ފަޅިމޫނު - 35

(20 ޖަނަވަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ޖާނީ ކާރުގެ ކައިރީގައި ކުރުކާލި ކަނޑަނީއެވެ. އިރުއިރުކޮޅާ ދޮރާށްޓާ ދިމާއަށް ބަލައިލައެވެ. ދަރިވަރުން ނުކުންނާން ފަށައިފިއެވެ. ނުކުންނަ ގިނަ ކުދިން ގޮސް އަރަނީ ކޮލެޖު ބަހަށެވެ. އޭރު ބުރުގާ އަޅައިގެން ހުރި ކުއްޖަކު އޭނާޔާ ދިމާއަށް ބަލަނީއެވެ. އޭނާއަކަށް އެކަމެއް ނޭނގެއެވެ. އޭނާ ހުރީ މުޅީން އެހެން ފިކުރެއްގައެވެ. އޭނާ އިންތިޒާރު ކުރަމުން ގެންދަނީ ވަކި މީހަކަށެވެ.

ރުޚްސާނާ މަގުމަތީގައި އިރުކޮޅަކު ހުރުމަށް ފަހު އެނބުރި ކޮލެޖަށް ވަދެއްޖެއެވެ. އަނެއްކޮޅުން ފަރްޒާނާ މަތީބުރިން ތިރިއަށް ފައިބައިފިއެވެ. ދެމީހުން ބައްދަލުކުރީ ކެންޓީނުންނެވެ. ފަރްޒާނާގެ އަތުގައި ހިފައިލުމަށް ފަހު އުފާވެރި ރާގަކަށް ރުޚްސާނާ ބުންޏެވެ. "އެއީ ހާދަހާ ރީތި މީހެކޭ! ކުލީކާރު ދުއްވާ މީހެއް ހެންނެއް އެއްގޮތަކަށްވެސް ހިއެއް ނުވޭ. މީގެ ފަހުން އެއީ ކުލީކާރު ދުއްވާ މީހެކޭ ނުބުނާތި. ކާރެއްގެ ވެރިއެކޭ ކިޔާ."

ފަރްޒާނާ އޭނާގެ އަތުގައި ފިރުމައިލިއެވެ. "އެންމެ ރަނގަޅު. އަހަރެން މިއަދު އޭނާޔާ ވާހަކަ ދައްކާނަން. އަމިއްލައަށް ކުލީކާރު ދުއްވާ މީހެކޭ ނުކިޔާށޭ ބުނާނަން. އެހެން ނުވިސްނާށޭ، ކާރުގެ ވެރިމީހާ ކަމުގައި ދެކޭށޭވެސް ބުނާނަން. ހަގީގަތަކީވެސް އެއީ. އެކަހަލަ ގޮތަކަށް ވިސްނާން ފެށްޓީމާ މުޖުތަމައުން އޭނާޔާ މެދު ދެކޭ ގޮތްވެސް ބަދަލު ވެދާނެ. އޭނާގެ ގަދަރު ބޮޑުވެގެން ހިނގައިދާނެ. އަހަރެން އޭނާއަށް ވިސްނައިދޭނަން."

ރުޚްސާނާ އުފާވެރި ރާގަކަށް ބުންޏެވެ. "ބަސް މިހާރު ދާން އުޅޭނީ. އަހަރެން ދަނީ."

މިހެން ބުނެފައި ރުޚްސާނާ ދޮރާށްޓާ ދިމާއަށް ހިނގައިގެންފިއެވެ.

ފަރްޒާނާގެ ހިތް ދިޔައީ ތެޅެމުންނެވެ. މުޅި މީހާ ދާހިއްލާ ފޯވަނީއެވެ. ފުރަތަމަ ކަމަކަށް އޭނާއަކަށް، އޭނާގެ އެތެރެހަށީގެ ނުވަތަ ހިތުގެ ވާހަކަތަކެއް ވިސްނައިގަނެވޭ ގޮތެއް ނުވެއެވެ. ދެވަނަ ކަމަކަށް އޭނާގެ ޒަމީރު އޭނާއަށް މަލާމާތް ކުރަމުން އެބަ ގެންދެއެވެ. އޭނާ އެ ދަނީ ސީދާސާދާ، މައުސޫމު މީހަކަށް މަކަރު ހަދާށެވެ. އޭނާ އެ އުޅެނީ ރުޚްސާނާއަށް ވާށެވެ. ރުޚްސާނާއަށް ވެގެންހުރެ ބާދްޝާ އެހެން މީހެއްގެ އުނގަށް ވައްޓައިލާށެވެ.

ދޮރާށްޓާ ހަމައަށް އާދެވުނު އިރު އޭނާގެ ހިތުގައި މުޅީން އެހެން ޝުއޫރެއް ހިލިގެންފިއެވެ. ހިތަށް ވެރިވެގަތީ އޭނާގެ އެކުވެރިޔާ ރުޚްސާނާގެ ބަލިކަމާއި، މިހާރު އެ އެކުވެރިޔާ ވެއްޓިފައިވާ ނިކަމެތި ހާލަތެވެ. އެކުވެރިޔާއަށްޓަކައި ފުރާނަވެސް ހަދިޔާ ކުރަން ވެފައިވާ ވައުދުގެ މަތީންވެސް ހަނދާންވާން ފަށައިފިއެވެ. އެކުވެރިޔާ މީހަކާ އިނުމުގެ ކުރިން މީހަކާ ނީންނާން ހުރި ހުވާގެ މަތީން ހަނދާން ވެއްޖެއެވެ. މިހާރު ހިތުގައި އޮތީ އެކުވެރިޔާއަށްޓަކައި ގުރުބާންވެގަތުމުގެ ޚިޔާލެވެ. ފުރަތަމަ ހިތަށް ވެރިވީ ޚިޔާލު ފަނޑު ވެގެން ހިނގައްޖެއެވެ.

ފަރްޒާނާ ދޮރާށި ދޮށަށް ނުކުމެ ބާދްޝާ ޖާނީއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހިތް ތެޅިގަތީ ބޭރަށްވެސް އެނގޭވަރަށެވެ. އެއީ ހެނދުނު ދިމާވީ މީހާއެއް ނޫނެވެ. މިހާރު ކާރުދޮށުގައި އެހެރީ ކުލީކާރު ދުއްވާ މީހެއް ނޫނެވެ. ނުލާހިކު ރީތި، އަސަރުގަދަ ޒުވާނެކެވެ. އަޅައިގެން ހުރި ހެދުންވެސް ވަނީ ބަދަލު ވެފައެވެ. އެޔާއެކު މުޅި ޝަޚްސިއްޔަތުވެސް ވަނީ ބަދަލު ވެފައެވެ. ކުރިމަތީގައި ފެންނާން އެހެރީ ބާދްޝާ ޖާނީ ބާވައޭ އޭނާގެ ހިތަށް އެތައް ފަހަރަކު އަރައިފިއެވެ.

އޭނާ ނުދެނަހުރި ކަމުގައި ހެދިގަތެވެ. "އަހަރެން ހީކުރީ ދޮގެއް ހަދައިލީ ކަމަށް. އަތުވެއްޖައިން ދޯ؟"

"އެއީ ފިރިހެނެއްގެ ވައުދެއް. ކާރުގެ ބުރެކި ހަލާކު ވެދާނެ. އެކަމަކު ފިރިހެނެއްގެ ވައުދެއް އުވައެއް ނުލާނެ."

އޭނާ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ކާރާ ދިމާއަށް ހިނގައިގެންފިއެވެ. ވަރުބަލިވެފައި ހުރިކަން ވަރަށް ސާފުކޮށް އެނގެއެވެ. ބާދްޝާ އަހައިލިއެވެ. "ކަންބޮޑުވެފައި ހުރިހެން ހީވޭ. މީހަކު އެއްޗެކޭ ބުނީތަ؟ އެ މީހެއްގެ ނަން ބުނޭ. މިހާރު ދާ ގޮތަށް ގޮސް އެ މީހަކު މަސްހުނިގަނޑެއްހެން މޮޑެލާނަން."

އޭނާ ފަހަތު ދޮރާ ދިމާއަށް ދަމުން ބުންޏެވެ. "ނޫނޭ. އެކަހަލަ ކަމެއް ވީއެއް ނޫން. އަހަންނާ ދިމާއަށް މީހަކު ބުނާނީ ކީކޭ؟"

މިހެން ބުނެފައި އޭނާ ކާރުގެ ފަހަތު ދޮރު ހުޅުވައިލިއެވެ. އެ ވަގުތު އޭނާއަށް ހީވީ ދިރިހުއްޓައި އޭނާގެ ހުވަފެނުގެ ސުވަރުގެ ފެނުނު ހެންނެވެ. ުރަތަމަ އަޅައިގަތީ ނުކުތް މީރު ވަހުގައެވެ. ވަރުބަލިކަމުގެ ދިގު ދުވަހަކަށް ފަހު ފިނިފިނި ވައިރޯޅިއެއްގެ މެދަށް ނުކުމެވުނު ކަހަލައެވެ. ދެން ފެނުނީ ގޮނޑީގައި ހުރި ފިނިފެންމަލުގެ ފިޔައެވެ. އޭނާ ހައިރާންވެފައި ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު ކާރަށް އަރައި ދޮރު ލައްޕައިފިއެވެ. އަދި ފިނިފެންމަލުގެ ފިޔަތަކާ ދިމާއަށް ބަލާން ފަށައިފިއެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ އޭނާ ކާރު ތައްޔާރު ކޮށްގެން އެ އައީ ރުޚްސާނާއަށްޓަކައެވެ. ބާދްޝާ ދީވާނާވެފައި އެހެރީ ރުޚްސާނާއަށްޓަކައެވެ.

ފަރްޒާނާގެ ބޯ އަނބުރައިގެންފިއެވެ. ބާދްޝާ ކާރަށް އެރީ ކޮން އިރަކު ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އިރުކޮޅެއް ވުމަށް ފަހު ބާދްޝާ ކާރު ދުއްވައިލިއެވެ. އޭނާ އިސް އުފުލައި ބަލައިލިއެވެ. ބާދްޝާ އިނީ ފަހަތް ބަލާ ލޯގަނޑުން އޭނާޔާ ދިމާއަށް ބަލަބަލައެވެ. އޭނާ ކަންބޮޑުވެފައި އިން ސަބަބެއް އޮޅުން ފިލުވަން ވެގެން ސުވާލު ކުރަނީއެވެ. ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ ރުޚްސާނާއަށްޓަކައި މަލުގެ އިސްޓޭޖު ތައްޔާރުކޮށް އުފަލުން ފޮޅިފައި ހުރި މީހާއަށް ބޮނޑި ދޭން ރާވަމުން ގެންދާ ވާހަކަ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ ކަލޭ ތިޔަ ދަނީ މަޅިއެއްގައި ބެދޭށޭ ބުނާނީ ކިހިނެއް ހެއްޔެވެ؟

އޭނާ އެތައް އިރަކު ވިސްނުމަށް ފަހު ޖަވާބެއް ދީފިއެވެ. ގަބުރެއް ފަޅައި ކުދިކޮށް ކޮށާފައި އައީމާ ތަބީއަތަށް އެކަމުގެ އަސަރު ފޯރާފައި ހުރީ ކަމަށް ބުނެފިއެވެ. ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަރު ހިކެމުން ދިޔައެވެ. މާ ބޮޑަށް ފެންބޮވައިގެންފިއެވެ.

ބާދްޝާ އޭނާ ގޮވައިގެން ފުރަތަމަ ދިޔައީ ޖޫސް ދޭށެވެ. އެޔަށް ފަހު ކްލިފްޓަނަށެވެ. ގޮނޑުދޮށުގައި ތިބެގެން ދެމީހުން އެތައް ވާހަކައެއް ދެއްކިއެވެ. އެއީ އުފާވެރި ވަގުތުކޮޅެކެވެ. އޭނާ ގެންދިޔައީ ވާހަކަ ހަދަމުންނެވެ. ހަގީގީ ވާހަކަ ހިތުގައި އޮންނައިރު ވަނީ ހިތި ބޭހަކަށެވެ. ދުލަށް އައީމާ ވަނީ ލޯތްބަށެވެ. ބައެއް ވާހަކައަކީ ދެމިޔަލީ ކަނޑިއެކެވެ. އެކަން ފަރްޒާނާ ގެންދިޔައީ ތަޖުރިބާ ކުރަމުންނެވެ. ބައެއް ވާހަކަ މަލުގެ ހާރަކަށްވެސް ވެދެއެވެ. ބާދްޝާ އެ ދުވަހު ކުރި ތަޖުރިބާއަކީ އެއީއެވެ. އޭނާ ޒަޚަމް ކުރަމުން އެ ގެންދަނީ މަލުގެ ހާރަކުންނެވެ.

އިރުއޮއްސޭން ގާތްވީމާ އޭނާ ބާދްޝާ ގޮވައިގެން ރުޚްސާނާގެ ގެއަށް އަތުވެއްޖެއެވެ. މައިންބަފައިން ގާތު އޭނާ ބައިންދާފައި ފަރްޒާނާ ގޮސް ވަނީ ރުޚްސާނާގެ ކޮޓަރިއަށެވެ. އޭނާ ވަނުމާއެކު ރުޚްސާނާ ސުވާލު ކުރާން ފަށައިފިއެވެ. ކަންތައް ހިނގައިދިޔަ ގޮތުގެ މައުލޫމާތު ހޯދަން އޭނާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.

ފަރްޒާނާ ބުންޏެވެ. "ކެތްކޮށްބަލަ. މުޅި ރޭގަނޑު މިއޮތީއެއްނު؟ އަހަރެން ހުރިހައި ވާހަކައެއް ތަފުސީލުކޮށް ކިޔައިދޭނަން."

ބާދްޝާ ދާން ވެގެން ނުކުތުމުގެ ކުރިން ފަރްޒާނާ ކާރު ދޮށަށް ހިނގައްޖެއެވެ. އަނެއް ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ޢައްބާސީ ހަސްފަތާލު ދޮށުން ބައްދަލު ކުރާނޭ ވާހަކަ އޭނާ ބުންޏެވެ. އެ ވަގުތު ރުޚްސާނާގެ މަންމަ އެތެރެއިން ގޮވައިލިއެވެ. "ރުޚްސާނާ. އާދެބަލަ."

ބާދްޝާ ދިޔައީމާ އޭނާ އެތެރެއަށް ވަދެއްޖެއެވެ. ރުޚްސާނާގެ މަންމަ ބުންޏެވެ. "ދަރިފުޅާ. މިހާރު ދަރިފުޅު އޭނާޔާ ބައްދަލުކުރުން ރަނގަޅެއް ނުވާނެ. ދަރިފުޅުގެ މަސައްކަތް މިހައިތަނުން މި ނިމުނީ. ބޭނުމަކަށް ވެފައި އޮތީ އޭނާއަށް ދަރިފުޅުގެ މޫނު ދައްކައިލުން. މިހާރު އެކަން ވެއްޖެ. މީގެ ފަހުން ބައްދަލު ކޮށްފިއްޔާ އޭނާގެ ޝައުގުވެރިކަން ދާނީ ދަރިފުޅާ ދިމާއަށް. އެހެންވީމާ ބައްދަލުވެ އުޅުން ރަނގަޅެއް ނުވާނެ."

ރާވާފައި އޮތީ އޭނާ ރުޚްސާނާ ކަމުގައި ހެދިގެން ފަރްޒާނާގެ މޫނު ދައްކާށެވެ. އޭގެ ފަހުން އޭނާ މުޅި މަންޒަރުން އެކަހެރި ވާށެވެ. އެކަމަކު ބާދްޝާ ޖާނީއާއެކު ހޭދަކުރެވުނު ވަގުތުކޮޅަށް ފަހު ފަރްޒާނާގެ ހިތުން އެކަން ވަނީ ކެހިގެން ގޮސްފައެވެ. ބާދްޝާއާ ދުރުގައި ހުރުން އެއީ އޭނާއަށް ބަރުދާސްކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އެހެންވީމާ ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. "ބޮޑުދައިތާ. ތިޔަ ކިޔަނީ ކީކޭ؟ އަހަރެން ބާދްޝާ ޖާނީއާ ބައްދަލު ކުރަން ޖެހޭނެ."

ރުޚްސާނާގެ މަންމަ ސިހިފައި އަހައިލިއެވެ. "އެއީ ކީއްވެގެން؟"

ފަރްޒާނާ ކުޑަކޮށް ޖެހިލުންވެފައި ހުރެމެ ބުންޏެވެ. "އެއީ އަހަރެމެން މި ފެށި މަސައްކަތް ކުރިއަށް ގެންދާން ޖެހޭތީ. މަސައްކަތް ކުރިއަށް ގެންދެވޭނީ އޭނާ މިގެއަށް ގެނެސްގެން. އެކަން ކުރާނީ އަހަރެން."

ރުޚްސާނާގެ މަންމަ ކުޑަކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. "އާ. ތިޔައީވެސް ތެދެއް. މާދަމާ އަންނާށޭ އަހަރެން އޭނާ ގާތު ނުވެސް ބުނަން. އޭނާ ގެންނާން ޖެހޭނެ. އެންމެ ރަނގަޅު. އޭނާޔާ ބައްދަލު ކޮށްފައި ބުނާތި އަހަރެން ބުންޏޭ މާދަމާ މިގެއަށް އަންނާށޭ. އޭނާ އައީމާ ރުޚްސާނާގެ ބައްޕަޔާ އެކީ ބޭރަށް ފޮނުވާނީ. ދެމީހުން އެކީގައި ގޮސް އޭނާގެ ގެޔާއި ގޯތި ބަލާފައި އަންނާނެ. އަދި ކާރުގެ ލިޔުންތައްވެސް ބަލަން ވާނެ. އޭނާގެ އާއިލާގައި އެއްވެސް މީހަކު ހުރިތޯވެސް ވަރަށް ރަނގަޅަށް ބަލަން ވާނެ."

އެޔަށް ފަހު އެންމެން އެކި ކަހަލަ ޚިޔާލީ ފޮލާ ކައްކާން ފަށައިފިއެވެ. އެކި ކަހަލަ ރޭވުންތައް ރާވަން ފަށައިފިއެވެ. މައިގަނޑު ގޮތެއްގައި ދެކެވުނު ވާހަކައަކީ ކާވެނީގެ ހަފުލާއަށް ބާދްޝާގެ ފަރާތުން އަންހެނަކު އަތުވެއްޖެއްޔާ ވެދާނެ ގޮތުގެ ވާހަކައެވެ. އެ މީހަކު ރުޚްސާނާގެ މޫނު ބަލައިފައި ބާދްޝާ ގާތު ބުނެފިއްޔާ ޖެހިދާނޭ މައްސަލައެއްގެ ވާހަކައެވެ. ހުރިހައި ކަމަކާ މެދު ކުރިން ވިސްނައި ފިކުރު ހިންގުމަކީ މުހިއްމު ކަމެކެވެ. ބާދްޝާ ރަނގަޅަށް ބެދޭނޭ ގޮތެއްވެސް އޮތީ ހަދަން ޖެހިފައެވެ. އެ މަގުސަދު ހާސިލު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް ކަނޑައެޅީ ކާވެނީ ރަނަކަށް ފަންސާސް ހާސް ރުފިޔާ ކިޔުމެވެ. އެއީ ވަރިއަށް ހުރަސް އެޅުމުގެ ގޮތުން އަޅާން ގަސްތު ކުރި ފިޔަވަޅެކެވެ. ދެވަނަ ކަމަކަށް ހަމަޖެހުނީ ރުޚްސާނާ ދެކެ ބާދްޝާ ލޯބިވާ މިންވަރު ކަނޑައެޅިގެން ދާނޭ ކަމެކެވެ. އެއީ ގެޔާއި ގޯތި ރުޚްސާނާގެ ނަމަށް ބަދަލު ކުރުވުމެވެ. އެކަން ކާމިޔާބު ކުރެވިއްޖެ ނަމަ ރުޚްސާނާ ބުނާ ކޮންމެ ކަމެއް ބުނާ ގޮތަކަށް ކުރުން ބާދްޝާއަށް މަޖުބޫރު ވާނެއެވެ.

މި ޚިޔާލީ ފޮލާ ކެއްކުމުގެ ތެރޭގައި އިނދެފައި ފަރްޒާނާ އޭނާގެ ގެއަށް އަތުވެއްޖެއެވެ. އެނދުގައި އޮށޯވެގެން އޮވެ އޭނާ ވިސްނަމުން ގެންދިޔައެވެ. ހިތުގައި ވަނީ ބާވަތެއްގެ ބިރުވެރިކަމެއް އުފެދިފައެވެ. ސިކުނޑީގައި އޮތީ އުފުލަން ނުކުޅަދާނަ ވަރުގެ ބުރައެކެވެ. އޭނާގެ ކުރިމަތީގައި އެނބުރެނީ ބާދްޝާގެ ސޫރައެވެ. އޭނާގެ ހިތަށް އެރިއެވެ. އެ މައުސޫމު މީހާ އަހަރެމެންނަށް ކުރީ ކޮން އުނދަގުލެއް ހެއްޔެވެ؟ ކުޅައީ ކޮން ގެއްލުމެއް ހެއްޔެވެ؟ މިފަދަ ބޮޑު މަކަރެއް ހަދަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

ރުޚްސާނާގެ ބޭގަރާރުކަންވެސް ވަކީން ކުޑައެއް ނޫނެވެ. ފަރްޒާނާޔާ ނުލައި އެންމެ ސިކުންތެއް ހޭދަކުރުންވެސް މިހާރު އޭނާއަށް ވަނީ ބުރައަކަށް ވެފައެވެ. އެކަނި ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހުންނަނީ ފަރްޒާނާގެ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅައަޅައެވެ. އެހެންވީމާ ފަރްޒާނާ ނުކުމެގެން އައުމާއެކު އޭނާވެސް ނުކުމެއްޖެއެވެ. އެ ދިޔަ ގޮތަށް ގޮސް ވަނީ ފަރްޒާނާގެ ގެއަށް، އޭނާގެ ކޮޓަރިއަށެވެ. "އަހަރެން އެކަނި ކޮށްލާފައި އައިސް ނިދަނީތަ؟ ތިޔަ އުޅެނީ އަހަރެންގެ ފުށުން ސަލާމަތް ނުވެވިގެންތަ؟"

ފަރްޒާނާ ތެދުވެ އިށީނދެއްޖެއެވެ. ރުޚްސާނާ ހައިރާން ވެފައި އޭނާގެ މޫނަށް ބަލައިލިއެވެ. "ލޯ ތިޔަހަރީ ތެމިފައި. ރޮނީތަ؟ ކިހިނެއްވީ؟"

ފަރްޒާނާ ލޮލުގައި އަތް ޖައްސައިލިއެވެ. އެއީ ތެދެކެވެ. އޭނާގެ ލޯ ހުރީ ތެމިފައެވެ. އެކަމަކު އޭނާ ވަރަށް އަވަހަށް ސަމާލުވެލިއެވެ. "ކަމެއް ނުވޭ. ކުޑަކޮށް ބޮލުގައި ރިއްސަނީ."

ރުޚްސާނާ ކައިރިއަށް ޖެހިލިއެވެ. "ތެދުވޭ. އަހަރެންގެ ކުރިމަތީގައި ހުއްޓި އަހަރެން މޫނަށް ބަލަހައްޓައިގެން ހުރެ ބުނެބަލަ. ކިހިނެއްވީ؟ އަހަންނަށް އެއްވެސް ކަމެއް ސިއްރުކޮށްގެން ނުވާނެ."

ފަރުޒާނާ ކޮޅަށް ތެދުވެއްޖެއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. "އެއްވެސް ކަމެއް ނުވޭ. ރުޚްސާނާ ތިޔަ ކަންބޮޑު ވަނީ އެއްވެސް ކަމަކާ ނުލައި."

ރުޚްސާނާ އޭނާގެ ކޮނޑުގައި އަތް އަޅުވައިލިއެވެ. "ތިޔަ ވިސްނަނީ ބާދްޝާ ޖާނީއާ މެދުގައިތަ؟"

އޭނާ ރުޚްސާނާގެ ލޮލަށް ބަލައިލިއެވެ. އަދި ފުން ނޭވައެއް ލުމަށް ފަހު ބުންޏެވެ. "އަހަރެން މި ވިސްނާ ކަމެއްގެ ވާހަކަ ބުނެފިއްޔާ ފަހަރެއްގައި ރުޚްސާނާގެ ހިތުގައި ޖެހިދާނެ. ދެރަ ވެދާނެ."

"އަހަރެން ދެރައެއް ނުވާނެ. ހިތަކުވެސް ނުޖެހޭނެ. އަހަރެން ބޭނުން ވަނީ ވެގެން އުޅޭ ކަމެއް އޮޅުން ފިލުވަން. ސީދާ ތެދު ބަހުން ބުނޭ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.