
މާދަމާއިން ފެށިގެން ކޫއްޑޫއަށް ކިރާނީ ކޮންމެ ދޯންޏަކުން 7 ޓަނުގެ މަސް ކަމަށް މިފްކޯ އިން ބުނެފިއެވެ.
މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް މިހާރުވެސް މަސް ކިރުވާ ކަމަށެވެ.
އެހެންކަމުން މަސްކިރުން 7 ޓަނަށް ބަދަލު ކުރީ މަސް ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ އާއި އެހެން ދަތިތައް ހައްލު ކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ދެނުކަށް މަސް ބާނާ އަދަދު މި ދުވަސްވަރު އެއްވަރެއްގައި ހިފެހެއްޓިފައިވަތީ، ދޯންޏަކުން ހަތް ޓަނު ކިރައިގެން ކެޕޭސިޓީއާ އެއްވަރަށް މެނޭޖް ކުރެވޭނެ ކަމަށް ވެސް މިފްކޯގެ ބަޔާނުގައި ބުންޏެވެ.
މިއީ ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު މިފްކޯ އިން މަސް ގަންނަ މިންވަރު މި ލިމިޓުކުރި ދެވަނަ ފަހަރެވެ.
މަސްކިރުވުން ކޮންޓްރޯލް ކުރުމަށް މިފްކޯއިން ވަނީ މި ހަފްތާގައި ކޮންމެ ދޯންޏަކުން ކިރުވައިދޭނީ ފަސް ޓަނު މަސްކަމަށް ކަނޑައަޅާފައެވެ. ނަމަވެސް މިނިންމުމާ ދެކޮޅުހަދާ މަސްވެރި ކޫއްޑޫގައި އިހުތިޖާޖުކުރުމާއި ގުޅިގެންވަނީ ހުރިހާ ދޯންޏަކުން ބޭނި ހުރިހާ މަހެއް ކިރުވާދީފައެވެ.