އަމީރާ ސުލްޠާނާގެ ނާރެސް - 8

(8 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

އުއްމީދަކީ އިންސާނާގެ ޙަޔާތުގައި ކިހައި މުހިންމު އަދި ބާރުގަދަ އެއްޗެއްކަން ނޭނގޭ، ތައްމާމުއަށް، ޢަލީގެ އެ ހަރުކަށި ނިންމުމުން ޙައިރާންކަމެއް ނުލިބުނެވެ. އަދި ކަންބޮޑުވާކަށްވެސް އޭނާއަކަށް ނޭނގުނެވެ. އެއީ މުނީރާގެ މަންމައެވެ. ދަރިފުޅު ދިރިހުއްޓައި ވަޅުލެވިގެންދާއިރުވެސް، އެކަމުން އަސަރެއް އިޙްސާސް ނުވާނީ، ފިރިހެނެއްގެ ބާރު ކިހާވަރަކަށް އަންހެނެއްގެމައްޗަށް އޮވެގެންކަން ވިސްނައިލައްވާށެވެ.

ތައްމާމް ކޮޅަށް ތެދުވެ، މަޑުމަޑުން ހިނގާލައިފާ އައިސް އަޅުގަނޑާ ހަމައިގާ ހުއްޓުނެވެ. އޭނާ ހުރީ ރުޅިއަންނަންވެސް ނޭނގިފައެވެ. ހާސްވާސްވެސް ނޭނގިފައެވެ. ގިތެޔޮއެޅި ގުޅިއަކުން ވަހެއް ނުފިލާނެއެވެ. ތައްމާމުގެ އޮޅުން ބޮޅުންބޮޑު ޙަޔާތުގައި، ފިރިމީހާއަށް އަޅުދާސްވީވީނުންގޮސް، އޭނާ އެހުންނަނީ އިންސާނީ ޙައްޤުތަކުގެ މަތިންވެސް ހަނދާން ނެތޭވަރު ވެފައެވެ. އަޅުގަނޑު ހަމަޖައްސައިލުމަށްޓަކައި ގަޔައިލާ ފިއްތާލިއެވެ. އަޅުގަނޑުވެސް، ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ދައްތަ ގައިގާ ބައްދައިލެވުނެވެ.

ކުއްލިޔަކަށް، އަޅުގަނޑުމެންތިބި ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެއީ ޢަލީއެވެ. ރޫފަ ހެޔޮ، ހިސާބަށްވުރެ ފަލަ އަދި އިސްކޮޅުންދިގު، ޢަލީ، އޭނާގެ އަންހެނުން ތައްމާމާއި ކޮއްކޮ ސުލްޠާނާ ނުވަތަ އަޅުގަނޑާދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަޅުގަނޑުގެ ނަޒަރު ޢަލީގެ ލޮލާ ސީދާކޮށްލީމެވެ. ފޫއްސާއި ނަފުރަތުން ފުރިގެންވާ ގޮތަކަށް ޢަލީއާ ދިމާއަށް ލޯއަޅައިގަނެވުނެވެ. މިއަދު، އަޅުގަނޑުގެ ބޭބެ، ޢަލީގެ އަޞްލު ސިފަ ފެނިގެން އެދިޔައީ ޖިސްމާނީގޮތުންވެސް ދެޔޯއެއްފަދަ ނުބައި ދަރަޖައެއްގައެވެ. އެއީ ބޭބެގެ ފަރާތުން އަޅުގަނޑު، ދުވަހަކުވެސް ދުށުމަށް އެދިހުރި ކަމެއްނޫނެވެ. އެހައި ނުބައި ނުލަފާ ޚަޞީލަތެއްގެ ވެރިޔަކަށް ބޭބެ ވެގެން ހިނގައިދާނެކަމަށް ބެލިފައެއް ނުވެއެވެ. ހަތަރެސްކަން ފީފާބުރިއެއްހެން ފަލަކޮށް ހުންނަ ފިރިހެނަކު، ޖުއްބާލީމަ ހުންނާނެ ސިފައިގެ ހުތުރުކަން  ކޮންމެހެން، ބަޔާންކުރާކަށް ނުޖެހޭނެއެވެ. ބޭބެ އަޅައިގެންހުރި އައިނަކީ، ދާދި ފަހަކުން ހެއްދި ވަރަށް ލޯބޮޑު، އެހެނަސް ލެންސްގެ ބިއްލޫރިގަނޑު ތުނި އައިނެކެވެ. އެއައިނު އަޅައިފާ ހުންނައިރު ބޭބެގެ ލޯ އާދަޔާ ޚިލާފަށް ބޮޑުކަމަށް ފެނެއެވެ.

ޢަލީއާއި އަޅުގަނޑާ ދެބެންނަނީ، އަބަދުވެސް އެކަކު އަނެކަކުދެކެ ފޫހިވާ ދެމީހުންނެވެ. ދެމީހުންގެ އުޅުމާއި މިޒާޖާ ޢަމަލުތައް އުޑާބިމާހާ ތަފާތެވެ. އެއްވިސްނުމެއް ގެންގުޅެވޭވަރަށްވުރެ، ޚަޞީލަތް ތަފާތެވެ. ހިތްހެޔޮކަމާއި ހިތްގޯސްކަންވެސް އެހައި ތަފާތެވެ. އެހެންނޫނަސް، އަޅުގަނޑުމެން ކުޑައިރު ދިމާވިކަމަކާގުޅިގެން، އަޅުގަނޑުމެންވަނީ، ދެންދުވަހަކުވެސް ކައިރިނުވާނެވަރަށް ދުރުވެފައެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ފޫހިވެފައެވެ. މިވަގުތަކީ، ބޭބެގެ މައްޗަށް އަޅުގަނޑުގެހިތުގައި އުފެދިފައިވާ ފޫއްސާއި ނަފުރަތު ގަދަޔަށް އަނދަމުންދާ އަލިފާންގަނޑެއްފަދައިން އަނދަ އަނދާހުރި ހިނދުކޮޅެކެވެ. އަޅުގަނޑުމެންތިބި ކޮޓަރިތެރެއަށްވެސް އެހޫނުގެ އަސަރުކޮށްފިއެވެ. އަޅުގަނޑުގެ ވަށައިގެން ކޮޓަރިތެރެއަށް އަނދިރިކަން ވެރިވެއްޖެއެވެ.

ވިހަގަދަ ހަރުފައެއްގެ ދުލުން ކުޅުޖަހައި ވިހަދުއްވައިލާބީދައިން އަޅުގަނޑުގެ ދުލުން ބޭބެއަށް ބަދުދުޢާ ކުރެވުނެވެ.

"އަހަރެންގެ، މިހިރަ ނުބައި ނުލަފާ ބޭބެއެވެ! ހަމަޔަޤީނުންވެސް މަޙުޝަރުދުވަހުން، ޖަވާބުދާރީނުވެ ޢަލީއަކަށް ސަލާމަތެއް ނުވެވޭނެއެވެ." ތައްމާމުގެ ކަރުނައިންފުރިގެންވާ ދެލޯ ރަތްވިއެވެ. އަދި ބިރުވެރިހޮހަޅަޔަކުން ނުކުތް ކުޑަކުއްޖެއްފަދައިން އައިސް އަޅުގަނޑުގެ ގައިގާ އޮޅުލައިގަތެވެ. ކަށަވަރުންވެސް އެނގޭކަމަކީ، ތައްމާމަކީ، އެކޮޅުކޮޅުން އެލުވިޔަސް، އޭނާގެ ފިރިމީހާއާ ދެކޮޅަށް ޗުއްޕުވެސް ބުނާނެ މީހެއްނޫނެވެ. ބޭބެއަށް ބަދު ދުޢާކުރަމުން، އަޅުގަނޑަށް ބުނެވުނު އެއްޗަކަށް، ޢަލީގެ ކިބައިން މަޢާފުއެދުމަށް އެނިކަމެތި އަންހެނާ އުޅުނެވެ. އެހެންނަމަވެސް، ޢަލީގެ ކަނާތު އަތްތިލަ ނަގައި ތައްމާމު ހުއްޓުވިއެވެ. އަދި ރުޅިވެރިކަމުގެ ކަޅިއެއް އަޅުގަނޑުމެން ދެމީހުންނަށްވެސް އެއްލިއެވެ. އަޅުގަނޑަށް އިޙުސާސްވީ، ހަތަރުމިޔަލީ ކަނޑިއެއް، ސީދާ އަޅުގަނޑުގެ މެޔަށް ހެރިގެން ދިޔަހެންނެވެ. ތައްމާމަށް އެކަމުންވެސް އެއްވެސް އަސަރެއްކުރިހެންނެއް ހިއެއްނުވެއެވެ.

ތައްމާމުދެކެ ޢަލީ ލޯބިނުވާކަމީ ޝައްކެއްނެތި އެނގޭ ކަމެކެވެ. ފިރިހެނަކު، މީހަކުދެކެ ރުޅިއަރައި އަނބިމީހާއަށް ކުރަންޖެހޭ އިޙްތިރާމް ގެއްލިގެންގޮސްފައިވާނީ މިހާވަރަށެވެ. ޢަލީގެ ލޮލަށް އަޅުގަނޑު ބަލައިލީމެވެ. މޫނުމަތި ކިޔައިލިއިރު، އަޅުގަނޑަށް ފެނުނީ، އަޅުގަނޑާދިމާއަށް ބަހަކުންޖަހަން މަސައްކަތްކުރަމުންދާ ތަނެވެ. އަޅުގަނޑުގެ އަނގަ ބަންދުކޮށްލެވޭފަދަ ބަހެއް ހޯދަމުންގެންދާ ތަނެވެ. މިހެންދިމާވާ ގިނަ ޙާލަތްތަކުގައި އެކަކު އަނެކަކަށް ބަސްބަހުން ޖަހަން އުޅޭއިރު، ބޭބެއަށްވުރެ ފަސޭހައިން، އަޅުގަނޑަށް ބަސް ހޯދެއެވެ. ޢަލީއަކީ، ޙާޟިރު ޖަވާބަށް އެހައި ފައްކާމީހެއްނޫނެވެ. ވަގުތާ މުނާސަބުކޮށް ބުނަންވާ އެއްޗެއް އޭނާގެ ދުލަށް އަންނަންވެސް ވަގުތުކޮޅެއް ނަގައެވެ. އަދި އަމްދުން މިހާރު، ދުވަސްވީވީހެން ބޭބެގެ މުޢާމަލާތުކުރުމުގެ ހުނަރު ދަނީ ދަށްވަމުންނެވެ. ކުރިން ބޭނުންކުރަމުން އައި ބަސްތައްދަނީ ހަނދާން ނެތެމުންނެވެ.

ފޫހިގޮތަކަށް، ޢަލީއާދިމާއަށް އަޅުގަނޑު ހީލީމެވެ. އަދި، ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލީމެވެ. ދެބަސްވެ ބަޙުސެއްކުރަންޖެހިއްޖެ ކޮންމެ ޙާލަތެއްގައިވެސް ޢަލީގެ މައްޗަށް އަޅުގަނޑު ގަދަވަމެވެ. ކުއލިއަކަށް ޢަލީގެ ކޮނޑަށް އެއްލައި   ކަރުގައި އޮޅައިލެވިފައިއޮތް ފޮށާ ރަނގަޅުކޮށްލިއެވެ. ނޭވާލާން އުނދަގޫވެގެން އުޅުނުކަހަލަ ގޮތަކަށެވެ. އަޅުގަނޑު ދުށުމަށް ތައްޔާރުވަމުންދިޔަ މަންޒަރު މަޑުމަޑުން ފޭދިގެންދިޔައެވެ. ޢަލީއަށް މިކަމުގައި ކާމިޔާބު ލިބުނުކަމުގެ ފަޚުރުވެރި އިޙްސާސްތަކުން ބޮޑާވަނީ ބާވައެވެ. ނުވަތަ އަޅުގަނޑަށް އެކަން އެގޮތަށް އިޙްސާސްވަނީ ބާވައެވެ. މޮޅުވި މީހެއްގެ ގިރުވާންކޮޅަށް ޖަހައިލުމަކީ، ކޮންމެ މީހެއްގެވެސް ފަޚުރަކަށްވާނެއެވެ. އެކަމަކު، މިނިމިދިޔަކަމާބެހޭގޮތުން، ބޭކާރު އަނގައެއް ތެޅުމުގެ ބޭނުމެއް ނެތެވެ.

ބަތްތަށީގެ ރަހަމީރުކޮށްލަން އަސާރައަޅާގޮތަށް، ކެހިވެރިކަމުން މަސްހުނިވެފައިވާ ބާރު ހިނިގަނޑެއް ޢަލީ ޖަހައިލިއެވެ. އެއީ އަޅުގަނޑާ އެއްބަނޑެއްގައި އޮވެ ވިހައިފައިވާ ފިރިހެނެއްގެ މަލާމާތުގެ ބާވަތެކެވެ. އަޅުގަނޑު ދެރަކޮށް ބަލިކޮށްލައި، ތަޅުނގަނޑުމައްޗަށް ވައްޓައިލުމަށްޓަކައި ކޮށްލެވޭނެ ޒާތެއްގެ ޢަމަލެކެވެ. ޤައުމުގެ ޤާނޫނީ ނިޒާމުން ބާރުލިބިގެން، ތިމާގެ އަމިއްލަ އެދުމަށް އަނެކާއަށް އަނިޔާވެރިވުމަށް މިއަށްވުރެ ވަކިރީތި އުކުޅެއް ބޭނުމެއްނުކުރެވޭނެއެވެ. އެވެސް، ތިމާގެ އަމިއްލަ އުފަން އަންހެންދަރިއެއްގެ އިންސާނީ ޙައްޤަށް އަރައިގަންނަމުންނެވެ.

މުނީރާއާވެސް ބައްދަލުކޮށްލީމެވެ. އޭނާއަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތުން ލިބިފައިވާ ހިތްދަތިކަން ނައްތައިލުމަށް ހިތްވަރުނުދީ ގެޔަށްދާން ނައްޓައެއް ނުލެވުނެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯއެވެ . މުނީރާގެ ޙަޔާތުގައި އޭނާއަށް ކުރެވޭ މަޖްބޫރަކުން ކަސްތަޅުއެޅި، ޖިންސީ ފުރައްސާރައަކަށް ހުށަހެޅޭ އޭނާގެ ހަށިގަނޑު ދިފާޢުކުރުމަށް އިސްނެގޭ ވަރަށްވުރެ، މުނީރާމެންގެ ކިޔަމަންތެރިކަން މާބޮޑީއެވެ. އަމިއްލަ ސަލާމަތާއި ރައްކައުތެރިކަން އެއްކިބައިގާ ބާއްވާފައި، މުޅި އިންސާނިއްޔަށް ހުރި އަނިޔާއަކަށްވެސް، އެމީހުންގެ އެހުންނަ ކޮށިވިސްނުން ހޭލައްވައެއް ނުދެއެވެ.

ޢަލީގެ ނިންމުން ބަދަލުވެގެންދާނެ އެއްވެސް ކަމެއް އަޅުގަނޑަކަށް ނުކުރެވޭނެއެވެ. އަދި އެކަން އެގޮތަށް ފުރޮޅިގެން ހިނގައިދާނެ ވާހަކައެއްވެސް އަޅުގަނޑަކަށް ނުދެއްކޭނެއެވެ. އަދި ކިއެއްތޯއެވެ ؟ ޚުދު، މުނީރާގެ މަންމަ ތައްމާމަކަށްވެސް، ކުރެވޭނެ ހަމައެއްވެސްކަމެއް ނޯންނާނެއެވެ. އެމީހުންގެ މައްޗަށް ގަދަވެ ވެރިވެގެން އެވަނީ، އެއަށްވުރެ ނުބައި ނުލަފާ ފިރިހެނެކެވެ. މަކަރުވެރި، އަނިޔާވެރި އަދި ވަޙުޝީ ޢަމަލުތަކުން، ސިކުނޑި ތަޣައްޔަރުވެފައިވާ ބައްޕައެއްގެ އަނިޔާ، ޤާނޫނީ ހަމަތަކުން އަދި ރީތިގޮތުގައި، އަންހެންކުއްޖާއަށް ލިބުމަށް މަގުފަހިވެގެންދާތަން ބެލުމަށް ހިމޭނުން ތިބުމަކީ، މަދުމީހަކަށް ކެތްކުރެވޭނެ ޙާލަތެކެވެ.

ޢަލީ، އަޅުގަނޑުމެންގެ ކުރިމަތިންލާފައި، ކޮރިޑޯއިންނުކުމެގެން އެދިޔައީ އަޅުގަނޑުމެންގެ މޫނުމަތީގައި ހޫނު ތަފާލެއް އަޅައިފައެވެ. އޭނާ ހުރިގޮތަށް ނުކުމެގެން އެދިޔައީ ގަނޑުވަރުގެ މައިދޮރާ ދިމާއަށެވެ. ހިނގުމުގައިވަނީ ލަސްވެފައި ބޮޑާކަމެވެ. ޢަލީ ދުރަށްގޮސް ގަނޑުވަރުގެ މައިދޮރޯއްޓާހަމަޔަށް ދިޔައިރުވެސް، އެނާގެ މަލާމާތުގެ ހިނިގަނޑުގެ އަޑު އިވެއެވެ.

ސުޢޫދީ ޢަރަބިއްޔާގެ ގިނަފިރިހެނުންނަކީ، ޢަލީފަދައިން އަނިޔާވެރިކަމާއި ބޮޑާކަމުންފުރިގެންވާ ބަޔެކެވެ. އަންހެނުންނަކީ އެބައިމީހުން ކައިނިމިގެން ތުންފުހެލުމަށްވެސް ބޭނުންކުރަން ބޭނުންނުވާފަދަ ބައެކެވެ. ހަމައެއާއެކު، ވަޙުޝީ އަނިޔާވެރިކަމުން ފުރިގެންވާ ޢަމަލުތަކުން، ހިތުގެ ކާފަރުކަން އިންތިހާއަށްގޮސްފައިވާ، އަދި އަންހެނުންނަކީ، ފިރިމީހާއަށް އަޅުދާސްވާންޖެހޭ ބަޔެއްކަމުގައި ދެކޭ ބައެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.