ފެނަކައިން ރައްޔިތުންގެ ޝަކުވާ އަޑުއަހާނީ ހިނިތުންވުމާއެކު: އެމްޑީ

ފެނަކަ ކޯޕަރޭޝަނަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެތައް ޚިދުމަތެއް ފޯރުކޮށްދެމުން ގެންދާ ސަރުކާރުގެ ކުންފުންޏެވެ. އެތައް ރަށަކަށް ފެނުގެ ޚިދުމަތް ފޯރޮކޮށްދެއެވެ. އެތައް ރަށަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި އެންމެ ފުޅާކޮށް ފޯރުކޮށްދެމުން ގެންދަނީ ކަރަންޓުގެ ޚިދުމަތެވެ.

މިފަދަ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުންޏަކާމެދު ރައްޔިތުންގެ ލައްކަޝަކުވާއެއް ހުންނާނެތާއެވެ. އެހެންނަމަވެސް އެ ޝަކުވާތަކަށް ކުންފުނިން މިހާރު ބީރުކަންފަތެއް ނުދޭނެ ކަމަށް މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެނަކައިގެ މިހާރުގެ މެނޭޖުމެންޓަކީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އެކަންކަމަށް ޙައްލު ހޯދައިދިނުމުގެ ކެތްތެރިކަމާއި ގާބިލިއްޔަތުކަން ހުރި މެނޭޖުމަންޓެއް ކަމަށެވެ.

އެކުންފުނިން މަސައްކަތްކުރާނީ ޝަކުވާތައް މަދުކޮށް ފެންވަރު ރަނގަޅު ޚިދުމަތަކަށް މަގުފަހިކޮށްދިނުން ކަމަށް ސަޢީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްރައްޔިތުން އުފުލާ އަޑު އަބަދުވެސް ކުންފުނިން އަހާނީ އުފަލުން ކަމަށެވެ. ހިނިތުންވުމާއި އޯގާތެރި ކަމާއެކީގައެވެ.

އެމްޑީ ސަޢީދު ވިދާޅުވީ ރައްޔިތުން އަސާސީ ޚިދުމަތް ބޭނުންވެގެން އުފުލަމުންދާ ޝަކުވާއަކީ އަކީ ޝަކުވާއެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ޝަކުވާގެ ނަމުގައި އުފުލާ އަޑަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ކަމަށާއި އެމީހުން ބޭނުންވެގެން އެގޮވަނީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތަށް ކަމަށް އެމްޑީ ވިދާޅުވިއެވެ. އެއިން ދޭހަކޮށްދެނީ ފަނައިން ފޯރުކޮށްދޭ ޚިދުމަތް ރައްޔިތުންނަށް ބޭނުންވާ މިންވަރާއި މުހިންމުކަން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

އެހެންކަމުން ފެނަކައިން ކުރަންޖެހޭނެ ކަމަކީ ރައްޔިތުންގެ އަޑުތައް އަހައި އެމީހުންގެ އިހުސާސްތައް ދެނެގަނެ ހިނިތުންވުމާއެކު އެމީހުންނަށް ޚިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ފެނަކަ އުފެއްދީ ރައްޔިތުންނަށްޓަކައެވެ. އެހެންކަމުން ރައްޔިތުންގެ އަޑު ނާހައި ކުންފުންޏަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އެޅޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދުގެ ފެނަކައިގެ މެނޭޖުމެންޓުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތަކީ ވެސް ގޮންޖެހުން ބޮޑު ޚިދުމަތްތަކެއް ކަމަށާއި އެހެންނަމަވެސް ގޮންޖެހުންތައް ހައްލުކޮށް ނުވަތަ މަދުކޮގެން ރައްޔިތުންގެ ޑިމާންޑު ތަކާއެއްވަރަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ސަޢދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަންވީހާ ވެސް އަވަހަށް ފުރިހަމައަށް ކޮށްދިނުމެވެ. ފެނަކަ އަބަދުވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް ސަޢީދު ވިދާޅުވިއެވެ.

"އަދުގެ ފެނަކައިގެ ކާމިޔާބީއަކީ ކޮމްޕެނީގެ ހީވާގި މުރާލި މުވައްޒަފުން. އެމީހުންނަކީ ކޮމްޕެނީ އެންމެ އަގުބޮޑުރައުސުލްމާލު. އެކަން އެގޮތަށް ބަލައިގެން ކުރެވޭ މަސައްކަތުގެ ފޮނި ނަތީޖާ މިއަދު ފެނިގެން މިދަނީ،" ސަޢީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.