މިއަދު ލިޔެލަން މި ގަސްދުކުރަނީ އުނގެނުމުގައި ދަރިވަރުން ބާރުވެރިކުރުމާ ގުޅޭގޮތުންނެވެ. ބާރުވެރިކުރުވުން މާނަކުރެވެނީ ކިޔަވައިދިނުން ރޭވުމުގެ ކުރިން އަދި ކިޔަވައިދެމުންދާއިރު ވެސް ދަރިވަރުންގެ ހިއްސާ ބޮޑަށް ހިމަނައިގެން އެކުދިންނަށް ކޮންޓްރޯލްދީގެން އުނގެނުން ރޭވުމަށެވެ. މިގޮތުން ދަރިވަރުން ބާރުވެރިކުރުމާއި ދަރިވަރުން ބައިވެރިކުރުވައިގެން ކިޔަވައިދިނުމުގައި ތަފާތެއް ފާހަގަ ކުރެވެއެވެ. ބައިވެރިކުރުވައިގެން ކިޔަވައިދޭއިރު، ބޮޑަށް މަސައްކަތް ކުރެވެނީ ދަރިވަރުންގެ ޝައުގުވެރިކަން ކިޔަވައިދޭން އުޅޭ އެއްޗަކަށް ހޯދުމަށެވެ. ނަމަވެސް ބާރުވެރިކުރުވާނަމަ ކަންކުރެވޭ ގޮތަކީ ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދީ، އެ މަޢުލޫމާތާއި ހުނަރު ބޭނުންކޮށްގެން އެމީހުން ގަޔާވާ މަސައްކަތްތައް ކުރުވުމެވެ. މިގޮތަށް ގެންދެވޭ ކުލާސްރޫމެއްގެ ޢަމަލީ މިސާލަކީ ކިޔަވައިދޭއިރު، ދަރިވަރުން، ސީދާ ޝައުގު ހުންނަ ކަންކަމާ ގުޅުވައިގެން ދިރިއުޅުމުގައި އެ ކުދިންނަށް ކުރެވޭނެ މަސައްކަތްތަކާއި އަދި މުސްތަގްބަލުގައި އެ ކުދިން އަދާކުރަން ބޭނުންވާ ވަޒީފާ ނުވަތަ އިތުރަށް ތަޢުލީމު ހާޞިލުކުރަން ބޭނުންވާ ދާއިރާތަކާއި ގުޅުވައިގެން ކިޔަވައިދިނުމެވެ. ދަރިވަރުންގެ ބައިވެރިވުން ފިލާވަޅަށް އޮންނަ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ލިޔުއްވާފައިވާ އެއް ބޭފުޅަކީ ފިލްޕް ސެލްޗީއެވެ. އޭނާގެ ލިޔުއްވުންތަކުގައި އިޝާރާތްކުރައްވަނީ ބައެއްފަހަރު ދަރިވަރުން ޝައުޤުވެރިވަނީ ސީދާ އެ ކުރަންހަވާލު ކުރެވޭ ކަމެއްގެ މާބޮޑު ބޭނުންތެރިކަމެއް އެކުދިންނަށް އެނގިގެން ނޫންކަމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޝައުގުވެރިވާ ކަންތައްތަކެއް ހިމެނޭތީ މުދައްރިސް ބުނުމުން އެކަން ކުރަނީއެވެ. ނަމަވެސް މަސައްކަތްކުރަނީ ދަރިވަރުންގެ އަމިއްލަ މާބޮޑު އިންޓްރިސިކް މޯޓިވޭޝަން (އަމިއްލަ ގަޔާވުމެއް) އެކަމަކަށް އޮވެގެން އޭގެ ބޭނުންތެރިކަމެއް ދަރިވަރުންނަށް ސީދާ އޮވެގެންނެއް ނޫނެވެ (ސެލްޗީ، 2002). މިރައުޔުގެ އަލީގައި ބައެއް ޢިލުމުވެރިން ވަކާލާތުކުރައްވާ ގޮތުގައި އުނގެނެން ޖެހޭ ބައިތަކަކަށް ދަރިވަރުންގެ އަމިއްލަ ޝައުގުވެރިކަން (އިންޓްރިންސްކް) އޮވެގެން އެކަމެއް ދަސްކުރަން ބޭނުންވުމަކީ މުހިންމު ކަމެކެވެ (ސްޕެންސަރ، 2019). މިޒަމާނުގެ ތަޢުލީމީ ނިޒާމުގައި ހަމައެކަނި ބޭނުންވަނީ ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމުގެ އިތުރުން ބާރުވެރި ވެސް ކުރުވައިގެން ކިޔަވައިދިނުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ދަރިވަރުންގެ މުސްތަގުބަލަށް ބޭނުންވާ ގަޔާވާ ކަންތައްތަކަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ފަރުމާކުރުމަށެވެ.
ކިޔަވައިދިނުމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ތަޖުރިބާރެއް ކަމަށްވާ ޖޯން ސްޕެންސަރ (2019) ދާދިފަހުން އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ މުހިންމު ވާހަކަކޮޅެއް ހިއްސާކޮށްލާނަމެވެ. އޭނާ ވިދާޅުވަނީ، ކިޔަވަން ޖެހޭތީ ކިޔެވުމާ ދަރިވަރުން ސީދާ ބޭނުންވެގެން ކިޔަންވަންޖެހޭ ކިޔެވުމާއި ވަރަށް ބޮޑަށް ތަފާތުވާނެކަމަށެވެ. މިސާލަކަށް އުނގެނެން ޖެހޭ ބައެއްގައި ހަވާލުކުރެވޭ މަސައްކަތެއް ފުރިހަމަ ކުރަނީ މުދައްރިސް ހަވާލު ކުރީމާ ކުރަންޖެހޭތީ ކަމަށްވާނަމަ އޭގައި އެ ވަނީ ކިޔަމަންތެރިކަން އަދާކުރުމެވެ. ނަމަވެސް އެ ކަންކުރުމުގައި ދަރިވަރުންގެ ޝައުގުވެރިކަމާ ގުޅޭ ކަންތައްތަކެއް ހިމެނޭނަމަ ވަނީ ދަރިވަރުން ބައިވެރިވުމަށެވެ. މި ދެ ކަމުގެ އިތުރުން ކުރާ ކަމަކީ ނުވަތަ ކުރަން ޖެހޭ ކަމަކީ ދަރިވަރުން ބޭނުންވެގެން އެ ކުދިންނަށް މުހިންމު ކަންތައްތަކެއް އޭގައި ވާކަން ގަބޫލުކުރެވި އެ ކަމުގެ ފުރިހަމަ ޒިންމާއާ އެކު ކުރާނަމަ އެ ވަނީ ބާރުވެރިކުރުވިފައެވެ. ކުރުކޮށް ދަންނަވާނަމަ، ދަރިވަރުން ކުރަންބޭނުންވެގެން ޒިންމާނަގައިގެން ކުރާ މަސައްކަތްތަކުގައި އެ ވަނީ ހަމައެކަނި ބައިވެރިވުމެއް ނޫނެވެ. ބާރުވެރި ވެސް ކުރުވިފައެވެ. މިޒަމާނުގެ ދަރިވަރުންނަށް އުގަންނާދިނުން އެންމެ ބޮޑަށް ރަގަޅީ ބާރުވެރިކުރުވައިގެން ކަމުގައި ޖޯން ސްޕެންސަރ ވަކާލާތުކުރައްވައެވެ. ސަބަބަކީ ދުނިޔެ މިވަނީ އެތަށް ކަމަކަށް ހުޅުވާލެވިފައެވެ. ހަމައެކަނި ކިޔަމަންތެރިކަން އަދާކުރުމަށް ކުރާ ކަމެއް ނަމަ އެ އުނގެނޭ ބައިތަކެއްގެ ފުރިހަމަ ބޭނުން ދަރިވަރުންނަށް ނުލިބެއެވެ. މި ޚިޔާލުތަކަށް އިޝާރާތްކޮށް ދެވިފައިވާ ވީޑިއޯ ލިންކްގައި އިތުރު ތަފުސީލު ޖޯން ޝަރަހަކޮށްދެއްވައެވެ. ޖޯން ސްޕްންސަރގެ (2019) ހިއްސާކުރައްވާފައިވާ ޚިޔާލު ހޫލަ 1 ގައި ދައްކާލެވިފައި އެވަނީ އުނގެނުމުގައި ދަރިވަރުންނަށް ބާރު ނުވަތަ ކޮންޓްރޯލް ދެވޭއިރު ހިމެނޭ 3 ބައެވެ. ދަރިވަރު ސީދާ ބޭނުންވެގެން އުނގެނުމުގެ ހަރަކާތެއް ފުރިހަމަ ކުރާނަމަ އޭގައި ދަރިވަރުންގެ ސުލޫކަށް ބަދަލު އައުން ވެސް އަދި ވަކި ކަހަލަ ހުނަރެއް ދަސްވުން ވެސް މާ ބޮޑަށް ހިމެނޭނެއެވެ. އޭރުން މުދައްރިސް އެ ހަވާލުކުރާ މަސައްކަތެއް ފުރިހަމަ ކުރުމުގައި ދަރިވަރުގެ އަމިއްލަ ޒިންމާ/އޮވްނާރޝިޕް ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
އިސްވެދިޔަ ކަންކަމަށް އިޝާރާތްކޮށް، ދަރިވަރުން ބާރުވެރިކުރުވިދާނެ ވަރަށް ގިނަ ގޮތްތައް ތަޖުރިބާކާރުން ހުށަހަޅުއްވައެވެ. ތިރީގައި ދެންނެވިފައިވާ ޚިޔާލުތަކަކީ އެޑޯރާ ސްވިޓެކް (2012) އަދި ޖޯން ސްޕްންސަރގެ (2019) މި ދެ ޢިލުމުވެރިންގެ ލިޔުއްވުންތަކަށް ބާރޯސާވެގެން ހިމަނާލެވިފައިވާ ނުކުތާތަކެކެވެ. މިގޮތުން ޚުލާޞާކޮށް މިދެބޭފުޅުންގެ ރައުޔުތަކާ އެކު އަޅުގަނޑުގެ ވިސްނުންތަކާއި މިސާލުތައް ހިމަނައިލެވިފައިވާނެއެވެ. ދަރިވަރުން ބާރުވެރިކުރުވައިގެން ކިޔަވައިދޭ ވަރަށް ގިނަ ގޮތްގޮތުގެ ވާހަކަ މި ދެބޭފުޅުންގެ ލިޔުއްވުންތަކުގައި ތަފުސީލުދެއްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ގޮތްތައް މިތާގައި ހިމަނައިލާނަމެވެ.
(1) ދަރިވަރުންގެ އަޑު ފޯރުކޮށްދިނުމަށް ފުރުސަތުދިނުން
ޢާއްމުކޮށް މުދައްރިސުންނަށް ސްކޫލުގެ ތެރެއިން ފާހަގަކުރެވޭ އެއް ކަމަކަށްވާނީ ދަރިވަރުން އެ ކުދިންނަށް ކިޔަވައިދޭ ގޮތާއި މުދައްރިސުން ކަންކަން ކުރާ ގޮތާ ބެހޭ ގޮތުން ފާޑުކިޔުމެވެ. "އެ މުދަރިސް ކިޔަވައިދެނީ މިހެން"، "މާރކް ކުރިއިރު ފީޑްބެކްދިނީ މިހެން"، "ވަރަށް ދަށްކޮށް މާކުސް ދިނީ"، "ވަރަށް ހަރުކަށި މުދައްރިސެއް"، "ވަރަށް އަޅާ ނުލާ މުދައްރިސެއް"، "ލަހުން އާދެވުނީމަ ބުނީ މިހެން" މިފަދަ އެތައް ކަމަކާ ބެހޭ ގޮތުން ދަރިވަރުން މުދައްރިސުންގެ ކިޔަވައިދިނުމުގެ ވާހަކަދައްކައެވެ. މިތާގައި ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، މުދައްރިސަކީ ހަމަ ދަރިވަރުގެ މަގާމުގައި ހުރެ ވިސްނާ މުދައްރިސެއްނަމަ ވިސްނުމަށް ގެނެވިދާނެ ބަދަލެވެ. ދަރިވަރުންގެ ޚިޔާލުތަކާ އެކު ކުލާހުގައި ކިޔަވައިދިނުން ފަރުމާކުރުމާއި، މާކުކުރާއިރު ވެސް އެ ކުދިންގެ ހިއްސާ ވެސް ހިމެނޭ ގޮތަށް މާރކުރުމުގެ މަސައްކަތް ގެންދިޔުމާއި، ކިޔަވައިދިނުމަކީ މުދައްރިސް އެކަނި ކުރާކަމެއްގެ ބަދަލުގައި ދަރިވަރުންނާ ބައިވެރިވެގެން ރޭވޭ މަސައްކަތަކަށް ހެދެމެވެ. ހަގީގަތަކަކީ ކިޔަވައިދެނީ ދަރިވަރުންނަށް ކަމަށްވުމުން އެކަން އެންމެ ބޮޑަށް ގުޅޭނީ ވެސް އެ ކުދިންނާއެވެ. އެހެންކަމުން ކިޔަވައިދިނުން ރާވާއިރު ވެސް އެ ކުދިންގެ ހިއްސާއާއި އަޑު އޭގައި ބައިވެރިކުރުމުން ދަރިވަރުންގެ އުނގެނުން މާ ބޮޑަށް ވެސް ކާމިޔާބު ވާނެއެވެ. ދަރިވަރުންގެ ރޯލު ބޮޑުކުރުމުގައި އެ ކުދިން ބައިވެރިވުން އިތުރު ކުރެވޭނީ އެ ކުދިން ބާރުވެރި ވެސް ކުރުވައިގެންނެވެ. ދަރިވަރުންނަކީ އެމީހުންގެ އުނގެނުމުގެ އަމިއްލަ ޒިންމާ ނަގާ ބަޔަކަށް ހެދޭނީ ވެސް އެ ކުދިން ބާރުވެރި ކުރުވައިގެންނެވެ.
(2) ކުލާހުގެ ހަރަކާތްތައް ރޭވުމުގައި ވެސް ދަރިވަރުންނާއި މަޝްވަރާކޮށްގެން ހަމަޖެއްސުން
މިފަދަ ކަންކަމަކީ ކުރީގެ ގަދީމީ ކިޔަވައިދިނުމުގެ ގޮތްތަކުގައި އެންމެ ބޮޑަށް ގަބޫލުކުރެވޭ ސްޓޭންޑައިޒްޑް ޓެސްޓްތަކާއި މުޅި ކިޔަވައިދިނުން ސަމޭޓިވް/ފައިނަލް ސްކޯރއަކަށް ބަރޯސާވެގެން ކިޔަވައިދިނުމާ ވަރަށް ތަފާތު ގޮތްތަކެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކިޔަވައިދެނީ ސްކޯރތަކެއް ހޯދައި، އެ ސްކޯރތައް މަތިކުރަން ނޫންކަމެވެ. އެއާ ޚިލާފަށް ސްކޯރ ހޯދުން ވާންޖެހޭނީ ދިރިއުޅުމުގައި އެކުދިންނަށް މުހިންމުވާ ބައިތަކެއްގައި އެ ކުދިންގެ ބައި/ދައުރު ބޮޑުކޮށް ރޭވޭ އަދި ވަކި މަޢުލޫމާތެއް/ހުނަރުތަކެއްގެ ބޭނުންތެރިކަން އެނގި މުހިންމުކަން ގަބޫލުކުރެވިގެން އުނގެނޭ ބައިތަކަކަށެވެ. އެންމެ މުހިންމު ސުވާލަކީ 'އަހަރެން މިވެނި އެއްޗެއް ކިޔަވަން ޖެހޭނީ ކީއްވެ ކަން" ދަރިވަރުންނަށް ރަނގަޅަށް ސާފުކޮށް އެނގުމެވެ. ވަކި ކަމެއް ކުރެވެނީ ވަކި ބާވަތެއްގެ މަޢުލޫމާތެއް ނުވަތަ ހުނަރެއް ލިބިގެން ކަން ދަރިވަރުންނަށް އެނގެން ޖެހެއެވެ. އަދި ތަފާތު ގިނަ ބާވަތުގެ މަޢުލޫމާތާއި ހުނަރުތައް ލިބިދިނުމަކީ އަމިއްލަ ހުނަރުތައް ހޯދައި ދެނެގަތުމަށް އެހީތެރިވެދޭ ކަމެއްކަން ދަރިވަރުންނަށް، ސީދާ ގަބޫލުކުރެވި، ބަލައިގަނެވެން ވެސް ޖެހެއެވެ. މުދައްރިސަށް އެކަން ހަމައެކަނި އެނގިފައި އޮތުމަކުން ނުފުދެއެވެ. ކިޔަވައިދޭން އުޅޭ މައުޟޫޢަކީ ދިރިއުޅުމުގައި ކިހާ ބޭނުންތެރި ބައެއްކަމާއި، އެހެންވީމާ ދެން އަންނަ ދުވަހު މުދައްރިސު ކުލާހުގެ ޙަރަކާތް ގެންދަން ވިސްނަނީ މިހެންނޭ، ތިޔަ ކުދިންގެ ޚިޔާލުގައި މިއަށް އިތުރުކޮށްލަން ފެންނަ ކަމަކީ ކޮބައިހޭ؟" މިފަދަ ގޮތަކަށް ދަރިވަރުންނާ އެކު ހުޅުވާލެވިފައިވާ މަޝްވަރާތަކެއް ކުރެވި، ވާހަކަ ދެކެވުމަކީ ކިޔަވައިދިނުމުގައި ދަރިވަރުން ބާރުވެރިކުރުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެވެ. މިސާލަކަށް ދެން ކިޔަވަން އޮތް މައުޟޫޢަކީ މުޅިން ވެސް ހިސާބުގެ ބައިވަރު ފޯމިއުލާތަކެއް ރަނގަޅަށް ދަސްކޮށް ހިތުން އެނގެން ޖެހޭ ބައިތަކެއްވީމަ މުދައްރިސް ވިސްނަނީ ގުރޫޕް ޕްރޮޖެކްޓެއް ގޮތަށް އެފޯމިޔުލާރތަކާ ގުޅޭ ޢަމަލީ ކަންތައްތަކެއް ކޮށް ޕޯސްޓަރުތަކެއް ހަދާފައި ކުލާހުގެ ބޭރުގައި ޑިސްޕްލޭ/ފެންނަގޮތަށް ބެހެއްޓުމަށޭ، ތިޔަ ކުދިންނަށް ފެންނަ އެހެން ގޮތްތަކެއް ވެސް ހުށަހަޅައި ލެވިދާނެޔޭ، މިފަދަ މަޝްވަރާތައް ކުރުމަކީ، ޢަމަލީ ގޮތުން ދަރިވަރުން ބައިވެރިކުރުމުގައި މުދައްރިސުގެ ކިޔަވައިދިނުން ފަރުމާ ކުރެވިދާނެ ގޮތެކެވެ.
(3) ދަރިވަރުންނާ އެކު މަސައްކަތުގައި ބައިވެރިވުން
ފިލާވަޅާ ގުޅޭ ބައިތައް ހިމަނައިގެން ދެވޭ ޕްރޮޖެކްޓް މަސައްކަތްތަކުގައާއި ގުރޫޕް މަސައްކަތުގައި މުދައްރިސު ބައިވެރިވުމުން، ކިޔެވުމަކީ ވަރަށް އެއްކޮށް ކުރެވޭ މަސައްކަތެއް ގޮތަށް ދަރިވަރުންނަށް ވިސްނޭނެއެވެ. ދަރިވަރުން މަސައްކަތްތައް ކުރާ ގޮތަށް، ތަފާތު ޕްރޮޖެކްޓްތައް ނިންމާއިރު މުދައްރިސު ވެސް ހަމަ ޢަމަލީ ގޮތުން ބައިވެރިވުން ހިމެނެނީ ދަރިވަރުންނަށް ލިބިދޭ ވަރަށް ބޮޑު ހިތްވަރަކަށެވެ. އޭގެ އިތުރުން އެ ކުދިންނާ އެކު އެއްހަމައެއްގައި މުދައްރިސު ވާކަމާއި، އެ ކުދިންނަށް ވެސް އެކަމުގައި ގަރާރުތައް ނެގުމުގައި ބާރުވެރިކަން އިހުސާސްކުރުމަށް ފުރުސަތު ލިބިދެއެވެ. މިގޮތުން އެއް ގުރޫޕް އަނެއް ގުރޫޕަށް ފީޑްބެކްދޭއިރު ވެސް ހަމަ ދަރިވަރެއްގެ މަގާމުގައި އިނދެ ފީޑްބެކް ދިނުމާއި ހުރިހާ ދަރިވަރުންނާ ބައިވެރިވެގެން މަޝްވަރާކޮށް މަސައްކަތްތައް ރަނގަޅުކުރުމުގައި މުދައްރިސު ބައިވެރިވެއެވެ. މީގެއިތުރުން މުދައްރިސާއި ދަރިވަރުންގެ ފަރަގު އިހުސާސް ކުރެވޭ މިންވަރު ކުޑަކޮށް ކުލާސްރޫމުގެ މާހައުލަކީ ވަރަށް ގާތުން މުޢާމަލާތުކުރެވޭ އެންމެންގެ ހިއްސާ އެކުލެވޭ ތަނެއްކަން ދަރިވަރުންނަށް އިހުސާސްކޮށްދިނުމަކީ ވެސް ދަރިވަރުން ބާރުވެރިކުރުމަށް ގެންގުޅެވިދާނެ މުހިންމު އުކުޅެކެވެ.
(4) ދަރިވަރުންނާއި ގުޅޭ މިޒަމާނުގެ ތަފާތު ޓެކްނޮލޮޖީގެ ވަސީލަތްތައް ކިޔަވައިދިނުމުގައ ބޭނުން ކުރަން ފުރުސަތު ދިނުން
މިޒަމާނުގެ ކުދިންނަކީ 21 ވަނަ ގަރުނުގެ ޑިޖިޓަލް (ސުމޭކު) ޓެކްނޮލޮޖީގެ ތަފާތު ގިނަ ބާވަތްތަކެއްގެ ވަސީލަތްތަކަށް ވަރަށް އަހުލުވެރި ކުދިބައެކެވެ. ހަމަ އެހެންމެ މި ތަކެއްޗަކީ އެކުދިންގެ އާންމު ދިރިއުޅުމުގެ ވަރަށް ބޮޑު ހިއްސާއެއް ވެސް މެއެވެ. ސްނެޕްޗެޓް، ފޭސްބުކް، ޓްވިޓާރ، އިންސްޓާގްރާމް، ޔޫޓިޔުބް، ގޭމް ސައިޓްތައް، ޓިކްޓޮކް، އަދި ވެސް މިނޫން ދަރިވަރުން ޢާއްމުކޮށް ބޭނުންކުރާ ތަފާތު ޕްލެޓްފޯމުތަކާއި މިނޫނަސް އެކުދިން ދަންނަ ވަސީލަތްތައް ބޭނުންކޮށްގެން އުނގެނުމުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ފުރުޞަތު ދިނުން މިއީ އެކުދިން ބާރުވެރިކުރުވުމަށް ވަރަށް ބޮޑު ޖާގައެއް ދެވޭ ގޮތެކެވެ. މިއިން ކޮންމެ ޕްލެޓްފޯމަކަށް ސީދާ މުދައްރިސް އަހުލުވެރިވުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. އެއާ ޚިލާފަށް ދަރިވަރުން ދަސްކުރާ ކޮންސެޕްޓެއްގެ ޝަރަހަ ނުވަތަ ތަފުސީލުތައް އެކުދިން ބޭނުންވަނީ ޓިކްޓޮކް ނުވަތަ ފޭސްބުކްގައި ހުށަހަޅަންކަމަށްވާނަމަ އެހުށަހަޅާ ޕްލެޓްފޯމަކަށް އެކްސެސްވުމަށް މުދައްރިސަށް ވެސް އިންވައިޓް/ދަޢުވަތުދީ އޭގައި ދަރިވަރުންގެ މެދުގައި ދެކެވޭނެ ވާހަކަތަކާއި މަޝްވަރާތަކަކީ ސީދާ އުނގެނުމުގެ ތެރެއަށް ވަދެ ލާމެހިގެންދާ ކަންތައްތަކަށް ހެދިދާނެއެވެ. މީގެ ސަބަބުން ވަރަށް ގިނަފައިދާތައް ލިބެއެވެ. އެއްކަމަކީ ދަރިވަރުންގެ އަމިއްލަ ދިރިއުޅުމުގައި ލިބިދީފައިވާ ނުހަނު ގިނަ ހުނަރުތަކެއް ސީދާ އުނގެނުމާއި ގުޅުވައިގެން ކުރިއަރުވަން މަސައްކަތް ކުރެވި އުނގެނުމަކީ އާންމު ދިރިއުޅުމާއި ވަކި ކުރެވިފައިވާ އެއްޗެއް ކަމުގެ އިހުސާސް ކުޑަވުމެވެ. މީގެ ސަބަބުން ދަރިވަރުން ކިޔަވާ ބައިތަކުގެ ބޭނުންތެރިކަން ބޮޑަށް ހާމަވެ އަދި އެ ބައިތައް ބޮޑަށް ދޭހަވުމުގައި ވެސް އެހީތެރިވެދެއެވެ. ހަމައެހެންމެ ދަރިވަރުންގެ އަމިއްލަ ގޮތް ބޭނުންކުރުމާއި އުފެއްދުންތެރި ޚިޔާލުތައް ކަންކަމުގައި ނެރުމަށް ވެސް މަގުފަހިވެއެވެ.
(5) ދަރިވަރުންގެ ހަޔާތުގައި އާންމުކޮށް ފެންނަ ކަންކަމާ/މައްސަލަތަކާ ގުޅުވައިގެން ފިލާވަޅުގެ ބައިތައް ގެންދިޔުން
މިސާލަކަށް، މިޒަމާނުގައި ސްކޫލުގެ ތެރޭގައި ދަރިވަރުން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ގަނާކުރުން، ގުރޫޕް ހަދާއިގެން ބާރުގެ ބޭނުން ކުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުން، ޑްރަގްނެގުން، ޖިންސީ ގޯނާކުރުން، ފުރައްސާރަކުރުން، ފަދަ ނޭދެވޭ ބައިވަރު ކަންތައްތަކެއްގެ ތެރެއަށް ދަރިވަރުންނަށް ނޭނގި ތިބެ ވަދެވޭ ތަން އާދެއެވެ. މިފަދަ ކޮންމެ މައްސަލައަކީ ސީދާ އެކުދިންގެ މުސްތަގުބަލާ ގުޅޭ ކަންކަމެވެ. ދަރިވަރުންގެ ހަޔާތުގައި ދިމާވާ މިފަދަ ނޭދެވޭ މައްސަލަތަކަކީ ކިޔަވައިދިނުމުގެ ބޭރުން މެނޭޖުކުރަން އެހާ ކާމިޔާބުކަމާއެކު ކުރެވޭ ކަމެއްނޫނެވެ. އެއާ ޚިލާފަށް ތަފާތު މާއްދާތަކުގެ ޕްރޮޖެކްޓްތައް ގޮތަށް އަދި އެކި ފޯރަމްތަކުގައި ދަރިވަރުން ގުރޫޕްކޮށް ކޮލެބޮރޭޓިވްކޮށް މަސައްކަތްތަކެއް ހަވާލު ކުރެވުމުން އެކަންކަމާމެދު ލޯހުޅުވި ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ނިންމުމުގައި ވެސް ދަރިވަރުންގެ ހިއްސާއާ ބާރު ހިމަނާލެވެއެވެ. ދަރިވަރުންގެ ހަޔާތުގައި ހިނގާ ކަންކަން ބަދަލު ކުރެވޭނީ ސީދާ ދަރިވަރުންގެ މެދުގައި އެކަމެއް ބަދަލު ކުރުމުގެ ރޫހެއް އުފެދިގެންނެވެ. މިރޫހު އުފެއްދުމުގައި އެންމެ މުހިންމު ކަމަކީ ދަރިވަރުން އެ ކަމެއްގައި ބާރުވެރި ކުރުވުމެވެ. ބުނެގެން ނަސޭހަތްދީގެން، ކިޔައިދީގެން، ބިރުދައްކައިގެން، އަދަބުދީގެން، މި ޒަމާނުގައި ދަރިވަރުންގެ ސުލޫކީ މައްސަލަތައް ހައްލުކުރުމަކީ އެހާ ފަސޭހަ ގޮތްތަކަކަށް ނުވެއެވެ. މިފަދަ ކަންކަމުގައި އެންމެ މުހިންމުވަނީ ކަންކަން ބަދަލު ކުރުމުގައި ދަރިވަރުންނަކީ އެކަމުގެ އެޖެންޓުން/ބަދަލުކުރާފަރާތްތަކަށް ހެދުމެވެ.
(6) ދަރިވަރުން ކުރަމުންދާ މަސައްކަތްތައް އަމިއްލައަށް ވަޒަންކޮށް ބަލަން ފުރުސަތުދިނުން
މި ޒަމާނުގެ ކިޔަވައިދިނުމުގައި އެންމެ ބޮޑަށް ސަމާލުވާންޖެހޭ އެއްކަމަކީ ކުރިންވެސް އިޝާރާތްކުރެވިފައިވާނެ ފަދައިން ކިޔަވަން އުޅޭ ވަކި ބައަކާ ގުޅޭ ގޮތުން ދަރިވަރުންނަށް ކުރިޔާލައި ރަނގަޅަށް އެނގުމެވެ. މީގެ ތެރޭގައި ޚާއްޞަކޮށް ކިޔަވަން އުޅެނީ ކޮން އެއްޗެއްކަން، ކީއްވެގެންކަން، ކީއްކުރަންކަން، ކޮން ބޭނުމެއްގައިކަން ދަރިވަރުންނާ އޮންނަން ޖެހެނީ މަޝްވަރާކުރެވިފައެވެ. ހަމަ މިއާއެކު ދަރިވަރުން އުނގެނެމުން ދާ އެއްޗެއް އެނގެނީ ކިހާ މިންވަރަކަށްކަން އަމިއްލައަށް ވަޒަން ކުރެވި ދަރިވަރުން އެއްބަޔަކު އަނެއް ބަޔަކުގެ މަސައްކަތް ވެސް ވަޒަންކުރުމުގެ ފުރުސަތު އޮންނަން ޖެހޭނީ ހަމަޖެހިފައެވެ. މިފަދަ ކަންކަމުން ދަރިވަރުންނަށް ދެވޭ މައިގަނޑު މެސެޖަކީ އުނގެނުމަކީ ވަރަށްގިނަ މިސްޓޭކްސް/ކުށްތައް އެކުލެވޭ ކަމެއްކަން، ހުރިހާ ފަހަރަކު ހުރިހާ ކަމެއް ފުރަތަމަ ކުރެވޭނީ ރަނގަޅަކަށް ނޫންކަން ގަބޫލުކުރުމެވެ. އެހެންކަމުން ވަކި ގޯލަކާ ހަމައަށް ދެވުމުގެ ކުރިން ދިމާވާ އެތައް ކަމެއް ހުންނަކަން ބައެއް ކަންތައްތައް އެޖަސްޓް/ބަދަލުކުރަން ވެސް ޖެހޭކަން، ބައެއް ކަންކަން އަމިއްލައަށް ކުރާއިރު، އަނެއްބައި ކަންކަން އެހެންމީހުންނަށް ބަރޯސާވެގެން ވެސް ކުރަންޖެހޭކަން ދެނެގަނެވުމެވެ. މިފަދަ ގޮތަކަށް އުނގެނުން ކުރިޔަށް ގެންދެވޭއިރު ދަރިވަރުގެ އަމިއްލަ ރިވެލި/ރިފްލެކްޝަން އަދި މުދައްރިސާއި އެކުގައި އުޅޭ އެހެން ބައިވެރިންގެ ވެސް އެހީތެރިކަން އުނގެނުމުގައި ވަރަށް ބޮޑަށް ހިމެނިގެންދާކަން ފާހަގަ ކުރެވުމެވެ. މިވާހަކަ ކޮޅުގެ މައިގަނޑު ޚިޔާލަކީ ޖޯން ސްޕެންސަރ (2019) އިޝާރާތްކުރައްވާ ގޮތުގައި ހޫލަ 2 ގައި އެފެންނަ ގޮތްގޮތަށް އުނގެނުމުގައި ދަރިވަރުން ބާރުވެރިކުރުވުމެވެ.
(7) ކްރިޓިކަލްކޮށް ވިސްނާ އާ ޚިޔާލުތަކުގެ މައްޗަށް ކަންކަން ކުރަން ފުރުސަތު ދިނުން
ސީދާ މުދައްރިސު ކިޔައިދީގެން ހަމަޖައްސާފައި ހުންނަ ކަންކަމަށް ހަމައެކަނި ބަރޯސާވެގެން ކަންކަން ކުރުމަށްވުރެ، ދަރިވަރުންގެ އަމިއްލަ ޚިޔާލާއި ވިސްނުންތަކާއި އެއްކޮށްގެން އާ ޚިޔާލުތައް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ދަރިވަރުން އުގެނުމުގައި ބާރުވެރިކުރުމަށް ވަރަށް ބޭނުންތެރި ގޮތެކެވެ. މިތާގައި މި މާނަކުރެވޭ ގޮތަކީ އާ ގޮތްތަކާ އާ ކަންތައްތަކާއި ގޮތްތައް ހޯދުމަށް ބާރު އެޅުމެވެ. މިސާލަކަށް ކުރަހާ މީހުން މިޔުޒިކް ކުޅޭ މީހުން ތަފާތު އަމިއްލަ އުފެއްދުންތައް ނެރެއެވެ. ނަމަވެސް އެ މީހުންގެ އަމިއްލަ އުފެއްދުންތަކާ ހަމައަށް ދިއުމުގެ ކުރިން އެތައް ކަމެއް އޭގެ ކުރިން ކުރެއެވެ. މާނައަކީ ޚިޔާލުތަކެއް ކުރެވިގެން، ކަންތައްތަކެއް ކޮށްގެން ވިސްނުންތަކެއް އެއްކޮށްގެން ނޫނީ އާ ޚިޔާލަކަށް ދިއުން ދުރުވާނެއެވެ. މިގޮތަށް ދަރިވަރުންގެ އުނގެނުން ފަރުމާ ކުރެވޭނަމަ އަބަދުވެސް ސީދާ ކަމެއް އޮންނަގޮތްނޫން އެހެން ގޮތްގޮތަށް ވިސްނުމުގެ ޖާގަ ދެވެން ޖެހޭނެއެވެ. ޖުމުލަގޮތެއްގައި ދަރިވަރުން ބާރުވެރި ކުރުވެނީ އުނގެނުމުގައި އެ ކުދިންގެ މިނިވަންކަން ވަރަށް ބޮޑަށް ހިމަނައިގެންނެވެ.
(8) އުނގެނުމުގައި ސީދާ ވަކި ގޮތަކަށް ބަރޯސާވުމަށް ވުރެ ބަދަލުވަމުންދާ ކަމެއް ގޮތަށް ޚިޔާލުކުރަން ފުރުސަތު ދިނުން
މި ކަމުގައި ފާހަގަ ކުރަން ބޭނުންވާ އެންމެ މުހިންމު ނުކުތާއަކީ ކަންތައްތަކަކީ ބަދަލުވުން އެކުލެވޭ އެއްޗެއްކަން، އަބަދު އެއްގޮތަކަށް ހުރިހާ ކަމެއް ދާން ނުޖެހޭކަން، ދަރިވަރުން އަމިއްލަ ވިސްނުމުގެ ތެރެއިން ނެރެވޭ ޚިޔާލުތަކަކާ ވިސްނުންތަކެއްގެ ތެރެއިން ބޭނުންވާ ވަކި ގޯލަކާއި ނަތީޖާއަކާ ހަމައަށް ދެވޭނެ އެއް ގޮތަށްވުރެ ގިނަ ގޮތް ހުރެދާނެކަން ޚިޔާލު ކުރަން ވެސް ފުރުސަތު އޮވެގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އުނގެނުމަކީ އަބަދު އެއް ތަރުތީބަކުން އެއް ގޮތަކަށް އެއް ހަމައަކުން ގޯލާ ހަމައަށް ދިއުންނޫންކަން ވިސްނުމުގެ ޖާގަ ދިނުމެވެ. މިގޮތަށް ރާވައި އުނގެނުމުގެ ހަރަކާތްތަކަކީ ދަރިވަރުން އަމިއްލައަށް އެ ހަރަކާތްތައް ގެންދާ ގޮތް އެޑްޖަސްޓް/ބަދަލު ކުރެވޭ ގޮތަށް ފުރުސަތު އޮންނަ ކަމަކަށްވުން އެއީ ދަރިވަރުން އުނގެނުމުގައި ބާރުވެރިކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
(9) ދަރިވަރުންގެ މައިންޑްސެޓް/ވިސްނުން ބާރުވެރިކޮށް އުނގެނުމުގެ މަސައްކަތް ކުރަން ހޭނުވުން
އާންމުކޮށް ދަރިވަރުންގެ ވިސްނުން ހުންނަނީ މުދައްރިސު ކިޔައިދޭ ގޮތަކަށް ވަކި ކަމެއް ވަކި ގޮތަކަށް ކުރުމުގެ އާދަ ހަރުލާފައެވެ. މިހެންވުމުގެ ސަބަބުން އާ ކޮޅުގައި އަމިއްލަ ގޮތެއް އިޚްތިޔާރުކޮށް އަމިއްލަ މިނިވަންކަމުގައި އުގެނުމުގެ ކަންކަން ރާވައި ހިންގުމުގައި ދަތިކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދަރިވަރުން އަމިއްލަ ގޮތް، އަމިއްލައަށް ކަންކަން މެނޭޖުކޮށް، ހާސިލުކުރަން ބޭނުންވާ ލާރނިން ގޯލް ނުވަތަ ނަތީޖާއާ ހަމައަށް ދިއުމަށް ކަންކަން ރޭވުމަށް މުދައްރިސުން އެހީތެރިވެދިނުމަކީ ދަރިވަރުން އުނގެނުމުގައި ބާރު ވެރިކުރުމަށް މުހިންމު ފިޔަވަޅެކެވެ. މިފަދަ ހާލަތްތަކުގައި ބައެއްފަހަރު ދަރިވަރުން ގޮތް ހުސްވެހަދާނެ ގޮތް ނޭނގޭ ފަހަރު ވެސް އަންނާނެއެވެ. ނަމަވެސް ދަރިވަރުންގެ ގުރޫޕެއްގެ ތެރޭގައި، ނުވަތަ ބައެއް ފަހަރު މުދައްރިސާއެކު މަޝްވަރާކުރުމުގެ ޖާގަ ހުޅުވާލެވި ރޭވިފައި އޮންނަ ނަމަ އެކަމުގެ ނުތަނަވަސްކަން ކުޑަ ކުރެވޭނެއެވެ.
މިތާނގައި ހުށަހަޅާލެވިފައިވާ ގޮތްތަކަކީ ކިޔަވައިދިނުމުގައި ސީދާ ދަރިވަރަށް އަމާޒުކޮށް ރޭވޭ ކިޔަވައިދިނުމުގެ އުކުޅުތަކާ ގުޅޭ މިސާލުތަކެކެވެ. މިގޮތުން މި މިސާލުތައް ބޮޑަށް ގުޅެނީ މައްސަލަ ނުވަތަ ޕްރޮޖެކްޓް ބޭނުންކޮށްގެން، ކްރިޓިކަލް ތިންކިން ހިމަނައިގެން، ކޮލެބޮރޭޓިވް އުސޫލުތައް، އަދި އުނގެނުމަށް ފަހި ގޮތްގޮތަށް، ހިމަނައިގެން ކުލާހުގެ ހަރަކާތްތައް ރޭވުމާއެވެ. ކުރުކޮށް އިޝާރާތްކުރާނަމަ، ދަރިވަރުން ބާރުވެރިކުރުވައިގެން އުނގެނުން ގެންދެވެނީ މިފަދަ އުސޫލުތަކަށް ކިޔަވައިދިނުން ރާވައިގެންކަން ފާހަގަކޮށްލަމެވެ.
މިއަދު ވެސް މި ހިނަމާލެވުނީ 21 ވަނަ ގަރުނުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ގެންގުޅެވިދާނެ މުހިންމު ކަމަކާ ގުޅޭ ބޭނުންތެރި ވާހަކަ ކޮޅެކެވެ. ޢާއްމުކޮށް މިފަދަ ޚިޔާލުތަކާ ގުޅޭގޮތުން ދިރާސާވެރިން ލިޔުއްވާފައިވާކަން އަޅުގަޑުމެން ގިނަ މުދައްރިސުންނާ ހަމައަށް ވާސިލުވަނީ މަދުންނެވެ. އަޅުގަނޑުގެ މަޤުޞަދަކީ މިފަދަ ބޭނުންތެރި ޚޔާލުތައް މުދައްރިސުން ކިޔައި، ކިޔަވައިދިނުމުގައި މި ކަންކަން ބޭނުންކުރެވޭނެ ގޮތްތަކަކާ މެދު ޚިޔާލުކޮށްލުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. ހަމައެހެންމެ މިގޮތަށް ހުށަހެޅޭ ކޮންމެ ޚިޔާލެއްވެސް ތަޖުރިބާކޮށްލާ އަޖުމަބަލާލާން ބޭނުންވާ މުދައްރިސުންތަކެއް ގިނަވުމަކީ އަޅުގަޑު އެއްމީދެވެ.
ވަރަށް ފުރިހަމަ ވާހަކަތަކަކާއި ޚިޔާލުތަކެއް. ތިވިދާޅުވާގޮތަށް ފީލާވަޅު ރާވާ ތަންފީޒުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކޮއްފައިވާގޮތް. މުދައްރިސުން އެސެސްކުރާ ގޮތުގެ ސަބަބުން އަބަދު މިތިބެނީ އިދާރީ މަސައްކަތްތަކެއްގަ ތާށިވެފަ. ދަރިވަރުންނަށް ދެވޭ ވަގުތު އެހާކުޑަ. ކުދިންނަށް ފޯކަސްކޮއްގެން ފިލާވަޅު ގެންގޮއްސިއްޔާ ސުކީމު/ސިލަބަސް ގެ ފަހަތައްގޮއްސަ. އެހެންވެ ޖެހެނީ (ކުދިން ބައިތިއްބާފަ) ފިލާވަޅަށް ފޯކަސްކުރަން.