ފަޅިމޫނު - 150

(30 ޖަނަވަރީ 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ ހިމޭން ވެއްޖެއެވެ. ޖަމްޝީދު އަނެއްކާވެސް ބުންޏެވެ. "އޭނާގެ މޮޔަކަން ފިލާނެތޯ ނޫންތޯ އެއީ މުޅީން އެހެން ކަމެއް. ސުވާލަކީ ފަރުޒާނާ މީހަކާ ނީނދެ އިންނަނީ ކީއްވެގެންހޭ. އިންނާނޭ ރަނގަޅު މީހަކު ނުފެނުނަސް… މީހަކާ އިންނަ ހިތް ނުވިޔަސް ގުރުބާނީގެ ޖަޒުބާތުގައި މީހަކާ އިންނާންވީނު؟ ނިކަސް ވިސްނައިލަބަލަ. ފަރުޒާނާގެ ހުރިހައި ހެޔޮކަމަކަށް ފަސް އެޅި ފޮރުވެނީ… އޭގެ ބަދަލުގައި ބަދުނާމުގެ ރާޅު ވަރުގަދަ ވަމުން ދަނީ."

ހިތި ތެދަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. ކޮންމެ މީހެއްގެ ހިތަށްވެސް އެފަދަ ވާހަކަތަކުން އަސަރު ކުރެއެވެ. އަދި ގަސްތަކާ ނުލައި ނަމަވެސް ގަބޫލުވެސް ކުރެވެއެވެ. އެކަމަކު ހިތަށް އަސަރު ކުރާ ކަހަލަ ވާހަކައަކަށް އިއުތިރާފުވާކަށް ހިތެއް ނުރުހެއެވެ. ފަރުޒާނާ ހިމޭނުން އިނދެގެން އަޑު އަހަނީއެވެ. އިއުތިރާފުވުމުގެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.

ޖަމްޝީދު ވާހަކަ ކުރިއަށް ގެންދިޔައެވެ. "ލޯބިވާ މީހާގެ ގެ ބަރުބާދު ނުކޮށް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާ ވާހަކަ ބުނީމެއްނު؟ އެ ވާހަކަ އަމަލީ ގޮތުން ދައްކަބަލަ. ފަރުޒާނާ މީހަކާ އިނީމާ ވަރަށް ގިނަ މައްސަލަތަކެއް ހައްލު ވެގެން ހިނގައިދާނެ."

ފަރުޒާނާ ބޭރަށް ބަލަހައްޓާއިގެން އިނދެ ބުނެލިއެވެ. "އަހަރެން ފެން ބޮވައިގެންފި. އަވަހަށް ގެއަށް ގެންގޮސް ދީ."

ޖަމްޝީދު ފިނި ބުއިން ވިއްކާ ތަނެއްގެ ދޮރު މައްޗަށް ކާރު މަޑު ކުރުމަށް ފަހު އެތަނުން ފިނި ފުޅިއެއް ގަނެގެން ގެނެސް ފަރުޒާނާއަށް ދީފިއެވެ. "މި ފުޅި ބޮއިލާފައި އަހަންނާއެކު ކުޑަ އިރުކޮޅަކު މަޑުކޮށްލާ. އަހަރެން ދައްކަން ބޭނުން މުހިއްމު އެހެން ވާހަކަތަކެއްވެސް އެބަހުރި."

"އަހަރެން މި ހުންނަނީ ވަރަށް ފިކުރު ބޮޑުވެފައި. މި ކަމާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން."

"މައްސަލައިން ރެކެން މާ ބޮޑަށް މަސައްކަތް ކުރީމާ އެ މައްސަލަ ބޮޑު ވަމުން ގޮސް މާސިންގާ ފަރުބަދައަކަށް ވެދާނެ. މައްސަލަތައް ޖެހޭނީ ހައްލުކުރަން. މިއަދު ގޮތެއް ނިންމާ. މައްސަލަ ހައްލު ކުރާނީތޯ ނޫނީ އެ މައްސަލައަށް ފެންދީ ބޮޑު ކުރަމުން ގެންދާނީތޯ ކަނޑައަޅާ. ވަކި ގޮތެއް މިއަދު ނިންމަން ވާނެ."

އޭނާ ފުޅި ބޯން ފަށައިފިއެވެ. މެޔަށް ފިނި ވިޔަސް ހިތާއި ސިކުނޑިއަކަށް ފިނިކަމެއް ނުލިބެއެވެ. އޭނާގެ ހެޔޮކަން ނުބައި ކަމަކަށް ބަދަލު ވެގެން ދަނީއެވެ. ކުޑަ އިރުކޮޅަކަށް ފަހު ޖަމްޝީދު ހުސް ފުޅި ގެންގޮސް ފިހާރައަށް ދީފައި އައިސް ކާރަށް އަރައި އިށީނދެއްޖެއެވެ. އަދި މަޑުމަޑުން ކާރު ދުއްވާލައިފިއެވެ. "އަހަރެމެން ކޮލެޖުގައި އުޅުނު ދުވަސްވަރު ފަރުޒާނާއާއި ރުޚްސާނާއާ ދެ މީހުންގެ އެކުވެރިކަމުގެ މިސާލު ޖަހައި އުޅެން. ދެ މީހުން ކުރެ އެކަކު މަޅިގައި ޖައްސާނަމޭ ކިޔައި އަހަރެމެން ބާޖު މަރައި ހަދަން. އަހަރެންވެސް އެ ކަހަލަ ހަރާދުގައި ބައިވެރިވަން. އެކަމަކު ދެމީހުންކުރެ ރަނގަޅީ ކާކުކަން ކަނޑައެޅުން އޮންނަނީ އަހަންނަށް ވަރަށް ބޮޑު ކަމަކަށް ވެފައި. ދެމީހުންކުރެ އަހަންނަށް ގަޔާވެވެނީ ކާކުކަން ބުނާކަށް ނޭނގޭ. އަހަރެން ލޯބީގެ ސިޓީ ލިޔެފައި އޭގައި ދެމީހުންކުރެ މީހަކުގެ ނަން ނުޖަހަނީ އެހެން ވެގެން. ދެމީހުންގެ ސިކުނޑިއާ ކުޅެކުޅެފައި އަހަރެން ދުރުގައި މަންޒަރު ބަލަން ހުންނަން. އަހަރެން ނިންމައިގެން ހުރީ ދެ މީހުންގެ ތެރެއިން އަހަންނާ ދިމާއަށް ލެނބޭ މީހަކާ އިންނަން."

މަގުބައްތި ރަތް ވެއްޖެއެވެ. އޭނާ ކާރު މަޑުކޮށްފިއެވެ. "ދެން އެއްކަލަ ހިތާމަވެރި ހާދިސާ ހިނގީ. އަހަރެންގެ ލާނެތްކަމުގެ ސަބަބުން ރުޚްސާނާގެ މޫނު އެނދީ. އަހަރެންގެ ކުށުގެ އިހުސާސް ކުރެވުނީ އެ ވަގުތު. ރުޚްސާނާ ދެކެ ލޯބި ވެވުނީވެސް އެ ހާދިސާއަށް ފަހު. އަހަރެންގެ އަތުގައި ފައިސާ އެބަހުރި. އެހެންވީމާ އަހަރެން މަސައްކަތް ކުރީ ޚަރަދު ކޮށްގެން ރުޚްސާނާގެ މޫނު ރީތި ކުރުމަށް ފަހު އޭނާޔާ އިންނަން."

މަގުބައްތި ފެހި ކުލައަށް ބަދަލު ވެއްޖެއެވެ. އޭނާ ކާރު ދުއްވާލައިފިއެވެ. "މަޑުމަޑުން ގޮސް ރުޚްސާނާ އަހަރެންގެ ހިތާއި ސިކުނޑިއަށް ވެރިވެއްޖެ. އަހަރެންގެ ހުވަފެނުގައި ގާއިމުވެއްޖެ. އަހަރެންގެ ގޮތް ދޫނުކުރުންވެސް ބޮޑު ވެގެން ހިނގައްޖެ. ކިޔެވުން ދޫކޮށްލާފައި ބައްޕަގެ ވިޔަފާރީގައި މަސައްކަތް ކުރަން ލަންޑަނަށް ހިނގައްޖައިން. އެ ތާނގައި ހުރެގެންވެސް ރައްޓެހިންނާއެކު ބާޖު މަރަމުން ގެންދިޔައިން. ރުޚްސާނާ ލަންޑަނަށް ގެންނާނަމޭ ކިޔައި ފޮނި ކަނޑަމުން ގެންދިޔައިން. އޭނާގެ މޫނު ރީތި ކުރުމަށް ފަހު އިންނާނީއޭވެސް ބުނަން. ބައްޕަގެ ކުރިމަތީގައިވެސް އެވާހަކަ ދެއްކިން. އަހަރެއްހައި ދުވަހުގެ ތެރޭގައި ހާލަތު މުޅީން ބަދަލު ވެގެން ހިނގައިދާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަން. ރުޚްސާނާ ލަންޑަނަށް ދިޔައީމާ އޭނާ އިނީ ހުސްހަށިބަޔަށް ކަމަށް ހީކޮށްގެން އިންނަން އުޅުނިން. އެއް ރެޔަކު ރާ ބޮއިގެން ޝައިޠާނަކަށް އަހަރެން ބަދަލުވެއްޖެ. އެއީ ވަރަށް ހިތްވަރުގަދަ މީހެއް. އަހަރެންގެ އަތްދަށުން ސަލާމަތްވެގެންފި. އޭނާ އުޅެނީ މީހަކާ އިނދެގެން ކަމާއި ދަރިއަކު އޮންނަކަންވެސް އެނގުނީ އެ ހާދިސާއަށް ފަހު."

ކުޑަ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ޖަމްޝީދު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ރުޚްސާނާވެސް ކުރީ ފަރުޒާނާ ބާދްޝާއާ މެދު ކުރި ކަހަލަ ކަމެއް. ފަރުޒާނާ ބާދްޝާއަށް ދެއްކީ މޫނު. ނަތީޖާއަކީ އޭނާއަށް ފަރުޒާނާ ހާސިލު ކުރުމަކީ އަބުރުގެ މައްސަލައަކަށް ވުން. ރުޚްސާނާ އަހަންނަށް ދެއްކީ ހުސްހަށިބައި މީހެއްގެ ގޮތް. އަހަރެން މޮޔަ ހެއްދީ. އަހަންނަށް އޮޅުވައިލީ. އަހަންނަށް އޮޅުވާލައިގެން އަހަރެންގެ އެހީތެރިކަމާއެކު މޫނު ރީތި ކުރަން މަސައްކަތް ކުރީ. އޭނާގެ ދޮގާއި މަކަރާއި އޮޅުވައިލުން އަހަންނަށްވެސް ވެގެން ދިޔައީ އަބުރުގެ މައްސަލައަކަށް. އެހެންވީމާ އަހަރެން ވިސްނީ އޭނާގެ ބަލިފައިގެ ބޭނުން ހިފަން. އޭނާގެ ފިރިމީހާއަށް ފައިސާ ދީގެން ގަނެލަން. އޭގެ ފަހުން ކޮންމެވެސް ހިންތާއެއް ހަދައިގެން ބާދްޝާ ގާތުން އޭނާ ވަރި ކުރުވަން. އަހަންނާ އިންނަން މަޖުބޫރު ކުރުވަން."

ޖަމްޝީދު އަނެއްކާވެސް ވާހަކަދެއްކުން ހުއްޓާލައިގެން ހިނދުކޮޅަކު އިނުމަށް ފަހު ވާހަކަދައްކާން ފަށައިފިއެވެ. "ދުވަސްކޮޅަކަށް ރަށަށް އަންނަ ވާހަކަ އަހަރެން ރުޚްސާނާ ގާތު ބުނިން. ފަރުޒާނާގެ ވާހަކަ ރުޚްސާނާ އަހަރެން ގާތު ދެއްކީ ރަށަށް އަންނާން އުޅޭ ވާހަކަ ބުނީމާ. ފިރިމީހާގެ ވާހަކަވެސް ކިޔައިދިން. ހުރިހައި ވާހަކައެއް ރަނގަޅަށް ކިޔައިދިން. އަދި އޭނާގެ ހިތުގައި އޮތް ބިރެއްގެ ވާހަކަވެސް ބުނި. އެއީ ފަރުޒާނާ ގައުމު ދޫކޮށް ނުދިޔައިއްޔާ ކޮންމެވެސް އެއް ދުވަހަކުން ބާދްޝާ ފަރުޒާނާ ހުރި ތަނަކުން ހޯދައިގެން އިންނާނޭ ކަމުގެ ބިރު."

"ރުޚްސާނާ އަހަންނާ މެދު ރަނގަޅު ގޮތަކަށް ނުވިސްނާނެކަން އަހަންނަށް އެނގޭ."

ޖަމްޝީދު އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ތިޔަ ދެމީހުން އެކަކު އަނެކަކާ ތޮޅި އަރައިރުންވިޔަސް އޭނާ ދުވަހަކުވެސް ފަރުޒާނާގެ ނުބައޭ ކިޔާފައި އަހަރެން ގާތު އެއްވެސް ވާހަކައެއް ނުދައްކާ. ދެއްކި ވާހަކައެއް ދެއްކީ ތާރީފު ކޮށްފައި. ފަރުޒާނާ ބޭނުން ވަނީ ބާދްޝާއާ ދުރުގައި އުޅޭށޭ ބުނި. ފަހަތުން ދުވެނަގަނީ ބާދްޝާއޭވެސް ބުނި. އަހަރެމެން ފަރުޒާނާއަށް ލަންޑަނުން ވަޒީފާއެއް ހަމަޖެއްސީ މި ކަންތައްގަނޑު ނިންމަންވެގެން. އަހަރެން އައީ ފަރުޒާނާ މީހަކާ އިންނަން އެއްބަސް ކުރުވާނެ ކަމަށާއި ލަންޑަނަށް ގޮސް ވަޒީފާ އަދާ ކުރަން އެއްބަސް ކުރުވާނެ ކަމަށް ރުޚްސާނާ ގާތު ވައުދުވެފައި."

"އަހަރެން ގާތު މީހަކާ އިންނާށޭ އެވަރަށް ތިޔަ ކިޔަނީ އެހެން ވެގެން ދޯ؟"

"އެއީ އަހަރެން ކުރާ ނުބައި ކަމެއް ނޫނެއްނު؟ އަދި އަހަރެންގެ ވާހަކަ ނުނިމޭ."

"އަހަރެން މީނީ އަޑުއަހަން."

"ރުޚްސާނާ ހާސިލު ކުރުމުގެ އަވައިގައި ޖެހިގެން ގޮސް ފަރުޒާނާގެ މަތީން ހަނދާން ނައްތައިލެވުނުކަން އިހުސާސް ކުރެވުނީ އޭނާ ފަރުޒާނާގެ ވާހަކަ ދެއްކީމާ. އަހަރެން އެންމެ ފުރަތަމަވެސް ބޭނުންވީ ދެމީހުންކުރެ އެކަކު ހާސިކުރަން. ރަށަށް އައިސް ފަރުޒާނާގެ ގެއަށް ދެވުނީމާ ހިތަށް އެރީ ފަރުޒާނާ އަހަންނާ އިނދެފިއްޔާ ރުޚްސާނާ ހޯދަން ކުރާ މަސައްކަތް ހުއްޓާލާނަމޭ."

މިހެން ބުނެފައި ޖަމްޝީދު ވައްކަޅިއަކުން ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. އޭނާ އަނގައިންވެސް ނުބުނެ ބޭރަށް ބަލަހައްޓައިގެން އިނީއެވެ. ޖަމްޝީދު ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެންގެ ކިބައިގައި ބައެއް ކަހަލަ އުނިކަންތައް އެބަހުރި. ބައެއް ރަނގަޅު ސިފަވެސް އެބަހުރި. ބާދްޝާގެ ކިބައިގައިވެސް ނުބައި ސިފަޔާއި ރަނގަޅު ސިފަ އެބަހުރި. އެއްވެސް މީހަކީ ފުރިހަމަ ޝައިޠާނެއް ނޫން. ފުރިހަމަ އިންސާނެއްވެސް ނޫން. ޝައިޠާނަކަށް ވިޔަސް އެ މީހަކު ހެޔޮ މަގަށް ގެނެވިދާނެ. ފަރުޒާނާއަށް އަހަންނާ އިނދެގެން އަހަރެންގެ ގޮތް ދޫނުކުރުމުގެ އާދަ ނައްތައިލެވިދާނެ. ބާދްޝާ ފަހަތުން ދުވާދުވުން ހުއްޓުވިދާނެ. ފަރުޒާނާގެ އެންމެ ނިންމުމަކުން ހުރިހައި މައްސަލައެއް ހައްލު ވެގެން ހިނގައިދާނެ."

އޭނާ ވަރަށް ލަސްލަހުން ފަރުވާތެރިކަމާއެކު ބުނެލިއެވެ. "ޖަމްޝީދަކީ ވަރަށް ރަނގަޅު މީހެއް. އަހަންނަކީ ރަނގަޅު މީހަކީމެއް ނޫން. ކާވެނީގެ ވާހަކަ ހުއްޓައިލާ."

"އަހަރެމެން އެންމެންގެ މައްސަލަތަކުގެ ހައްލަކީ ކާވެނި. އަހަންނާ އިންނާން ބޭނުން ނޫނިއްޔާ ބާދްޝާއާ އިނދޭ."

ފަރުޒާނާ ސިހިފައި ޖަމްޝީދާ ދިމާއަށް ބަލައިލިއެވެ.

ޖަމްޝީދު ބޯ ޖަހައިލިއެވެ. "އަހަރެން މި ބުނަނީ ތެދަށް. ފަރުޒާނާ ބާދްޝާއާ އިނީމާ އަހަރެން ރުޚްސާނާއާ އިނދެފާނަން. މި ދެ ގޮތުން ކުރެ އެއް ގޮތަކަށް ހަދަން އެބަޖެހޭ. ފަރުޒާނާ އަހަންނާ އިންނާން ދެކޮޅު ހަދައިފިއްޔާ ރުޚްސާނާއާ ދެކޮޅަށް ބާދްޝާގެ ހިތުގައި އެކި ކަހަލަ ޝައްކާއި ވަހުމު އުފައްދައި ދެ މީހުން ވަރިވާ ވަރު ކޮށްލާނަން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.