ފަޅިމޫނު - 95

(26 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ އުފާވެފައި ބާދްޝާގެ ގައިގައި ހިފައި ތަޅުވައިލިއެވެ. "އާނ... އަހަރެން. މިއީ އަހަންނޭ. އަދި ނިކަން ގޮވައިލަބަލަ. ލޯ ހުޅުވަބަލަ. އަހަރެން މިއިނީ ކައިރީގައޭ. އަހަރެންގެ އަޑު އަހާބަލަ."

އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. ބާދްޝާއަށް އަޑު އިވެއެވެ. އެކި ކަހަލަ ހާސަރު އަމުނަމުންވެސް ދިޔައެވެ. އޭނާ ފުރޮޅިލިއެވެ. ފެންނަނީ ބައްތިއެއްގެ ފަނޑު އައްޔެވެ. ބައްތީގެ ބުޑަށް ހުރީ އަނދިރި އެޅިފައެވެ. އެކަމަކު ދުރުން އަލިކަން ފެނެއެވެ. އެހެން ހުރެފައި ބައްތީގެ ގާތަށްވެސް ނިދިއައީ ކަހަލައެވެ. އަނދިރި ވެއްޖެއެވެ.

ކުއްލިއަކަށް ލޯ ހުޅުވިއްޖެއެވެ. ކުޑަދޮރު ހުރީ ހުޅުވައިފައެވެ. އެތެރެއަށް އަވިދެއެވެ. އޭނާ އެ އޮތް ގޮތަށް އުއްޑުން އޮތީއެވެ. ބޮލުގައި އެބަ ރިއްސައެވެ. ތެދުވާ ހިތެއް ނުވެއެވެ. އޭނާ ލޯތްބާއެކު ގޮވައިލިއެވެ. "ރުޚްސާނާ."

ޖަވާބެއް ނުލިބުނެވެ. އަނބިމީހާއާއި ދަރިފުޅު ނެތްކަމުގެ ހަނދާން ކުއްލިއަކަށް ވެއްޖެއެވެ. ތާއަބަދު ބޮލުގައި ކޮށާ މައިދައިތައެއްވެސް ނެތެވެ. ކޮޓަރިތެރެއަށް އަވިދީފައި އޮތީމާ ކުޑަދޮރު ހުޅުވީ ކާކު ބާވައޭ ހިތަށް އެރިއެވެ.

އޭނާ ބޯ ހިއްލައިލާފައި ދޮރާ ދިމާއަށް ބަލައިލިއެވެ. ދޮރު ހުރީ ލައްޕައިފައެވެ. އެކަމަކު ތަންޑު އަޅުވައިފައެއް ނޫނެވެ. އޭނާ ވިސްނައިލިއެވެ. "އަހަރެން ރޭ ގެއަށް އައީ ކިހައި އިރަކު ބާވައެވެ؟ އަހަރެން ދޮރު ހުޅުވީ ކިހިނެއް ބާވައެވެ؟ ރޭ އަހަރެންގެ ގާތުގައި ކޮންމެވެސް މީހަކު އުޅުނެވެ."

އޭނާ ކުއްލިއަކާއެކު ތެދުވެ އިށީނދެއްޖެއެވެ. ހުހަށް އޮތް ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. ހަނދާނުގެ ބޮޅުތައް ގުޅޭން ފަށައިފިއެވެ. ޒުވާން އަންހެން ކުއްޖަކު ރޭގަނޑު ދަންވަރަކު ނާންނާނެއެވެ. އެކަމަކު ކަންފަތުގައި އަދިވެސް އޭނާގެ އަޑު ހަރުލައިފައި އެބަހުއްޓެވެ. ހޭލެވުނީމާވެސް ހުވަފެނުގައި އިވޭ އަޑުތައް ކަންފަތުގައި ގުގުމައިފައި ހުރުމަކީވެސް އެކަށީގެންވާ ކަމެއް ނޫން ހެއްޔެވެ؟ އޭނާ ރޭ އޮތީ ނިދާފައިތޯ އަމަލުވެފައިތޯ ކަނޑައަޅާން އުނދަގޫ ވެއްޖެއެވެ. ނިދީގައިނަމަ ފެންނާނީ ހުވަފެނުގައެވެ. އަމަލުވެފައި ހުރިއްޔާ ފެންނާނީ ސީދާ ހަމަލޮލަށެވެ. ހަމަލޮލަށް ފެނުނުކަން ޔަގީނެވެ.

އަހަރެން ހުރީ މަސްތުވެފައެވެ. އޭނާ ކޮޅަށް ތެދުވެއްޖެއެވެ. ބޫޓު ހުރީ އެނދުގެ ކައިރީގައި ބިންމަތީގައެވެ. ބޫޓާ އެކީގައި ނިދުމަކީ މީހަކާ އިނުމުގެ ކުރިން އޭނާ އާދަކޮށް ކޮށްއުޅޭ ކަމެކެވެ. މީހަކާ އިންފަހުން އޭނާގެ ބޫޓު ބާލައިދެނީ ރުޚްސާނާއެވެ. ރޭ ބޫޓު ބާލައިދިނީ ކާކު ހެއްޔެވެ؟

އޭނާގެ ބޮލުގެ ރިހުން ބޮޑުވާން ފަށައިފިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް ކުޑަދޮރު ލައްޕައިފިއެވެ. އަދި ފަރުވާތެރިކަމާއެކު ކޮޓަރި ތެރެއަށް ބަލާން ފަށައިފިއެވެ. ޝައްކެއް އުފެދިފައިވާ ކަމެއް ކަށަވަރު ކުރާން އުޅޭ ކަހަލައެވެ. ބޮކި ހުރީ ނިއްވައިފައެވެ. އޭނާގެ ހިތަށް އެރިއެވެ. އަހަރެން ދޮރު ހުޅުވާފައި އެނދާ ހަމައަށް އައީ ކަނުއަނދިރީގައި ހެއްޔެވެ؟

ބޭރުގައި އުޅޭ މީހާ ގެންދަނީ އޭނާ ވައުވައްދަމުންނެވެ. ފީކޯތް ކުޅެމުންނެވެ. ގޭގައި އުޅޭމީހާގެ އަޑު އަބަދު ހުންނަނީ ގޭތެރޭގައި ގުގުމައިފައެވެ. "ޖާނީ. ތެދުވީތަ؟ ސައި ތަށްޓެއް ގެންނަންތަ؟ މޫނު ދޮވެގެން އާދޭ. ލޯ ފޮހެލަބަލަ. ކުނި މޫނާ ސައިބޯކަށް ނުވާނެ..."

އޭނާއަށް ބޭ އިޚްތިޔާރުގައި ގަމީހުގެ އަތުކުރިން ލޯ ފޮހެލެވުނެވެ.

"ކަރިނުވާށޭ އެތައް ފަހަރަކު ބުނެފީމެއްނު؟ ދުވާ ނުބައި ވަސް... ދަތް އުނގުޅައިގެން އާދޭ. ރަނގަޅަށް އަނގަ ދޮވެގެން އާދޭ. ކަރުތެރެއަށް އަތް ބާނައިގެން ދޮންނާތި. ދޫކޮށްލާ. އަނގައިން ރާވަސް ނުކެނޑެނީހެއް އަހަރެން މި ކޮޓަރިއަކަށް ނުވަންނާނަން."

އޭނާ ބަދިގޭ އިސްކުރުން މޫނު ދޮވެލައެވެ. ބަދިގެ ހުޅުވައިލާން ހިތަށް އެރީމާ ޖީބުގައި އަތް ޖައްސައިލިއެވެ. ތަޅުދަނޑިފައްޗެއް ނެތެވެ. އޭނާ ބަދިގެއަށް ނުވަދެ އެނބުރި އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ބާލީހު ދަށަށް ތަޅުދަނޑިފަތި ލައިގެން ނިދުމަކީ އަންހެނުންގެ އާދައެކެވެ. ތަޅުދަނޑިފަތި އޮތީ ބާލީހުދަށުގައެވެ. އޭނާ ހައިރާންވެފައި ވިސްނައިލިއެވެ. ރުޚްސާނާއެއް ނެތެވެ. ޖީބުގައި އޮތް ތަޅުދަނޑި ނުކުމެގެން ގޮސް ބާލީހުދަށަށް ވަނީ ކިހިނެއް ހެއްޔެވެ؟

އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. ކޮންމެވެސް މީހަކު މިގެއަށް ވަދެފައި ނުކުމެގެން ދިޔަކަން ގައިމެވެ. އެކަމަކު އެއިން ކަމެއްގެ ހެއްކެއް ފެންނާކަށް ނެތެވެ. އޭނާ ގޮސް ބަދިގޭގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ހައިރާންވީ ވަރުން އަނގަ ހުޅުވުނެވެ. މުޅި ބަދިގެ އޮތީ އެފުށް މިފުށަށް ޖަހައިފައެވެ. ރުޚްސާނާއަކީ ވަރަށް ތަރުތީބު ބޮޑު މީހެކެވެ. ހުރިހައި އެއްޗެއްމެ ހުންނަނީ ވަކި ތަރުތީބަކުން ނުލާހިކު ރީތިކޮށް ބަހައްޓައިފައެވެ. މިހާރު ހާލަތު އޮތް ގޮތަށް ބަލާއިރު ހީވަނީ ގެއަށް ވަގު ވަދެފައި ހުރީ ހެންނެވެ. ބަދިގެ ހާވައިގެން ކާއެއްޗެއް ނުފެނުނީމާ އަލަމާރިން ފައިސާކޮޅެއް ފެނޭތޯ ހާވާފައިވެސް ހުރެދާނެއެވެ. އޭނާ އަނެއްކާވެސް ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

އަލަމާރި ހުޅުވައި ބަލައިލިއެވެ. އެއްވެސް އެއްޗެއްގައި އަތްވެސް ޖައްސައިލާފައެއް ނެތެވެ. ރުޚްސާނާ ތަރުތީބުކޮށްފައި ހުރި ގޮތަށް އަންނައުނުވެސް ހުއްޓެވެ. އެއްވެސް އެއްޗެއް ނުއެއް ގެއްލެއެވެ. ރަން އަގޮނޓިއާއި ފަސް ސަތޭކަ ރުފިޔާ ބޭއްވި ތާނގައި އޮތެވެ. އޭނާ ރުޚްސާނާގެ ޑައިރީ ނަގައި ބަލައިލިއެވެ. ގޭތެރޭގެ ކަންތައްތަކުގެ ވާހަކައާއި ފިރިމީހާގެ ވާހަކައާއި ދަރިފުޅުގެ ވާހަކަ ޖަޒުބާތީ ގޮތްގޮތަށް ލިޔުމަކީ ރުޚްސާނާ އާދަވެގެން ކުރާ ކަމެކެވެ. ބާދްޝާ އެއް ފަހަރަކު ދެތިން ސަފުހާ ކިޔައިވެސްލިއެވެ. އޭގެ ފަހުން ވަގުތެއް ނުވެއެވެ. އަދި ވަގުތެެއް ވީ ކަމުގައި ވިޔަސް ކިޔާ ހިތެއް ނުވެއެވެ.

އޭނާ އަލަމާރި ލައްޕާފައި ގޮސް އަނެއްކާވެސް ބަދިގެއަށް ވަދެއްޖެއެވެ. ދަތް އުނގުޅީ ބަދިގޭގައި ހުރެެގެންނެވެ. ރަނގަޅަށް އަނގަވެސް ދޮވެފިއެވެ. ރުޚްސާނާ ބުނާހައި ގޮތަކަށް ކަންތައް ކުރާން އޭނާއަށް ހުންނަނީ އާދަ ވެފައެވެ. މޫނުވެސް ދޮވެލައިގެން ކޮޓަރިއަށް އައިސް ލޯގަނޑު ކައިރީގައި ހުއްޓި ހުރެގެން ތުވާލިން މޫނު ހިއްކައިލިއެވެ. އޭނާ ގަސްތުކުރީ ރުޚްސާނާ ބުނެފައިވާ ގޮތަށް މަންމަގެއަށް ގޮސް ހެނދުނުގެ ނާސްތާ ކުރާށެވެ.

ބޯ އޮމާން ކުރާން ހުރެފައި އެއްލި ކަޅިއަކުން އޭނާއަށް އެހެން މީހެއްގެ އަސަރު ފެނިއްޖެއެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި އޭނާގެ ހިތް ބާރަށް ތެޅޭން ފަަށައިފިއެވެ. ގަމީހުގެ ގޮށެއްގައި ހަރުލާފައި އެހެރީ ދިގު ދެތިން އިސްތަށްޓެވެ. އޭނާ ދެލޯ ބޮޑު ކޮށްގެން ބަލާން ފަށައިފިއެވެ. އެއީ ފަންފަން އިސްޓަށްޓެވެ. ކަޅެވެ. ފަށުވިހައި ނާޒުކެވެ.

ބާދްޝާ އެ އިސްތަށި ނަގައިފިއެވެ.

އެއީ އިއުލާނެކެވެ.

ހާޒިރީއެކެވެ.

އޭނާއަށް ހެކި ލިބިއްޖެއެވެ.

އޭނާގެ ގަމީހުގައި ހަރުލާފައި ހުރި އިސްތަށްޓަކީ ވަކި މީހަކު ނަގާފައި ހުރި ދިދައެކެވެ.

* * *

އޭނާ ފާޚާނާއަށް ވަދެ ރަނގަޅަށް ފެންވަރައިގެން ނުކުމެ އައު ހެދުމެއް ލައިފިއެވެ. އަދި ލޯގަނޑު ދޮށަށް ހުއްޓި ތެތް އިސްތަށިގަނޑުގައި ފުނާ އަޅާން ފަށައިފިއެވެ. ދިގު އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައިރު އޭނާގެ ހަނދާނުގައި ސިފަވަމުން ދަނީ ރޭގެ މަންޒަރުތަކެވެ. ފެންވެރިކަމުގައި ވިޔަސް އޭނާގެ ހިތަކަށް އަރާމެއް ނުލިބެއެވެ. ހީވަނީ ރޭގަނޑު ހަތަރުދަމު ގަބުރުސްތާނެއްގައި އުޅެފައި އައި މީހަކު ހެންނެވެ.

މީހަކު ބޭރު ދޮރުގައި ޓަކި ޖަހައިލީ އަޑު އިވިފައި އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އައީ ބާވައެވެ؟ އޭނާގެ ހިތް ތެޅިގެންފިއެވެ. އޭނާ ކޮޓަރިން ނުކުމެގެން ގޮސް ބޭރު ދޮރާ ކައިރިއަށް ޖެހިލައިފައި އަހައިލިއެވެ. "ކާކު؟"

ބޭރުން އިވުނީ މަންމަގެ އަޑެވެ. "އަހަރެން... ދޮރު ހުޅުވަބަލަ."

އޭނާ ދޮރު ހުޅުވައިލިއެވެ. "އައްސަލާމް އަލައިކުމް މަންމާ..."

މަންމަ ޖަވާބެއް ނުދިނެވެ. ކަޅި ހުއްޓިފައި ހުރީ އޭނާޔާ ދިމާއަށެވެ. މަންމަގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ. މަންމަގެ ކައިރީގައި، ބިންމަތީގައި ދަތުރުމަތީ ދަބަސް ހުއްޓެވެ. ފަރުޒާނާ ކުރިއަށް ޖެހިލުމަށް ފަހު ބަދަސް ނަގައިފިއެވެ. "މަންމާ. ނުވަދެ ހުރީ ކީއްވެގެން؟ ގޭތެރެއަށް ވަދެބަލަ."

މަންމަ އެތެރެއަށް ވަދެއްޖެއެވެ. ފަރުޒާނާ ދޮރު ލެއްޕުމަށް ފަހު އަހައިލިއެވެ. "މި ގަޑީގައި ރޭލެއް ނާންނާނެ. މަންމަ އައީ ބަހުގައިތަ؟"

މަންމަ އަނގައިވެސް ނުބުނެ އެތެރެއަށް ވަދެ އިށީނދެއްޖެއެވެ. އަނގައިން ނުބުނި ކަމުގައި ވިޔަސް މަންމަގެ ލޮލަށް ބަލައިލީމާ ލައްކަ ކަންތައް ދޭހަ ކުރެވޭވަރުވެއެވެ. މަންމަ އެންމެ ފަހުން އަހައިފިއެވެ. "ރޭ އުޅުނީ ކޮންތާކު؟"

މަންމަގެ ސުވާލުގައި ހުރީ އަމުރުވެރި ރާގެއް ނޫނެވެ. ކަރުނައިގެ އަސަރެވެ. ދަރިފުޅުގެ ދުލުން ހަގީގަތް ހާމަކުރުމާއެކު ބާރަށް ރޮއިގަންނާން ތައްޔާރަށް އިނީ ކަހަލައެވެ. މަންމަ ރޮއްވާކަށް ފަރުޒާނާ ބޭނުމެއް ނޫނެވެ. އެހެންވީމާ ޖެހިލުންވެފައި ހުރެގެން ބުނެލިއެވެ. "އަހަރެން އުޅުނީ ގޭގައި."

"ގޭގައި އުޅުނީ ބޭރުން ދޮރު ތަޅުލާފައިތަ؟"

"މަންމަ އައީ ކޮން އިރަކު؟"

"ދޮގު ހަދާނީ އަހަރެން އައި ވަގުތެއް އެނގުނީމާތަ؟ އަހަރެން އައީ ރޭ އަށެއް ޖެހިއިރު. ބަލިމީހުން މިގޭދޮށަށް އައިސްފައި ދާތަން ފެނުނު. އޭގެ ފަހުން އަހަރެން އައީ ރޭ އެގާރަ ޖެހިއިރު... އޭގެ ފަހުން އެކެއް ޖެހިއިރު... ދެން ފަތިހު ހަތަރެއް ޖެހިއިރު... ދެން ހެނދުނު ހައެއް ޖެހިއިރު... މިހާރު އެ ޖެހީ ނުވައެއް."

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.