
މިމަހު 7 އިން 9 އަށް ބެލްޖިއަމްގެ ބުރަސަލްސް ގައި ބޭއްވީ ދުނިޔޭގެ "ސީފުޑު އެކްސްޕޯ 2019" ހީކުރިވަރަށްވުރެ ކާމިޔާބު ކަމަށް މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިފެއާގައި ދިވެހި އުފެއްދުންތައް ޕްރޯމޯޓުކޮށް މަހަށް ރަނގަޅު އަގުހޯދަން މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. "ފެއާ ދިޔައީ ހީކުރިވަރަށްވުރެ ރަނގަޅަށް" ސީއީއޯ ވިދާޅުވިއެވެ.
މިއީ ދުނިޔޭގައި ބާއްވާ މި ފަދަ އެންމެ ބޮޑު ފެއާއެވެ. މި ފެއާގައި އޮންނަނީ ސީފުޑުގެ ބާވަތްތައް ތަޢާރަފްކޮށް އެ އިޝްތިހާރު ކުރުމާއި އެއަށް ރަނގަޅު މާކެޓުހޯދުމެވެ. އަދި މިފަދަ ވިޔާފާރިކުރާ ފަރާތްތައް އެތަނަކުން ބައްދަލުވެ މަޝްވަރާ ކުރުމެވެ. މިފަހަރުވެސް މިފްކޯއިން ވަނީ އެކުންފުނީގެ އުފެއްދުންތައް ދައްކުވައިދޭ ޚާއްސަ ސްޓޯލެއް ބަހައްޓައިފައެވެ. މިފްކޯގެ ސްޓޯލަށް ވަރަށްބޮޑު ތަރުޙީބެއްވެސް ވަނީ ލިބިފައެވެ.

މިފެއާއިގައި ދުނިޔޭގެ އެކި ޤައުމުތަކުން 1940 ކުންފުންޏެއް ވަނީ ބައިވެރިވެފައެވެ. މިފްކޯގެ އިތުރަށް ރާއްޖޭގެ އެހެން 11 ކުންފުންޏަކުން ވެސް މިފެއާގައި ބައިވެރިވިއެވެ.