ފަޅިމޫނު - 84

(1 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ތިޔަ ކަމާ ފިކުރު ކުރުން އަހަރެމެންނަށް ދޫކޮށްލާ. ތިޔަ ދެމައިންގެ ިބައިން އަހަރެން އެދޭހައިވެސް ކަމަކީ އަހަރެންގެ ދަރިފުޅުގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ގާތު ނުދެއްކުން."

ފަރުޒާނާގެ މަންމަ ފުން ނޭވައެއް ލުމަށް ފަހު އޭނާގެ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. "ދަރިފުޅު ތިޔަކަމާ ފިކުރު ކުރަނީ ކީއްކުރަން؟" ދެން އޭނާ ބަލައިލީ ރުޚްސާނާގެ މަންމަޔާ ދިމާއަށެވެ. "ކަންބޮޑުނުވޭ. ތިޔަކަމުގައި އަހަރެމްނެގެ އަނގަ ބަހައްޓާނީ ތެރަސް ލައި ބަންދުކޮށްފައި."

ރުޚްސާނާގެ މަންމަ އުފާވެއްޖެއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަ ދެމައިންގެ އެހީތެރިކަން އަބަދުވެސް އަހަރެމެންނަށް ލިބޭ. ދެން އަހަރެން ދަނީ." އޭނާ ކޮޅަށް ތެދުވެއްޖެއެވެ.

"އަދި މަޑުކޮށްލާ. ތިޔަ އައީ ދެންމެނު؟ ސައިތަށްޓެއް ނަމަވެސް ބޮއިލާން ވާނެއެއްނު؟ އަހަރެންވެސް ދައްކައިލާން ބޭނުން ވާހަކައެއް އެބައޮތް."

އޭނާ އަނެއްކާވެސް އިށީނދެއްޖެއެވެ. "ސައި ބޯކަށް ބޭނުމެއް ނޫން. އެކަމަކު މުހިއްމު ވާހަކައެއް އޮތިއްޔާ އަޑު އަހައިލާނަން. އަހަންނަށް ކުރެވެން އޮތް ކަމަކު އެދުނިއްޔާ ކޮށްދޭނަން. އަވަހަށް ބުނޭ."

"ދައްތާ. އަހަރެން އަބަދުވެސް ކުރާ ފިކުރަކީ ދަރިފުޅުގެ ފިކުރު. އަހަރެން ބުނެބުނެ މީހަކާ އިންނާކަށް ނޫޅޭ. އެހެންވީމާ މިހާރު މި ވިސްނަނީ ގައުމުން ބޭރަށް ފޮނުވައިލާން."

ރުޚްސާނާގެ މަންމަ އުފަލުން ފޮޅިއްޖެއެވެ. އޭނާގެ ދަރިފުޅުގެ މަގުގައި އޮތް އެއް ހުރަސް އަމިއްލައަށް އެއްފަރާތް ވާން އުޅެނީއެވެ. "ތިޔައީ ވަރަށް ބުއްދިވެރި ނިންމުމެއް. ފަރުޒާނާ ބޭރަށް ގޮސް ދިރިއުޅެން ފެށްޓީމާ ހިތްވެސް ބަދަލު ވެދާނެ. މީހަކާ އިންނާންވެސް އެއްބަސް ވެދާނެ."

"ދައްތާ. އަހަރެން ބޭރަށް ދާން ވިސްނަނީ މީހަކާ އިންނާކަށް ނޫން. ވަޒީފާ އަދާ ކުރަން. އަހަރެން ބޭނުން ވަނީ ޖަމްޝީދާ ވާހަކަ ދައްކައިގެން އެތާނގައި ވަޒީފާގެ ކަންތައް އޮންނަ ގޮތެއް ބަލަން. ޖަމްޝީދުގެ އެޑްރެސް ގެނެސްދީފާނަންތަ؟"

މި ފަހަރު ރުޚްސާނާގެ މަންމަ މުޅިން މިލައި މޯޅި ވެއްޖެއެވެ. އޭނާގެ ދަރިފުޅު ރުޚްސާނާ ސާޖަރީ ހަދަން ދާ ތަނަށް ފަރުޒަނާ ދިއުމުގެ ސަބަބުން ބޭޒާރުވުން އެއީ އޭނާ އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. "ކަނބުލޯ. ހިލޭ ފިރިހެން ކުދިންނަށް ސިޓީ ލިޔާކަށް ނުވާނެ. އެހެން ނޫނަސް އެއީ ބޭނުން ކަމެއްވެސް ނޫނެއްނު؟ ރުޚްސާނާ އެ އުޅެނީ ލަންޑަނަށް ދާން. އޭނާ އެތަނަށް ގޮސް ކަނބުލޮގެ ވަޒީފާގެ ކަންތައް ހަމަޖައްސައި ދީފާނެ. އޭނާ ޖަމްޝީދާވެސް ވާހަކަ ދައްކާނެ. ތިޔަ ކަހަލަ ވާހަކައަކީ ސީދާ ދިމާވެގެން ދައްކަން ރަނގަޅު ވާހަކަ. އަސަރު ހުންނާނީ އޭރުން. ތިޔަ ދެކުދިންނަކީ ދެބެއިންނެއްނު؟ ވަޒީފާގެ ކަންތައް ހަމަ ވަގުތުން ހަމަޖެހިގެންދާނެކަން ޔަގީން."

ފަރުޒާނާ ސައި ހަދަން ބަދިގެއަށް ހިނގައްޖެއެވެ. އިރުކޮޅެއް ފަހުން ތިން ތަށި ސައި ހިފައިގެން އައިސް އިށީނދެއްޖެއެވެ.

ރުޚްސާނާގެ މަންމަ ބުންޏެވެ. "ދެން ދަނީ އެކަމަކު އަހަރެންގެ ހިތް ހަމަޖައްސައިދޭން ރުޚްސާނާގެ ވާހަކަ އެއްވެސް މީހަކު ގާތު ނުދައްކާނެ ކަމަށް އަދި އެއްފަހަރު ވައުދުވޭ."

"ދައްތާ. އަހަރެމެން އެއް ފަހަރު ބުނެފީމެއްނު؟ ލިޔެފައި ސޮއިކޮށް ދޭންވީތަ؟"

"ލާނެތް ކުއްޖާގަނޑު. އަހަރެން ގަބޫލު ކޮށްފީމޭ."

ފަރުޒާނާގެ މަންމަ ބުންޏެވެ. "މީގެ ކުރިން ކަންތައް ހިނގި ގޮތް ދައްތައަށް އެނގޭނެ. އަހަރެމެން ވަކި ގޮތަކަށް ކަމެއް ކުރާނަމޭ ބުނެފިއްޔާ އޮންނާނީ ބުނި ގޮތަކަށް ކޮށްފައި. ދެންވެސް ވާނީ އެހެން. ހިތްހަމަ ޖައްސައިލައިގެން ދޭ."

އޭނާ ހިނގައްޖެއެވެ.

ފަރުޒާނާ ހައިރާން ވެފައި އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ. "މަންމާ. ދައްތަގެ ވާހަކައިން އެނގެނީ ރުޚްސާނާގެ ކާވެނި ސިއްރު ކުރަން ބޭނުންވާކަން. ރުޚްސާނާ ޖަމްޝީދުގެ ކުރިމަތީގައި ފިރިމީހާއާއި ދަރިފުޅުގެ ވާހަކަ ނުދައްކާނެ. އެ ދެމައިން ކުރަން އެ އުޅެނީ ކީއްކަމެއް އަހަންނަކަށް ހަމަ އެއް ގޮތަކަށްވެސް ނޭނގޭ. އެއީ ކީއްވެގެންބާ؟ ސަބަބަކާ މެދު ވިސްނައިލީމާ ލަދުވެސް ގަނޭ. އެކަމަކު ރުޚްސާނާއަކީ ވިޔާނުދާ ކުއްޖެއް ނޫން. ހަސަދަވެރިކަން އޮތަސް ވިޔާނުދާ ކަމެއް ކުރާ ކަހަލަ ކުއްޖެއް ނޫން. އަޚުލާގާއި ސުލޫކަށް ބަލާއިރު އެއީ ވަރަށް ރަނގަޅު ކުއްޖެއް. ތައުރީފު ހައްގު ކުއްޖެއް."

މަންމަ އަޑު އަހާން އިނދެފައި ބުންޏެވެ. "ބާދްޝާ ޖާނީއަށް މަކަރު ހެދުމަކީ ރުޚްސާނާގެ މައިންބަފައިން ކުރި ވަރަށް ދެރަ ކަމެއް. އެކަމަކު އެކަން ރަނގަޅު ވެއްޖެތާ. ﷲ އެމީހުންނަށް ހެޔޮ ވިސްނުން ދެއްވާށި. އަނެއްކާވެސް އެކަހަލަ ދޮގެއް ހަދައި މަކަރު ހަދައިގެން އިހަށްވުރެ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ނުވަނިއްޔާ ކިތަންމެހައިވެސސް ރަނގަޅު."

* * *

މުސީބާތާއި މައްސަލަތަކާ ކުރުމަތިލުމަކީ އިންސާނާގެ ތަގުދީރެވެ. ނޭނގި ކުރިމަތިވާ މުސީބާތް ހުރެއެވެ. އެކަމަކު އިންސާނާ އަމިއްލައަށް އުފައްދާ މުސީބާތްވެސް ހުރެއެވެ. ރުޚްސާނާ އެތައް ފަހަރަކު ވިސްނައިފިއެވެ. ބާދްޝާއަށް ކަންތައް ސިއްރު ކުރުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ މީހަކާ ނީންނަ މީހަކަށް ހެދިގެން އުޅުން ރަނގަޅު ހެއްޔެވެ؟ އެކަމަކު އޭނާގެ މަންމަ ވިސްނައިދޭ ގޮތަކީ އެއީއެވެ. "ދަރިފުޅާ. ޖަމްޝީދަކީ ވިޔަފާރީގެ ވިސްނުން ހުރި ކުޅަދާނާ ޒުވާނެއް. އޭނާ އެއްވެސް ކަމަކާ ނުލައި ދަރިފުޅުގެ މައްޗަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދެއް ނުކުރާނެ. އޭނާގެ ހުވަފެން ތަކެއް ހުންނާނެ. ދަރިފުޅާ މެދު އޭނާ ދެކޭ ގޮތެއް އޮންނާނެ. ދަރިފުޅަށް ޖެހޭނީ މޫނު ރީތި ވާންދެން އޭނާއަށް ހުވަފެން ދައްކަން. އޭގެ ކުރިން ހުރިހައި ވާހަކައެއް ތެދު ބަހުން ކިޔައި ދީފިއްޔާ ދަރިފުޅުގެ މޫނު ތާއަބަދު ހުންނާނީ މިހާރު ތިޔަހުރި ގޮތަށް. އެ ހުރިހައި ޚަރަދެއް ކުރުމަކީ ބާދްޝާއަކަށް ކުރެވޭނޭ ކަމެއް ނޫން. ދަރިފުޅަކަށްވެސް އެހައި ގިނަ ފައިސާ މާ އަވަހަކަށް ޖަމައެއް ނުކުރެވޭނެ. އަމިއްލަ ފައިދާއަށް ބުރަވެގެން އިނދެ ވިސްނޭތޯ ބަލާ. ވިސްނައިދޭކަށް އަބަދަކު މަންމައަަކަށް ނުހުރެވޭނެ. އެ ރަށުގައި ވިސްނައިދޭނޭ މީހަކު ނުހުންނާނެ. މިހާރު ވަކި ގޮތަކަށް އަޒުމު ކަނޑައަޅާ. އެ އަޒުމުގައި ހުރެގެން ގޮސް ބޭސްކޮށް ނިމިގެން އެނބުރި އާދޭ."

މަންމަ ގެންދިޔައީ ވިސްނައިދެމުންނެވެ. ދަރިފުޅު ގެންދިޔައީ ދެ ފިކުރެއްގައި ހުރެގެން ނަމަވެސް މަންމަގެ އިރުޝާދުތަކަށް އަމަލު ކުރަމުންނެވެ. އޭނާ ޖަމްޝީދަށް ސިޓީ ފޮނުވައެވެ. ޖަހައިފައި އޮންނަނީ ނިޒާމްއާބާދުގެ އެޑްރެހެވެ. ޖަމްޝީދު ފޮނުވާ ސިޓީ ކިޔައިފައި ރައްކާ ކުރަނީ ރުޚްސާނާގެ މަންމައެވެ. އެޔަށް ފަހު އެހެން ސިޓީއެއް ލިޔެފައި ޖަމްޝީދުގެ ސިޓީ އޮތް އުރައަށް ލަނީއެވެ. ބާދްޝާއަށް ދައްކަނީ އެ ސިޓީއެވެ. މަންމަ ލިޔާ ސިޓީ އޮންނަނީ ބޮޑުބޭބެގެ ނަމުގައެވެ. ބޮޑުބޭބެގެ ނަމަކީ ޖަމްޝީދު ޢަލީއެވެ. ސިޓީ އުރައިގެ ބޭރުގައި ޖަމްޝީދު އޭނާގެ ނަމާއި އެޑްރެސް ޖަހައިފައި އޮންނާތީ ނަން ބަދަލު ކުރެވޭކަށް ނެތެވެ. އެހެންވީމާ ބާދްޝާއަށް ފެންނަނީ ބޮޑޫބޭބެ ޖަމްޝީދު ޢަލީ ފޮނުވާ ސިޓީއާއި ބޮޑުބޭބެއަށް ރުޚްސާނާ ފޮނުވާ ސިޓީއެވެ.

ފުރަތަމަ ސިޓީ ކިޔާފައި ބާދްޝާ ޖާނީ ބުންޏެވެ. "ރުޚްސާނާގެ ބޮޑުބޭބެ ދުވަހަކު ކޮޅުންވެސް މި ރަށަށް އަތުވެއްޖެއްޔާ ބައްދަލު ކޮށްފައި އަހަރެން ޝުކުރު އަދާކުރާާނަން. އޭނާ ކުރާ ހުރިހައި ޚަރަދެއް ދައްކަމުން ގޮސް ޚަލާސް ކުރާނަމޭ ރުޚްސާނާ ފޮނުވާ ސިޓީގައި ލިޔާތި. ފުރަތަމަ އެއް ކާރު ވިއްކައިލާނީ. އެހެންވީމާ ލަންޑަނަށް ދާއިރު ފަންސާސް ހާސް ރުފިޔާ ގެންގޮސް ބޮޑުބޭބެއަށް ދޭތި. އެއީ އަނބުރައި ދައްކާ ފުރަތަމަ ބައޭ ބުނާތި."

ރުޚްސާނާ ބާދްޝާގެ ކުރިމަތީގައި އިނދެގެން އެ ދެއްކި ހުރިހައި ވާހަކައެއް ސިޓީގައި ލިޔެފިއެވެ.

"އެޑްރެސް ޖަހައިފައި އަހަރެންގެ އަތަށް ގެނޭ. އަހަރެން ގެންގޮސް ޕޯސްޓު ކޮށްލަފާނަން."

ރުޚްސާނާގެ މަންމަ ބުންޏެވެ. "ތިޔަ އުރައިގެ ތެރެއަށް އަހަރެންގެ ސިޓީވެސް ލާން ބޭނުން. އެކަމަކު މިހާރު ނުއެއް ލިޔެވޭނެ. އަހަރެންގެ ސިޓީ ލިޔެފައި ގެންގޮސް ޕޯސްޓުވެސް ކޮށްފާނަން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.