(22 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރުޒާނާ ކުރިމަތީގައި ހުރި ކުޑަ މޭޒަށް އިޝާރާތް ކޮށްލިއެވެ. މޭޒުމަތީގައި އޮތީ ނޫކުލައިގެ ސިޓީއުރައެކެވެ. މަންމަ އެ ސިޓީއުރަ ނަގައިފިއެވެ. ބޭރުގައި ޖަހައިފައި އޮތީ ރުޚްސާނާގެ ނަމެވެ. ތިރީ ކަނުގައި ޖަހައިފައި އޮތީ ޖަމްޝީދް ޢަލީގެ ނަމެވެ. "މި ސިޓީގައި އޮތީ ކީކޭ؟"
ފަރުޒާނާ ބުންޏެވެ. "ސިޓީ ތިޔަ އޮތީ ބަންދުކޮށްފައި. އޮތް އެއްޗެއް ނޭނގޭ. އަހަރެން ގާތު އެމީހުން ދެއްކި ވާހަކަ މަންމަ ގާތު ބުނީމެއްނު؟ ޖަމްޝީދު ބޭނުން ވަނީ ރުޚްސާނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީ ހައްދައިދޭން. އެކަން ކުރަން އުޅެނީ ކިހިނެއް ކަމާއި ޚަރަދު ވާނީ ކިހައި ވަރަކަށް ކަމާއި މިކަހަލަ ހުރިހައި ވާހަކައެއް ތިޔަ ސިޓީގައި ހުންނާނެތާ. މީހަކަށް އޮތް ސިޓީއެއް ކަނޑައިގެން ކިޔާކަށް އަހަރެން ބޭނުމެއް ނޫން."
"އެންމެ ރަނގަޅު. މަންމަ މި ސިޓީ ގެންގޮސް ރުޚްސާނާއަށް ދީފައި އޭނާ ގާތު އަހައިލާނަން މީގައި އޮތީ ކީކޭހެއްޔޭ."
ފަރުޒާނާ ކުރިއަށް ޖެހިލައިފައި ބުންޏެވެ. "ތިޔަ ސިޓީ ހިފައިގެން މަންމަ އެ ގެއަށް ދާނީ ކިހިނެއް؟ މިހާރު ބާދްޝާއަށް މަންމަގެ މޫނު ފެނިއްޖެއެއްނު؟"
މަންމަގެ އަނގަ ހުޅުވުނެވެ. "ޔާ ރައްބީ ދަރިފުޅާ... މަންމަ ހަނދާން ނެތުނީއޭ. މޫނު ފެނިފައި އޮތީމާ މަންމަ ހިނގައްޖެއްޔާ އޭނާއަށް..." ވާހަކަ ދެއްކުން އިރުކޮޅަކަށް ހުއްޓާލައިފައި މަންމަ ވިސްނައިލިއެވެ. "މަންމަ ދާނީ ނާޒިމްއާބާދުގައި ހުންނަ ގެއަށް. ފުރަތަމަ ހަދާނޭ ގޮތަކީ އަވަށްޓެރިއެއްގެ ގޭގައި އިނދެގެން ފާރަލައި ބަލާނީ. ބާދްޝާ ގޭގައި ނޫޅޭ ވަގުތެއް ހޯދާނީ. އެކަހަލަ ދަނޑިވަޅެއް ލިބުނީމާ ގޮސް ރުޚްސާނާގެ މައިންބަފައިންނާ ސިޓީ ހަވާލުކޮށްފައި މީގައި އޮތް އެއްޗެއް އޮޅުންފިލުވާނީ."
ބާދްޝާ ޖާނީ މަގު ހުރަސް ކޮށްފައި މީހުންގެ ތެރެއިން ފުރޭނިގެން ކާރާ ހަމައަށް ހިނގައްޖެއެވެ. އޭނާގެ ކާރުގެ ފަހަތުގައި މިހާރު ވަރަށް ގިނަ ކާރު އެބަހުއްޓެވެ. އޭނާގެ ކާރާ ހެދި ކުރިއަށް ނުދެވިފައެވެ. ކާރުތަކުގެ ކައިރީގައި ޓުރެފިކު ފުލުހުންގެ ތިން މީހުން ތިއްބެވެ. އޭނާ ކާރުގެ ދޮރު ހުޅުވާން އުޅުނު ވަގުތު އެތަނުން އެކަކު އަހައިލިއެވެ. "މިއީ ކަލޭގެ ކާރުތަ؟ މީގެ ލިޔުންތައް އެބަހުރިތަ؟"
އޭނާ ކާރުގެ ލިޔުންތައް ނަގާން އުޅުނު ވަގުތު އެތަނުން އެހެން ފުލުހަކު ރުޅި އައިސްފައި ހަޅޭއް ލަވައިގަތެވެ. "ކަލޭ ތިޔައީ ކަނު މީހެއްތަ؟ މިއީ ކާރު ޕާކު ކުރަން އޮތް ތަނެއް ނޫންކަން ނޭނގެނީތަ؟ ހުސް ތަންކޮޅެއް ހަމަ ފެންނަ އިރަށް ކާރު ބާއްވަންވީތަ؟"
އޭނާގެ ވާހަކަ އިވުނީމާ ބާދްޝާގެ ގާތަށް ވަރަށް ބޮޑަށް ރުޅި އައެވެ. އެކަމަކު ދަތްކުނޑި ވިކައިގެންފައިމެ ކެތްކޮށްލީއެވެ. "ވަރަށް މުހިއްމު ކަމަކު އެ ދިމާއަށް ދާން ވެގެން ކުޑައިރުކޮޅަކަށް ކާރު މިތާނގައި ބޭއްވީ."
"މިއީ ކާރު ޕާކު ކުރާ ތަނެއް ނޫން. މިތާނގައި ބޭއްވީމާ ވެފައި އޮތް ގޮތް ނިކަން ދެކިބަލަ. މި މަގުން އެއްޗެއް ދުއްވޭނޭ ގޮތެއް ނެތް."
"މިތާނގައި އަޅުގަނޑު ކާރު ނުބޭއްވިޔަސް މިހެން ދުއްވައިގެން ނުވާނެ. މިއީ ކާރު ދުއްވާ ތަނެއް ނޫން. މީހުން ހިނގާން އޮންނަ ތަނެއް."
"އަހަންނާ ޒުވާބު ކުރަނީތަ؟"
މިހެން ބުނެފައި ފުލުހުންގެމީހާ ގޮވި ހުތުރު އެއްޗެއްގެ ސަބަބުން ބާދްޝާ ޖާނީ ހަމައިން ނައްޓާލައިފިއެވެ. އެމީހާގެ ކަންކަށިމަތީގައި އަތް ދަމައިފައި ޖަހައިފިއެވެ. ދެވަނަ އެތިފަހަރު ބޭލުމުގެ ކުރިން އަނެއް ދެމީހުން ވެގެން ބާދްޝާ ހިފަހައްޓައިފިއެވެ. އެ ވަގުތު އެތަނަށް މީހުންވެސް ޖަމާ ވެއްޖެއެވެ. އެހެން ކާރުތަކުގެ ޑުރައިވަރުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ބާދްޝާ ހަރު އަޑުން ގޮވަމުން ދިޔައެވެ. "އަހަރެމެން މިއީ ކުލީކާރު ދުއްވާ މީހުން. އަބުރު ވިއްކައިގެން ކައިބޮއި އުޅޭ މީހުންނެއް ނޫން. ކަލޭމެންނަކީ ގާނޫނުގެ ހިމާޔަތްތެރިން. އެކަމަކު އަނގައިން ނުކުންނަނީ އަވަގުރާނަ. ކަލޭމެން ކިޔާހައި ހުތުރު އެއްޗެއް އަޑުއަހާން އަހަރެމެން މިއީ ކުނިބުނިތަ؟ އަހަރެމެންނަކީވެސް އަބުރުވެރި ރައްޔިތުން. އަވަގުރާނަ ނުގޮވާ ވާހަކަ ނުދެއްކެނީތަ؟"
ބާދްޝާ ކިޔަމުން ގެންދިޔަ އެއްޗެހީގެ މާނަ އެހެން ޑުރައިވަރުންނަށްވެސް ވިސްނިއްޖެއެވެ. އެހެންވީމާ އެންމެން ބާދްޝާއާ ބައިވެރި ވެއްޖެއެވެ. ފުލުހުންނާ ދެކޮޅަށް އަޑު އުފުލާން ފަށައިފިއެވެ. އެ ތަނަށް އެހެން ފުލުހުންވެސް އަތުވެއްޖެއެވެ. އެކަމަކު ފުލުހުންގެ އަދަދަށްވުރެ ޑުރައިވަރުންގެ އަދަދު މާ ގިނައެވެ. އެމީހުން ބުނަމުން ގެންދިޔައީ ހުތުރު އެއްޗެހި ގޮވީތީ މާފަށް ނޭދުނިއްޔާ ހަޅުތާލު ކުރާނޭ ކަމުގައެވެ. އަދި ޑުރައިވަރުންގެ ޔުނިއަންގެ އެހީގައި މައްސަލަ ޝަރީއަތަށްވެސް ގެންދާނޭ ކަމުގައެވެ. ފުލުހުންގެ ކޮޅު ބަލިވާން ފެށީމާ އަވަގުރާނަ ގޮވި މީހާ މާފަށް އެދިއްޖެއެވެ. އެހައި ތަނުން މީހުން މަދު ވަނުން ގޮސް ހުސް ވެއްޖެއެވެ. ބާދްޝާ ގޮސް އޭނާގެ ކާރަށް އަރައިފިއެވެ. އޭރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ.
އޭނާގެ ކާރު އޮތްތަނާ ގާތްގަނޑަކަށް ސަތޭކައެއްހައި ގަޒުގެ ދުރުމިނުގައި ފެންނާން އެހެރީ ޑޮކްޓަރ އެފް. ވާޞްޠީގެ ކުލިނިކެވެ. ބާދްޝާ ކާރު ދުއްވާފައި ގޮސްގޮސް އިނދެފައި ކުއްލިއަކަށް ބުރެކި ޖައްސައިފިއެވެ. ކުލިނިކުގެ ދޮރު ހުރީ ހުޅުވައިފައެވެ. ކޮންމެވެސް އަންހެނަކު އެތަނުން ނުކުންނަނީއެވެ. ބާދްޝާ އިނީ ކަޅިވެސް ޖަހައިނުލައި އެމީހާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ތަންކޮޅެއް ދުރު ނަމަވެސް އޭނާގެ ނަޒަރު އެހައި ބަލިކަށްޓެއް ނޫނެވެ. އޭނާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އެއީ ކުލިނިކުގެ ދޮރު ހުޅުވައިފައި އޭނާގެ ކުރިމައްޗަށް ނުކުތް އަންހެންމީހާއެވެ. ތިމަން މިއީ ޑޮކްޓަރ އެފް. ވާޞްޠީއޭ ބުނި މީހާއެވެ. އެއީ ހަމަ ހަގީގަތުގައިވެސް ޑޮކްޓަރ ފަރުޒާނާ ކަމުގައި ވެދާނެއެވެ. އެކަމަކު ގޭތެރޭގައި މޫނު ބުރުގާ އަޅައިގެން އިން މީހާ މިހާރު ބޭރަށް އެ ނުކުތީ ބުރުގާ ނާޅައެވެ. އޭނާގެ މިސްރާބު ހުރީ ކައިރީގައި ހުރި ފިހާރައަކާ ދިމާއަށެވެ.
ބާދްޝާ ހައިރާން ވެފައި އެ އަންހެމީހާއާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. އޭނާގެ ހިތަށް އެރިއެވެ. މިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟ ގޭތެރޭގައި ބުރުގާ އަޅައިގެން އުޅެފައި ބޭރުގައި ބުރުގާ ނާޅައި އުޅުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ އެއީވެސް ބުރުގާ އަޅައި އުޅޭ ގޮތެއް ހެއްޔެވެ؟
އެ އަންހެންމީހާ ފިހާރައިން ކޮންމެވެސް އެއްޗެއް ގަނެގެން ގޮސް ކުލިނިކަށް ވަދެ ދޮރު ލައްޕައިފިއެވެ.
ބާދްޝާ ބޮލުގައި އަތް ކާއްތައިލިއެވެ. ގެޔާ ތަންކޮޅެއް ދުރަށް ދާންވީމާ މޫނުބުރުގާ އަޅައިގެން އުޅޭ ބައެއް މީހުން ގޭދޮށުގައި މޫނުބުރުގާ ނާޅައި އާދައިގެ ބުރުގާއެއް އަޅައިގެން އުޅޭތަން ކޮންމެވެސް ވަރަކަށް ފެނެއެވެ. މި އަންހެންމީހާ އެވަރުވެސް ނުކުރެއެވެ. ބޮލަކު އެއްވެސް އެއްޗެއް ނެތެވެ. އިސްތަށިގަނޑު އޮތީ ހާމައަށެވެ. މިއީ ކިހިނެއް ވެގެން އުޅޭ ކަމެއް ހެއްޔެވެ؟
އޭނާއަކަށް ހަމަ އެއްގޮތަކަށްވެސް ވިސްނައެއް ނުގަނެވުނެވެ. ހިތަށް އެރިއެވެ. އަހަރެން މިއީ ކޮން ކަހަލަ މޮޔައެއް ހެއްޔެވެ؟ މުށިކުލައިގެ ބުރުގާ އަޅައިގެން އޭނާގެ ކާރަށް އެރީއަކީ މި އަންހެން މީހާއެއް ނޫނެވެ. އެރި މީހަކު އެ ދިޔަ ތަނަކަށް ހިނގައްޖެއެވެ. އެމީހާގެ ގެ ހުންނަނީ އެ ހިސާބުގަނޑުގައެވެ. މިއީ އަދި މުޅީން އެހެން ޑޮކްޓަރ ފަރުޒާނާއެކެވެ.
ބާދްޝާ ކާރު ދުއްވާލައިފިއެވެ. ފުރަތަމަ ގަސްތުކުރީ ބަޅާބޯރޑްގެ ކުލީކާރު މަޑުކުރާ ތަނަށް ދާށެވެ. ފަހަރެއްގައި އެތަނުން ފަރުޒާނާ ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ރޭގަނޑުގެ މިގަޑީގައި ފަރުޒާނާ އެތަނަކަށް ނާންނާނެއެވެ. އެހެންވީމާ އެ ޚިޔާލު ދޫކޮށްލީއެވެ.
އޭނާ ދަތުރު ކުރަމުން ދިޔައީ ގެޔާ ދިމާއަށެވެ. ފަރުޒާނާއާމެދު ވިސްނަމުން ދިޔަވަރަކަށް އޭނާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. މިއަދުވެސް އޭނާ އެ ހެދީ ބޮޑު މަކަރެކެވެ. ކާރުގެ ފަހަތު ގޮނޑީގައި އިށީނދެގެން އިނީއެވެ. އަނގަޔަކުން ނުބުނެއެވެ. ކާރުން ފައިބަމުން ދިޔައީ މަލުގެ ފިޔަތައް ގޮނޑިމައްޗަށް އަޅައިފައެވެ. އެއީ އޭނާއަށް ކުރި މަލާމާތެކެވެ. އަނެއްކާވެސް މޮޔަހެއްދީއެވެ. ކުޅަދާނައިއްޔާ ނިކަން އަހަރެން އުޅޭތަނެއް ހޯދައިބަލާށޭ ބުނީއެވެ. އަހަރެން ފިލާނަމޭ، ކަލެއަށް ޖެހޭނީ ތިޔަހެން މޮޔައެއްހެން އަހަރެން ހޯދަމުން ދުވާށޭ ބުނީއެވެ.
ގެޔާ ހަމައަށް ދެވުނިއުރު އިނީ ރުޅި އައިސްގެން ތުރުތުރު އަޅައަޅައެވެ. އަމިއްލަ ހަފުސު ކޮންޓުރޯލު ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރި ކުލަވަރަށް ބަލައިފައި ރުޚްސާނާއަށް އޭނާގެ ހާލަތު އެނގޭގޮތް ވުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ. ރުޚްސާނާގެ ބުއްދިވެރިކަން ދެކެ އޭނާ ބިރުގަނެއެވެ. އެހެންވީމާ ގަސްތުކުރީ ރުޅިގަނޑު މައިތިރިވާންދެން ކާރުގައި އިންނާށެވެ.
ކުޑައިރުކޮޅަކުން ފެނުނީ ގޭގެ ކުޑަދޮރު ހުޅުވުނު ތަނެވެ. ދެން ފެނުނީ ރުޚްސާނާ ބޭރު ބަލައިލީތަނެވެ. "ޖާނީ. ކާރުގައި އޮވެ ނިދީތަ؟ ކާރުގެ އަޑު އިވުނީމާ އަހަރެން ހީކުރީ އިރުކޮޅަކުން ގެއަށް ވަންނާނެ ކަމަށް. ކޮބާ؟"
(ނުނިމޭ)
vvv.reethi shukuran