އަމީރާ ސުލްޠާނާގެ ނާރެސް - 52

(10 ޖުލައި 2022 ގެ ބަޔާ ގުޅޭ)

ކަރީމުގެ ތަޞައްވުރު

 ހަމައެވަގުތު ކަރީމު އައިސް ކޮޓަރިތެރެޔަށް ވަނެވެ.

"ތިކުދިންގެ މަންމަޔަށް ކިހިނެއްވީ ހެއްޔެވެ؟" ކަންބޮޑުވެފައިހުރެ ކަރީމް އަހާލިއެވެ.

"އަމާނީ ، އިންޤިލާބީ ޙަރަކާތުގެ މެންބަރަކަށް ވީވާހަކަ އަހާފަ މަންމަ ކަންބޮޑުވީއެވެ." އަނދަމުންދިޔަ އަލިފާންގަނޑަށް މަހާ ، ތެޔޮއެޅިއެވެ.

ކަންބޮޑުވެގެންގޮސް ކަރީމަށް ހާސްކަން ލިބުނެވެ. އަދި އެއްފަހަރާ އެތައް އެއްޗެހިތަކެއް ކިޔައިގަތެވެ. ކަރީމުކީ ނުކީ އެއްޗެއް އެއްވެސްމީހަކަށް ނޭނގުނެވެ. ކަރީމަށް އެނގޭވަރަށްވުރެ ބޮޑަށް ، އަޅުގަނޑުމެންގެ ޢާއިލާގެ ވެރިކަން ވައްޓައިލުމަށް މަސައްކަތްކުރާ މީހާގެ މަޢުލޫމާތު ، އަމާނީއަށް އެނގޭކަން އިޙްސާސްވުމާއެކު އެހެންމީހަކަށް ކަރީމު ބަދަލުވިއެވެ. ރުޅިވެރިކަމުންގޮސް އޭނާގެ މޫނު ރަތްވިއެވެ. އެންމެ ފުރަތަމަވެސް ، ކަރީމު އަމާނީއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

"ދަރިފުޅާއެވެ! ދަރިފުޅުގެ ހެޔޮވިސްނުން ބަދަލުވީ ހެއްޔެވެ؟ ދަރިފުޅަކީ އެމީހާގެ ފަސްފަހަތުން ހިނގާ މީހަކަށް ވީ ހެއްޔެވެ؟" ކަރީމު އަމާނީއާ ސުއާލުކުރިއެވެ.

"އަހަރެންނަކީ އެމީހާގެ މީހެއްނޫނެވެ. އަހަރެން ބުނީ އަހަރެންގާތު އެމީހާއާ ބެހޭގޮތުން ބުނެވިފައިވާ އެއްޗެކެވެ." އަމާނީ އަޅުގަނޑާދިމާއަށް ކަޅިޖަހައިނުލާ ބަލަހައްޓާއިގެންހުރެ ބުންޏެވެ.

"އަހަރެންނަށް އެވާހަކަތައް ކިޔައިދޭން މަންމަ މަޖުބޫރު ކުރުވީއެވެ. އެއީ މަންމަގެ މައްސަލައެކެވެ."

"މަންމަ ކުރި ސުއާލެއް ހަނދާން ނައްތާލާށެވެ. އަހަރެމެންގެ އެންމެ ބޮޑު ދުޝްމަނާ ، ދަރިފުޅު އެއްވެސް މިންވަރަކަށް ގުޅުމެއް އުފައްދައިގެން ނުވާނެއެވެ. ކޮންމެ ދުވަހަކުވެސް މީހުން ހައްޔަރު ކުރެވެމުން އެބަދެއެވެ." ގޮށްމުށްކަވާފައި ކަރީމުގެ އަތުން ވަރަށް ބާރަށް ފާރުގައި ޖެހިއެވެ. ފާރުގައި ޖެހިލެއްބާރުކަމުން ، ފާރުގައި ހަރުކޮށްފައިހުރި އަގުބޮޑު ކުރެހުންވެސް ނުވެއްޓުނީ ކިރިޔާއެވެ.

"މޮޔަ ، މޮޔަ ކުއްޖާއެވެ!" އަމާނީއާ ދިމާއަށް އަނެއްކާވެސް ކަރީމު ހަޅޭއްލަވައިގަތެވެ. އަދި މާޙައުލު ވަރަށް ނުރައްކާވީއެވެ. އަމާނީގެ އަނގަތެރޭގައި އޮތް ޗުވިންގަމް ވަރަށް އަވަސް އަވަހަށް ހަފަމުން ގެންދިޔައެވެ. އަމާނީ ހަމަޖައްސާލުމަށް އަޅުގަނޑު ތައްޔާރުވި ވަގުތު ކަރީމު ، އައިސްހުރި ރުޅިޔާއެކު އަޅުގަނޑާ ކުރިމަތިލިއެވެ.

"ސުލްޠާނާއެވެ! ސުލްޠާނާގެ ކުދިންތި ބަލައި ބޮޑުކުރީ އިދިކޮޅުމީހުންގެ ގޮތުގައެވެ. އެންމެ ހިނދުކޮޅަކަށްވެސް އެކަން އަހަރެން ބަލައެއް ނުގަންނާނަމެވެ." އަމާނީއާ ވާހަކަ ނުދައްކާކަމަށް ކަރީމު ނިންމުމުން އަޅުގަނޑަށް ޙައިރާންކަން ލިބުނެވެ.

މަހާ ، ދުވެގޮސް ކޮޓަރިން ނުކުތެވެ. އަދި އަމާނީވެސް މަހާއާއެކު ދާން ހިނގައިގަތެވެ. އެހެންނަމަވެސް ، އަމާނީ މަޑުކުރުމަށް ކަރީމު އަމުރު ކުރިއެވެ.

"ބައްޕާއެވެ! މަޑުކޮށްލާށެވެ! ބައްޕަ ޝަޢުޤުވެރިކަން ހުރި އެއްޗެއް އަހަރެން  ދައްކާލާނަމެވެ." އަމާނީ ފައިވާނަށް އަރައިގެން ކުއްލިޔަކަށް ކޮޓަރިން ނުކުތެވެ. ކަރީމު ، ގަނޑުވެފައި ހުއްޓެވެ. އަޅުގަނޑަށްވެސް ހަދާނެގޮތެއްނޭނގި ހުރެވުނެވެ. އަމާނީ ސޫޓްކޭހެއް ހިފައިގެން އައިސް ކަރީމާ ޙަވާލުކުރިއެވެ.

ކަރީމުގެ ރުޅިގަނޑު ހައްތާދިޔައީ ގަދަވަމުންނެވެ. ސޫޓްކޭސްގެ ތަޅު ގަދަކަމުން ނައްޓާލައި ހުޅުވައިލިއެވެ. އަދި ކަރުދާހަކަށްފަހު ކަރުދާހެއް ބަލައި ތަޅުންގަނޑުމައްޗަށް އަޅަމުން ގެންދިޔައެވެ. ކަރީމު އެހާ ގަދަޔަށް ރުޅިއައިސް ހުއްޓާ އަޅުގަނޑެއް އަދި ނުދެކެމެވެ.

"މިކަރުދާސްތައް ހޯދީ ކޮންތާކުން ހެއްޔެވެ؟" އަޑުގެ ނެތްތަނަށް އަމާނީއާ ދިމާއަށް ކަރީމު ހަޅޭއްލަވައިގަތެވެ.

"ތިއީ ، އަހަރެންގެ ރައްޓެހިކުއްޖާ އޭނާގެ ބޭބެގެ ކޮޓަރިން ވަގަށް ނެގި ކަރުދާސް ތަކެކެވެ." އަމާނީ ބުންޏެވެ.

"ބަލައިލަ ބަލާށެވެ!" ކަރުދާސްތަކެއް ހޫރާލައި އަޅުގަނޑުގެ އަތަށް އުކާލަމުން ކަރީމު ބުންޏެވެ. ސިނގިރޭޓް ޕެކެޓެއްނަގައި ހިތްނުތަނަވަސްވެފައިހުރެ ، އަޅުގަނޑަށް ސިނގިރޭޓެއް ރޯކޮށްލެވުނެވެ. އަދި އަޅުގަނޑުއަތަށް ކަރީމު ލައިދިން ކަރުދާސްތައް ބަލަން ފެށީމެވެ. އެކަރުދާސްތަކުގެ މުހިންމުކަން އަޅުގަނޑަށް ވިސްނުނީވެސް ސިނގިރޭޓް ރޯކޮށްލުމުގެ ފަހުންނެވެ. އަޅުގަނޑަށް ފެނުނީ ، ޤައުމުންބޭރުގައި އަމިއްލަޔަށް އަރުވައިލެވިގެންތިބި މީހުންނާއި ޕްރޮފެސަރު އަލްމަޝްޢަރީ ލިޔެތައްޔާރުކޮށްފައިވާ ، ސުޢޫދީ ރަސްކަމާއި ވެރިކަމާދެކޮޅު ނޫސްބަޔާންތަކުގެ އަޞްލު ތަކެވެ.

އަޅުގަނޑަށް ކިޔަންފެށުނު ލިޔުމުގެ ސުރުޚީއަކަށްއޮތީ ، "ޕްރިންސް އޮފް ދަ މަންތު" އެވެ. އެއީ ޝާހީޢާއިލާގެ ޕްރިންސެއްގެ ފަސާދައިގެ ޢަމަލުތަކާބެހޭ ތަފުޞީލެވެ. އެއީ ، އަޅުގަނޑުމެންގެ ދުވަސްވީ ބޭބެއެކެވެ. ޕްރޮވިންސެއްގެ ގަވަރުނަރެކެވެ. އެ ނޫސްބަޔާނުގައިވާ ގޮތުގައި ، ބޭބެވަނީ އެޕްރޮވިންސުގެ އެތައް ބިމެއް އަމިއްލަނަމަށް ރަޖިސްޓަރީކޮށް ބޮޑުއަގުގައި ވިއްކާފައެވެ. ގަނޑަކަށްފަހު ގަނޑެއްއުކަމުން އަވަސްކަޅިޔަކުން ބަލަމުން ގެންދިޔައިމެވެ. އެއިން ކޮންމެ ކަރުދާހެއްގައިވެސް ، ޝާހީ ޢާއިލާގެ މެންބަރެއްގެ ފަސާދައިގެ ޢަމަލުތައް ލިޔެފައި ހުއްޓެވެ. މީހަކު މެރުމުގެ އިލްޒާމުވެސް އެއް މެންބަރެއްގެ ބޮލުގައި އަޅުވާފައި އޮތެވެ. ސުޢޫދީ އެއަރލައިންގެ އެކައުންޓެއްޓެއް ، ޕްރިންސެއްގެ ދަތުރުތަކަށް ޚަރަދުވެފައިވާ އެތައްމިލިއަން ރިޔާލައެއްގެ ބިލްހުށަހެޅުމުން ، އެއެކައުންޓެންޓްގެ ގައިގާ ތެޅިތެޅީނުންގޮސް މަރުވެފައި ވެއެވެ. އެބިލުގެ ކަމެއްވެސް އަދި އެކައުންޓެންޓްގެ މަރުގެ މައްސަލަވެސް ބަލާފައެއް ނުވެއެވެ.

ލިޔުންތައް ބަލަމުންދަނިކޮށް ، އަޅުގަނޑުގެ ބައްޕަގެނަންގަނެވިފައިވާ ލިޔުމެއް ފެނުމާއެކު އަޅުގަނޑުގެ ނޭވާ ހޮޅިޔަށް އެޅުނެވެ. ރޮވޭގޮތްވެފައިހުރެ ، އަވަސް އަވަހަށް އެލިޔުން ކިޔަން ފެށީމެވެ. އޭގައިހުރި ކަންކަމަކީ ހަމަ ހިނގައިފާނެ ކަންކަމެވެ. ބައްޕައާބެހޭގޮތުން ހުރި ވާހަކަތަކުން ލިބުނު ހިތްދަތިކަން ފޮރުވަން އުޅެމުން ، ކަރީމާއި އަމާނީއަށް އަޅުގަނޑު ބަލައިލީމެވެ. އެތައްހާސް ސުއާލެއް އަޅުގަނޑުގެ ހިތަށް އައެވެ. އެހެނަސް ، އެންމެ ސުއާލަކަށްވެސް އަޅުގަނޑުގެ ތުންފަތް ތަޅުވައެއް ނުލެވުނެވެ.

"ބައްޕާއެވެ! މިއީ ތެދެއް ހެއްޔެވެ؟ އާލްސަޢުދު ޢާއިލާގެ މީހުން ކުޑަކުދިންވެސް ހައްޔަރުކުރޭ ހެއްޔެވެ؟" އަމާނީ އަތުގައި އޮތް ކަރުދާސްގަނޑެއް ކަރީމަށް ދިއްކޮށްލަމުން ބުންޏެވެ. އަމާނީގެ މިސުއާލުން އަޅުގަނޑުގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އަމާނީގެ ކޮނޑުމަތިން ބޯދިއްކޮށްލައިގެން ހުރެ އެކަރުދާހުގައިވާ އެއްޗެއް ، އަވަސް އަވަހަށް އަޅުގަނޑުވެސް ކިޔައިލީމެވެ.

"މިދިޔަ ހަފުތާގައި ، 11 އަހަރުގެ ފަހުދު ކިޔާކުއްޖަކާއި 12 އަހަރުގެ މަންސޫރު ވަނީ ބަންދު ކުރެވިފައެވެ. އެދެކުދިންގެ ކުށަކީ ، އަލްމަޝްޢަރީ ތައްޔާރުކޮށްފައިވާ ލިޔުންތައް ރަށުތެރެޔަށް ބެހުމެވެ. އާލްސަޢުދު ޢާއިލާއިން ، ޞައްދާމް ޙުސައިންގެ އިންސާނިއްޔަތާޚިލާފު ޢަމަލުތައް ކުށްވެރިކުރާ ހިނދު ، އެމީހުންވެސް އެކުރަނީ ހަމަ އެކުށްތަކެވެ. ސުޢޫދީ ނޫސްތަކުން ޞައްދާމް ޙުސައިންގެ ޢަމަލުތައް މިހާރުވެސް ކުށްވެރިކުރަމުންގެންދާކަން އެމީހުން އެތިބީ ހަނދާން ނައްތައިލައިގެންނެވެ. ޞައްދާމުގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ޤައުމު ސަލާމަތްކުރުމުގެ ނަމުގައި އެމީހުން އެތިބީ ބޭރުގެ ޢަސްކަރީ ސިފައިން މިޤައުމަށް އަރުވާފައެވެ. އެކަމަކުވެސް ، އެމީހުން އެ ތަކުރާރުކުރަނީ ޞައްދާމު ޙުސައިން ކުރަމުންގެންދާފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެވެ. މީދެން ކިހާދެރަ ކަމެއް ހެއްޔެވެ؟"

"ބައްޕާއެވެ! އަހަރެމެންގެ ފެމެލީ މީހުން ، ކުޑަކުދިން ހައްޔަރުކުރޭ ހެއްޔެވެ؟" އަމާނީ ޖެހިލުމުގެ ކަންފުޅެއްވެސް ނެތި އޭނާގެ ބައްޕަ ކަރީމާ ސުއާލުކުރިއެވެ. ކަރީމު ، އެހުރިހާ ލިޔުންތަކެއް އަމާނީގެ އަތުން ޖަހައިގަތެވެ. އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

"ބައްޕާއެވެ!" ރޮވެންކައިރިވެފައިހުރި އަމާނީ ކަރީމާ މުޚާޠަބު ކުރިއެވެ.

"އަހަރެމެންގެ ދުޝްމަނުން ދޮގުހަދާކަން ދަރިފުޅަށްވެސް އެނގޭނެއެވެ." ލިޔުންތައް ބްރީފްކޭހަށް އަޅަމުން ކަރީމު ޖަވާބު ދިނެވެ.

"ކަރީމުއެވެ! އަހަރެންކަށް ކިޔުނު ލިޔުންތަކުގައި ގިނައީ ތެދެވެ." އަނދަ އަނދާހުރި އުނދުނަކަށް ދަރުއެޅުނުއިރުވެސް އަޅުގަނޑަކަށް ނޭނގުނެވެ. އަޅުގަނޑަށް އެހެން ބުނެވުނީ ކީއްވެގެންކަމެއް ނޭނގެއެވެ. ތެދު ޤަބޫލުކުރާތީކަމަށް ވެދާނެއެވެ. ކަރީމުގެ ރުޅިވެރިމޫނު އަޅުގަނޑާ ދިމާއަށް އަނބުރައިލިއެވެ.

"ޝައްކެއްނެތެވެ. ބޮޑުބަޔަކީ ހަދައިގެން ދައްކާފައިހުރި ވާހަކަ ތަކެވެ." އަޅުގަނޑު އަވަސްއަވަހަށް ބުނެލީމެވެ. އެހުރިހާ ލިޔުންތަކެއް އެއްކޮށް ކަރީމުގެ ބެލުމުގެ ދަށަށްގެންދަން އޭނާ ބޭނުންވިއެވެ. އަޅުގަނޑުގެ އަތުގައި އޮތް ލިޔުން ފުރަގަހަށްލައި ފޮރުވީމެވެ. އަޅުގަނޑު އެ ފޮރުވިކަން އެނގިއްޖިއްޔާ ކަރީމުގެ ރުޅިވެރިކަން ޙައްދުން ނައްޓާނެކަން ޔަޤީނެވެ.

"އަދި އެއްފަހަރު ، މިލިޔުމުގެ ވަކިތަންކޮޅެއް ކިޔާލަން އަހަރެން ބޭނުމެވެ. ކިޔާލާފަ ހަވީރު އަހަރެން މިލިޔުން ކަރީމާ ޙަވާލުކުރާނަމެވެ." އެތައްފަހަރަކު ފުން މާނޭވާތަކެއްލައި ހަމަޔަށް ނޭވާއެއްލުމަށްފަހު ، އަމާނީއާ ދިމާއަށް އެނބުރުނެވެ.

"މިލިޔުންތައް ދަރިފުޅަށްދިންމީހެއްގެ ވާހަކައަހާކަށް ބައްޕަ ބޭނުމެއްނޫނެވެ. އެކަމަކު ، އެއީ ދަރިފުޅުގެ ޙަޔާތުން އެމީހަކު ވަކިވުން ޝަރުތު ކޮށްފައެވެ." ކަރީމު ބުންޏެވެ.

"އެކަމަކު ބައްޕާއެވެ! އެއީ އަހަރެންގެ ގާތް ރަޙުމަތްތެރިއެކެވެ." އަމާނީ ޝަކުވާ ކުރިއެވެ.

"ދަރިފުޅާއެވެ! މިއީ އަމުރެކެވެ. އަހަރެންގެ ދަރިފުޅު ، އަހަރެމެންގެ ދުޝްމަނުންނާއެކުގައިވުމަށް އަހަރެންނެއް ނޭދޭނެއެވެ. އަހަރެމެންގެ ޢާއިލާގެ އެއްވެސް މީހަކު ނޭދޭނެއެވެ." ކަރީމު އަމާނީއަށް ޖަވާބުދިނެވެ.

"ބައްޕާއެވެ! އަހަރެން ވަޢުދުވަމެވެ." އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އަމާނީ އޭނާގެ ގޮތް ނިންމިއެވެ. އަދި އެތަނުން ނުކުމެގެން ދިޔައެވެ. ކަރީމުގެ ބޮޑުވެފައިހުރި ދެލޯ ، ދެން އަމާޒުވީ އަޅުގަނޑާ ދިމާއަށެވެ.

"ކަރީމުއެވެ! އަހަރެންކަށް ކިޔުނު ލިޔުންތަކުގައި ގިނައީ ތެދެވެ." އަޅުގަނޑަށް ކުރިން ބުނެވުނު ބަސް އަޅުގަނޑުގެ އަޑުން ކަރީމު ބުނެލަދިނެވެ.

"އަނބިންނަކީ އެމީހުންގެ ފިރިންނަކީ އަގުބޮޑު ޖަވާހިރެއްކަމުގައި ބަލަންޖެހޭ ބަޔެކެވެ." ކަރީމުގެ ވާހަކަ ނިންމައިލިއެވެ. އަދި ކަރީމާ މިވަގުތު އެއްވެސް ވާހަކައެއް ދެއްކުން ރަނގަޅުނޫންކަމަށް ފެނި ، އަޅުގަނޑުވެސް އެތަނުން ނުކުމެގެން ދިޔައީ ކޮޓަރިއަށެވެ.

ކަރީމު ގޭގެ މާޙައުލު ބަދަލުކޮށްލާފައި ބޭރަށްދިޔަގޮތަށް ހަވީރުވީއިރުވެސް ނާދެއެވެ. އެހެންކަމުން ، ކަރީމް ދެންފެންނާނީ ރޭގަނޑު ވަރަށްލަސްވާފަހުންކަމުގައި އަޅުގަނޑަށް އެނގެއެވެ. ކުދިން އުޅޭ ނޫޅޭގޮތެއްބަލައިލިއިރު ، އަމާނީ  ނިދައިފިއެވެ. މަހާއިނީ ރައްޓެހި ކުއްޖަކާ ފޯނުން ވާހަކަ ދައްކާށެވެ. އަޅުގަނޑު ގަޑި ބަލައިލީމެވެ. އޭރުހުރީ ވަރަށް ލަސްވެފައެވެ. އެކަމަކުވެސް ކަރީމް އަންނަންދެން މަޑުކުރަން ނިންމީމެވެ. އަދި އަމާނީއަތުން ފެނުނު ލިޔުންތަކުން ޝާހީ ޢާއިލާގެ އެކި މެންބަރުންކޮށްފައިވާ ފަސާދައިގެ ޢަމަލުތަކުގެ ވާހަކަ ކިޔަންފެށީމެވެ. ވަށްކަމާއި ޚިޔާނާތާ އަދި ޖިންސީގުޅުން ހިންގުމާއި ޤާނޫނާޚިލާފަށް މީހުން ހައްޔަރުކުރުމާއި ، ދީނާޚިލާފު ޢަމަލުތަކުގެ އެތައްވާހަކައެއް ، ޝާހީޢާއިލާގެ މީހުންގެ ބޮލުގައި އަޅުވާފައި ވެއެވެ.

އެއީ އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައި ހިނގައިފާނެ ކަންކަންކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވުމާއެކު ހިތަށް ލިބުނު ކެކުޅުން ޚުދު އަޅުގަނޑަށްވެސް ދަންނަވާކަށް ނޭނގެއެވެ. ޢާއިލާގެ ޒުވާން އަމީރުން ، އެބައިމީހުންގެ ހިތްއުފާކުރުމަށްޓަކައި ބޭރުން އަންހެންކުދިންގެނައުމަކީ ޢާންމު ކަމެކެވެ. އަޅުގަނޑަށް ލިބެމުންދިޔަ ހާސްކަމާއި ހިތްދަތިކަން ދިޔައީ ބޮޑުވަމުންނެވެ. ކޮޓަރި ކުޑަޔަށްލައި ހިނގަން ފެށުނެވެ. އަދި މޭޒުމަތީ ބެހެއްޓިފައިހުރި ބިއްލޫރި ވާރސް އެއް ، ފާރާދިމާއަށް އަތުގެކޮޅަށް ހޫރައިލެވުނެވެ. އެވާރސް ތަޅައިގެންގޮސް މުޅިކޮޓަރިތެރެޔަށް ބިއްލޫރިތައް އެޅިގެންދިޔައެވެ. އެވަރުންވެސް އަޅުގަނޑުގެ ހިތަކަށް ތަސައްލީއެއް ނުލިބުނެވެ. އެންމެފަހުން އަޅުގަނޑަށް ، އަޑުން އަޑުނަގާ ރޯން ފެށުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.