އެވޯޑް ހޯދުމަށް އެއްވެސް ލާރިއެއް ހޭދަކޮށްފައެއް ނުވާނެ: ސަޢީދު

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަގުބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" އިން ހޮވާ އެންމެ ކުޅަދާނަ ސީއީއޯގެ އިނާމު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު އަށް ވަނީ ލިބިވަޑައިގެންފައެވެ.

މިއީ ފެނަކައިގެ ކުރިއެރުމަށް އެމްޑީ ސަޢީދު ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި ފާހަގަ ކޮށްލެވޭ މަސައްކަތް ވަޒަންކޮށް ދީފައިވާ އެވޯޑެކެވެ. ފެނަކައިގެ ކުރިއެރުމަށް އީޖާދީ ބިނާކުރަނިވި މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވައިފައެވެ. މި އިނާމު ސަޢީދަށް ލިބިވަޑައިގެންފައި ވަނީ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވި ވާދަވެރި ހޮވުމަކުންނެވެ. ސަޢީދަށް ލިބިވަޑައިގެންނެވި އެވޯޑަށް އޭޝިއާ ސަރަހަދުގެ ނަން ހިނގާ 50 ޔުޓިލިޓީ ކުންފުނިން ވަނީ ވާދަކޮށްފައެވެ.

ފެނަކައިގެ އެމްޑީއަށް ލިބިވަޑައިގެންނެވި އެވޯޑާ ބެހޭގޮތުން ބައެއް ފަރާތްތަކުން ދަނީ ފާޑްކިޔުންތައްވެސް އަމާޒު ކުރަމުންނެވެ. އެ ފާޑްކިއުންތަކަށް ރައްދު ދެއްވަމުން އެމްޑީ ސަޢީދު ވިދާޅުވީ، އެވޯޑު ހޯދުމަށް އެއްވެސް ލާރިއެއް ކުންފުނިން ވެސް އަދި އޭނާ އަމިއްލަ އަތުންވެސް ހޭދަކޮށްފައި ނުވާނެކަމަށެވެ. މި އެވޯޑަކީ މީގެ 15 އަހަރުކުރިން ފެށިގެންވެސް ދެމުން އަންނަ އެވޯޑެއްކަމަށެވެ. ކުރިން ކުންފުނިން އެކަމަށް ކުރިމަތި ނުލުމަކީ އޭރުގައި ތިބި ބައެއްގެ މައްސަލައެއް ކަމަށެވެ. އެވޯޑަށް ކުރިމަތި ލުމަށް ދައުވަތު ލިބުމުން އެކަމަށް ހުށަހެޅީކަމަށެވެ. އެވޯޑް ދީފައި ވަނީ ހުށަހެޅި ލިޔެކިޔުންތައް ބަލައި އެސެސްކުރުމަށްފަހުގައި ކަމަށް ވެސް މި ސަރަހައްދު އެންމެ ވަރުގަދަ ސީއީއީގެ އެވޯޑް ހޯއްދެވި އެމްޑީ ސަޢީދު ފާހަގަކުރެއްވިއެވެ.

"މިއީ ފެނަކައިގެ އިސްވެރިއަކަށް ހުރި މީހަކަށް ލިބުނު އެވޯޑެއް. މިހާރު އަޅުގަނޑު ހުރީމާ އަޅުގަނޑަށް މިލިބުނީ. މިއީ އެއްގޮތަށްކަށް ވެސް އަޅުގަނޑުމެން ލާރިދީގެން ހޯދި އެއްޗެއް ނޫން، ލިޔެކިޔުންތައް މެއިލްކޮށް ހެދުމަށް އިންޓަރނެޓް ޚަރަދަށް ދިޔަ އެއްޗެއް ދިޔައީ. ކަން އޮންނަ ގޮތް ނުބަލާ އެގޮތަށް، ބައެއް މީޑިއާތަކުން މަޢުލޫމާތު ހާމަކޮށްފައި ވަނީ. އެހެން އެކަން ކުރުމުން އެމީޑިއާތަކުގެ އަގު ވެއްޓުން ނޫން ކަމެއް ނުވާނެ." ސަޢީދު ވިދާޅުވިއެވެ.  

އެމްޑީ ސަޢީދަށް ލިބިވަޑައިގެންނެވި އިނާމުގެ އިތުރަށް ތިން އިނާމެއް ފެނަކައަށް ވެސް ވަނީ ލިބިފައެވެ. އެއް އިނާމަކީ ޕަވަރ ޕްލާންޓް އަޕްގްރޭޑް އޮފް ދަ އިޔަރ (ރާއްޖެއިން) އެވެ. މި އިނާމު ލިބިފައިވަނީ ފެނަކައިން ލ.ގަމުގައި ޤާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢަށެވެ.މި ގިންތިން އިނާމު ހާސިލުކުރި އެހެން ބޮޑެތި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ.

ތިންވަނަ އިނާމަކީ ޕަވަރ ޔުޓިލިޓީ އޮފް ދަ އިޔަރ (ރާއްޖެއިން) ގެ އިނާމެވެ. މިއީ ގައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަށް ދެވޭ އިނާމެކެވެ.

ހަތަރުވަނަ އިނާމަކީ ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދަ އިޔަރ (ރާއްޖެއިން) އެވެ. މި އިނާމު ލިބިފައިވަނީ ގދ. މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ގާއިމު ކުރުމަށް ރާވައި ފެށުމައް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫޢަށެވެ.

 

އަދިވެސް އެންމެ ހިތްހަމަ ޖެހޭ ވަރަށް މަސައްކަތެއް ނުކުރެވޭ!

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ އެންމެ ކުޅަދާނަ ސީއީއޯގެ އިނާމު ފެނަކައިގެ އެމްޑީ އަޙްމަދު ސަޢީދަށް ލިބިވަޑައިގެންފައި ވީނަމަވެސް އެންމެ ހިތްހަމަ ޖެހޭ މިންވަރަށް އަދި ވެސް މަސައްކަތް ކުރެވިފައ ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ފާހަގަ ކޮށްލެވޭފަދަ މަސައްކަތްތަކެއް އޭނާގެ ހިންގުމުގެ ދަށުން ފެނަކައިން ޙާޞިލް ކުރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.

އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ސަޢީދު ފާހަގަ ކުރެއްވީ ފުރަތަމަ ފަހަރަށް ކުންފުނީގެ ފުރިހަމަ އޮޑިޓެއް ކުރެވުމެވެ. އަދި ކުންފުނީ ހަރުމުދަލުގެ އަގުމަގުކޮށް އެތަކެތީގެ ރަޖިސްޓްރީއެއް ނުވަތަ ދަފުތަރެއް އެކުލަވާލުމެވެ. ކުންފުނީގެ ހަރުމުދަލުގެ އަގުމަގުކުރިއިރު ދެބިލިއަން ރުފިޔާއަށް ވުރެ މަތިކަން ވެސް އެމްޑީ ފާހަގަ ކުރެއްވިއެވެ.  

ފެނަކައިގެ އޮޑީޓް ރިޕޯރޓުން އެނގުނު ގޮތުގައި 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ވަނީ ހޯދައިފައެވެ. މި ފަދަ ފައިދާއެއް ހޯދިފައި ވަނީ ކުންފުނިން ތެލުންކުރަމުން އައި ވައްކަމާއި ކުންފުނިން ތަކެތި ގަތުމުގެ ނަމުގައި ކުރަމުން އައި އިސްރާފު ހުއްޓުމަކަށް ގެނެވިފައި ވުމުންކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ. މިސަރުކާރު ހަވާލުވުމުގެ ކުރިން ހަތް އަހަރު ދުވަހުގެ ތެރޭގައި ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައި ވަނީ 79 މިލިއަން ރުފިޔާކަމަށް ވެސް އެމްޑީ ފާހަގަ ކުރެއްވިއެވެ.

ފެނަކައަކީ އެންމެ ފުޅާ ދާއިރާ ގައި ރާއްޖެއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެމުން އަންނަ ކުންފުންޏެވެ. މާލޭގެ އިތުރުން ތިން އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ ކަރަންޓްގެ ޚިދުމަތް  ދެމުން އަންނީ ފެނަކައިންނެވެ. ރާއްޖޭގެ އާބާދީގެ 75 އިންސައްތަ ކަރަންޓް ޚިދުމަތް ފޯރުކޮށް ދެމުން ދަނީ ފެނަކަ އިންނެވެ. ރާއްޖޭގެ އެންމެ ބޮޑެތި އަތޮޅުތައް ހިމެނޭ ގޮތަށް 154 ރަށަކަށް ފެނަކައިން އަންނަނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދެމުންނެވެ. ކަރަންޓްގެ ޚިދުމަތުގެ އިތުރުން 53 ރަށެއްގެ ނަރުދަމާއާއި 48 ރަށެއްގެ ފެނުގެ ނިޒާމު މެނޭޖްކޮށް ބަލަހަށްޓަމުން ދަނީ ވެސް ފެނަކައިންނެވެ.

ފެނަކައިގެ އެމްޑީ ސަޢީދު ވިދާޅުވީ ރައްޔިތުން ފެނަކައިގެ ޚިދުމަތް މިހާރު ވަނީ ބަލައިގެންފައި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކަރަންޓްގެ ޚިދުމަތް މެދު ނުކެޑި ފޯރުކޮށް ދެވެމުން ދިއުމުން ޝަކުވާތައް ހުއްޓުމެވެ. އަދި އެކުންފުންޏާ ގުޅިގެން ރައްޔިތުން މަސައްކަތް ކުރުމެވެ.

ލ. ގަމު މަރުކަޒީ އިންޖީނުގޭގެ ހިދުމަތަކީ މިހާތަނަށް ކުންފުނިން ކުރި މަސައްކަތް ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްމަސައްކަތް ކަމަށް އެމްޑީ ސަޢީދު ފާހަގަ ކުރެއްވިއެވެ. ތިމާވެށީގެ ގޮތުންނާއި ހަރަދުގެ ގޮތުން ވެސް، ވަރަށް ރަނގަޅު ބަދަލުތަކެއް މިއިންޖީނުގޭގެ ސަބަބުން އައިސްފައިވާކަމަށް ފާހަގަ ކުރެއްވިއެވެ.

"މިހާރު ރަށްޔިތުންނަށް ބަނގީގެ އަޑު އިވޭނެ. ގޭގައި ތިބެ ހިތްހަމަ ޖެހުމާއެކު އެކަކު އަނެކަކަށް ވާހަކަ ދައްކާލެވޭނެ. ކަޅުދުމާއި އަޑުފަގަޑުން ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށް ވަމުންއައި އުދަނގޫތަކަށް ނިމުމެއް ގެނެވިއްޖެ. ޒަމާނުއްސުރެ ހަމަކަރަންޓް ނުލިބިގެން އުޅެންޖެހުނު ރައްޔިތުންނަށް ބޭނުންވާ ހަމަ މިންވަރަށް ކަރަންޓު ލިބިއްޖެ. ސިނާއީ މަސައްކަތް ތަކަށް ބޭނުންވާ ވަރަށް ކަރަންޓު ލިބޭނެ ކަމުގެ ޔަގީންކަން ހޯދައި ދެވިއްޖެ" އެމްޑީ ސަޢީދު ވިދާޅުވިއެވެ.

އޭޝިއާގެ އެންމެ މަތީ ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" ގެ ޕަވަރ ޕްލާންޓް އަޕްގްރޭޑް އޮފް ދަ އިޔަރ (ރާއްޖެއިން) ފެނަކައަށް ލިބިފައިވަނީ ލ.ގަމުގައި ޤާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަސްރޫއަށެވެ. މި ގިންތިން އިނާމު ހާސިލުކުރި އެހެން ބޮޑެތި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ. އެހެންކަމުން މިއީ މިމަސްރޫއުގެ ފުރިހަމަކަން ކަށަވަރުކޮށްދޭނެ ހެއްކެކެވެ.

އެމްޑީ ސަޢީދު ވިދާޅުވީ ގަމުގައި ތަރައްގީކުރި ކަރަންޓް ވިއުގައަކީ ކުރިއަށް އޮތް 30 -25 އަހަރަށް ވެސް ޚިދުމަތްދެވޭވަރުގެ ވަރުގަދަ ވިއުގައެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އިރުވަޔަށް ޓިނު ބަދަލުކޮށްފައި ހުޅަނގަށް ކަޑަޖަހާ ގޮތަށް މަސައްކަތް ކުރާބައެއް ނުން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ހިސާބު ޖަހައިގެން އެހިސާބުތައް ހަޤީޤަތަކަށް ވާގޮތަށް" ކުންފުނީގެ މަސައްކަތްތަކުގެ ހަރުދަނާކަން ހާމަކުރައްވަމުން އެމްޑީ ސަޢީދު ވިދާޅުވިއެވެ.

ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ފެށިގެން ދިޔައިރު އިންޖީނުގެތައް ގާއިމްކޮށްފައި ވަނީ ރަށުގެ އެންމެ މުހިންމު ސަރަހައްދުގައެވެ. އެންމެ ގިނަ މީހުން ހިދުމަތްތައް ހޯދަންދާންޖެހޭ ސިއްހީ ހިދުމަތްދޭ ތަންތަނާއި ރަށު އޮފީސްތަކާއި ސްކޫލާއި މިސްކިތްފަދަ ތަންތަން ހުންނަ ސަރަހައްދުގައެވެ. ނަތީޖާއަކަށްވީ އާއްމު ރައްޔިތުންނަށް ކަރަންޓުން ލީބޭ ފަސޭއަށްވުރެ އެކަމުންވާ އުދަނގުލާއި ތުރާ އިތުރުވުމެވެ. އެގޮތަށް ހުރި އިންޖީނުގެތައް އާބާދީތަކާ ދުރަށް ގެންދިއުމަކީ ފެނަކައިން އަމާޒު ހިފައިފައިވާކަމެކެވެ. ކުރިއަށް އޮތް އަހަރު ތެރޭގައި އެއަމާޒަށް ވާސިލުވުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތަށް ބަދަލު ކުރަންޖެހޭ 60 އިންޖީނުގެ ހުރިއިރު 49 އިންޖީނުގޭގެ މަސައްކަތް ވަނީ ފަށައިފައެވެ. އެހެންކަމުން އަލަށް މަސައްކަތް ފަށަން ޖެހޭނީ އެގާރަ އިންޖީނު ގޭގައެވެ.

އަގަށް ހެޔޮބަދަލެއް ގެނެވޭނީ އިއާދަކުރަނިވި ހަކަތައިން!

ރާއްޖޭގެ ކަރަންޓްގެ ޚިދުމަތް ދިނުމަށް ތެލަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑެވެ. އެހެންކަމުން އެނޫން ގޮތަކަށް ކަރަންޓް އުފެއްދުމުގެ މަސައްކަތަކީ ސަރުކާރުތަކުން އިސްކަމެއް ދީގެން ކުރަމުން އައި ކަމެކެވެ. ފެނައަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކަރަންޓް ޚިދުމަތްދޭ ކުންފުންޏަކަށް ވާއިރު އެކުންފުނިންވެސް ގެންދަނީ އިއާދަ ކުރަނިވި ހަކަތައަށް ކަރަންޓްގެ ޚިދުމަތް ބަދަލު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން 43 ރަށެއްގައި 12 މެގަވޯޓްގެ ކަރަންޓް އުފެއްދުމުގެ މަޝްރޫޢުތައް ރޭވިފައިވާކަން އެމްޑީ ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން ބައެއް ރަށްރަށުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އޭޝިއާގެ އެންމެ މަތީ ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" ގެ ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދަ އިޔަރ (ރާއްޖެއިން)  ފެނަކައަށް ލިބުމަކީ މިދާއިރާއިން ކުންފުނިން ކުރަމުންދާ މަސައްކަތުގެ އަގުހުރި މިސާލެކެވެ. އިނާމު ލިބިފައިވަނީ ގދ. މަޑަވެލި އަދި ހޯޑެއްދޫގައި ގާއިމުކުރުމަށް ރާވައިފައުވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަސްރޫއަށެވެ.

ފެނަކައިގެ އެމްޑީ ސަޢީދު ރައްޔިތުންނަށް ދެއްވަން ބޭނުންވާ ޔަޤީންކަމަކީ އެކުންފުނިން ކުމެދު ނުކެނޑި ހަމަ ކަރަންޓް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމެވެ. ނަމަވެސް ޚިދުމަތުގެ އަގު ހެޔުވުން ގުޅިފައި ވަނީ އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކުރެވި، ތެލަށް ބަރޯސާވުން ކުޑަކުރެވިގެން ކަމެވެ. އެމްޑީގެ އަމާޒު ހުރީ އެދިމާއަށެވެ. ހަމައެކަނި ކުންފުންޏަށް ފައިދާ ހޯދުމަކަށް ނޫނެވެ. ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ އަގު ވެސް ހެޔޮ ކުރުމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.