(7 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާގެ ހުނުމަކީވެސް މިއުޒިކެކެވެ. ކަންފަތަށާއި ސިކުނޑިއަށް ލިބިދޭ އަރާމެކެވެ. ކޮންމެ އަޑެއް ވަނީ އޭނާގެ ނޭވަޔާ ގުޅިފައެވެ. ނޭވާ ލާފައި ދޫކޮށްލީމާ އޭނާ ހިނގައިދެއެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގައި އެނބުރި އާދެއެވެ. ރުޚްސާނާގެ ނޭވާގެ ހޫނުން އޭނާ ވަނީ ގައިދުވެފައެވެ. މީރުވަހުން މުޅި ނޭވާ ފުރި އުތުރި އަރަނީއެވެ. އެކަމަކު އޭނާގެ މަތީން ހަނދާން ނައްތައިލިޔަސް މުޅިއަކުން ސަލާމަތެއް ނުވެވެއެވެ.
ސިހިފައި އޭނާ ޚިޔާލުގެ ދުނިޔެއިން ނުކުމެއްޖެއެވެ. މުސައްވިރު އޭނާޔާ ސުވާލު ކުރަނީއެވެ. "އަލަމާރީގެ ތެރެއަށް ބޯ ކޮއްޕައިގެން ހުންނާނީ ކިހައި އިރެއް ވާންދެން؟ ކަމަކާ ވިސްނަނީތަ؟"
"އާނ." ބަދްޝާގެ އަނގައިން އަޑު ނުކުތީ އިޚްތިޔާރަކާ ނުލައި ކަހަލަ ގޮތަކަށެވެ. "ކަލޯ. އޭނާގެ މަތީން ހާދަހާ ވަރަކަށް އެބަ ހަނދާން ވެއޭ."
"އެހެންވީމައޭ އަހަރެން މި ބުނަނީ ފަންޑިތަ ހަދާ މީހެއްގެ ގާތަށް ހިނގާށޭ. ސިހުރު ބާތިލު ނުކުރަނީހެއް ތިޔަ ހަނދާނަކުން ސަލާމަތެއް ނުވާނެ."
"އަހަރެން މި ދައްކަނީ ފަރުޒާނާގެ ވާހަކައެއް ނޫން. އަހަރެންގެ ފުރާނައިގެ ވާހަކަ."
"ފުރާނައޭ؟ މާނައަކީ ފަހަރި؟" އޭނާ ހައިރާންވެފައި އަހައިލިއެވެ. "ވެރިޔާ ތިޔައީ ހައިރާން ވާ ކަހަލަ މީހެއް. ލޯބިވެރިޔާ ހަނދާން ކުރަމުން ގޮސް އެންމެ ފަހުން ތިޔަ އަންނަނީ އަނބިމީހާޔާ ހަމައަށް."
"އެއީ ވަރަށް ރަނގަޅު އަނތްބެއް. އަހަރެން ހުންނަނީ އޭނާގެ ހަނދާންތައް ސިކުނޑިން ނެރެލައިގެން. ކީއްވެގެންކަން އެނގޭތަ؟ އެއީ އޭނާގެ ހަނދާން ކުރެވެން ފެށީމާ އަހަރެން ބިރު ގަންނާތީ. ބީރަށްޓެހި ގައުމެއްގައި އޭނާ އުޅޭނޭ ގޮތަކާމެދު މާ ބޮޑަށް ފިކުރު ކުރެވޭތީ. އޭނާ މިހާރު ހުންނާނީ ކޮންތާކު ބާވައޭ... ކީއްކުރާނީ ބާވައޭ... އޭނާއަށް މުސީބާތެއް ކުރިމަތި ނުވޭ ބާވައޭ... މީހަކު އޭނާއަށް ގޯނާ ނުކުރޭ ބާވައޭ... މިކަހަލަ ސުވާލުތައް ހިތަށް ވަނީމާ ބިރު ގަންނަނީ. މީހަކު އޭނާޔާ ބެހިއްޖެއްޔާ އަހަރެން ލަދުން މަރު ވެދާނެ. އަހަރެން މިއީ އޭނާގެ ފިރިމީހާ. އޭނާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާއެއް. މިހައި ދުރުގައި ހުރެގެން އޭނާ ބެލެހެއްޓުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. އެހެންވީމާ ގަންނާ ކުރައްވާ ބިރުން އޭނާގެ މަތީން ހަނދާން ނުކޮށް ވޭތޯ ބަލަނީ."
މުސައްވިރު ބުންޏެވެ. "އަހަރެން ބުނާ ގޮތަކަށް ހަދަންޏާ ފަހަރީގެ މަތިން ކުޑަ އިރުކޮޅަކަށްވެސް ހަނދާން ނައްތައިނުލާތި. އަބަދު ހަނދާން ކުރޭ. ފަރުޒާނާގެ ސިހުރުގެ މައިތިރި އޮތީ ފަންޑިތަ ހަދާ މީހެއްގެ އަތަކު ނޫން. ފަހަރީގެ އަތުގައި. ނިކަން ދެކިބަލަ. ފަހަރީގެ ހަނދާނުގެ ތޫފާނާއެކު ފަރުޒާނާގެ ހަނދާންވެސް ނެތިއްޖެއެއްނު؟"
ބާދްޝާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ފަރުޒާނާގެ މައްސަލަ ހައްލުކުރަން ފަންޑިތަވެރިޔަކާ ބައްދަލު ކުރަން ޖެހޭނެ. އަހަރެން ބޭނުން ވަނީ އޭނާ އަހަންނަށް ލިބޭ ގޮތް ވާން. އެހެން ނޫނީ އޭނާގެ ހަނދާންތައް އަހަރެންގެ ހިތުން ފިލައިގެން ދާނޭ ގޮތް ވާން."
އޭނާ އަލަމާރިން ހެދުމެއް ނަގައިގެން ލާން ފަށައިފިއެވެ.
ކުޑައިރުކޮޅެއް ފަހުން ދެމީހުން ތިބީ ކާރުގައި ފަންޑިތަވެރިޔާގެ ގާތަށް ދިއުމުގެ މަގުމަތީގައެވެ.
މުސައްވިރު ބުނެލިއެވެ. "އަހަންނަށް ހީވާ ގޮތުގައި ވެރިޔާ ބޮޑަށް ލޯބިވަނީ ފަހަރި ދެކެ."
"އަހަރެން ރުޚްސާނާ ދެކެ ލޯބިވޭ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން."
"ފަރުޒާނާއަށްވުރެ ކުޑަކޮށްތަ؟"
"ކުޑަ ބޮޑު ކިޔާކަށް އަހަންނަކަށް ނޭނގޭ. ފަރުޒާނާގެ ހަނދާން ފެށެނީ ލޯބިން. އޭނާ ނުލިބުނީމާ އަންނަނީ ރުޅި. އެކަހަލަ ވަގުތެއްގައި އޭނާ ފެނިއްޖެއްޔާ މަރައިލާނަން."
"މައްސަލައަކީ ތިޔައީ. ވެރިޔާގެ ވިސްނުން އެއްގޮތަކަށް ދެމިއެއް ނުހުރޭ. ކޮންމެވެސް އެއް ގޮތަކަށް ބުނޭ. އޭނާ ހޯދަން ތިޔަ އުޅެނީ ލޯބިންތަ؟ ނޫނީ ބޭނުން ވަނީ އޭނާ މަރައިލާންތަ؟"
ބާދްޝާ އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "އަހަރެންވެސް ތިޔަކަމާ އެބަ ވިސްނަން. އޭނާ އަހަންނަށް މަކަރު ހެދީ. އޭގެ ފަހުން މި ކުރާ ކަމަކީ އޭނާގެ ފަހަތުން އަހަރެން ދުވާގޮތް ހެދުން. މި ގޮތަށް މަޅީގައި ޖައްސައިގެން މޮޔަހައްދައިގެން އުޅޭނީ ކިތައް ޒުވާނުން ކަމެއް ނޭނގޭ. އޭނާ ޖެހޭނީ ހަމަ މަރައިލާން."
"ވެރިޔާ. ކާރު ހުއްޓައިލަބަލަ. ވެރިޔާއާއެކީގައި ދަންޖެހޭކަށް އަހަރެން ބޭނުމެއް ނޫން."
"ކަލެއަކީ ބޮޑު ފިނޑިއެއް. އަދި އަހަންނަކަށް އޭނާ ނުވެސް ފެނޭ. އަހަރެން މި ވަގުތު ބަދަލު ހިފަނީއަކީއެއްވެސް ނޫން."
"އޭނާ މި ވަގުތު ނުފެންނާނޭ ކަމެއްވެސް ނޭނގެއެއްނު؟ ފަންޑިތަވެރިޔާ އޭނާ ގެނެސްވެސްފާނެ."
"ކަލޯ ވާހަކައެއް ބުނަންތަ؟ ލޯތްބޭ ކިޔަނީ އަމިއްލައަށް އަމިއްލަ އިޚުތިޔާރުގައި ބައްދަލުވާން އައުމަށް. ފަންޑިތަވެރިޔާ އޭނާ ގެނައީމާ ނުވަތަ އަހަރެން އޭނާ ހުރި ތަނަކުން ހޯދީމާ އަންނަ އައުމަކީ ލޯތްބެއް ނޫން. އޭރުން ލޯބި އޮންނާނީ އަހަރެންގެ ފަރާތުގައި އެކަނި. އޭނާގެ ފަރާތުގައި އޮންނާނީ ވިޔާނުދާކަން. ހިތަށް އަރަނީ ފެނިއްޖެއްޔާ އެންމެ ފުރަތަމަ ޖެހިޖެހީނުން ދެފައި ބިންދައިލާނީއޭ. އޭރުން ފިލައިގެންނެއް ނުދެވޭނެއެއްނު؟ ފިލައިގެން ދިޔަޔަސް ކޮރު ޖަހަމުން ދުވާ މީހަކު ފާހަގަ ކުރަން އެނގޭނެއެއްނު؟"
"އަދި ފެންނާނެ. އޭނާ ފެންނާނެކަން ގައިމު. ސިކުނޑި ފިނިކޮށްގެން ހުރެ ވިސްނާ. ލަންޑަނުގައި ފަހަރި އެ އުޅެނީ އެކަނިމާއެކަނި. ފަހަރިއަށް ދެރަ ގޮތެއްވެސް ދިމާވެދާނެ. އެކަހަލަ ދަނޑިވަޅެއްގައި ފަރުޒާނާ މަރައިލާފައި ގޮސް ޖަލަށް ވަނީމާ ވާނީ ކިހިނެއް؟ ކޮށްދެވޭނޭ އެއްވެސް ކަމެއް ނޯންނާނެއެއްނު؟ އެންމެ ކުޑަމިނުން މިކޮޅުން ފައިސާކޮޅެއްވެސް ނުފޮނުވޭނެ."
ކާރު ގޮސް ކުޑަކުޑަ ގެއެއްގެ ދޮރުމައްޗަށް މަޑުކޮށްފިއެވެ. ގޭގެ ދޮރުމަތީގައި ބާ ނަންބޯޑެއް ހަރުކޮށްފައި ހުއްޓެވެ. ބޯޑުގައި ފަންޑިތަވެރިޔާގެ ނަން ބޮޑު އަކުރުން ޖަހައިފައި ނަމުގެ ތިރީގައި ލިޔެފައި އޮތެވެ. "ލޯބިވެރިޔާ ފައިބުޑަށް ތިރިވާނެ. ދުޝްމިނުން ލޭލާނެ. ވަޒީފާ ވަގުތުން ލިބޭނެ. ކޮންމެ އެދުމެއް ފުރިހަމަވާނެ. އަޖުމަބަލައިލާ."
އެ ވަގުތު ފެނުނީ އެގެއިން ދެމީހަކު ނުކުތް ތަނެވެ. އެތަނުން އެކަކު ބާދްޝާއާ ސުވާލުކޮށްލިއެވެ. "ކާރު ހުސްތަ؟"
"މިވަގުތު ހުހެއް ނޫން. އަހަރެމެން މި އައީ ފަންޑިތަވެރިޔާގެ ގާތަށް. ކަލޭވެސް އައީ ވަކި އެދުމެއް ފުއްދާން ވެގެންތަ؟"
"އަހަންނެއް ނޫން. މިހިރަ... އަހަރެންގެ އެކުވެރިޔާ މާރީތި އަންހެނަކާ ހިތާވެގެން އެ މަންޖެ ފައިބުޑަށް ތިރިކުރަން ތަވީދެއް ލިޔުއްވީ."
ބާދްޝާ އެބުނާ އެކުވެރިޔާއާ ދިމާއަށް ބަލައިލިއެވެ. ހިކި އިލޮށްޓެއްހެން ހުރި މީހެކެވެ. ދެކޮލަށް ބަލައިލީމާ ހީވަނީ ފޮނިކޮޅު ބޯލައިފައި އޮތް އަނބެއް ހެންނެވެ. ލޯ ހުރީ ވަޅުވަދެފައެވެ. ސިގިރޭޓު ބުއިމުގެ ސަބަބުން ދެ ތުންފަތް ހުރީ ކަޅު ވެފައެވެ. އަންހެންކުއްޖަކު އަޅައިގަންނާނޭ އެއްވެސް ސިފައެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ.
ބާދްޝާ ހައިރާން ވެފައި އަހައިލިއެވެ. "ތިޔަ ތަވީދު އެޅީމާ އެބުނާ ރީތި އަންހެންކުއްޖާ ކަލޭ ދެކެ ލޯބިވާނެތަ؟"
އެއްކަށިގަނޑުގެވެރި ލޯބިވެރިޔާ މޭގައި އަތުން ޖަހައިލާފައި ބުންޏެވެ. "ކަށަވަރެއްނު."
"ކިހިނެއް ވާނީ؟ އަނގައިން ދަތްވެރި ކޯ ވަޅުވަދެފައި އިން އަންހެނަކާ ކަލޭ އިންނާނަންތަ؟"
"ނީންނާނަން."
"އެހެންވެއްޖެއްޔާ ނިކަން ވިސްނާލަބަލަ. ކަލޭގެ ތިޔަހަރަ ކޮލުވަޅާ ހިތާވެގެން ނުނެއްޓިގެން އުޅޭނޭ އަންހެނަކު ވާނީ ކިހިނެއް؟ ކަލެއަކީވެސް އިންސާނެއް. އެހެންވީމާ ލޯބިވުމުގެ ހައްގު އޮންނާނެކަން ޔަގީން. އެކަމަކު ފުރަތަމަ ލޯބިވާންވީ ފުރިހަމަ ސިއްހަތެއް ދެކެ. ކިހައި ހެއްވާ ކަމެއް. މީހެއްގެ ހިތަށް ވާސިލު ވާންވެގެން އަހަރެމެން ބޯކޮށައި ތުނބުޅިމަތިމަސް ހަދައި މޫނުގައި ޗޯކުޖަހައި ހަދަމު. އެންމެ ބޮޑު ރީތިކަމަކީ ފުރިހަމަ ސިއްހަތެއް ކަމެއް ހަނދާނެއް ނުހުރޭ. ސިއްހަތު ރަނގަޅު މީހަކީ އެ މައްޗަށް ޚަރީފު މޫސުން ނާންނަ ރީތި މަލެއް ކަހަލަ މީހެއް. ލޯބީގެ ބަހާރު އަންނާނީ އެކަހަލަ މާމަލަށް."
މުސްވިރު ބުންޏެވެ. "ވެރިޔާ. ޖަނަވާރު ހަމަ މަގަށް އެޅުވޭތޯ ބެއްޔަސް އެންމެ ރަނގަޅު. އިންސާނުންނަށް ވިސްނައިދޭން ނޫޅޭ. އަހަރެމެން މި ދުވަނީ އެހެން މީސްމީހުންނަށް ލޯގަނޑު ދައްކަމުން. ކުށް އޮތީ އަހަރެމެންގެ ކިބައިގައި. އިންސާނާގެ ރީތިކަމުގެ ސިއްރު ކިޔައިދޭ ކަހަލަ ލޯގަނޑެއް އަދި އަހަރެމެންނަކަށް އީޖާދެއް ނުކުރެވޭ."
ހިކި ލޯބިވެރިޔާ ރުޅި އައިސް ފުފިގެން ހުރެ ހިނގައިގެންފިއެވެ.
ބާދްޝާއާއި މުސައްވިރާ ދެމީހުން ގޭތެރެއަށް ވަދެއްޖެއެވެ. ބޮޑު ކޮޓަރިއެއްގެ އެންމެ ފުލުގައި ލަކުޑި އަށްޓެއް ހުއްޓެވެ. އަށީގައި އޮތީ ހުދު ފޮތިގަނޑެއް އަޅައިފައެވެ. އަށީގައި އޮތް ކަންނޭލަކަށް އަރިއަކަށް ލެނގިލައިގެން ކަހަލަ ގޮތަކަށް މުސްކުޅި އުމުރަށް އަޅައިގެންފައިވާ މީހަކު އޮތެވެ. މުސައްވިރު ކުރިއަށް ޖެހިލައި އަދަބުވެރިކަމާއެކު ބުނެލިއެވެ. "ސާހިބާ. މިހިރީ އިއްޔެ އަޅުގަނޑު ދެންނެވި ބާދްޝާ ޖާނީ."
(ނުނިމޭ)
vvv.shukur haadha reechey