ކައްސާލައިފައެވެ. އެހެންނަމަވެސް، ދެރަކަމަކަށްދިމާވީ، ޢާއިލާގެ އެންމެންގެ އިޖްތިމާޢީ ބައްދަލުވުމެއްގައި، އެދަރިފުޅު ހުސްހަށިބައިކަން، ކޮންމެވެސްމީހަކު ޢަލީއަށް ހަނދާންކޮށްދިނުމެވެ. މީހަކާނީނދެ ހުންނަންބޭނުންވެފައިހުރި އެދަރިފުޅުގެ އެމުހުތާދު ފުއްދައިދިނުމަށް ޢަލީ މިހާރު އަންނަނީ ދެކޮޅުހަދަމުންނެވެ. ޢަރަބި ބިމެއްގައި އަންހެންދަރިޔަކު އުފަންވެއްޖެނަމަ، މައިންބަފައިންނަށް އެންމެފުރަތަމަ އަންނާނެ ވިސްނުމަކީ، ބާލިޣުވާތަނުން ލަސްނުކޮށް އެއަންހެންކުއްޖާ މީހަކާ ދެވުމުގެ ވިސްނުމެވެ. މުއްސަނދި ޝާހީޢާއިލާއަކާ އެއަންހެންކުއްޖާ ގުޅުވައިލުމަށް ކުރެވޭ އުއްމީދުގައި، ރަނގަޅު ޢާއިލާތަކަށް ނިސްބަތްވާ ފިރިހެންކުދިން ކިޔަވަމުންދާއިރު، ސުޢޫދީ އަންހެންކުދިން މީހުންނާ ނުއިނދެ ހުސްހަށިބަޔަށް ތިބޭނެއެވެ. ބިކުރުވެރި އަންހެންކުދިންގެ ޢިއްފަތް ނެތިދިއުމަކީ ޢާއިލާއަށްލިބިގެންދާނެ ހުތުރެކެވެ. މީހަކާ އިންނަންދެން ބިކުރު ނުކެނޑި ހުރުމަކީ، އަންހެންކުއްޖާގެ މައްޗަށް ލާޒިމްކަމެކެވެ. މުނީރާގެ ޢުމުރުން މިހާރު 21 އަހަރުވަނީއެވެ. މުނީރާ އެޢުމުރަށްދާއިރު މީހަކާ ނުދެވައި ބެހެއްޓުމަކީ، މުނީރާގެ ބައްޕަޔަށް ހިތްހަމަޖައްސައިލައިގެން ހުރެވޭނެކަމެއްނޫނެވެ. އާދަކާދައަށް ތަބާނުވާތީ، މީހުންގެ މަލާމާތް ރައްދުވާނެއެވެ.

އަޅުގަނޑުގެ ޚިޔާލުތައް މިހިސާބަށްދިޔަތަނާ، މަހާ އެދެމެދަށް ވަދެއްޖެއެވެ. ކައިވެންޏާމެދު މުނީރާގެ ވިސްނުންހުރިގޮތް މަހާއަށް އެނގޭނެއެވެ. އަދި ދައްތަދެކެ މަހާ އިންތިހާއަށް ލޯބިވާނެއެވެ. "މަންމާއެވެ! ބޮޑުބޭބެ ޢަލީއަށް، މުނީރާ ދައްތަ މީހަކާ އިންނަން މަޖުބޫރެއްނުކުރެވޭނެ ދޯއެވެ! އެކަން އޭނާއަށް ކުރެވޭނެ ހެއްޔެވެ؟" މަހާގެ ޅަކަންމަތީ ބޮޑު ސުއާލެއް ކޮށްލިއެވެ.

"މުނީރާ ދެވަންއުޅެނީ ކާކާ ހެއްޔެވެ؟" އަޅުގަނޑު ހަޅޭއްލަވައިގަތީމެވެ. ސާރާ ޖަވާބެއްނުދީ ގިނައިރު ކުރީމަ އަޅުގަނޑު ހީކުރީ، މުނީރާ ދެވަނީ ކާކާކަން، ސާރާއަށްވެސް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް، އެންމެފަހުން ފުން ނޭވާއެއްލުމަށްފަހު ސާރާ ބުންޏެވެ. "ސާރާއެވެ! މުނީރާ ދެވަން އުޅެނީ ހާދީއާއެވެ."  އެހާދީއަކީ ކާކުކަން ދެނެގަތުމަށްޓަކައި އަޅުގަނޑުގެ ސިކުނޑި ކޮޅުކޮޅަށް ދުއްވައިގަތެވެ. "ހާދީ! ކޮން ހާދީއެއް ހެއްޔެވެ؟"

"އެއްކަލަ ހާދީ. ސުލްޠާނާ ހަނދާނެއް ނެތް ހެއްޔެވެ؟ ޢަލީގެ ޒުވާން ޢުމުރުގެ ރަޙުމަތްތެރިޔާއެވެ. އަހަރެމެންގެ ޢާއިލާއާއެކު މިޞްރަށްވެސް ދިޔަނޫންހެއްޔެވެ؟" ތައްމާމް ސާފުކޮށްދިނެވެ.

"އެއްކަލަ ހާދީ ހެއްޔެވެ؟" އަޅުގަނޑުގެ އަޑު ކަރުބުޑުގައި ތާށިވެގެންދިޔައެވެ.

"އާނއެކެވެ! އެ ހާދީއެވެ." ސާރާވެސް ރުޅިއަރައިގެންފައި ބުނެލިއެވެ. މިހާސްކަމާއި ނުރުހުމުގެ އުދާސްކަމުގެތެރޭގައި އަޅުގަނޑުމެން ދެބެން ދެބެންނަށް ދެލޯރަތްކޮށްފައި ބަލައިލެވުނެވެ. "ނޫނެކެވެ! ނޫނެކެވެ!" އަޅުގަނޑުމެންނަށް ކޮށްލެވެން އޮންނާނެހާވެސް ކަމަކީ، އެހެން ބުނެލުމެވެ. "ނޫނެކެވެ!"

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.