ޝާފިޔާގެ އެދުރު އަށި: މަލްޓިޕަލް އިންޓެލިޖެންސް/ގުނަ ތޫނުފިލިކަން

މިއަދު ލިޔަން ގަސްދުކުރި މައުޟޫޢަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް އާންމު އެއް ތިއަރިސްޓް ކަމަށްވާ ހާރވަރޑް ގާރޑްނަރގެ މަޝްހޫރު މަލްޓިޕަލް އިންޓަލިޖެންސަސްއާ ބެހޭގޮތުންނެވެ. މިތިއަރީއަކީ 1983 ގައި ގާރޑްނަރގެ މަޝްހޫރު ފޮތް 'ފްރޭމް އޮފް މައިންޑް'ގައި ވަރަށް ތަފުސީލުކޮށް ލިޔުއްވާފައިވާ މުހިންމު ބައިތަކެކެވެ. ކުލާސްރޫމުގައި އާންމުކޮށް ރޭވޭ ހަރަކާތްތައް އަމާޒުކުރަންވީ ބާވަތްތަކާއި ގޮތްތައް ދެނެގަތުމަށް މި ތިއަރީގެ ސަބަބުން މުދައްރިސުންނަށް ނުހަނު ގިނަ ފައިދާތަކަކާއި ޚިޔާލުތަކެއް ފޯރުކޮށްދިނެވެ. ހާރވަރޑް ގާރޑްނަރގެ މައިގަނޑު ޚިޔާލަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހުންނަ ތޫނުފިލިކަމުގެ ވައްތަރު ތަފާތު ވެދާނެކަމެވެ. އެހެންކަމުން އެއްގޮތަކަށް، އެއްއަމާޒަކަށް ބަލައިގެން ދަރިވަރުންގެ ތޫނުފިލިކަން ވަޒަން ނުކުރުމަށް އެ ބޭފުޅާ އިރުޝާދު ދެއްވައެވެ. ގުނަ ތޫނިފިލިކަމުގެ ވައްތަރުތައް ދަރިވަރުންގެ ކިބައިގައި ހުންނަކަން ޤަބޫލުކުރެވުމުން ދަރިވަރުންގެ އުނގެނުން ފަރުމާކުރުމުގައި ގިނަ ވައްތަރުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން އަމިއްލައަށް އެ ކުދިންގެ ތޫނުފިލިމަކުގެ ބާވަތް ދެނެގަތުމަށް ވެސް ފުރުޞަތު ފަހިކޮށްދިނުމަށް އެހީތެރިވެދެއެވެ. ތިރީގައި ދެވިފައިވާ ތާވަލުގައި އެ ވަނީ ހާރވަރޑް ގާރޑްނަރ 1983 ގައި ހުށަހެޅުއްވި ތޫނުފިލިކަމުގެ 8 ބާވަތުގެ ކުރު ޚުލާޞާއެކެވެ.

ތޫނު ފިލިކަމުގެ ވައްތަރު ފާހަގަކުރެވޭ ކަންކަން މަސައްކަތާއި ހުނަރުތައް ކިޔަވައިދޭއިރު ސަމާލުކަން ދޭނެ ގޮތް
ލިންގުއިސްޓިކް އިންޓަލިޖެންސް (ބަހުގެ ތޫނުފިލިކަން) ބަސްމޮށުންތެރިކަމަށް މޮޅުވުން، ރަގަޅަށް ޢިބާރާތްކުރުމާއި ވާހަކަ ދެއްކުމާއި، ޅެންބަހުރުވަ ފަދަ، ވާހަކަ، ހެއްވާ ސަމާސާ އަދި ހަރުބަސް، މުސްކުޅިބަސްތައްފަދ ބަސްބަހާ ގުޅޭ އެކި ކަންކަމުގައި ޚާއްޞަ ޝައުޤާއި ތޫނުފިލިކަން ފާހަގަކުރެވުން. ވާހަކަދެއްކުންތެރިން، ކޮމީޑިއަން (ޖޯކްކިޔަން މޮޅުމީހުން) ލިޔުންތެރިން ·       އުފެއްދުންތެރި ލިޔުމުގެ މަސައްކަތް ދިނުން

·       ބަހުސްކޮށް މަޝްވަރާކުރަން ގިނައިން ހަވާލުކުރުން

·       ޕަބްލިކް ސްޕީކިން، ތަފާތު އޯޑިއެންސްތަކުގައި ވާހަކަ ދެއްކުމަށް ފުރުސަތު ދިނުން

·       ގިނައިން ފޮތްކިޔުމުގެ މަގު  ފަހިކޮށްދިނުން

ލޮޖިކަލް-މެތަމެޓިކަލް އިންޓެލިޖެންސް (ހިސާބާއި، ލޮޖިކްގެ ތޫނުފިލިކަން) މިބާވަތަކީ ސައިންޓިފިކްކޮށް ވިސްނުމާ ގުޅޭ ބާވަތެއްގެ ތޫނުފިލިކަމެކެވެ. މިބާވަތުގެ ތޫނުފިލިކަން ހުންނަ ކުދިން، ކަންކަމުގައި ހުންނަ ސަބަބުތައް ޝަރަހަކޮށް، ބަޔާންކުރަން މޮޅުވާނެއެވެ. ތަފާތު ކޮންސެޕްޓްތައް އެއްބައި އަނެއް ބަޔާ ގުޅޭގޮތް ބުނެދީ، ސީދާ ފެންނަން ނުހުންނަ އެބްސްޓްރެކްޓް ޚިޔާލުތައް ދެނެގަތުމުގެ ވިސްނުން ހުންނާނެއެވެ. ކަލްކިޔުލޭޓްކުރުމާއި، ތަފާތު ޢަދަދު/ނަމްބަރު، އިންސައްތަ ފަދަ ބައިތައް ތަފުސީލުކުރުމާއި، ކަންކަމުގެ ޚުލާޞާތައް/އޯވަރވިއު ހުށަހެޅުންފަދަ ކަންކަމަށް މޮޅުވާނެއެވެ. ސައިންސިސްޓުން، ހިސާބުގެ ޢިލުމުވެރިން، ކޮމްޕިޔުޓަރ ޕްރޮގްރާމު ހަދާ މީހުން

ޤާނޫނީ ވަކީލުން، އަދި އެކައުންޓެންޓުން

·       މައްސަލަ ހައްލުކުރުމަށް ފުރުސަތު ފަހިކޮށްދިނުން

·       އުނގެނުމުގެ ހަރަކާތްތަކުގައި ކަލްކިއުލޭޝަންތައް ހަދާ ހައިޕޮތިސައިޒުކޮށް އަންދާޒާކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުން

·       ކޯޑްބޭނުންކުރުމާއި، ކޮމްޕިޔުޓަރގެ މަސައްކަތްތަކަށް ފުރުސަތުދިނުން

·       ގޭމްތައް ކުޅެ ތަފާތު ސަބަބުތަކާ ބެހޭ ގޮތުން ވާހަކަދައްކަން ފުރުސަތުދިނުން

·       މަޢުލޫމާތު އޮންނަ ގޮތް ނޫން އެހެން ގޮތްގޮތަށް ބަދަލުކޮށް ހަދަން ފުރުސަތުދިނުން

ވިޝުއަލް-ސްޕޭޝަލް އިންޓެލިޖެންސް (ތަސްވީރު ނުވަތަ ފެނުން އަންދާޒާކުރުމުގެ ތޫނުފިލިކަން) މިބާވަތުގެ ތޫނުފިލިކަމަކީ ސީދާ ދަރިވަރުންގެ އުފެއްދުންތެރިކަމާ ގުޅިފައިވާ ކަންކަމެވެ. މިބާވަތުގެ ތޫނުފިލިކަން ހުންނަ މީހުން، ފެންނަ އެއްޗެހީގެ ބޭނުން އެ އޮންނަގޮތާއި، ތަނުގެ ޖާގައަށް ވިސްނާ، ހާލަތާއި ގުޅުވައި މިފަދަ އަންދާޒާތަކަށް މޮޅުވާނެއެވެ. ކުރެހުންތެރިން

އާރކިޓެކްޓުން

ގްރެފިކް ޑިޒައިނަރުން

ޕައިލެޓުން

އޮޑިދޯނިފަހަރުގެ ކެޕްޓަން، އޮޑިދުއްވާ ފަރާތްތައް

·       މައިންޑް މެޕްކުރުމަށް ފުރުސަތު ދިނުން

·       ފެންނަ އެއްޗެތީގެ ވާހަކަދައްކާއި، އެއާ ބެހޭ ގޮތުން ކަންކަން ހުށަހަޅަން ފުރުޞަތު ދިނުން

·       އުފެއްދުންތެރި ކަންކަމަށް ފުރުސަތު ފަހިކޮށްދިނުން

·       ކުރެހުމާއި ފަންނުވެރިކަމާ ގުޅޭ މަސައްކަތްތައް ހަވާލުކުރެވުން

ބޮޑިލީ -ކިނެސްތެޓިކް އިންޓެލިޖެންސް (ހަށިގަނޑު ބޭނުންކުރުމުގެ ތޫނުފިލިކަން) ހަށިގަނޑުގެ ތަފާތު މަސްތައްކާއި އެކި ގުނަވަންތައް ތަފާތު ހަރަކާތްތަކުގައި ބޭނުން ކުރުން، މި ކުދިންގެ ކިބައިން، އެހެން ކުދިންނަށް ވުރެ އިތުރަށް ފެންނާނެއެވެ.  މިބާވަތުގެ ތޫނުފިލިކަން ހުންނަ ކުދިން  އުނގެނޭއިރު، އާންމުކޮށް ވަރަށް ބޮޑަށް  އަތްލާ ބަލައި އަދި ޢަމަލީ ގޮތުން ކަންކަން ކޮށްގެން އެއްޗެތި ދަސްކުރުމަށް ބޭނުންވާނެއެވެ. ނެށުންތެރިން

މޮޅެތި ދުވުންތެރިން، އެކި ބާވަތުގެ ކުޅިވަރުތައް ކުޅޭ މީހުން

އޮޕަރޭޝަން ކުރާ މީހުން

ފަންނުވެރިންނާއި އެކްޓަރުން

·       ހަށިގަނޑުގެ ބޭނުންކުރަމުން ކުރާ ތަފާތު ކަންތައްތައް ކުރަން ހަވާލުކުރުން

·       އިޝާރާތް ކުޅުން، ސިފަކުރުން ކުޅިވަރުތައް ކުޅުން ފަދަ ކަންތަކަށް ފުރުސަތު ދިނުން

·       އެކްޓުކޮށް ޑްރާމާފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުޞަތު ދިނުން

މިޔުޒިކަލް އިންޓެލިޖެންސް (މިޔުޒިކާ ގުޅޭ ތޫނު ފިލިކަން) މި ކުދިންގެ ހުންނަ ގާބިލުކަންކަމުގެ ތެރޭގައި، އަޑުތަކަށް ސެންސިޓިވްވުމާއި، ރާގުތަކަށާއި، އެކި ބީޓް/ރިދަމްތަކަށް ކަންކަންކުރުމަށް މޮޅުވުން ހިމެނޭއެވެ. މިޔުޒިކު ކުޅުންތެރިން، ސައުންޑް ކޮންޓްރޯލާރ، ޑައިރެކްޓަރ ·       ތަފާތު ބާވަތްތަކުގެ އަޑު ފޮށިތައް، އެކި ޓޫލްސް ބޭނުންކޮށްގެން ކަންތައް ކުރުމަށް ފުރުސަތު ފަހިކުރުން

·        ޤުދުރަތީ މާހައުލުގައި ހިމެނޭ އަސްލު އަޑުތައް ނަގައިގަނެ އެ އަޑުތަކާ އެކު މަސައްކަތްކުރުމަށް ފުރުސަތު ދިނުން

·       ލަވަހަދައި، ޅެންކިޔައި، ތަފާތު ރާގުތަކަށް އެއްޗެތި ކިޔަން ފުރުސަތުދިނުން

އިންޓަރޕާރސަނަލް އިންޓެލިޖެންސް (އެހެން މީހުން ދެނެގަތުމުގެ ތުނުފިލިކަން) އެހެން މީހުން ދެނެގަތުމާއި މީހުންނާއި މުޢާމަލާތުކުރުމުގެ ޤާބިލުކަން އިތުރުންވުން. މީހުންގެ ޖަޒުބާތުތައް ދެނެގަތުމާއި، ޝައުޤުވެރިވާ ކަންތައްތަކާއި، މީހުންގެ ކިބައިގައި ހުންނަ ތަފާތު ސިފަތައް ދެނެގަނެ ވަޒަންކުރުމަށް ވެސް މި ބާވަތުގެ ތޫނުފިލިކަން ހުންނަ ކުދިން މޮޅުވާނެއެވެ. މުދައްރިސުން ފިލޯސަފަރުން، ކައުސެލަރުން، ވިޔާފާރިވެރިން، ސިޔާސީ މީހުން

ދީނީ ޢިލުމުވެރިން

·       ކޮލެބޮރޭޓިވް ހުނަރުތައް ތަރައްޤީކުރުން

·       ގުރޫޕް މަސައްކަތްތަކާއި ދޭދޭ މުޢާމަލާތްތައްކޮށް އެހެން ދަރިވަރުންނާ އެއްކޮށް މަސައްކަތް ކުރުމަށް ފުރުސަތު ދިނުން

·       އެކަކު އަނެކަކަށް މުޢާމަލާތު ކުރުމުގެ ފުރުސަތުތައް ގިނަކުރުން

·       އެހެންކުދިންގެ އިހުސާސްތައް ދެނެގަނެ ކަންކަމުގައި ގާތުން އެހީތެރިވުމަށް ފުރުސަތު ދިނުން

އިންޓްރާޕާރސަނަލް އިންޓެލިޖެންސް (އަމިއްލަ ނަފުސު ދެނެގަތުމުގެ ތޫނުފިލިކަން) މި ބާވަތުގެ ތޫނުފިލިކަން ލިބިފައިވާ މީހުންނަކީ އަމިއްލަ ނަފުސުގެ ގޮތްތައް ވަރަށް ބޮޑަށް ދަންނަ ކަންކަމުގައި އެމީހުންގެ އިހުސާސްތަކާއި ޖަޒުބާތުތައް ކޮންޓްރޯލުކުރުމުގައި ޚާއްޞަ ޤާބިލިއްޔަތުތަކެއް ލިބިފައިވާ ބަޔެކެވެ. އަދި ހަޔާތުގެ އަމިއްލަ ޤަރާރުތައް ނެގުމާއި، ކަންކަންގައި ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމާ އެކު އަމިއްލަ ނުފުސުގެ ކަންތައްތައް ބެލެހެއްޓުމަށް ފަސޭހަ ބަޔެކެވެ. ސައިކޮލޮޖިސްޓުން

ފިލޯސަފަރުން

ދީނީ ޢިލުމުވެރިން

 

·       އުނގެނުމުގެ ތެރޭގައި ސެލްފް ރިފްލެކްޝަންއަށް ޖާގަ ދިނުން

·       ތަފާތުކަންކަމުގައި މައިންޑްފުލްނެސް  (ފުންކޮށްވިސުނުން) ބޭނުންކުރުމުގެ ފުރުސަތު ދިނުން

·       ނަފުސު ދެނެގަތުމުގެ އެކި ކަންކަމަށް ރިއާޔަތްކޮށްގެން އަމިއްލަ ޤަރާރުތައް ނެގުމަށް ފުރުސަތު ދިނުން

ނެޗްރަލިސްޓިކް އިންޓެލިޖެންސް (ތަބީޢީކަންކަމުގެ ތުނުފިލިކަން) ތަބީޢީ ތޫނުފިލިކަމަކީ ދުނިޔޭ އަސްލު ތަބީޢީ ކަންކަމަށް ލޯބިކުރުމާއި، މިސާލަކަށް ގަސްގަހާގެހި، ޖަނަވާރުތައް، އެއްގަމާއި ކަނޑުގައި އުޅޭ ދިރޭތަކެތި ހިމާޔަތްކުރުމަށާއި ރައްކާތެރިކޮށް ތިމާވެށި ބެލެހެއްޓުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުރުމެވެ. ދަނޑުވެރިން ނުވަތަ

ގަސްހައްދާ މީހުން

ވެޓަރިނޭރިއަންސް (ޖަނަވާރުތަކުގެ ޑޮކްޓަރުން)

ޝެފުން (ކައްކާމީހުން)

ބަގީޗާތައް ބަލަހައްޓާ މީހުން

·       ތިމާވެށީ ރައްކާއުތެރި ކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރި ކުރުވުން

·       ޖަނާވާރާއި، ގަސްގަހާގެހި ބެލެހެއްޓޭނެ ފަދަ ކަންކަމުގައި ބައިވެރި ކުރުވުން

·       ބޭރުގެ މާހައުލުތަކާއި، ބޭރުގެ ތަފާތު މަންޒަރުތައް ބަލައި ހިނގާލަން ދިއުން ފަދަ ކަންކަން ރޭވުން

·       ދިރޭތަކެތި ބެލެހެއްޓުމާއި ހިމާޔަތްކުރުރުމުގައި ބައިވެރިކުރުވުން

·       ލެބޯޓްރީ ތަހުލީލުފަދަ ކަންކަމުގައްޔާއި ތަބީޢީ ތަފާތު ކަންކަމާއި ގުޅޭ މަސައްކަތްތަކުގައި ބައިވެރި ކުރުވުން

މަތީގައި އެވާ ތަފާތު ބާވަތުގެ ތޫނުފިލިކަމާ ގުޅުވައިގެން ކިޔަވައިދިނުން ރާވާއިރު ފާހަގަކޮށްލެވޭ މުހިންމު 3 ގޮތެއް މިތާގައި ޚުލާޞާކޮށްލާނަމެވެ.

(1) ވޭރިއޭޝަން (ތަފާތުތައް) ހިމެނޭ ގޮތްގޮތް ބޭނުންކުރުން: ދަރިވަރުންނަށް ހަވާލުކުރެވޭ ގިނަ ބާވަތްތަކުގެ ތޫނުފިލިކަމާ ގުޅޭ އެކި ހަރަކާތްތަކުން ދަރިވަރުން އަމިއްލައަށް އެ މީހުންގެ ތޫނުފިލިކަން ބޮޑަށް ހުންނަ ބާވަތް ދެނެގަންނަން ފުރުސަތު ދެވެއެވެ.

(2) ޗޮއިސް (ޢިޚްތިޔާރު) ހިމެނޭ ގޮތްގޮތް ބޭނުންކުރުން: މި ގޮތްތައް ބޭނުން ކުރާއިރު، ކަންކަމުގައި ދަރިވަރުންގެ ހުންނަ ތަފާތު ޤާބިލުކަން އަމިއްލައަށް ހޯދައި ދެނެގަނެ ގިނަ ކަންތައްތަކަކުން އެ ކުދިންގެ ގާބިލުކަމާ ގުޅޭ ކަންކަން އިޚްތިޔާރު ކުރުމަށް އެހީތެރިވެދެވެއެވެ.

(3) ބްރިޑްޖް (ގުޅުން) ހިމެނޭ ގޮތްގޮތް ބޭނުންކުރުން: ކުލާހުގައި ވަކި ވައްތަރެއްގެ ތޫނުފިލިކަން ހުންނަ ކުދިން ގިނަ ކަމަށް ފާހަގަވާނަމަ، ކުލާހުގެ ގިނަކަންކަން އެ ބާވަތުގެ ތޫނުފިލިކަމާ ގުޅޭ ގޮތަށް ޖާގަދީ ކަންކަން ހަމަޖެއްސުން ރަނގަޅުވާނެއެވެ.

މަލްޓިޕަލް އިންޓެލިޖެންސް ތިއަރީގެ އަލީގައި އުނގެނުން ފަރުމާކުރާއިރު، މުދައްރިސުންގެ އެންމެ ބޮޑު ދައުރެއް ގުޅެނީ ސީދާ ދަރިވަރުންނާއެކު މަސައްކަތްތަކުގައި ބައިވެރިވެގެން އެކި ކުދިންގެ ކިބައިގައި ހުންނަ ގާބިލުކަމަކާ ގުޅުވައިގެން ފުރުސަތުތައް ފަހިކޮށްދިނުމާއެވެ. މިގޮތުން ކުރެވިދާނެ ކަންކަމަކީ ތަފާތު ޕްރޮޖެކްޓްތަކާއި، މައްސަލަ ހައްލުކުރުމާއި، ވާހަކަ ދެއްކުމާއި، ދިރިއުޅުމުގެ ތަފާތު ރޯލްތަކާއި އުނގެނުމާ ގުޅުވައިގެން، މަސައްކަތު މާހައުލާއި ގުޅޭ ހުނަރުތަކާއި ގުޅޭ ކަންކަމަށް ދަރިވަރުންނަށް ޖާގަ ދެވި ފަހި ފުރުސަތުތަކެއް އުނގެނުމުގެ ތެރޭގައި ރޭވުމެވެ. ހާރވަރޑް ގަރޑްނަރގެ ތިއަރީގެ އަލީގައި ކިޔަވައިދިނުން ފަރުމާކުރާނަމަ، ދަރިވަރުންގެ މުޤަރަރުތައް ކަނޑައެޅިފައިވާ ގޮތާއި، އުނގެނުން ރޭވޭއިރު، އަދި ވަޒަންކުރުމުގައި ގެންގުޅޭ ގޮތްތައް ވެސް އެކި ބާވަތުގެ ތޫނިފިލިކަމާ ގުޅުވުން މުހިންމެވެ. ހަމަ މިބީދައިން މުޅި ސްކޫލު ނިޒާމުގެ ތެރޭގައި ރޭވޭ ތަފާތު އިތުރު ހަރަކާތްތަކާއި ކުލާސް ތެރޭގައްޔާއި، ސްކޫލުގެ ގޯތިތެރޭގައި ކަންކަން ހަމަޖެހިފައި ހުންނަ ގޮތް ވެސް ދަރިވަރުންގެ ތޫނުފިލިކަމުގެ ބާވަތްތަކާއި ގުޅުވިފައިވާ ކަންކަމަށް ހަދަން ޖެހެއެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.