އެސްކެޕް ގެ 82 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ފެށި ޔުނައިޓަޑް ނޭޝަންސް އިކޮނޮމިކް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކްޕް) ގެ 82 ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ވަފްދުން ދަނީ ބައިވެރިވަމުންނެވެ.

މި ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފްދުގެ އިސް ވެރިޔަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ އެކައުންޓެންޓް ޖެނެރަލް މުޙައްމަދު އާޒާދު އެވެ. މި ސެޝަންގެ ޝިޢާރަކީ "ލީވިންގ ނޯ ވަން ބި ހައިންޑް: އެޑްވާންސިންގ އަ ސޮސައިޓީ ފޮރ އޯލް އޭޖާސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް" އެވެ.

މި ސެޝަންގެ އާންމު ބަހުސްގައި ވާހަކަފުޅުދައްކަވަމުން އެކައުންޓެންޓް ޖެނެރަލް އާޒާދު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ އާބާދީގެ ބަދަލުތަކަށް އަލިއަޅުއްވާލައްވައި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ތަރައްޤީގެ ފައިދާތައް ހޯދައިދިނުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން، އެ މަނިކުފާނު ވަނީ އިސްރަށްވެހިންނާ ގުޅޭ ޤައުމީ ސިޔާސަތާއި، އިސްރަށްވެހިންނާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން (2025-2028) ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އާންމު ސިއްހީ ނިޒާމާއި އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުން ފަދަ ދާއިރާތަކުން ރާއްޖެ އިން ކުރިއަށްގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު، އެ މަނިކުފާނު ވަނީ  މަސައްކަތު އާބާދީގެ ހުނަރު އިތުރުކުރުމަށާއި، ވަޒީފާ އަދާކުރާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވަޒީފާގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، "ފަށާ މަދަދު" ލޯނު ސްކީމް ފަދަ ޚާއްޞަ ޕްރޮގްރާމްތައް މެދުވެރިކޮށް އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ހަކަތަ އާއި ވިލުންތެރިކަން މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދިވެހިރާއްޖެ އިން އަޅަމުންދާ ފިޔަވަޅުތަކާއި، ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުން އަދި "މޯލްޑިވްސް 2.0" އިނީޝިއެޓިވްގެ ދަށުން ކުރިއަށްދާ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތައް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސެޝަންގެ އިންޓަރގަވަރމެންޓަލް ވޯކިންގ ގްރޫޕްގެ ބައްދަލުވުންތަކުގެ ޗެއަރގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ދިވެހިރާއްޖެއިން ޔޫއެންއެސްކެޕްއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފްއެވެ. މިއީ މި ސެޝަންގައި ފާސްކުރުމަށް ހަމަޖެހިފައިވާ ޤަރާރުތަކާއި ނިންމުންތަކާ ގުޅޭގޮތުން މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.

އެސްކްޕް ގެ 82 ވަނަ ސެޝަން މި އަހަރުގެ އޭޕްރީލް މަހުގެ 24 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.