(17 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރުޒާނާއަށް ހަޅޭއް ލަވައިގަނެވުނެވެ. އެނބުރި ބަލައިލީއިރު ބާދްޝާ ހުރީ ފާޚާނާ ދޮރުމަތީގައެވެ. އޭނާޔާ ދިމާއަށް ރުޅިވެރިކަމާއެކު ބަލަހައްޓައިގެންނެވެ. އެ ވަގުތު އޭނާގެ ހިތް ހުއްޓިއްޖެއޭވެސް ހީވިއެވެ. ނޭވާގެ ހިނގުން ހުއްޓިއްޖެއެވެ. ދޫ ބަންދު ވެއްޖެއެވެ. މީގެ ފަހުން ދުވަހަކުވެސް ވާހަކައެއް ނުދެއްކޭނެއޭ ހިތަށް އެރިއެވެ.
ބާދްޝާ ފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. "ކަލޭ ވަރުގެ ވިޔާނުދާ ގޮތް ކުޑަ އަންހެނަކު އަހަރެން ދުވަހަކުވެސް ނުދެކެން. ފިރިހެނަކު އަންހެނަކު ގޮވައިގެން ގޮސް ހިލޭ ފިރިހެނަކާ ހަވާލު ކޮށްފިއްޔާ އެކަހަލަ މީހަކަށް ކިޔައި އުޅެނީ ކަސްބީން ވިއްކާ ދައްލާލެކޭ. އަންހެނަކު ފިރިހެނަކު ގެންގޮސް އެހެން އަންހެނަކާ ހަވާލު ކުރީމާ އެކަހަލަ މީހަކަށް ކިޔާނީ ކޮން ނަމެއް؟ ފިރިހެނުން ވިއްކާ ދައްލާލެކޭތަ؟ ކަލެޔާ ދިމާއަށް ކިތަންމެ ހުތުރު އެއްޗެއް ގޮވިޔަސް ކަލެޔާ އެކަށީގެންވާ ވަރުގެ އެއްޗެކޭ ނުގޮވޭނެ."
ފަރުޒާނާ ތުރުތުރު އަޅަމުން ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. "ޖާނީ މިހާރު ތިޔަހަރީ ވަރަށް ބޮޑަށް ރުޅި އައިސްފައި. އަހަރެން ދައްކާ ވާހަކައެއް ނުވިސްނޭނެ. ފަހުން ވިސްނާލަން ވިޔަސް އަޑު އަހައިލާ. މުޅި މުޖުތަމައު ހަލާކު ވެފައި އޮތިއްޔާ އެކަކު ކުރާ ރަނގަޅު ކަމެއްވެސް އަނެއް މީހާއަށް ވާނީ ނުބައި ކަމަކަށް."
ބާދްޝާ ކުއްލިއަކަށް ފަރުޒާނާއާ ދިމާއަށް ދިގު ފިޔަވަޅެއް އެޅިއެވެ. އަދި އަތް ދަމާފައި އޭނާގެ ކަންކަށީމަތީގައި ވަރަށް ބާރަށް ޖަހައިފިއެވެ. ފަރުޒާނާގެ މޫނު ހީވީ އެކީގައި އަނެއް ފަރާތަށް އެނބުރު ހެންނެވެ. އެ ދިޔަ ގޮތަށް ގޮސް އޭނާ ޖެހުނީ ކޮޓަރީގެ މެދުގައި ހުރި މޭޒުގައެވެ. ލޯމަތީގައި ކޮކާ ބުރަން ފަށައިފިއެވެ. ބާދްޝާ އޭނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގެންފިއެވެ. "ކަލޭ އަހަންނަށްޓަކައި ކުރީ ކޮން ރަނގަޅު ކަމެއް؟ އަހަރެންގެ ލޯތްބަށް މަލާމާތް ކުރީ. އަހަރެން މޮޔަ ހެއްދީ. އަހަންނަކީ އިންސާނަކީން. އެކަމަކު ކަލޭ ބެލީ އަހަރެން މިއީ ކުއްތާއެއް ކަމަށް. އަހަރެންގެ ކަރުގައި ލޯބީގެ ފައްޓާ އަޅުވައިގެން ގެންގޮސް އެހެން ގެއެއްގެ ދޮރުމައްޗަށް ދޫކޮށްލީ..."
ބާދްޝާ އޭނާގެ އިސްތަށިގަނޑުގައި ހިފައި ދަމައި ކޮޅަށް ނަގައިފިއެވެ. ވީ ތަދެއްގެ ބޮޑުކަމުން ފަރުޒާނާއަށް ކުކުރައިލެވުނެވެ. "ބުނެބަލަ. އަހަރެން މިއީ ކުއްތާއެއްތަ؟"
ބާދްޝާ އެޔެއް މިޔެއް ނުބަލައި ފަރުޒާނާގެ ގައިގައި ތަޅާން ފަށައިފިއެވެ. ފަރުޒާނާ އޭނާގެ އަތުން ވީއްލިގަނެގެން އަރިއަޅަމުން ކަހަލަ ގޮތަކަށް ގޮސް އެއް ފަރާތުގައި ހުރި ބިއްލޫރިޖެހި އަލަމާރީގެ ކައިރިއަށް ހުއްޓިއްޖެއެވެ. ބޯ ހުރީ ހޭވިފައެވެ. މޫނު ވަނީ ރަތް ވެފައެވެ. ލޮލުން ކަރުނަ ފައިބަނީއެވެ. އޭނާ ތުރުތުރު އަޅަމުން ވަރަށް ބާރަށް ބުނެލިއެވެ. "އާނ. އަހަރެމެން އެންމެންނަކީވެސް ކުއްތާ. ދަތް އަޅަމުން ނިގޫ ތަޅުވަމުން ދުވާ ޖަނަވާރު." އެޔަށް ފަހު އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. "އަހަރެން ބާދްޝާގެ ގައިގައި ދަތްއެޅީ. ޒަޚަމްކޮށްލީ. އެކަމަކު އެ ޒަޚަމްތަކަށް ބޭސްވެސް މި ކުރަނީ އަހަރެން. މިހާރު ބާދްޝާ ތިޔަ ކުރާ ކަމަކީ އަހަރެންގެ ގައިގައި ދަތް އެޅުން. އެކަމަކު ލޯބިން އަހަރެންގެ ފަހަތުން ދުވެވެސް އެބަހަދަމު. އަހަރެމެން މިއީ ކޮން ކަހަލަ ބައެއް. އަހަރެމެންގެ ތައާރަފެއް ދޭ ނަމަ ބުނާނީ ކީކޭ؟ މަލާއިކަތުންނަކީ ފުރިހަމަ މަލާއިކަތުން. ޝައިޠާނާވެސް އޭނާގެ ޝައިތާނިއްޔަތުގައި މުޅީން ފުރިހަމަ. ޖަނަވާރަކީ އޭގެ ހުރިހައި އަމަލެއްގައި ފުރިހަމަ ޖަނަވާރެއް. އެކަމަކު އަހަރެމެން އިންސާނުން އިންސާނުންނަށް ވަނީ ދެބައިކުޅަ އެއްބަޔަށް. ފުރިހަމައަކަށް ނޫން. އަހަރެންގެ ޒަމީރުގެ ތެދުވެރިކަމާއެކު އަހަރެން ބޭނުންވަނީ ރުޚްސާނާގެ ފިރިމީހާގެ ހެވާއި ސަލާމަތް. އެކަމަކު އަހަރެންވެސް މި ހުންނަނީ ތެދުވެރިކަމުގައި ދެބައިކުޅަ އެއްބައިގައި. އަނެއްކޮޅުން ބާދްޝާ ދެކެ ލޯބިވުން ހުއްޓައިނުލަނީ އެހެން ވެގެން. ރުޚްސާނާއަކީ ބާދްޝާއަށްޓަކައި ފުރާނައިން ގުރުބާންވާން ތައްޔާރަށް އިން ތެދުވެރި، ވަފާތެރި އަނތްބެއް. އެކަމަކު ދެބައިކުޅައެއްބަޔަށް މަކަރުވެރިއެއް. މަސްލަހަތުގެ ނަމުގައި ކޮންމެ ވަގުތަކުވެސް ބާދްޝާއަށް މަކަރު ހަދައިފާނެ. ދެން ހުރީ ބާދްޝާ. ބާދްޝާއަކީ އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާ މީހެއް. އެކަމަކު ގޮތެއްފޮތެއް ނެތް މީހެއް. އޭނާ އެކަނިމާއެކަނި އެތައް މޭލެއްގެ ދުރަށް ފޮނުވާލާފައި އަހަރެން އެކަނިވީ ވަގުތު ތިޔަ އައީ އަހަރެންގެ ގާތަށް."
"ގޮތެއްފޮތެއް ނެތީ އަހަރެންގެތަ؟ ގޮތްކުޑަ... ދައްލާލު... އާވާރާ..."
ބާދްޝާ ރުޅި އައިސްގެން އެތިވަރު ގޮވަމުން ފަރުޒާނާގެ ގައިގައި ތަޅަމުން ގެންދިޔައެވެ. އެކަމަކު އެކަމަކުންވެސް އޭނާއަކަށް ތަސައްލީއެއް ނުލިބެއެވެ. އެންމެ ފަހުން ގައިގައި ހުރިހައި ބާރެއް ލާފައި އޭނާ ކޮއްޕައިލިއެވެ. ފަރުޒާނާ އެ ދިޔަ ބާރު މިނުގައި ގޮސް ޖެހުނީ ބިއްލޫރިޖެހި އަލަމާރީގައެވެ. ބިއްލޫރިގަނޑުގައި ބޯ ޖެހުމާއެކު ބިއްލޫރިގަނޑު ތެޅުނު އަޑު ވަރަށް ބާރަށް އިވުނެވެ. އޭނާގެ ބޮލާއި ދެ އަތުގެ ދެބައިކުޅަ އެއްބައިވަރު ހުރީ ބިއްލޫރިގަނޑު ފަޅައިލާފައި އެތެރެއަށް ވަދެފައެވެ. ބިއްލޫރިގަނޑު ކުދިކުދި ވެގެން ފައިބައިފިއެވެ.
ކުއްލިއަކަށް މުޅި ތަނަށް ހިމޭންކަން ވެރިވެއްޖެއެވެ. ފަރުޒާނާގެ ހަރަކާތް ހުއްޓިއްޖެއެވެ. އެކަމަކު އޭނާގެ ލޭގެ ހަރަކާތެއް ނުހުއްޓެއެވެ. ލޭ ދިޔައީ އޮހޮރެމުންނެވެ. ބިން މައްޗަށް ލޭ ތިކި ޖަހަމުން ދިޔައެވެ.
ބާދްޝާގެ ވަރު މަޑުވެއްޖެއެވެ. ހައިރާން ވެފައި ފަރުޒާނާއާ ދިމާއަށް ބަލަނީއެވެ. ބަލަހައްޓައިގެން އެހެރީ ފަރުޒާނާ ހަރަކާތެއް ކުރާނޭ ވަގުތެއްގެ އިންތިޒާރުގައި ކަހަލައެވެ. ނޫނީ އަމިއްލައަށް އަލަމާރި ތެރެއިން ބޯ ނެރޭނޭ ވަގުތަކަށް ބަލަބަލައިކަން ނޭނގެއެވެ. އެކަމަކު ހަރަކާތެއް ނެތި މާ ގިނައިރުވީމާ އޭނާ ކަންބޮޑުވާން ފަށައިފިއެވެ. އަނެއްކާ މަރުވީ ބާވައެވެ؟
މި ޚިޔާލު ކުރެވުމާއެކު އޭނާގެ ހަށިގަނޑުގައި ފިނީގެ ރާޅެއް ދަތުރުކުރިހެން ހީވިއެވެ. މަރައިލާނީއޭ ކިތަންމެ ވަރަކަށް ކިޔަމުން ދިޔަނަމަވެސް މަރުވީއޭ ހިތަށް އެރީމާ ކަންބޮޑުވެއްޖެއެވެ. ނަފުރަތުން ލޯބި ގަތުލު ކުރުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު ލޯބިން ލޯބީގެ ގަބުރަށް ބަލަހައްޓައިގެން ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ޖެހިލުންވެފައި ހުރެގެން ބާދްޝާ ކުރިއަށް ޖެހިލިއެވެ. ހިތަށް އެރީ ފަރުޒާނާއަށް ގޮވައިލާށެވެ. އެކަމަކު ހިތަށް އެރިއެވެ. އެހައި އަވަހަށްއ މަޑުމައިތިރިވެގެން ކަމަކު ނުދާނެއެވެ. މައިތިރިވެއްޖެ ނަމަ ބަދަލުހިފުމުގެ ރޫހު ކުޑަވެދާނެއެވެ. އޭނާ ކަރުކެހިލިއެވެ. "އޭތް... ކީއްކުރަނީ. ތެދުވޭ."
ތެދުވަން ކީއްކުރަން ހެއްޔެވެ؟ ފަރުޒާނާ ހަރަކާތެއްވެސް ނުކުރިއެވެ. އޭނާ ހާސްވެފައި ހުރެގެން ކައިރިއަށް ޖެހިލިއެވެ. ފަރުޒާނާގެ ބޯ އެތެރެއަށް ވަދެފައި ހުރި ދިމާއަށް ބަލާން ފަށައިފިއެވެ. އެތެރޭގައި ހުރި ތަށިތައްވެސް ހުރީ ކޮންމެވެސް ވަރަކަށް ތެޅިފައެވެ. ފަރުޒަނާ ހުރީ މޫނުގައި ދެ އަތް އަޅައިގެންނެވެ. ދެ އަތާއި މޫނު ހުރީ އަލަމާރީގެ އެތެރޭގައެވެ. އެއްވެސް ހަރަކާތެއް ނެތެވެ.
ފަރުޒާނާ އަލަމާރިއާ ދިމާއަށް ދިޔައީ ސަލާމަތް ވާނޭ ވަގުތުކޮޅެއް ލިބޭ ކަހަލަ ގޮތަކަށް ނޫނެވެ. އެހެންވީމާ އޭނާއަށް ކުރެވުނުހައިވެސް ކަމަކީ އަލަމާރީގައި ބާރަށް ގޮސް ޖެހުމުގެ ކުރިން މޫނުގައި ދެ އަތް އެޅުމެވެ. އަތާއި ހަށިގަނޑުގެ އެހެން ތަންތަނަށް ފުޅިރޮށި ވަދެފައި ހުރި ނަމަވެސް އޭނާގެ މޫނު ސަލާމަތް ވެއްޖެއެވެ.
ބާދްޝާ ކައިރިއަށް އައިސް ފަރުޒާނާގެ ގައިގައި ކޮއްޓައިލިއެވެ. "ފަރުޒާނާ. ފަރުޒާނާ. އަނގައިން ނުބުނެ ހުރީ ކީއްވެގެން؟ ފަރުޒާނާ."
ބާދްޝާގެ ހިތް ގެނބެން ފަށައިފިއެވެ. އޭނާ އެތެރެއަށް އަތް ވަދޭތޯ ބަލައިލިއެވެ. ބާކީ ހުރި ބިއްލޫރި ތަޅާލައިގެން ނޫނީ ފަރުޒާނާ ނުއެއް ނެރެވޭނެއެވެ. އެކަން އޭނާއަށް ޔަގީން ވެއްޖެއެވެ.
އޭނާ މޭޒުމަތީގައި ހުރި މާޖަހާ މުށިގަނޑެއް ހިފައިގެން އައިސް މަޑުމަޑުން ބިއްލޫރިގަނޑު މުގުރަން ފަށައިފިއެވެ. މާގިނަ އިރުތަކެއް ނުވެ ފަރުޒާނާ ނެރެވޭ ވަރަށް ބިއްލޫރި ތަޅައިފިއެވެ. އެޔަށް ފަހު މަޑުމަޑުން އަލަމާރީގެ ތެރެއަށް ދެ އަތް ކޮއްޕައިފައި ފަރުޒާނާ ނެރެފިއެވެ. ހަމަޔަށް ނެރެވުމާއެކު އެއް ފަރާތަކަށް ބޯ އެލިއްޖެއެވެ.
ފަރުޒާނާގެ ނޭވާގެ އިހުސާސް ކުރެވުނީމާ އަދި މަރުނުވާކަން ޔަގީން ވެއްޖެއެވެ. ހަމައެކަނި ހޭނެތުނީއެވެ. އޭނާއަށް އަވަހަށް ބޭސްފަރުވާ ދޭން އެބަޖެހެއެވެ. ބާދްޝާ ވިސްނައިލިއެވެ. ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަސްފަތާލަށް ގެންދާނީ ހެއްޔެވެ؟ އެކަމަކު އޭރުން މީހުން ކިޔާނީ ކީކޭބާވައެވެ؟ ޒަޚަމް ވެފައި އޮތް މީހަކު ހަސްފަތާލަށް ގެންދިއުމާއެކު ފުރަތަމަވެސް ފަށާނީ ތަހުގީގު ކުރާށެވެ. މީހަކު މަރައިލާން އުޅުނު ކަމުގެ ތުހުމަތު ބޮލުގައި އެޅުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މުސައްވިރު ބުނީ ރަނގަޅު ވާހަކައެކެވެ. މިއަދު މި އޮތީ ޖަލަށް ވަންނާން ޖެހިފައެވެ.
އޭނާ ވިސްނަމުން ގެންދިޔައެވެ. ފަރުޒާނާގެ ބޯ އޮތީ އޭނާގެ ކޮނޑުމަތީގައެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއިން ފަރުޒާނާގެ މޫނު ފެންނައިރު ހީވަނީ ސާދަވިލޭރޭގެ ހަނދު ހެންނެވެ. އޭނާގެ މޫނަކަށް އެއްވެސް ގެއްލުމެއް ނުވެއެވެ. ލޯ ހުރީ މެރިފައެވެ. ހީވަނީ މަންޒިލަށް ދެވުނު ކަމުގެ އުފާވެރި އިހުސާސާއެކު އަރާމުކޮށް ނިދާލައިފައި އޮތް ހެންނެވެ.
އޭނާ ފަރުޒާނާ އުރައިލިއެވެ. އަދި ފުޅިތޮށިތަކުގެ މަތީން ހިނގާފައި ގޮސް އެނދުގައި މަޑުމަޑުން ބާއްވައިލިއެވެ. ދެ އަތުގައި ހުރި ޒަޚަމްތަކަށް ރަނގަޅަށް ބަލައިލުމަށް ފަހު ގޮސް ކުލިނިކުގެ ތެރެއަށް ވަދެއްޖެއެވެ. ސިއްހީ ފުރަތަމަ އެހީއަކީވެސް އޭނާ ދަންނަ ކަމެއް ނޫނެވެ. ބެންޑޭޖުކުރަން ދަނެއެވެ. އެކަމަކު ލޭ މަނާވާނީ ކޮން ބޭހެއް ޖަހައިގެން ކަމެއް އޭނާއަކަށް ނޭނގެއެވެ.
(ނުނިމޭ)