ހޯމް ސޯލަރ ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުން: ސައީދު

ހޯމް ސޯލަރ ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިކަން ހާމަކުރެއްވީ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ މިހާރުވެސް ދެ މެގަވޮޓަށްވުރެ ގިނައިން ސޯލަރ ހަރުކުރުމަށް ރައްޔިތުން އެދިފައިވާ ކަމަށެވެ. އަދި 1 މެގަވޮޓްއަށްވުރެ ގިނަ ސޯލަރ ހަރުކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ހޯމް ސޯލަރގެ އިތުރަށް ވެސް 14 މެގަވޮޓްގެ ސޯލަރ ބޭނުންކުރަމުން އަންނަކަމަށާއި މިއަހަރު ނިމުމުގެ ކުރިން އިތުރު 20 މެގަވޮޓް އިންސްޓޯލްކޮށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ފެނަކައިގެ ބޮޑު ދައުރެއް އޮންނަކަމަށެވެ.

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖެއަކީ ތިމާވެއްޓާއި ރަށްޓެހި ގޮތްތަކަށް ކަރަންޓު އުފައްދާ ޤައުމުކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރަށްރަށުގައި ކަރަންޓު ބޭނުންކުރާ އެންމެ މަތީ ޢަދަދުގެ %70 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހޭދައިން އެތައް ގުނައެއް ކުޑަވާނެއެވެ.

ސަރުކާރުގެ ޢަމާޒަކީ 2023 ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ %26 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.